އެމްޓީޑީސީގެ ހިއްސާއަކަށް 90ރ. ބަހަން ނިންމައިފި
މޯލްޑިވްސް ޓުއަރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން( އެމްޓީޑީސީ)ގެ ސާފުފައިދާއިން ހިއްސާއަކަށް 90 ރ ބެހުމަށް އެކުންފުނީގެ ހިއްސާދާރުން ނިންމައިފި އެވެ.
ރޭ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބޭއްވި އެކުންފުނީގެ ދެވަނަ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 90 ރ ބެހުމަށް ނިންމީ ރޭގެ ޖަލްސާއަށް ހާޒިރުތިބި 134 މެމްބަރުގެ ތެރެއިން 95 މެންބަރުންގެ ތާއީދާއެކުގަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މައި ކުންފުނީގެ އަހަރީ އާއްމުޖަލްސާގައި ހިއްސާއަކަށް 90 ރ ބެހުމަށް ނިންމުމާއި ގުޅުޅިގެން ހިއްސާދާރެއް ކުރި ސުވާލެއްގެ ޖަވާބުގައި ރިޔާސަތުން ވިދާޅުވީ ސާފުފައިދާއިން ހިއްސާއަކަށް 90 ރ ބެހުމަށް ނިންމީ ކުންފުންޏަށް ލިބިފައިވާ ރައްރަށުން ލިބެމުންދާ ފައިދާ ހިއްސާދާރުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ މަގުސަދުގައި ކަމަށެވެ.
ރޭގެ ޖަލްސާގައި އެކުންފުނީގެ ހިސާބުތައް އޮޑިޓުކުރުމަށް އޮޑިޓަރުން އައްޔަން ކުރުމާއި އެފަރާތުގެ އުޖޫރަ ކަނޑައެޅުން ވެސް އޮތެވެ. އޮޑިޓަރުންގެ ގޮތުގައި ހޮވާފައިވަނީ ” އާންސް އެންޑް ޔަންގްސް“ އެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހިއްސާދާރުން އައްޔަންކުރާ ފަސް ޑިރެކްޓަރުން އައްޔަން ކުރުމާއި އަންނަ އަހަރު ކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަންކުރާ ހަތަރު ޑިރެކްޓަރުންގެ ނަންތައް އިއުލާނު ކުރުން ވެސް ރޭ ވަނީ ބައްވާފަ އެވެ. އަންނަ އަހަރު ބޯޑަށް ސަރުކާރުން ހޮވާފައިވާ ހަތަރު ޑިރެކްޓަރުންނަކީ ޗަންޕާ ހުސެން އަފީފް, ސ. ހިތަދޫ ފްރެސްކޯ މުހައްމަދު ވަހީދު, ގ. އަޅިފަށުވިއާގޭ މުހައްމަދު މިހާދު އަދި ގ. ސަންސެޓް އަހުމަދު ސިޔާމް އެވެ.
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ ފުރަތަމަ ބާއްވަން ކަނޑައެޅި ތާރީހުގައި ޖަލްސާ ނުބޭއްވުމީ ގާނޫނީ އަދަދު ހަމަނުވެގެން ނެވެ. އެމްޓީޑީސީން ބުނެފައިވަނީ މިފަހަރު ފައިދާގެ ގޮތުގައި ދޫކުރި ވަރު ކުރިއަށް އޮތް 10 އަހަރުވެސް ދޫކުރެވިދާނެ ކަމަށެވެ.