މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް މިއަހަރުގެ ރަންވޭ ބާއްވަނީ
ޕްރޯ މޮޑެލްސްގެ ފަރާތުން އިންތިޒާމްކޮށްގެން މިދިޔައަހަރު ބާއްވަން ފެށި ފެޝަން ޝޯ ރަންވޭގެ މެއިން ސްޕޮންސަރަކަށް ވޭލާ ކޮސްމެޓިކްސްގެ ލަކްމޭ ހަމަޖައްސާ މިމަހުގެ 31 ވަނަ ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.
ޕްރޯ މޮޑެލްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިޒާމު ވިދާޅުވީ މިދިޔައަހަރު އަލިމަސްއުފާ ކާނިވަލުގައި ބޭއްވި ޝޯ މިފަހަރު އޮންނާނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. ”އަލިމަސްއުފާ ކާނިވަލުގެ މާހައުލަށްވުރެ ބަންދު ތަނެއްގައި ބޭއްވުމުން އިންތިޒާމްތައް ހަމަޖައްސާ ކުލަގަދަ ކުރަން ފަސޭހަ. އަނެއްކޮޅުން ބަލަންދާ ފަރާތްތަކަށްވެސް ތަންކޮޅެއް ރައްކާތެރި ހިތް ފަސޭހަ މާހައުލަކަށް ދަރުބާރުގެ ވެގެންދާނެ. އެގޮތަށް ބަލާފައި މިފަހަރު ދަރުބާރުގެއަށް ބަދަލު ކުރީ“ ނިޒާމު ވިދާޅުވީ މިފަހަރު ވިއްކަނީ 850 ޓިކެޓް ކަމަށާއި އެހެންކަމުން އަވަހަށް ޓިކެޓް ހޯދަން ނޫޅެފިނަމަ ނުލިބި ހިނގައިދާނެ ކަމަށެވެ. މިދިޔައަހަރު މިޝޯވ 5000 އެއްހާ މީހުން ބެލި ކަމަށް ލަފާ ކުރެވެއެވެ.
ނިޒާމު ވިދާޅުވީ މިފަހަރުގެ ޝޯވގައި 26 މޮޑެލުން ފެނިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނޭނީ ފިރިހެން 6 މޮޑެލުން ކަމަށެވެ. ”ދެން ހުރިހާ ކުދިންނަކީވެސް ރާއްޖޭގެ އަންހެން ކުދިން. މިދިޔައަހަރު ބައިވެރިވި ބައެއް ކުދިންނާއި އަދި މުޅިން އަލަށް ބައިވެރިވާ ކުދިންވެސް މިފަހަރު އުޅޭނެ. އެމީހުން ޕްރެކްޓިސް ކުރަމުންދާތާ މިހާރު 2 މަސް ދުވަސްވެއްޖެ.“ ނިޒާމު ވިދާޅުވީ މިދިޔައަހަރު އިންޑިއާގެ މޮޑެލުން ގެނައި ނަމަވެސް މިފަހަރު ބޭރުން މޮޑެލުން ނުގެންނާނެ ކަމަށެވެ. ”އެމީހުންނާ ދިވެހިންނާ މާބޮޑު ތަފާތެއް ނެތް. އެހެންވެ މިފަހަރު ދިވެހި ކުދިންގެ ހުނަރުވެރިކަން ދައްކާލަން ބޭނުންވަނީ.“ ނިޒާމު ވިދާޅުވިއެވެ.
މިފަހަރުގެ ޝޯވގައި5 ކެޓަގަރީއެއް ވަނީ ހިމަނާފައެވެ. އެއީ ޕްލާސްޓިކް ވެއާރ, ޕޭޕަރ ވެއާރ, ވުޑް ވެއާރ, ރަބަރ ވެއަރ އަދި މެޓަލް ވެއަރ އެވެ. ނިޒާމު ވިދާޅުވީ މިފަހަރުގެ ހެދުންތައް ޑިޒައިން ކޮށްދޭނީ އިބޫ, އީނާޒް, ޔަޝްފާ, ރޯޒު, ރަފާ އަދި ޝަމްހާ ކަމަށެވެ. ”ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ޑިޒައިނަރުގެ އިތުރުން ހުރިހާ ކެޓަގަރީއެއް އެއްކޮށް އެއްވަނަ ޑިޒައިނަރު މިފަހަރުވެސް ހޮވާނެ. މިފަހަރު ތަފާތު ވަނައަކަށް އޮންނާނީ ބެސްޓް ހެއާރ އެންޑް މޭކަޕް. މި އެވޯޑް ލިބޭނީ ޑިޒައިނަރުންގެ ހެދުންތައް ދައްކާލާ މޮޑެލުންގެ މޭކަޕް ކުރާ ފަރާތްތަކަށް. އެގޮތުން ކޮންމެ ޑިޒައިނަރަކަށް ވަކި މޭކަޕް ކުރާ ފަރާތެއް ހުންނާނެ. މިކަން ކުރާ ފަރާތްތަކުގެ ތެރޭގައި ޝެރީ, ޝިޒާ, ނެކްސްޓް ސެލޫން, ވޭލާ އަދި އިބޫ ހިމެނޭ“ ނިޒާމު ވިދާޅުވިއެވެ.
މިފަހަރުގެ ޝޯވގެ ޓިކެޓް ތިންއަގެއްގައި ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަން ފެށީ މީގެ ތިން ދުވަސްކުރިންނެވެ. ފަހަތު ބަރިން 100 ރުފިޔާއަށް ޓިކެޓް ވިއްކާއިރު މެދުތެރެއިން ވިއްކަނީ 200 ރުފިޔާ އަށެވެ. އެންމެ ކުރީ ބަރިން ވިއްކަނީ 500 ރުފިޔާ އަށެވެ. މި ބަރިން ވިއްކާ ގޮތަށް ހަމަޖެހިފައިވަނީ 75 ޓިކެޓެވެ. ނިޒާމު ވިދާޅުވީ އެންމެ ކުރީ ބަރިއަކީ ވީ އައި ޕީ ބަރި ކަމަށެވެ.
ޓިކެޓް ވިއްކަމުންދާ ތަންތަނަކީ ޒީސެލޫން, ޝެރީ, ގްލަމް ސެލޫން, ކިރާމް ސްޓޫޑިއޯ, ކެންޑީސް, ޕާޓް އެކްސްއެވެ.
ނިޒާމު ވިދާޅުވީ މިފަހަރުގެ ޝޯވ މާކެޓް ކުރުމުގެ ކަންތައް ކުރިއަށް ގެންދަނީ ހައިރަންސްގެ ފަރާތުން ކަމަށާއި ޑިޒައިނުންގެ ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ އެހެން ހަރަކާތްތައްވެސް ފެނިގެންދާނެ ކަމަށެވެ.
ރަންވޭއަކީ ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ އެންމެ ބޮޑު ފެޝަން ޝޯވއެވެ.
-
އަންގާރަ، ޖުލައި 22 2008، 17:18
ސަރުކާރުން އިސްލާމްދީނުގައި ހުއްދަ ނޫން ކަންތައް ކުރާއިރު މަނާ ނުކުރަނީ ކީއްވެ.އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލިސް އަށް ފިޔަވަޅެއް އެޅުމުގެ ބާރު ނެތް ކަމުގައި ވިޔަސް ދީނީ ގޮތުން މިއީ ކިހާ ވަރެއްގެ ކަމެއްކަން ހާމަ ނުކުރަނީ ކީއްވެ؟ މިއީ ދީނުގައި ހުއްދަ ކަމަކަށް ވާތީ ބާ؟