ހޮޓާތަކާ އެއްގޮތަށް ފިހާރަތަކުގެ ސާފުތާހިރުކަން ބަލައި ފިޔަވަޅު އަޅަން ޖެހިފައި

އަހުމަދު މޫސާ ޖުލައި 17، 21:35 1 ޚިޔާލު

މޯލްޑިވްސް ފުޑު އެޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުފެދުނު ފަހުން ފަހަކާ ޖެހެންދެންވެސް ވަނީ ކާބޯތަކެތި ބޭނުންކުރާ ތަންތަނުގެ ސާފު ތާހިރުކަން ބަލައި, ވަކި މިންގަނޑަކަށް ނުފެތޭ ތަންތަނާއި ދެކޮޅަށް ފިޔަވަޅު އަޅައި, ވަކި އުސޫލީ މިންގަނޑަކަށް ހުރިހާ ހޮޓާތަކަކާއި ރެސްޓޯރަންޓްތަކެއް ފައްތާފައެވެ.

މިއީ ބޮޑެތި އަދި ކުދިކުދި ބަލިތަކުން އާންމުން ދުރުކޮށް ދިނުމަށާއި, މީދާ, ހިކަނދި, ކުރަފި ފަދަ ސޫފިތަކުން ފެތުރޭ ބަލިތައް ފެތުރުން ހުއްޓުވުމުގެ ގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަޅާފައިވާ ވަަރަށް ހަރުދަނާ ފިޔަވަޅު ތަކެއްކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ.

މިހާރު ސާފު ތާހިރުކަމެއް ނެތް ހޮޓާތަކުގެ ވާހަކަތައް ދެކެވުން ހުއްޓިއްޖެއެވެ. ހޮޓާތަކުގެ މޭޒު ދަށުންނާއި, ބަދިގެޔާއި ދިމާލުން މީދާތައް ދުވާވާހަކަ ދެކެވުންވެސް ހުއްޓިއްޖެއެވެ. އެހެން ނަމަވެސް މިހާރު އަނެއްކާ އާ ވާހަކައެއް ފެތުރެން ފަށައިފިއެވެ. އާދެ! ފިހާރަތަކުގެ ވާހަކައެވެ.

މީދާ, ކުރަފި, ހިކަނދި ފަދަ ތަކެތި ބައެއް ފިހާރަތަކުގެ ތެރޭގައި މިނިވަންކަމާ އެކު ރަސްކަން ކުރަމުންދާ ވާހަކައެވެ. އަދި އެފަދަ ފިހާރަތަކުން ގަނެގެން ބައެއް ކާނާ ބޭނުން ކުރުމުގެ ސަބަބުން ފަރުވާ ހޯދަން ޖެހިފައިވާ ހިސާބަށް ގޮސްފައިވާ ވާހަކައެވެ.

މިހަފްތާގެ އަންގާރަ ދުވަހު އަޅުގަނޑު ބާޒާރު މަތީގައި އޮރެންޖް ކޮޅެއް ގަންނަން ނިކުމެ އުޅެނިކޮށް ބާޒާރު މަތީ ފިހާރައެއްގެ ދޮރުމަތިން ހެޔޮވަރުގެ ބޮޑު މީދަލެއް ދުވަނިކޮށް ދުށީމެވެ. އަޅުގަނޑު އޭއްޗާ ކައިރިވާން ފެށުމުން އޭތި ދުވެ އެ ފިހާރަތެރެއަށް ވަދެގެން ގޮސް ފިހާރަތެރޭގައި ހުރި ހަނޑޫ ބަސްތާއެއްގެ ކަނުގައި މަޑުކޮށްލިއެވެ. އޭރު އެބަސްތާގެ ކަނުން ކަނޑޫތައް ފައިބަމުން ދިޔައެވެ.

މިއީ އަޅުގަނޑުގެ ލޮލަށް ފެނުނު މަންޒަރެކެވެ. އެފިހާރައިގެ އެތެރެޔަށް ނަޒަރު ހިންގާލި އިރު އެބައި ކާފައި ހުރި އޮރެންޖާއި, އާފަލުތައްވެސް ފިހާރައިގެ ތަންކޮޅެއް އެތެރޭގައި ހުއްޓެވެ.

ބާޒާރު މަތީގެ ފިހާރަތަކުގެ ތެރެއިން ނިސްބަތުން ގިނަ ފިހާރަތަކަކީ ސާފުތާހިރުކަމުގެ ގޮތުން އެންމެ ދަށް ފަންތީގެ ފިހާރަތަކެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތްތާ, އެތަންތަނުގައި ގެންގުޅޭ އެއްޗެހި ހެން މީދަލާއި ހިކަނދި ފަދަ ތަކެތި މިނިވަން ކަމާއި އެކު ފިހަރާތެރޭގައި އެނބުރެމުން ދިޔަ ނަމަވެސް ފިހާރަ ތެރޭގައި ތިބޭ މީހުންގެ ފަރުވާލެއް ނެެތެވެ.

”އަޅުގަނޑަށް ހީވަނީ ބައެއް ފަހަރަށް އެކަމަކަށް އެހާ ބޮޑަށް ސަމާލުކަން ނުދެވެނީ އާންމުންނަށް ފޯރުކޮށް ދެވޭ ހިދުމަތެއްގެ ގޮތަށް ވުރެ ބޮޑަށް ވިޔަފާރި އަށް ވިސްނައިގެން މިކަން ކުރާތީހެން. އެކަމަކު އެއަށް ވުރެ ބޮޑަށް އާންމުންގެ ސިއްހަތަށް ވިސްނަން ޖެހޭނެ.“ ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މޫސާ އަންވަރު ވިދާޅުވީ ތަންތަނުގެ ސާފްތާހިރުކަން ކުޑަކަމުގެ ޝަކުވާތައް އާންމުގެ ފަރާތުން އެ އޮތޯރިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ.

”ހަގީގަތުގައި އަޅުގަނޑުމެންނަށްވެސް ތިކަހަލަ ޝަކުވާތައް ވަރަށް ގިނައިން އާދޭ. ފިހާރަތަކުގެވެސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް އެބަ ވިސްނަން. އަޅުގަނޑުމެންވެސް ބޭނުންވާނެ ނޫންތޯ އާންމުންގެ ސިއްހަތު ރައްކާތެރި ކުރަން“ މޫސާ އަންވަރު ވިދާޅުވިއެވެ.

މޫސާ އަންވަރު ވިދާޅުވީ އާންމުގެ ޝަކުވާތައް ލިބުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން ގެންދާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިންސް ޕެކުޝަންތައް ކުރިއަށް ގެންދިއުމަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އިންސާނީ ވަސީލަތްތައް މަދުކަމެވެ.

މިއީ ފިޔަވަޅު އަޅައިގެން ނަމަވެސް މިހާރު ހުއްޓުވަން ވެއްޖެ ކަމަކެވެ. ހޮޓާތަކާއި ރެސްޓޯރަންޓްތައް އިންސްޕެކްޓް ކޮށް އެތަންތަން ވަކިމިންގަނޑުތަކަކަށް ނުފެތޭ ކަމުގައި ވަނީނަމަ ބަންދުކުރަން ނިންމި ގޮތަށް ސާފުތާހިރު ކަމުގެ ގޮތުން ދަށް ފިހާރަތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ވީއެވެ.

މިއީ އާންމުންގެ ސިއްހަތާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. މިފަދަ ކަންތައްތަކުގެ ސަބަބަުން މިހާތަނަށް ބައެއް މީހުންނަށް ގެއްލުން ލިބިފައިވާއިރު, ކުރިމަގުގައި މިކަންތަކަށް ހައްލެއް ނުގެނެވިއްޖެ ނަމަ މިއީ މުޅި ރާއްޖެއަށްވެސް ބޮޑު ބިރަކަށް ވެގެން ހިނގައިދާނެ ކަމެކެވެ.

މީދާ, ކުރަފި, ހިކަނދި, ފަދަ ތަކެއްޗަކީ އެތައްހާސް ޖަރާސީމެއް އެއެއްޗެހީގެ ހަށިގަނޑުގައި ވާތަކެއްޗެވެ. ކާން ބޯން ބޭނުންކުރާ ތަކެއްޗާއި ވީހާވެސް މިފަދަ ޖަނަވާރުތަކަށް ކައިރި ނުވެވޭނެ ގޮތަކަށް ފިހާރަތަކާއި ހޮޓާތަށް ބެލެހެއްޓުމަކީ އެންމެންގެ ރަށްކަލަކަށް އެފަދަ ވިޔަފާރި ކުރާ މީހުން ކުރަން ވެއްޖެ ކަމެކެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މިދުވަސް ވަރު ހުރިހާ ކަމަެއެއްވެސް ރަނގަޅުކުރާކަމަށް އަޑު އަރުވާނެ އެކަމަކު ދާދިއަވަހަށް ފަނާވެ ދަނިވި އަގެއްނެތް ޖިސްމުތައް ...................

    އާދިތްތަ، ޖުލައި 20 2008، 13:56
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv