ކިނބިދޫ އޮފިސްދޮށަށް އެއްވި މީހުން ފޮނުވާލުމަށް ހިންގި ހަރަކާތުގައި އަނިޔާ ލިބުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ: މިމީހުންނާމެދު އަމަލުކުރުމުގައި އަދުލް އިންސާފުން އެއްކިބާ ވެފައިވާކަމަށް ހިއުމަސް ރައިޓްސް ކޮމިޝަނުން ބުނޭ

ކިނބިދޫ އޮފިސްދޮށަށް އެއްވި މީހުން ފޮނުވާލުމަށް ހިންގި ހަރަކާތުގައި އަނިޔާ ލިބުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ: މިމީހުންނާމެދު އަމަލުކުރުމުގައި އަދުލް އިންސާފުން އެއްކިބާ ވެފައިވާކަމަށް ހިއުމަސް ރައިޓްސް ކޮމިޝަނުން ބުނޭ
ތ.ކިނބިދޫ އޮފީސް ދޮށަށް މިދިޔަ މާޗް މަހު އެއްވި ރައްޔިތުން ރޫޅާލުމުގައި ގަސްދުގައި ބައެއް މީހުންނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކިނބިދޫގައި މާރޗް 29 ވަނަ ދުވަހު ހިނގި ހަމަނުޖެހުން ދިރާސާކޮށް ހިއުމަންރައިޓްސް ކޮމިޝަނުން މިއަދު ނެރުނު 20 ޞަފްހާގެ ރިޕޯޓްގައި ބުނެފައި ވަނީ އަނިޔާކުރި މީހުން ކަނޑައެޅިގެން އެ ކޮމިޝަނަށް އެނގިފައި ނެތުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ނުފޮނުވި ކަމުގައި ވިއަސް މިކަމުގައި ޒިންމާވާ ފުލުހުންނަށް ހައްގު އަދަބު ދިނުމަށެވެ.
ކިނބިދޫ ރަށުއޮފީސް ދޮށަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްގެން މާލެގެނެސް އެތައް ދުވަހެއް ވަންދެން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކޮށްފައިވާއިރު, ހއ. އިހަވަންދޫ އޮފީސްދޮށަށް އެއްވެ އޮފީސް ބަންދުކޮށް ވެރިންގެ ވާޖިބުތަކަށް ހުރަސް އެޅި މީހުންގެ ތެރެއިން އެކަކުވެސް ބަންދުކޮށް ތަހުގީގު ކޮށްފައި ނުވުމުން ދޭހަވަނީ މިފަދަ ޣައިރު ގާނޫނީ އެއްވުންތަކުގައި ބައިވެރިވާ މީހުންނާމެދު އަމަލު ކުރުމުގައި އަދުލު އިންސާފުން އެއްކިބާ ވެފައިވުން ކަމުގައި ވެސް އެ ރިޕޯޓްގައި ބުނެފައި ވެ އެވެ.
ކިނބިދޫގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު, ރައްޔިތުންގެ ތެރެއިން ވެރިންގެ ވާޖިބުތަކަށް ހުރަސްއަޅާ އޮފީސްކުރިމަތީ އޮތް ޕާކަށް އެއްވިމީހުން އެދެމުން ދިޔަ ކަންތައްތައް ސުލްހަވެރިކަމާ އެކު ހައްލުކޮށް ދިނުމަށް ރަށުއޮފީހުންނާއި އަތޮޅު އޮފީހުންވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައި ނުވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ހަރުކަށިކަމާއެކު އެއްވުން ރޫޅާލުމުގެ ކުރިން ރައްޔިތުންގެ ތެރެއިން އެއްވި މީހުން ބޭނުންވި ކަންތައްތަކަކީ ކޮބާތޯ ބަލާ އެމީހުންނާ ވާހަކަދައްކައިގެން ސުލްހަވެރި ހައްލަކަށް އައުމުގެ ފުރުޞަތު އޮތްކަމަށާއި, ރައްޔިތުން ރަށު އޮފީސް ދޮށަށް އެއްވެ ވެރިންގެ ވާޖިބުތަކަށް ހުރަސް އަޅާފައި ވަނީ އެއްވެސް ހާލެއްގައި ސަރުކާރާ ދެކޮޅަށް ނުކުމެ ހަމަނުޖެހުންތަކެއް އުފެއްދުމުގެ ބޭނުމުގައި ނޫންކަމަށް އެރިޕޯޓްގައި ބުނެފައި ވެއެވެ.
އެއްވެ ތިބި މީހުން އެތަނުން ފޮނުވާލުމުގައި ފުލުހުން ކަންތައް ކޮށްފައި ވަނީ އެފަދަ އެއްވުމެއް ރޫޅާލުމުގައި އަމަލުކޮށްގެން ނުވާނޭ ފަދަ ކެތްތެރިކަން ކުޑަގޮތެއްގައި ކަން އެރިޕޯޓުގައި ބުނެފައި ވާއިރު މިފަދަ އެއްވުންތައް ރޫޅާލުމުގެތެރޭގައި ފުލުހުންގެ ތެރެއިން އާއްމުންނަށް ގަސްދުގައި އަނިޔާކުރާ މީހުން ފާހަގަކޮށް އެފަދަ ފުލުހުންނަށް ހައްގު އަދަބު ދިނުމަށް ވެސް ގޮވާލާފައި ވެ އެވެ. މިފަދަ މީހުން އިތުރުވާނަމަ ފުލުހުންގެ ޚިދުމަތުން އެމީހުން ބޭރުކުރުމަށް ވެސް ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ފާހަގަ ކޮށްފައި ވެ އެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓްގައި ބުނެފައި ވަނީ ކިނބިދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޮފީސް ކައިރީގައި އޮތް ޕާކަށް 28, އަދި 29 މާޗްގައި ތިބީ ރައްޔިތުންގެ ނަމުގައި ނަގާ, ބަދަލުދީފައިވާ ބިމެއް ވަކިބަޔަކަށް ދިން ކަމަށް އަޑުއިވޭތީއާއި އިޖްތިމާއީ މަރުކަޒު ހެދުމަށް ދީފައިވާ ބައެއް ސާމާނު ވެރިން ބޭނުން ކުރުމާއި ގުދަނުގައި ހުރި ސާމާނުތައް ހަލާކުވަމުން ދާތީ ކަމަށެވެ. އިޖްތިމާއީ މަރުކަޒު ހަދަން ނަގާފައިވާ ބިމަށް ބަދަލުދީފައި ވަނީވެސް ރައްޔިތުންގެ ފައިސާއާ ތަކެތިންކަން އެރަށު އޮފީހުގެ ތަކެތިންކަށް ލިޔެކިއުންތަކުން އެނގެން އެބައޮތް ކަމަށް ވެސް ބުނެފައި ވެ އެވެ.
މިއަދު ނެރުނު ރިޕޯޓްގައި ފުލުހުން ކިނބިދޫ މީހުންނަށް އަނިޔާ ކޮށްފައިވާކަމަށް ބުނެފައިވާ މައްސަލާގައި ފުލުހުން ބުނީ އެރަށުގައި ހިނގި ކަންތައްތަކަކީ ވީޑިއޯ ކޮށްފައިވާ ކަމަކަށް ވާތީ ވީޑިއޯ ބަލާލުމުން ކަމުގެ ހަގީގަތް އެނގޭނެ ކަމަށެވެ.