
ވިދްޔާ ހިތްހަމަ ނުޖެހިފައި
ވިދްޔާ ބާލަން އާއި ޝާހިދު ކަޕޫރު އެކުގައި ހަރަކާތްތެރިވެފައިވާ ކިސްމަތު ކަނެކްޝަން ރިލީސްވުމަށް ތައްޔާރުވަމުންދާއިރު ފިލްމުގެ އެކްޓެރެސް ވިދްޔާ ބާލަން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ސަބަބެއްކަމަށްވަނީ މި ފިލްމުގައި ވިދްޔާ ކުޅެފައިވާ ކެރެކްޓަރއާ ޖަބްވީ މެޓްގައި ކަރީނާ އަދާކޮށްފައިވާ ކެރެކްޓަރއާއި މީހުން އަޅާކިޔާލެއް ބޮޑުކަމުންނެވެ.
ގިނަ ބަޔަކު ބުނާގޮތުގައި ކިސްމަތު ކަނެކްޝަންގެ ޕްރިޔާއާ ޖަބް ވީ މެޓް ގެ ގީތް ގެ ކެރެކްޓަރއާ ވަރަށް އެއްގޮތެވެ. މިސަބަބާހުރެ ވިދްޔާހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ކަރީނާ ޝާހިދުއާ ރަށްޓެހިވެގެން އުޅުނު ދުވަސްވަރު މިދެތަރިން އެކުގައި ކުޅެފައިވާ މި ފިލްމަކީ ގިނަ ބަޔަކަށް ކަމުގޮސް ކަރީނާއަށް އެތަކެއް އެވޯޑެއް ލިބިފައިވާ ފިލްމެކެވެ. ވިދްޔާއާ ޝާހިދުއޭ ކިޔައިގެން ގިނަ ހަބަރުތަކެއް ފެތުރެމުންދާ މި ފަދަ ދުވަސްވަރެއްގައި ކަރީނާ ޖަބްވީ މެޓްގައި ކުޅެފައިވާ ބަޔާ ވިދްޔާ ކިސްމަތް ކަނެކްޝަންގައި ކުޅެފައިވާ ބަޔާ އަޅާކިޔުން އެއީ ވިދްޔާއަށް ކެއްވާނެކަމަށްނޫނެވެ.
މިކަމާ ގުޅޭ ގޮތުން ވިދްޔާ ބުނެފައިވަނީ ދެ ކެރެކްޓަރގައި އެއްގޮތް ކަމެއް ހުރެދާނެއެވެ. އެހެން ނަމަވެސް މި ދެކެރެކްޓަރ އެއްގޮތަކަށްވެސް އަޅާނުކިޔޭނެއެވެ. ސަބަބަކީ ޖަބްވީމެޓްގެ ގީތް އާއި ކިސްމަތް ކަނެކްޝަންގެ ޕްރިޔާ ވަރަށް ތަފާތުވާނެއެވެ. ވިދްޔާގެ މި ޖުމްލައަށް ރަގަޅަށް އިންސާފު ކުރެވޭނީ ކިސްމަތު ކަނެކްޝަން ރިލީސްވުމުންނެވެ.