
ބްރިޓްނީއަށް ދަރިން ބެލުމުގެ ޒިންމާ އުފުލިދާނެބާ؟
އެތަކެއް މައްސަލަތަކާހުރެ ކޯޓުން އަމިއްލަ ދަރިންބެލުމުގެ ޒިންމާއިން މަހްރޫމްކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސްއަށް ދަރިންގެ ބައްޕް ކެވިން ފެޑަލައިންއާ އެއްގޮތަށް ހަމަހަމަ އުސޫލަކުން ދަރިންކައިރިޔަށްގޮސް އެމީހުންގެ ޒިންމާ ނެގުމުގެ މަގު މި އަންނަ މަހު ތަނަވަސްވާނެއެވެ. ބްރިޓްނީއާ ކުރީގެ ފިރިމީހާ ކެވިން އަށް ލިބިފައިވާ އުމުރުން 2 އަހަރުގެ ޝޯން ޕްރިސްޓަން އާއި 21 މަހުގެ ޖޭޑަން ޖޭމްސް ބެލުމަށް ކޯޓުން ހަވާލުކޮށްފައިވަނީ ކެވިންއާއެވެ. ނަމަވެސް ބްރިޓްނީގެ މިހާރުގެ ހާލަތަށް ބަލައި އޭނާޔަށް ދަރިން ބެލުމުގެ ޒިންމާ އުފުލޭނެ ކަމުގެ ހެކި ކޯޓަށް ހުށަހަޅައި މިއަންނަ މަހުގެ ފަހުން ކެވިން އާއި އެއްވަރަށް ހަމަހަމަ އުސޫލަކުން ބްރިޓްނީއަށްވެސް ދަރިންނާ ބައްދަލުކޮށް ގެންގުޅުމުގެ ހުއްދަދޭނަކަމަށްވެއެވެ. ބުނެވޭ ގޮތުގައި ކެވިން އަބަދުވެސް ބޭނުންވަނީ އޭނާޔަށް އެއްވަރަށް ބްރިޓްނީވެސް އެމީހުންގެ ދަރިން ބެލުމުގެ ޒިންމާނެގުމަށެވެ. ކެވިން ދެކޭ ގޮތުގައި ކުދިންނަށް މައިމީހާގެ ލޯބީއާއި އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެހެން ނަމަވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި ބްރިޓްނީގެ އެކި ކަހަލަ މައްސަލަތަކާހުރެ ކޯޓުންވަނީ ކެވިންއާ ދަރިން ބެލުމުގެ ޒިންމާ ހަވާލުކޮށްފައެވެ. އަދި ބްރިޓްނީއަށް އެއްގޮތަކަށްވެސް ދަރިން ކައިރިޔަށްގޮސް ބައްދަލު ނުކުރެވޭނެ ކަމަށް ބުނެފައެވެ. 90 ދިހައިގެ ފަހުކޮޅުގައި ލަވައިގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ބްރިޓްނީގެ ފަރާތުން ވާހަކަދެއްކި އޭނާގެ ރަށްޓެސަކު ބުނެފައިވަނީ ބްރިޓްނީ މިހާރު މުޅިން ބަދަލުވެފައިވާކަމާ އޭނާގެ ދަރިންނާ އެކު ވަގުތު ހޭދަކުރަން ބޭނުންވާ ކަމުގައެވެ. ރަގަޅު މަންމައަކަށް ވާން ބްރިޓްނީ ކުރާ މަސައްކަތް މިފަހަރު ކާމިޔާބު ވާނެބާއެވެ.