
ޕާކިސްތާނުގެ ބޯޑަރަށް ގުޅިފައިވާ ފައުޖުތަކުން ދިން ހަމަލާއާމެދު ސުވާލު އުފެދިފައި
ޕާކިސްތާނުގެ ބޯޑަރާއި އަފްއާނިސްތާނު ބޯޑަރާއި ދެމެދުގައި ފޯރި މަރަމުންދިޔަ ޕާކިސްތާނުގެ ސިފައިންނަށް ވައިގެ މަގުން, އެމެރިކާއާއި ގުޅިފައިވާ ޖަމާއަތްތަކުން ދިން ހަމަލާގެ ފަހަތުގައި ދެ ކަމެއް ވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެކަމުގެ ފަހަތުގައި އެމެރިކާގެ އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަށް ބައެއް މީހުން ބުނާއިރު މިއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށްވެސް ބައެއް މީހުން ބުނަމުން ދެއެވެ.
މީގެ ކުރިންވެސް އިންޓެލިޖެންސްގެ ފަރާތްތަކަށް އޮޅިގެން ކަމަށް ބުނެ ޕާކިސްތާނު ސަރަހައްދުގައި ފޯރި މަރަމުންދާ ޕާކިސްތާނުގެ ސިފައިންނަށް އެމެރިކާއިން ވަނީ ހަމަލާދީ މަރާލާފަ އެވެ. އަދި މިކަހަލަ ބައެއް ހަރަކާތްތަކުގައި ޕާކިސްތާނުގެ ފައުޖުވެސް ބައެއް ފަހަރު ބައިވެރި ކޮށްފައި ވެއެވެ.
ޕާކިސްތާނުގެ ދިފާއީބާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު އިއްޔެ ވިދާޅުވެފައި ވަނީ މިއީ އެމެރިކާއިން ގަސްދުގައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
” މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވެވެމުން އަންނަ އެއްބާރުލުންތަކަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް“ އެ އަމަލު ކުށްވެރި ކުރަމުން ޓެރަރިޒަމްގެ ނަމުގައި އެމެރިކާއިން ހިންގާ ޖަރީމާއަށް ތާއީދު ކުރާ ޕާކިސްތާނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޕާކިސްތާނުން ބުނެފައި ވަނީ ވައިޓް ހައުސްގެ ތަރުޖަމާނު އެހަމަލާ ދެވިފައި ވަނީ ގަސްދުގައި ކަމަށް ބުނެފައި ވަނީ އިންޓެލިޖެންސް ފެއިލް ވެފައި ނުވާކަން ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަފްއާނިސްތާނުގައި ހަރަކާތްތެރިވާ ގުޅިފައިވާ ފައުޖުތަކުގެ ތަރުޖަމާނަކާ ހަވާލާދީ ބައެއް ހަބަރުތައް ބުނާ ގޮތުގައި އެ ހަމަލާ ދެވިފައިވަނީ އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ޕާކިސްތާނު ސިފައިންގެ ބަޔަކު, އެމެރިކާއިން ކުރިއަށް ގެންދިޔަ ހަރަކާތަކަށް ހަމަލަދިނުމުން ކަމަށެވެ.
ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހުސެން ގާނީއަށް ވަނީ މިކަމުގެ ސަބަބުން އެކަންތައްތައް އާންމު ކުރުމަށްވެސް ކުޑަކޮށް ދަތިފުޅުވެފައެވެ. އަދި އެމެރިކާއަށް މައާފަށް އެދުމަށް ގޮވާލުމުގެ ބަދަލުގައި އެ މައްސަލަ އިތުރަށް ތަހުގީގު ކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފަ އެވެ. އެހެން ކަމުން ޕާކިސްތާނުން މި މައްސަލަ ހޫނުކުރަން ބޭނުން ނުވާ ކަމަށްވެސް ބައެއް ތަޖުރިބާ ކާރުން ދެކެވަޑައިގަންނަވައެވެ.
ޕާކިސްތާނުން މި މައްސަލަތަކުގައި ހަމަހިމޭނުން އޮތުމުގައި ގިނަ ސަބަބުތަކެއް ވެއެވެ. އެމެރިކާގެ ވޯލްޑް ޓްރެވަލް ސެންޓަރަށް ދިން ހަމަލާއަށްފަހު އެމެރިކާއިން ޕާކިސްތާނަށް ވަނީ 10 ބިލިއަން ޑޮލަރު ދީފަ އެވެ. މި ފައިސާތަކުގެ ބޮޑުބައެއް ހޭދަ ކޮށްފައި ވަނީ ޕާކިސްތާނުގެ އުތުރުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކަމަށް ޕާކިސްތާނުން ބުނެއެވެ. އެ ސަރަހައްދަކީ އަލްގައިދާގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެއްކަމަށްވެސް ހަބަރުތައް ބުނެއެވެ.
މީގެ އިތުރަށް ބޭރުގެ ގައުމުތަކަށް ޕާކިސްތާނުން ދަރާފައިވާ ދަރަނިތައް އެމެރިކާ މެދުވެރިވެ ކުޑަކުރުމާއި ނުސީދާ ގޮތުން އެމެރިކާ މެދުވެރިކޮށް ޕާކިސްތާނުގައި އިންވެސްޓް ކޮށްފައިވާ ބައިނަލް އަގުވާމީ ކުންފުނިތަކުން އެގައުމު ދޫކޮށްފައި ދިއުމުގެ ބިރުވެސް އޮތުމާ އެކުގަ އެވެ. އެހެން ކަމުން ޕާކިސްތާނުގައި އުފެދޭ އާ ސަރުކާރަށްވެސް އެމެރިކާއާ ދެކޮޅަށް ފިޔަވަޅެއް އެޅެން ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މިކަންތައްތަކުގެ އަސްލެއްގެ ގޮތުގައި ޕާކިސްތާނުގެ ގިނަ ބަޔަކު ދެކެނީ އެމެރިކާގެ ބާރުގައި މުޝައްރަފު އެގައުމުގައި ދިގު މުއްދަތެއް ވަންދެއް ވެރިކަން ކޮށްފައި ވުން ކަމުގަ އެވެ. އަދި މިއީ މުޖާހިދުން ޕާކިސްތާނަށް އެތެރެވުމަށް އެޅުނު ބާރެއް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. 30 އަހަރުގެ ދިގު މުއްދަތެއްގައި ސިޔާސީ މަސްރަހު ހަމަހިމޭނުން އޮތުމަށްފަހު މިދިޔަ އަހަރު ހައިކޯޓްގެ ފަނޑިޔާރުންނާ ދޭތެރޭ މުޝައްރަފު ކަންތައްތައް ކުރެއްވި ގޮތުން ޕާކިސްތާނުގެ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ. ޖާނުން ފިދާވުމުގެ ހަމަލާތަކެއް ސިފައިންގެ ފައުޖުތަކަށްވެސް ދެވިފައި ވެއެވެ. ގައުމުގެ އެތެރޭގެ ހަމަނުޖެހުން ވަނީ އިތުރުވެގެން ގޮސްފަ އެވެ.
އެހެން ނަމަވެސް ފެބުރުއަރީ މަހުގައި ބޭއްވުނު އިންތިހާބު މުޝައްރަފުގެ ޕާޓީ ފެއިލްވެގެން ދިއުމާ ގުޅިގެން މަޖުލިސް ކޮންޓްރޯލް ކުރައްވާ ފަރާތްތަކުން ދަނީ މުޖާހިދުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ވާހަކަދައްކައިގެން ސުލްހަ ހޯދާނެކަމަށް އިއުލާން ކޮށްފަ އެވެ.
ސިޔާސީ މާހިރުން ދެކޭ ގޮތުގައި މުޝައްރަފުގެ ސަރުކާރަށްފަހު މިހާރު އުފެދިފައިވާ ބާރުތައް ހިއްސާކުރާ ސަރުކާރުން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ ދެތިން އަހަރު ދުވަހުގެ ތެރޭގަ އެވެ.
މިދިޔަ މާރޗް މަހުގައި ސަރުކާރަށް އައި ބޮޑު ބަދަލާ ގުޅިގެން ބާރުތައް ހިއްސާކުރާ ސަރުކާރުން ކުރަމުންދާ އުއްމީދުތައް އާ ކުރުމަށް ހިތްވަރެއް ލިބިގެން ދިޔައަސް އެކަންތައްތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް ބައެއް މީހުން ދެކެއެވެ.
އެގޮތުން މިއަދާ ހަމައަށްވެސް ފަނޑިޔާރުންނަށް ރަނގަޅު މަގެއް ދެއްކިފައި ނުވުމާއި މިއަހަރުތެރޭގައި ޕާކިސްތާނަށް ވަންނާނެ ކަމަށް ބެލެވުނު ބޭރު ފައިސާތައް އަހަރުގެ ކުރީކޮޅުން ފެށިގެން ހުއްޓިފައި އޮތުންވެސް ހިމެނެއެވެ.
ހަމައެހެންމެ އެމެރިކާއަށްވެސް ވަނީ ޕާކިސްތާނާ ދޭތެރޭ ކުރަމުން އައި އުއްމީދުތައް ނިމުމަކަށް ގެނައުމަށް މަޖުބޫރުވާ ފަދަ ހާލަތަކަށް އައިސްފަ އެވެ. އެއީ ހަނގުރާމަ ވެރިންނާ ދޭތެރޭގައި ޕާކިސްތާނުން ދެކެމުން އަންނަ ގޮތް މަޑުމަޑުން ބަދަލުވަމުންދާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
ފަހަކަށް އައިސް ޕާކިސްތާނުގެ ބޯޑަރަށް އަފްއާނިސްތާނުގައި ތިބޭ ފަރާތްތަކުން ދެމުން އަންނަ ވައިގެ ހަމަލާތައް އިތުރުވުމުގެ އެއް ސަބަބު ކަމުގައި ޕާކިސްތާނުގެ ގިނަ ބަޔަކު ދެކެނީ މިއަހަރު ބޭއްވި އާންމު އިންތިހާބުގައި މުޝައްރަފުގެ ޕާޓީ ފެއިލް ވެފައިވުމާއި ގުޅިގެން އެމެރިކާއާއި މުޝައްރަފާއި ގުޅިގެން މިހާރު އޮތް ސަރުކާރަކީ ފެއިލްވެފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް ދެއްކުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.
