މެނިފެސްޓޯއެއްގެ ގޮތުގައި ދީން ނަންގަވައިގެން މައުމޫނަށް މިފަހަރު އިންތިހާބު ކާމިޔާބު ކުރެއްވިދާނެބާ؟
”ހޯހޯ ތިވާހަކަ ނުދައްކާ! ތިއީ ދެއްކެންވެސް އޮތްވާހަކައެއް ނޫން. ފުރަތަމަ ބަލާ ފުރަތަމަ އަހަރު ކުރަންބުނި ކަންތައްތައް. ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ ގޭގެއަށް ބަހައިދޭނަމޭ ބުނިބުނުން. އަދިއަދަށްވެސް އެއޮތީ ހޮޅި ވާހަކައެއްގެ ގޮތުގައި. 30 އަހަރުވީ. ދެން އެހެން ވާހަކައެއް ދައްކާކަށް އަނގަވެސް ހުޅުވާނުލެވޭނެ“ ގާތްގަނޑަކަށް 60 ން މަތީގެ އަހަރުތައް ގުނަމުންދާ ފިރިހެނެއްގެ ގާތު މިހާރު ރައީސަކަށް ހުރި މީހާގެ ދީނީ ބަޔާމެދު ބުނަނީ ކީކޭތޯ އަހާލުމުން ދަމާލި ފަތިވަރެއްގެ މައިގަނޑެވެ.
ހަމަ އެއުމުރުގެ އެހެން މީހަކު ބުނީ ”ތިމަންމެން މައުމޫނު ހޮވީ އަޒުހަރުން ކިޔަވައިގެން އައި މާމޮޅު ދަންނަ ބޭކަލަކަށްވީތީ. އަހަރެމެންނަކީ މުސްލިމުންނަށްވެފައި މިތަނަށް ރަނގަޅުވާނީ ދީނީ އިލްމުވެރިއެއް ކަމަށްވާތީ. އެކަމަކު ހީކުރެވުނީ ކުށްހީއެއް“ ކަމަށެވެ.
އަދިވެސް އެހެންމީހެއްގެ ގާތު ހަމަ މިސުވާލުކޮށްލީމެވެ.
”މިހާރު ހުރި މީހާ ވަންނާނީ ކޮންވަލަކަށް. ބުއި މީހެކޭ އެތެރެކުރި މީހެކޭ ވިއްކި މީހެކޭ އެއްވަރޭ ބުނި މީހާގެ ވެރިކަމުގައި މިހާރު އެއެތިވަރު ބޮއެގެން މަގުމަތީގައި އެއުޅެނީ މީހުންގަނޑު. ދޮލަނގަށް އަޅައިގެން އެވިއްކަނީ“ އޭނާ ބުންޏެވެ.
މިވަރުންވެސް ދޫކޮށްނުލާ ގާތްގަނޑަކަށް އުމުރުގެ ދެތިން އަންހެނަކު ގާތުވެސް ހަމަ މިސުވާލުކޮށްލީމެވެ.
”ކޮން ދީނެއް. ފުރަތަމަބަލާ ކުދިންގެ އަޚްލާގު. ކުދިންނަށް ތިޔަ ކިޔަވައިދޭ އެއްޗެހި. މިހާރު ތިހަދާ ޖީސީއެއް ހަދައިގެން ނިކުންނައިރުވެސް ޤުރުއާން އަކުރެއް ކިޔަވަން ނޭނގޭ ކުދިން ގިނަވާނީ. އަމިއްލައަށް ހިނާ ތޯހިރުވާންވެސް އެނގިއްޖިއްޔާ ސާބަސް“ އޭގެތެރެއިން އެކަކު ވަރަށް އަސަރާއެކު ބުންޏެވެ.
ޓީވީ މޯލްޑިވްސްއިން ގެނައި ”އެހަނދާނުގައި“ ޕްރޮގްރާމުގައި ދެއްކި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަމީލާ ހަސަންގެ ރިޕޯޓް ދެއްކިރޭ މީހަކު ބުނެލި ވާހަކައެއްވެސް މިއަށް އެއްކޮށްލާނަމެވެ.
”އެއީ މައުމޫނުގެ ވެރިކަމުގެ އެންމެ ކުރީކޮޅު. މާލޭގައި މީހަކު މަރުވެއްޖިއްޔާ ހަމަ ގަވައިދުން އެމީހެއްގެ ޖަނާޒާގައި ބައިވެރިވާނެ. އެކަމަކު ޖަމީލާ ހަސަންގެ ޖަނާޒާގައި ބައިވެރިއެއް ނުވި. އޭރު ތުންތުންމަތިން ދެކެވުނު ގޮތުގައި ބައިވެރި ނުވީ އެހާނުބައިކަމެއް (ލަވަކިޔަން ހުއްޓާ އަނގަޔަށް ކަރަންޓް އައިސްގެން) ކުރަން ހުއްޓަ މަރުވީމަޔޯ ބައިވެރި ނުވީ“ އެމީހާ ބުންޏެވެ.
ތެދެކެވެ. ގިނަބަޔަކު މައުމޫނަށް ވޯޓު ދީގެން 1978 ގައި ރާއްޖޭގެ ރައީސްކަމަށް ނެގީ އޭރުހުރި އިބްރާހީމް ނާސިރަށްވުރެ ދީނީގޮތުން މާބޮޑު ދަންނަ ބެކަލަކަށް ވެގެންނެވެ. ދީނީގޮތުން ދެއްވަމުން ދިޔަ ތަޤްރީރުތަކުގެ ސަބަބުންނެވެ. ރައްޔިތުންގެ ވަރަށްބޮޑު މަޤްބޫލުކަމަކައެކުގައެވެ.
ސުވާލަކީ މިހާރު މައުމޫނުގެ ދީނީބައި އޮތީ ކިހިނެތް ހެއްޔެވެ. ދިވެހިރައްޔިތުން އިސްލާމް ދީނަށް ލޯބި ކުރަނީ ކިހާވަރަކަށް ހެއްޔެވެ. މައުމޫނު ވެރިކަމަށްއިސްވިފަހުން ވިހޭ ކުދިން ބޮޑުވެ ޒުވާންކަން ނިމި ދެބައިއުމުރަށް އަޅާއިރު, މައުމޫނަށް ޖީލެއް މިވަނީ އުފެއްދިފައެވެ. އެމީހުން ނުވަތަ އަދުގެ ކުޑަކުދިން ދީނަށް ސަމާލުކަން ދެނީ ކިހާވަރަކަށް ހެއްޔެވެ.
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ހަމަގައިމުވެސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވިއިރު އަދި ވެރިކަމުގެ ކުރީކޮޅު ރާއްޖެގެ ޒުވާނުން އެއްގޮތަކަށްވެސް ހަލާކުވެފައެއް ނުވާކަމަށާއި ދީން ޤަބޫލުނުކުރާ މީހުންނެއް ނެތް ކަމަށެވެ. އަދި ކްރިސްޓިއަން ދީނެއްވެސް ރާއްޖެއަކު ނެތްކަމަށެވެ.
”މިހާރުގެ ހާލަތު އެނގޭނެ މަގުމައްޗަށް ނިކުމެ ބަލާލީމާ. ކޮންމެހެން މީހަކު ކިޔައިދޭކަށް ނުޖެހޭނެ“ ހުސައިން ރަޝީދު ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދާޅުވީ މައުމޫނު އައީ ދީން މަނާކުރަމުން ދީނަށް ހުރަސްއަޅަމުން ކަމަށައި ލާދީނީ ގޮތްތައް ފަތުރަމުން ކަމަށެވެ.
”ސްކޫލު ކުދިންގެ ސިލަބަސް ހަލާކުކޮށްލީ. ދީނީ ޢިލްމުވެރިން ބަންދުކޮށް ބޮޑެތި އަނިޔާތައް ދިނީ. ދީނީ އިލްމުވެރިންނަށް ދީނީވާހަކަތައް ދެއްކުން މަނާކުރީ.“ ހުސައިން ރަޝީދު ވިދަޅުވިއެވެ. ހުސައިން ރަޝީދު ވިދާޅުވީ ރާއްޖޭގައި ކްރިސްޓިއަންދީން ފުރަތަމަ ފަތުރަމުން އައީ އޭއެމްޑީސީ ކްލިނިކުގައި ކަމަށައި އެކަން ބަރާބަރަށް ރިޕޯޓުކޮށް އެމީހުން ތައްޔާރުކޮށް އެކި މީހުންނަށް ބަހަމުންދިޔަ ކްރިސްޓިއަން ދީނުގެ ފޮތްތައް ބަރާބަރަށް މަތީ މަޖިލީހަށް ހުސައިން ރަޝީދު ވާނީ ފޮނުވާފައި ކަމަށެވެ.
”އެކަމަކު އާއްމުންނަށް ފާޅުގައި އެނގޭވަރުވީމަ މައުމޫނު ވިދާޅުވީ ތިމަންނައަށް އަދި އެނގުނުތާވީ އެންމެ 15 ދުވަހޭ. އެތައް އަހަރެއް ވަންދެން އެކަންކުރާކަން އަންގަމުން ދިޔައިމާ ނޭނގެޔޭ ބުނީމާ ޤަބޫލުކުރާނީ ކާކު“ ހުސައިން ރަޝީދު ވިދަޅުވިއެވެ.
ހުސައިން ރަޝީދު ވިދަޅުވީ ދީނީ އެކިއެކި ކަންކަމުގައި ތަފާތު ދެކޮޅު ނުޖެހޭ ހުކުމްތައްވެސް މައުމޫނު އައީ ހިފަހައްޓަމުން ކަމަށެވެ.
”އެއްކަމަކީ 40 ހަމަނުވަންޏާ ހުކުރު ނުކުރުން. އެއީ ޚިލާފީ މައްސަލައެއް. އެކަމާ ގުޅިގެން ކިތައް ރަށުގައި ރާއްޖޭގައި އެތައް އަހަރެއް ވަންދެން ހުކުރު ނުކޮށްތިބީ. ހުކުރަކީ ކޯންޗެއްކަން އެމީހުންނަށް ނޭނގިތިބީ. އެންމެފަހުން ހަމަ މައުމޫނު އެކަން އުވަލީ. ކިތައް މީހުން ގުނޫތު ނުކިޔައިގެން ވަޒީފާއިން ވަކިކުރީ. ކިތައް މުދިމުންނަށް އެކަމުން ބޮޑެތި އަނިޔާ ލިބުނީ. މިހާރު އެއްކަލަ ގުނޫތު ސަބީލިއްﷲ. ޖުއްބާއެއް ލައިގެން ޝެއިޚް އިދްރީސް ހިނގާފައި ދަނިކޮށް ފަހަތުން އައިސް ގެންގޮސް ޖުއްބާ ބާލުވަ ޓީޝާޓަކާ މުންޑެއް އަންދަވާފައި ފޮނުވާލީ. ޖުއްބާ މަނާވަންޏާ މައުމޫނު ސަފާރީ ޝޫޓް ހުއްދަކުރީ ކޮންތާކުން“ ހުސައިންރަޝީދު ވިދާޅުވިއެވެ.
ހުސައިން ރަޝީދު ވިދަޅުވީ މައުމޫނު ޤަވައިދުން ކުރަމުން އައި ކަމެއް އެބައޮތެވެ.
”ރޯދަމަހު ގެންނާނެ ބޭރުން މީހުން ގެނެސްގެން ބައްވާ އިހުޔާ ޕްރޮގްރާމްތަކެއް. މައުމޫނު ބުނާއެއްޗެއް އެމީހުން ކިޔާނީ. ޓީވީން ބެލިއްޔާ އެނގޭނެ އިބްރާހީމް ރަޝީދު މޫސާ ދަނީ ކިޔާނެ އާޔަތްތަކުގެ މާނަ ލިޔެގެންކަން. އެއީ މައުމޫނު މަޝްހޫރުވާން ކުރަމުން އައި ކަމެއް.“ ހުސައިން ރަޝީދު ވިދަޅުވިއެވެ.
ދީނީ އިލްމުން ޕީއެޗްޑީ ހައްދަވާފައިވާ އަދާލަތުޕަޓީގެ ޢިލްމުވެރިންގެ މަޖިލިހުގެ ރައީސް ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރި ވިދާޅުވީ ލިޔެކިޔުމުން ދީނަށް އުޅެން ޖެހެނެޔޭ މައުމޫނުގެ ދައުރުތަކުގައިވެސް އެބަހުރި ކަމަށައި އެކަންކަމަށް އަމަލެއް ނުކުރުވާ ކަމަށެވެ.
”މިސާލަކަށް ޢަޤީދާގެ ބަޔައި ނަމާދު ކުރަންޖެހޭނެކަމާ މިހުރިހާކަމެއް އެބަހުރި ޚުތުބާތަކާ އެއްޗެހީގަވެސް. އެކަމަކު ޢަމަލަކުން ނުފެނޭ. ނަމާދުގަޑީގައި ސްކޫލުތަކުގެ ކިޔެވުންވެސް ބައްވަނީ ކުޅިވަރުވެސް ކުޅެނީ. އަންހެނާގެ އައުރައަކީ މޫނާ ދެއަތްތިލަ ނޫން ހުރިހާތަނެއް ކަމަށްވެސް ކިޔަވައިދޭއިރު ބުނޭ. އެކަމަކު އެކަންތައްތައްވެސް މިކަމުގައި ތަންފީޒް ކުރުވޭތޯ. އެހެންވީމަ އަމަލީ މައިދާނުގައި މައުމޫނުގެ މިދައުރުތަކުން ދީނީ ކުލަ ވަރަށް ކުޑަ“ ޑރ މަޖީދު ވިދަލުވިއެވެ.
ރާއްޖޭގެ ދީނީ ޙާލަތު މިގޮތަށް އޮތްނަމަވެސް އަނެއްކާވެސް މައުމޫނު މިހާރު ދައްކަވަން ފެއްޓެވީ ދީނުގެ ވާހަކައެވެ.
ޑީއާރުޕީ ކޮންގްރެސްގައި މައުމޫނު ވިދާޅުވީ ”މާތް ﷲގެ އިރާދަފުޅާއެކު އަދި ދިވެހިރައްޔިތުންގެ ތާއީދާއެކު ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ހަދާނެ ކަމަށާއި“ ”ދިވެހިރާއްޖެއަކަށް އިސްލާމްދީނަށް ހެޔޮ ނޭދޭބަޔަކު ވެރިކަމަށް އަޔަކަ ނުދޭނެ“ ކަމަށެވެ. ”މާތް ﷲގެ ވާގިފުޅާއެކު އަދި ދިވެހިރައްޔިތުންގެ ތާއީދާއެކު ބޭރުގެ ލާއިސްލާމީ ޚިޔާލުތަކާ ވިސްނުންތަކަށް ވިކިފައިތިބި ބަޔަކު ރާއްޖޭގެ ވެރިކަމަކަށް އަޔަކަ ނުދޭނެ ކަމަށެވެ.
ފުރަތަމަ ދައުރަށް ކުރި ކެންޕޭންފަދަ ކެންޕޭނެއް ދީން ބޭނުންކުރައްވައިގެން މައުމޫނަށް މިފަހަރު ކާމިޔާބު ކުރެވިދާނެ ހެއްޔެވެ.
ހުސައިން ރަޝީދު ވިދާޅުވީ ދީނޭ ކިޔައިގެން ރައްޔިތުންގެ ބޯކާލައިގެން ދެނެއް މައުމޫނަކަށް ކާމިޔާބު ކުރިއަކަ ނުދެއްވާނެ ކަމަށެވެ.
”ލާހިކު ކުޅަދާނައެއް ނޫން. ދީން އައްޑަނައަކަށް ނަގައިގެން އިންތިޚާބު ކާމިޔާބު ކުރާކަށް. މިހާރު ދެން ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ“ ހުސައިން ރަޝީދު ވިދާޅުވިއެވެ.
ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ މައުމޫނު ޤައުމުގެ ވެރިއަކަށް ހޮވުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
”އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމް ޤާނޫން އަސާސީ އިސްލާހް ކުރެއްވުމަށްޓަކައި ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން މިއިސްލާހަކީ އިސްލާމީ އުއްމަތުގެ އިޖުމާޢުއާ ޚިލާފަށް ކުރައްވާފައިވާ ކަމެއް. އެހެންކަމުން މިފަދަ މީހަކު ޤައުމުގެ އެންމެ އިސްވެރިއަކަށް ގެންނަން މަސައްކަތް ކުރުން އެއީ ދިވެހިރައްޔިތުންނަށް އެއްވެސް ހާލެއްގައި ހުއްދަވެގެންވާނޭ ކަމެއް ނޫން“ ޑރ މަޖީދު ވިދާޅުވިއެވެ.
ޑރ މަޖީދު ވިދާޅުވީ ”ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނު ވާދަކުރެއްވި ކަމުގައިވިއަސް ދިވެހިރައްޔިތުންގެ ޢަޒުމަކަށް ވާންޖެހޭނީ އެމަނިކުފާނު ފޭލްކޮށްލުން“ ކަމަށެވެ.
ކުރިން ވާހަކަދެއްކި މީހުންވެސް ބުނީ ދެން މައުމޫނު ދައްކާ ދީނީ ވާހަކަތައް އަޑު އެހޭކަށް ނެތްކަމަށެވެ. އެހެންކަމަށްވާނަމަ މައުމޫނު އިންތިޚާބު ކަމިޔާބުކުރާ މެނިފެސްޓޯއެއްގެ ގޮތުގައި އިސްލާމމްދީން ނެންގެވި ނަމަވެސް މިފަހަރު ކާމިޔާބު ވުމަކީ ނާދިރު ކަމެއްތައެވެ.