
މަދު ކްލަބްތަކެއް ވޯޓްލުމަކީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް : ޕޯލްމަނީ
އެފް އޭ އެމުގެ އިންތިހާބުގައި 11 ކްލަބަށް ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމަކީ މައްސަލައެއް ނޫން ކަމަށާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް އޭ އެފް ސީގެ ޖެނެރަލް ސެކްރެޓަރީ ދާތު ޕޯލްމަނީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި އެފް އޭ އެމުގެ އިންތިހާބަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޯލްމަނީ(ފޮޓޯ) ވިދާޅުވީ ފުރަތަމަ ފަހަރު އިންތިހާބު ބާއްވާއިރު ގިނަ ކްލަބްތަކަށް ވޯޓުލެވުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. ”އަނެއްކާ ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތާއި އަދި ކްލަބްތައް ތިބި ގޮތަށް ބަލާއިރު ރާއްޖެއަށް އެންމެ ރަނގަޅީ ގިނަ ކްލަބްތަކަށް ވޯޓު ނުލެވޭ ގޮތަށް އޮތުމުން. އެގޮތަށް ނިންމީ ފީފާ އާއި އޭ އެފް ސީން. އަދި ކްލަބްތަކުން ކޮންގްރެސްގައިވެސް ވަނީ އެކަން ފާސްކޮށްފަ“ ޕޯލް މަނީ ވިދާޅުވިއެވެ.
ޕޯލްމަނީ ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެއަށް އޮތް ކަމެއް ނޫން ކަމަށާއި ޔަމަންގެ އިންތިހާބުގައިވެސް ވޯޓުލުމުގެ ފުރުސަތު ދިނީ މަދު ކްލަބްތަކަށް ކަމަށެވެ. ”އެތަނުގައި 256 ކްލަބް އޮވޭ. އެކަމަކު އެތަނުގެ އިންތިހާބުގައި ވޯޓު ލެވުނީ 25 ކްލަބަށް. އެކަމަކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގިނަ ކްލަބްތައް ބައިވެރިކުރުމަކީ އަޅުގަނޑުމެންވެސް އެންމެ އެދޭ ގޮތް“ އޭ އެފް ސީގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ ކަމަށްވާ ޕޯލްމަނީ ވިދާޅުވިއެވެ.
އިންތިހާބުގެ ތެރެއަށް ފައިސާގެ ނުފޫޒު ވަދެފައިވާކަމަށް އޭ އެފް ސީން ހާމަކުރި ޚަބަރާއި ގުޅޭ ގޮތުން ޕޯލްމަނީ ވިދާޅުވީ ފާއިތުވެދިޔަ ދެ ދުވަހު އޭނާ ހުރީ ރާއްޖޭގައި ކަމަށާއި އެހެން ނަމަވެސް ސާބިތު އެއްވެސް ހެއްކެތް އެކަމުގައި ނެތް ކަމަށެވެ. ”ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ކަހަލަ ނުފޫޒުތަކެއް ހުންނާނެ. އެކަމަކު މިކަމުގެ ތެރެއަށް ކަރަޕްޝަން ވަދެފައިވާކަމުގެ ހެއްކެތް ނެތް. އެއްވެސް ސާބިތު ރިޕޯޓެއްވެސް ނެތް“ ޕޯލްމަނީ ވިދާޅުވިއެވެ.
ޕޯލްމަނީ ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ދިޔައީ ވަރަށް ހިތްހަމަ ޖެހޭ ގޮތަކަށް ކަމަށެވެ.
ފީފާގެ ފަރާތުން އިންތިހާބު އޮބްޒާވްކުރުމަށް ވަޑައިގެންނެވި ޔޫސް ކުލޫސަރ ވިދާޅުވީ އިންތިހާބުގެ ކަންތައްތައް ހިނގާދިޔަ ގޮތާއި މެދު އެފަރާތުންވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
-
އަންގާރަ، ޖުލައި 22 2008، 18:01
ފީފާގެ އަސާސީ ގަވާއިދުގެ 17 ވަނަ މާއްދާގެދަށުން އިންޓަރިމް ކޮމިޓީއަކީވެސް އެޖަމިއްޔާގެ "މެމްބަރުން" ގެމައްޗަށް އެކުލެވެންޖެހޭ ކޮމިޓީއެއްކަމުގައި ވާކަމަށް ފެށުނީއްސުރެ ފާހަގަކުރަމުން ދިޔަދިޔުން ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނަށް ނަގައި ނުގަނެވުނީކަމަށްވެދާނެއެވެ. އަދި މިހެން ވާންޖެހުނީ ކުޅިވަރު ނޫސްވެރިންވެސް އެކަންކަން ދަންނަ މީހުން މިފަދަ އާއްމު މައުލޫމާތު ހާމަކުރުމުން އެކަމުގެ ތެދުދޮގު ޗެކްކުރުމުގެ "ޕްރޮފެޝަނަލް" އާދަ ނެތުމުންކަމުގައިވެސް ވެދާނެއެވެ. ނޫންނަމަ ކަމާބެހޭ "ބޭރުގެ މާހިރުން" ނަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުންކަމުގައިވެސް ވެދާނެއެވެ. އެކިދާއިރާތަކުގެ ޕްރޮފެޝަނަލް ދިވެހިންނަކީ އާއްމުކޮށް ސަރުކާރުންވެސް މިހާތަނަށް ފުރުސޮތު ނުދޭބަޔަކަށްވާތީވެ އަޅުގަޑުމެންގެ ސިކުޑިތަކުގައި މިފަދަ ކަންކަން ހަރުލާފައިވާލެއް ބޮޑީކަމަށްވެސް ވެދާނެއެވެ.