ރައްޔިތުންގެ ނިކަމެތިކަން ހައްތަހާ އިތުރުވަނީ
” މިދަނީ ބާޒާރުން ގެއަށް ބޭނުންވާ ބައެއް ސާމާނު ހޯދާލައިގެން. މިހާރު މިގޮތަށް އެތިކޮޅު ނުގަނެއެއް ވާކަން ނޯވޭ. އެކަމަކު މިގޮތަށްވެސް ބޭނުންވާ ހުރިހާ އެއްޗެއް މިހާރަކު ނުހޯދޭ. އޮފީހުން އިތުރުގަޑީގެ ލާރިކޮޅުވެސް ނުލިބޭނޭކަހަލަ އިޝާރާތެއް މިހާރުވަނީ ވެފަ. ލިބޭ މަދުލާރިކޮޅުން ބައެއް ކަންތައްތައް ފުއްދާލުމަށް ކުރިން އިތުރުގަޑި ފުލްކުރަނީ. އެކަމަކު އެފުރުޞަތުވެސް ގެއްލިއްޖެ.“ މިއީ ޚަދީޖާ (އަސްލުނަމެއްނޫން) ބާޒާރުން އަންނަމުން ކިޔައިދިން ވާހަކައެވެ.
ޚަދީޖާއަކީ ސަރުކާރު އޮފީހެއްގައި މަސައްކަތު މީހެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ މީހެކެވެ. ކުރިން އޭނާ ކިޔައިދިން ގޮތުގައި ގޭގެ ކުލި ދައްކަމުން ބޭނުންވާ ކަންތައްތައް ކުރަމުން އައީ އިތުރުގަޑީގައި ލިބޭ ލާރިކޮޅާއެކު ފިރިމީހާއަށް ލިބޭ މުސާރަ އެއްކޮށްލައިގެންނެވެ. މިފަދަ ކިތައް އާއިލާ މިހާރު މާލޭގައި އުޅޭނެ ބާވައެވެ؟ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގޮންޖެހުމާއެކު ސަރުކާރުގެ ގިނަ ވުޒާރާތަކުން މިހާރުވަނީ މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ ލިބުމުގައި ހަރުކަށި އުޞޫލުތަކެއް ހަމަޖައްސާފައެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އިތުރުގަޑީގެ ފައިސާ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ހަމައެއާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ގިނަ އޮފީސްތަކަކީ އިތުރުގަޑީގައި ނުހުޅުވާ އޮފީސްތަކަކަށް ހެދުމަކީވެސް އެކަމުގެ ގެއްލުން ގިނަ މުވައްޒަފުން ތަކަކަށް އިޤްތިޞާދީ ގޮތުން ވަމުންދާ ކަމެކެވެ.
” އަަހަރުމެންގެ އޮފީހުގައި މިހާރުދެން އިތުރުގަޑިއަށް ދެން ނިކުމެވޭނީ ހުއްދަދޭ ބަޔަކަށް. ޑިއުޓީވެސް އޮންނަނީ އެގޮތަށް. ސެކްޝަނުގައި މަސައްކަތްކުރަން ނުކުތަސް އެއީ އެއަށް ފައިސާ ލިބޭނެކަމެއް ނޫން. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެންގުމާއި ގުޅިގެން އޮފީހުންވަނީ އެގޮތަށް ހަމަޖައްސާފަ.“ ޝަރުއީ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަކު ކިޔައިދިނެވެ.
ދައުލަތުގެ ބަޖެޓް ތާށިވަމުންދާ މިދުވަސްވަރު ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ގިނަ ފިޔަވަޅުތަކަކީ ޚަރަދު ކުޑަކުރުމުގެ ގޮތުންއަޅާ ފިޔަވަޅުތަކެކެވެ. 28 ހާސް މުވައްޒަފުން ސަރުކާރުގައި މަސައްކަތް ކުރަމުންދާއިރު މީގެ ތެރެއިން ގިނަ މީހުންނަކީ ލިބޭ މުސާރައަށް ބަރޯސާވެގެން މާލޭގައި ކުއްޔަށް ދިރިއުޅެމުންދާ މީހުންނެވެ. މުސާރައަށް ބަދަލު އައުމާއެކު ތަކެތީގެ އަގުތައް އުފުލި ގެދޮރުގެ ކުލިތައް ރާސްލާފައި ދިޔައީ އުފުލެމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އިތުރުގަޑިއާއި ބައެއް އިނާޔަތްތައް ނުލިބުމަކީ އެކަމުގެ ގެއްލުން މުވައްޒަފުންނަށް ތަޙައްމަލު ކުރަންޖެހޭ ކަމެކެވެ.
” ރާއްޖޭގައި ފަގީރުންމިދަނީ ހައްތާ ފަގީރުވަމުން. މަޖިލީހުގެ މެމްބަރުންގެ މުސާރަ 62 ހާހަށް ބޮޑުކުރިއިރު ބަޖެޓްގަ ފައިސާހުރި. ސަރުކާރު މުވައްޒަފުންނަށް މުސާރަ ބޮޑުކުރަންޖެހުމުން ބަޖެޓް ޑެފިސިޓްވީ. އަނެއްކޮޅުން ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ކެންސަލްވާ ޗުއްޓީއަށްވެސް ފައިސާއެއް ނުލިބޭ. ހަމައެއާއެކު އަޅުގަނޑުމެންނަށް މިލިބޭ ކުޑަ މުސާރަވެސް ދޭންމިޖެހެނީ 62 ހާސްލިބޭ ބައެއް މެމްބަރުންގެ އެޕާޓްމަންޓް ތަކުގައި ކުއްޔަށް އުޅޭތީ އެމެމްބަރުންނަށް. އެއީ ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ މެމްބަރުންނެއް ނޫން.“ ސަރުކާރުގައި އަށެއްކަ އަހަރު ހޭދަކޮށްފައިވާ މުޙައްމަދު ޙަމީދު ކިޔައިދިނެވެ.
އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި އެކަށީގެންވާ މުސާރަ ނުލިބުމާއި މުވައްޒަފުންގެ ބޭނުންތައް ފުއްދުމަށް ފައިސާލިބޭނެ މަގުތައް ތަނަވަސްވެފައި ނުވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ކުލިތައް ކޮންޓްރޯލްނުވެ އެއްވެސް އުޞޫލެއްނެތި ބޮޑުވަމުންދާ ދިއުމަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވާ މިންގަޑަށް މިކަންތައްތަކުން ދެކޮޅު ނުޖެހޭނަމަ ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވަމުންދާނެއެވެ.
” ޓީޗަރުންގެ ހަޅުތާލަކީވެސް ޙަޤީޤަތުގައި ރަނގަޅު ހަލުތާލެއް. ހަތަރު ފަސް އަހަރުވެގެންދާއިރު އެމީހުންނަށް ދޭންޖެހޭ އިނާޔަތްތަކާއި މުސާރަ އެކަށީގެން ނުވާކަމެއް ސަރުކާރަކަށްވެސް ނޭނގުނު. ރައްޔިތުންގެ ޙައްޤުތައް ހޯދަދިނުމަށް މަސައްކަތްކުރާ އިއްޒަތްތެރި މެމްބަރުންނަކަށްވެސް ނުވިސްނުނު. މިއަދު ޓީޗަރުންވެސް ހަލުތާލުކުރީމަ އެކަން އެނގެނީ. ހަމައެގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނު މަޖިލީހުން ފާސްކުރިއިރު ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައެއް ކަންތަކުން އުނިކޮށްފައިވާއިރު އެލިބޭ ނިކަމެތިކަމެއްވެސް ނުވިސްނުނު. އެކަންވެސް އެނގުނީ އެދާއިރާގެ ބޭފުޅުން ހަލުތާލު ކުރާ ހިސާބަށް ދިޔައީމަ.“ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޢަބްދުﷲ ކިޔައިދިނެވެ.
މިއަދު ރާއްޖެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ މައްސަލަތަކާއެކު މިއަށްވުރެ ހަރުދަނާ ސިޔާސަތުތަކާއި އުޞޫލުތަކެއް ރައްޔިތުންގެ ޙައްޤުގައި މިވަނީ ހޯދަން ޖެހިފައެވެ. ރާއްޖޭގެ އިންފުލޭޝަންރޭޓް 14 ޕަސެންޓަށްވުރެ މަތިވެފައިވާއިރު މިފަދަ ކަންތައްތައް މުރާޖާކޮށް ހަރުދަނާ ކުރުމަކީ ސަރުކާރާ މަޖިލީހުގެވެސް ޒިންމާއެކެވެ.
-
އާދިތްތަ، ޖުލައި 20 2008، 01:16
ކޮންބައެއްތޯތިބީ ތިވިދާޅުވާ ޙައްޤުތައްހޯދަދޭން!އުންމީދާއެކުހޮވި މަޖިލިސްގެމެންބަރުން ގޮނޑީގަ އިށީދެވަޑައިގަތުމާއެކު ރައިއްޔަތުންގެމައްސަލަތަކެއްހުރިކަމެއް ރައިއްޔަތުންގެޙައްޤުގައި ވާހަކަދައްކަވާ ރައިއްޔަތުންނަށް އުޖާލާމުސްތަޤުބަލެއް ހޯދަދެވޭތޯ މަސައްކަތްކުރައްވަންޖެހިވަޑައިގަންނަވާނެކަމެއް ހަނދުމަފުޅެއްނެތެވެ.ހަނދުމަފުޅުހުރީ އަމިއްލަޖީބުފުޅުމަތިން އެކަންޏެވެ.ދެންޒިންމާކުރުވޭނީކޮންފަރާތެއްތޯ؟؟؟=ސަމަންދަރު=