މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރާއިރު ދިގުމުއްދަތުގެ ކުލީގެ ވަސީލަތް ދިވެހިންނަށް ލިބިފައެއްނެތް: މަޓީ
ބޮޑެތި ދަރަނި ބޮލުގައި އަޅައިގެން މިލިއަން ޑޮލަރުގެ އިންވެސްމަންޓްތައް ކުރާއިރު ދިގުމުއްދަތުގެ ކުލީގެ ވަސީލަތް ދިވެހިންނަށް ލިބިފައިނުވާ ކަމަށް މޯލްޑިވްސް އެސޯސއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ(މަޓީ) ން ބުނެފި އެވެ.
މަޓީން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން ސަރުކާރުގެ ބަޖެޓަށް ފައިސާ ހޯދުމަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭރުގެ އިންވެސްޓަރުންނަށް ދިގުމުއްދަތަށް ކުއްޔަށް ދޭން ވާހަކަ ދެކެވޭއިރު ދިވެހި އިންވެސްޓަރުންނަށްވެސް ހަމަހަމަ ގޮތެއްގައި އެފުރުސަތު ލިބެމުން ނުދާ ކަމަށާއި ދިވެހިންނަށް ދިގުމުއްދަތުގެ ކުލީގެ ވަސީލަތް ލިބެމުން ނުދާކަމަށެވެ.
” ރާއްޖޭގެ ރަށްރަށާއި ފަޅުރަށްތައް ހިއްކައިގެން 50 އަހަރަށް ނުވަތަ 90 އަހަރަށް ކުއްޔައްދީ ނުވަތަ ވިއްކާ ވާހަކަ ދެކެވެމެންދޭ. އެފަދަ ފުރުސަތެއް ރާއްޖޭގެ ބޮޑެތި އިންވެސްޓަރުންނަށް ލިބިފައެއްނެތް. މިލިއަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ސިނާއީ ބޮޑެތި ރިޒޯޓު ޕްރޮޖެކްޓްތަކާއި އެހެނިހެން ޕްރޮޖެކްޓްތަކަށް ދިވެހިން އިންވެސްޓްކުރާއިރު އެފަދަ ފުރަސަތެއް ދިވެހިންނަށް ލިބިފައެއް ނެތް.“ މަޓީގެ ބަޔާނުގައި ވެއެވެ.
މަޓީގެ ބަޔާނުގައި ވާގޮތުން ބޮޑެތި މަޝްރޫއުތައް ހިންގާ ދިވެހިންނަށް ވިޔަފާރިއަށް ފަހިވާގޮތަށް މިހާރަށްވުރެ ދިގުމުއްދަތަށް ކުއްޔަށް ދޭތޯ ސަރުކާރުގައި ދަންނަވާތާ އެތައް އަހަރެއްވެފައިވާ ކަމަށާއި ވިޔަފާރިއާއި އިންވެސްމަންޓްތަކުގައި ހަމަހަމަ ގޮތެއް ބެހެއްޓުމަކީ އެންމެންނަށް ވެސް އެކަމުގެ މަންފާ ލިބޭނެ ކަމެއް ކަމަށް ފަތުވެރިކަމުގެ ޖަމްއިއްޔާގެ ބަޔާނުގައި ވެއެވެ.
މަޓީން މީގެ ކުރިންވެސް ދިވެހި ސަރުކާރުން ރާއްޖޭގެ ބޭރުގެ ފަރާތަކާއި ދިވެހިންގެ މެދުގައި ގެންގުޅޭ ސިޔާސަތާއި މެދު ހިތްހަމަ ނުޖެހޭކަން ވަނީ ފާޅުކޮށްފަ އެވެ.