
ވޮލީގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު މުހައްމަދު ޝާފީއަށް ދޭނެކަމަށް ގިނަ ބަޔަކު ޔަޤީން ކުރިނަމަވެސް އެގޮތަށް އެކަންނުވެ އެ މަޤާމަށް މީހަކު ހޯދުމަށް މިއަދު އިއުލާން ކޮށްފި އެވެ.
ވޮލީ އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ރިޔާޒު ވިދާޅުވީ ޖެނެރަލް ސެކްރެޓަރީގެ މަޤާމު އިއުލާން ކުރަނީ ވީހާވެސް ޤާބިލު މީހަކު އެކަމަށް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ”ހަމަ ނޭނގިވެސް މިކަމަށް ވަރަށް އިންޓްރަސްޓްހުރި ރަނގަޅު މީހަކު ހުރެދާނެ. އެހެންވެ އެފަދަ މީހަކު ހުރިތޯ ބަލަން ބޭނުންވަނީ.“ ރިޔާޒު ވިދާޅުވިއެވެ.
ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު މިދިޔައަހަރުގެ މެދުތެރެއިން ފެށިގެން ފުރަމުން އަންނަނީ ކުރީގެ ކޯޗު މުހައްމަދު ޝާފީ އެވެ. ޝާފީގެ އެހީއާއެކު ވޮލީގެ ހަރަކާތްތައް ފަހަކަށް އައިސް ރަނގަޅުވެފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ރިޔާޒު ވިދާޅުވީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެމީހުންގެ ނަން އެކްސްކޯއަށް ހުށަހަޅާނެ ކަމަށާއި ގޮތެއް ނިންމާނީ އެކްސްކޯގެ ލަފާގެ މަތިން އެންމެ އިސް ތިންވެރިން ކަމަށެވެ. އެއީ ޕްރެޒިޑެންޓްގެ އިތުރުން ވައިސް ޕްރެޒިޑެންޓް އިލްޔާސް އަހްމަދާއި ހަޒާންދާރު އަހްމަދު ހުސޭން(ދޮނާ) އެވެ.
ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަކީ ފުލް ޓައިމް މަޤާމެކެވެ. މި މަޤާމަށް 12000 ރުފިޔާގެ މުސާރައެއް ލިބެއެވެ. މިއީ ކުޅިވަރު އެސޯސިއޭޝަނެއްގައި މިހާރު އޮތް އެންމެ ބޮޑު މުސާރަ ލިބޭ ވަޒީފާ އެވެ.
ޝާފީ މިއަދު ވިދާޅުވީ އިއުލާން ކުރާ މަޤާމަކަށް އޭނާ ކުރިމަތި ނުލާނެ ކަމަށެވެ. ”ވަރަށް ގިނަ ބަޔަކު ހިތްހަމަ ޖެހޭ ފެންވަރެއްގައި އަޅުގަނޑަށް މިކަން ކުރެވެމުން އެބަދޭ. އެންމެންވެސް އެކަން ޤަބޫލު ކުރޭ. އެހެންވެއްޖިއްޔާ އަޅުގަނޑު މިކަމަށް ޤާބިލިއްޔާ އިއުލާން ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. އެއީ ޕްރެޒިޑެންޓަށް އެބައޮވޭ އިއުލާން ނުކޮށް މީހަކު އެކްސްކޯއަށް ހުށަހެޅުމުގެ ފުރުސަތު. އެހެންވެ ކުރިމަތިލާން ބޭނުން ނުވަނީ“ ޝާފީ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އިއުލާން ކޮށްގެން މީހަކު ހޮވާ ނަމަ ޝާފީވެސް އެ މަޤާމަށް ޝައުޤުވެރިކަން ހުރިނަމަ ކުރިމަތިލާންވީ ކަމަށެވެ. ”އިއުލާން ކޮށްގެން ހޮވަންޏާ ކުރިމަތިނުލާ މީހަކަށް އެ ފުރުސަތެއް ނުދެވޭނެ.“ ރިޔާޒު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަންނަ ހަފްތާގައި ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހަކު ހަމަޖައްސާނެ ކަމަށެވެ.
މިހާތަނަށް ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މީހުން ހަމަޖައްސާފައިވަނީ ބާސްކެޓާއި ކްރިކެޓުންނެވެ. ބާސްކެޓުން އަބްދުﷲ އާމިރަށް މަޤާމު ދިނީ އިއުލާން ކުރުމެއް ނެތި ޕްރެޒިޑެންޓް ނަން ހުށަހެޅުމުން އެކްސްކޯއިން ފާސްކޮށްގެންނެވެ. ކްރިކެޓުން އެ މަގާމް އިމާދު އިސްމާއީލަށް ވަގުތީ ގޮތުން ދިނީ އެކްސްކޯއިން ލަފާ ދިނުމުންނެވެ.