
ފުޓްބޯޅަ ވޯޓެއްގެ އަގު މިލިއަނަކަށް
”އެފް އޭ އެމުގެ އިންތިހާބުގައި ވޯޓެއްގެ އަގު މިހާރު އުޅެނީ މިލިއަން ރުފިޔާގައި“ މިއީ ދާދިފަހުން އިންތިހާބާ ބެހޭ ވާހަކަ
ދައްކަމުން ގޮސް ރައްޓެއްސަކު ބުނެލި ވާހަކައެކެވެ. މި ވާހަކައިން އަޅުގަނޑަށް މާބޮޑު ސިހުމެއް ނުލިބުނު ނަމަވެސް ކައިރީގައި ދެން ތިބި މީހުންނަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. އެމީހުންގެ މޫނު މަތީގެ ކުލަވަރު ހުރި ގޮތުން އެކަން ޤަބޫލު ކުރަން ބޭނުން ނުވާކަން އެނގެއެވެ.
ވޯޓެއް ހޯދުމަށްޓަކާ ވެލެންސިއާއަށް 5 ލައްކަ ރުފިޔާ ބަޔަކު ހުށަހެޅި ކަމަށް ހިޔަލީ މުހައްމަދު ރަޝީދު ހާމަ ކުރެއްވީ އޭގެ ފަހުންނެވެ. ހިޔަލީ ވިދާޅުވި ވާހަކަ އާއި ކުރިން ދިމާވި ރައްޓެހި މީހާ ދެއްކި ވާހަކަ ގުޅުވާލުމުން މިފަހަރުގެ އިންތިހާބަށް ކޮރަޕްޝަން ވަދެފައިވަނީ ކިހާ ވަރަކަށްކަން އެނގެއެވެ.
މާދަމާ ރެއަކީ ފުޓްބޯޅައިގެ ބޮޑު ރެއެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މައިއިދާރާގެ އިންތިހާބު ފުރަތަމަ ފަހަރަށް ބާއްވާރެއެވެ. އެފް އޭ އެމުގެ އެންމެ އިސް މަޤާމުތަކަށް މީހުން ހޮވުމުގައި ވޯޓްލެވޭނީ 11 ކްލަބަކަށެވެ. އެއީ ފުރަތަމަ ޑިވިޝަންގެ 6 ޓީމާއި ދެވަނަ ޑިވިޝަންގެ 3 ޓީމުގެ އިތުރުން ތިންވަނަ ޑިވިޝަންގެ 2 ޓީމެވެ. މި ޓީމުތަކުގެ ޑިމާންޑް މިހާރުވަނީ ކަމެއްގައި ދުވަހަކު ނުދާ ވަރަށް މައްޗަށް ގޮސްފައެވެ.
ދެން އުފެދޭ ސުވާލަކީ ފުޓްބޯޅައިގެ އިންތިހާބުގެ ތެރެއަށް ފައިސާގެ ނުފޫޒު ވަންނަން ދިމާވީ ކީއްވެ ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ސުވާލެކެވެ. ޖަވާބު ހޯދަން އެހާ އުނދަގޫ ސުވާލެއްވެސް ނޫނެވެ. ރާއްޖޭގެ ގިނަ ކަންތައްތަކަކީ އެކަމުގައި ކޮރަޕްޝަންގެ އަސަރު އެކުލެވިގެންވާ ކަންކަމެވެ. ސަރުކާރުގެ އޮފީހަކަށް ބެލިއަސް ނުވަތަ އަމިއްލަ ކުންފުންޏަކަށް ބެލިއަސް އެކަން އޮތީ އެހެންނެވެ. އެހެންކަމުން ރާއްޖެއަކީ ކަރަޕްޝަންގެ މައްސަލަތައް ހައްދު ފަހަނައަޅާފައިވާ ތަނެކެވެ. ވޯޓެއްގައި އެކަން އެންމެ ރަނގަޅަށް އެނގިގެން ދަނީ ކޮންމެ 5 އަހަރުން އެއް އަހަރު އަންނަ އާއްމު އިންތިހާބުގައެވެ. އަތޮޅުތަކަށް ކުރިމަތިލާ މެމްބަރުން ވޯޓު ގަތުމަށްޓަކާ ވަކި ވަކި މީހުންނަށް ދޭ ފައިސާއަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ވޯޓު ގަތުމަށްޓަކާ މުއްސަދިން މިލިއަނުން ޚަރަދު ކުރާއިރު ރާއްޖެގެ ފުޓްބޯޅައިގެ މައި އިދާރާގެ އެންމެ އިސް މަޤާމަށް އައުމަށް އެންމެ 11 ކްލަބަށް ޚަރަދު ކުރުމަކީ އެހާ ބޮޑު ކަމަކަށް ނުވާނެ އެވެ. 11 ކްލަބަށް ޚަރަދު ކުރާކަށް ނުވެސް ޖެހެއެވެ. އިންތިހާބުގެ މަޤާމަށް އައުމަށްޓަކާ ބޭނުންވަނީ އެންމެ 6 ވޯޓެވެ. އެހެންކަމުން 6 ކްލަބްގެ ވޯޓު ގަނެލަނިކޮށް ޔަޤީންކަމާއެކު އެ ޝަރަފު ހޯދިދާނެ އެވެ. ފުޓްބޯޅައިގެ ތެރޭގައި ފެތުރެމުންދާ އަޑުތަކަށް ބުރަވާއިރު ވޯޓު ހޯދުމަށްޓަކާ މިލިއަނުން ކްލަބްތަކަށް ޚަރަދު ކުރަމުންދާކަމީ ޔަޤީން ކުރެވޭ ކަމެކެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ނޫހަށް ކޮމެންޓެއް ހޯދަން ގުޅުމުން އެއްވެސް ކްލަބަކުން އެ ވާހަކަ އަޑު އަހާފައި އޮތް ކަމަކަށްވެސް ނުވެއެވެ. ނަމަވެސް ހަމަ އެ އަނގަތަކުން އެތައް ބައެއްގެ ކައިރީގައި ވޯޓު ހޯދަން ފައިސާގެ އަދަދުތައް ހުށަހަޅަމުންދާ ކަމުގެ ވާހަކަތައް ވަނީ ބުނެފައެވެ.
މާދަމާރޭ އެފް އޭ އެމުގެ އިންތިހާބު އޮންނައިރު ވޯޓުގެ އަގު މައްޗަށް އަރައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ވޯޓުލެވޭ ކްލަބްތަކުގެ އަދަދު މަދުވެގެން ދިޔުމެވެ. އެހެންކަމުން ކުރިމަތިލާފައިވާ ނުފޫޒުގަދަ ފައިސާވެރި ފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ވަނީ އެތައް ގުނައަކަށް ލުއިވެގެން ގޮސްފައެވެ. އަދި ވޯޓުލެވޭ ކްލަބްތަކުގެ ތެރޭގައި އަތޮޅު މުބާރާތުގައި ވާދަކުރަމުންދާ އެއްވެސް ޓީމެއް ހިމެނިފައި ނެތުމުން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދާއިރާއަށް އެއްވެސް ފިކުރެއް ވިސްނުމެއް ނެތް ނުވަތަ ކަމެއް ކޮށްދިނުމަށް ޕްލޭންކޮށްފައި ނެތް މީހަކަށްވެސް އެފް އޭ ގެ ޕްރެޒިޑެންޓްގެ މަޤާމަށް އާދެވިދާނެ އެވެ. އެކްލަބްތަކުން އެންމެ ކަންބޮޑުވާ މައްސަލައަކީ އެއީ އެވެ.
އިންތިހާބުގައި ވާދަވެރިކަން އޮތީ ދެ ޕެކޭޖެއްގެ މެދުގައެވެ. އަލީ އާޒިމް ޕްރެޒިޑެންޓްކަމަށް ވާދަކުރައްވާއިރު އޭނާގެ ވައިސް އަކީ ހިޔަލީ މުހައްމަދު ރަޝީދެވެ. މުހައްމަދު ކަލީމް ޕްރެޒިޑެންޓް ކަމަށް ވާދަކުރައްވާއިރު އޭނާ އާއި ބައިއަތު ހިފާފައިވަނީ މައުރޫފް އަހްމަދު(މާއްޓޭ) އެވެ. މިދެ ޕެކޭޖަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ނުފޫޒާއި ފައިސާގެ ގޮތުންވެސް ބާރުހުރި ފަރާތްތަކެވެ. އަދި އެމީހުންގެ ފަހަތުގައިވެސް ތިބީ ވޯޓު ކާމިޔާބުކުރުމުގެ ތަޖުރިބާ ކޮށްފައިވާ ފަރާތްތަކެވެ.
އިވޭ އަޑުތަކަށް ބުރަވާއިރު އެފް އޭ އެމު އިންތިހާބުގައި ޕްރެޒިޑެންޓް ކަމަށް މިހާރު ވޯޓު އުޅެނީ 6 އަދި 5 ގައެވެ. މާނައަކީ ޕްރެޒިޑެންޓް ކަމަށް އަނެއް ބޭފުޅާއަށް މަދުވަނީ އެންމެ ވޯޓެކެވެ. މިއީ ކްލަބްތަކުގެ ޙަރަކާތްތަކާއި އެމީހުން އެއްބަސްވެފައިވާ އުސޫލުތަކަށް ބަލާއިރު އެންމެ ފަހުގެ ޚަބަރުތަކެވެ. ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ގިނަ ޓީމުތަކުން އާޒިމްއަށް ސަޕޯޓް ކުރާ ކަމަށް ބުނެވޭއިރު ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުން ކަލީމަށް ސަޕޯޓް ކުރާކަމުގެ އަޑުތައް ވަނީ ފެތުރިގެން ގޮސްފައެވެ.
އެންމެ ވޯޓެއްގެ ތަފާތުން އަނެކަކު ކުރި ހޯދައިގެންދާތަން ބަލާކަށް އެއްވެސް މީހަކަށް ކެތެއް ނުވާނެ އެވެ. އެހެންކަމުން އެންމެ ވޯޓަކަށްޓަކާ މިލިއަން ރުފިޔާ ޚަރަދުކޮށްލުމަކީ ނުކުރާނެ ކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެމީހާ ސީދާ އެކަން ނުކުރިއަސް އޭނާ އާއި ގުޅުން ހުރި ބަޔަކުވެސް އެކަން ކޮށްފާނެ އެވެ. އެހެންކަމުން އެފް އޭ އެމުގެ އިންތިހާބަށް ކޮރަޕްޝަން ވަދެފައިވާ ވާހަކައަކީ ޤަބޫލު ކުރަން އުނދަގޫ ވާހަކައެއް ނޫނެވެ.
-
ހޮނިހިރު، ޖުލައި 19 2008، 21:53
ވޯޓެއްގެ ތަފާތުން އަނެކަކު ކުރި ހޯދައިގެންދާތަން ބަލާކަށް އެއްވެސް މީހަކަށް ކެތެއް ނުވާނެ އެވެ. އެހެންކަމުން އެންމެ ވޯޓަކަށްޓަކާ މިލިއަން
-
ހޮނިހިރު، ޖުލައި 19 2008، 20:51
މިއީ ހިނގާކަމެކެވެ. މެހެންވާންޖެހުނީ އާޒިމްއަކީ ޑީއާރުޕީގެ ނައިބު ޒައީމު ޚަރަދުކުރާމީހެއްކަމުގައި އަޑުއަރާފައިވާތީއެވެ. އެހެންނޫންނަމަ ފުޓުބޯޅައިގައި އެންމެންގެ ގަދަރުލިބިފައިވާ ކަލީމާއި އާޒިމަކަށް ވާދައެއްނުކުރެވުނީހެވެ. ކޮންމެވެސް ފައިސާގެ ބާރެއް މީގައި އެބއުޅެއެވެ.