ގިނައީ ހަމަ ކުރީގެވެސް މޫނުތަކެވެ.

މުހައްމަދު ޝަނޫން ޖުލައި 13، 09:41 1 ޚިޔާލު

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ވާހަކަ މިދުވަސްވަރު ވަނީ ގަދަވެފައެވެ. ކުރިއްސުރެ ދައްކަމުން އައި ވާހަކަ ހަގީގަތަކަށްވެ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އެސޯސިއޭޝަނެއް އިންތިހާބު ބާއްވާ އިންތިހާބީ މަޤާމުތަކެއްގެ ގޮތުގައި އެސޯސިއޭޝަންތައް ހަރަކާތްތެރިވާން ފަށާނެ އެވެ. 7 އެސޯސިއޭޝަނެއްގެ އިންތިހާބު ބާއްވާފައިވާއިރު 4 އެސޯސިއޭޝަނަކުން ދަނީ އިންތިހާބަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ. މިހާތަނަށް ބޭއްވިފައިވާ އިންތިހާބުތަކުގައި ފެނިގެން ގޮސްފައިވަނީ ކުރީގެ މޫނުތަކެވެ. 7 އެސޯސިއޭޝަންގެ ތެރެއިން ކުރިން ހިންގަން ތިބި ފަރާތްތަކަށް ނާކާމިޔާބު ވެގެން ދިޔައީ އެންމެ އެސޯސިއޭޝަނެއްގައެވެ. އެހެން އެސޯސިއޭޝަންތަކުގައި ކުރިންވެސް ނުފޫޒުގަދަ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެގޮތަށް އެކަން ނުވެ ދިޔައީ ހަމަ އެކަނި ޓެނިހުގައެވެ.

ސޮފްޓް ޓެނިސް އެސޯސިއޭޝަން ދާދިފަހުން އުވާލުމާއެކު މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެސޯސިއޭޝަންތަކުގެ އަދަދު 21ށް ވަނީ ތިރިވެފައެވެ. މިނިސްޓްރީން ބުނާ ގޮތުގައި އޭގެ ތެރެއިން އިންތިހާބު ބާއްވަން ޖެހެނީ 11 އެސޯސިއޭޝަނެއްގައެވެ. އެއީ ސިފައިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ޝޫޓިން އެސޯސިއޭޝަނަކީ މިހާރުވެސް ކޮންމެ އަހަރަކު އިންތިހާބު ބާއްވަމުން އަންނަ އެސޯސިއޭޝަނަކަށްވާތީ މިދަނޑިވަޅުގައި އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް ދެން އޮތީ 4 އެސޯސިއޭޝަނެއްގެ އިންތިހާބެވެ.

މިހާތަނަށް އިންތިހާބު ބޭއްވި އެސޯސިއޭޝަންތަކާއި އަދި ކުރިއަށް ހުރި އިންތިހާބުތަކަށް ބަލާއިރުވެސް ގިނަ އެސޯސިއޭޝަންތަކަށް މާބޮޑު ބަދަލެއް ނާންނާނެއެވެ. އިންތިހާބު ބޭއްވިއިރު އެއްވެސް އެސޯސިއޭޝަނެއްގެ ހުރިހާ މަޤާމަކު މީހުންނެއް ނެތެވެ. އެހެންކަމުން އެ ޖާގަ ތަކަށް އާ ބަޔަކު ވަނީ އައިސްފައެވެ. އެހެން ނަމަވެސް ނުފޫޒުގަދަ މަޤާMުތަކުގައި ކުރިންވެސް އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ފަރާތްތައް އަދިވެސް އެ މަޤާމުތަކުގައި ތިއްބަވާނެ އެވެ. ބައެއް އެސޯސިއޭޝަންތަކުން އެންމެ އިސްމަޤާމަށް ސަރުކާރުގެ ނުފޫޒުގަދަ ބައެއް ބޭފުޅުން ވަނީ ހޮވާފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕްރެޒިޑެންޓްކަމުގެ މަޤާމުގައި ނުފޫޒުގަދަ ފަރާތެއް ބެހެއްޓުމުގެ ބޭނުމަކީ ކަންތައްތައް ކުރަން ފަސޭހަ ކުރުމެވެ. އެމީހުންގެ ފަރާތުން އެންމެ ފުރިހަމަ ވަގުތު އެސޯސިއޭޝަނަށް ނުދެވުނު ނަމަވެސް އެމީހުންގެ ފަރާތުން ފައިދާތަކެއް ކުރާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.

އެސޯސިއޭޝަންތައް ހިންގަމުން ދިޔައިރު ދުރުގައި ތިބެގެން އެކަމަށް ފާޑުކީ ބަޔަކު ތިއްބެވެ. ހުރިހާ ކުޅިވަރެއްގައިހެން މިކަން ފެންނަން އޮތެވެ. އެހެން ނަމަވެސް އިންތިހާބަކާ ހަމައަށް އައިއިރު އެފަރާތްތައް ފެންނާކަށް ނެތެވެ. އެސޯސިއޭޝަން ކުރިން ހިނގަމުން އައި ގޮތަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔުމަށްފަހު ޕްރެޒިޑެންޓްކަމަށް ކުރިމަތިލީ އެތްލެޓިކްސްއިން މުހައްމަދު ހާނިމެވެ. ނަމަވެސް އުމުރުން ދުވަސްވެ އަދި އެސޯސިއޭޝަން ހިންގުމުގައިވެސް ޕެންޝަނާ ހަމައަށް ގޮސްފައިވާ އަލިބެގެ ކުރިމަތީގައި ހާނިމަށް ގަދައެއް ނުހޯދުނެވެ. މިކަމުން އެނގިގެން ދިޔަ އެންމެ ބޮޑު އެއްޗަކީ ރިސްކެއް ނަގަން ގިނަ ކްލަބްތަކުން ބޭނުން ނުވާ ކަމެވެ.

އަނެއް ކަމަކީ ދުރުގައި ތިބެގެން ހަޅޭއް ލެވި ނަމަވެސް ކަމަކާ ޖެހުމުން އެކަމާ ކުރިމަތިލާން ގިނަ މީހުން ބޭނުން ނުވާ ކަމެވެ. މިއީ ދިވެހިންގެ ތެރެއިންވަރަށް ގިނައިން ފެންނަ ކަމެކެވެ.

އެސޯސިއޭޝަންތައް އިންތިހާބު ވެގެން ކުރިއަށް 4 އަހަރު ދުވަހު ހިނގާއިރުވެސް މިހާރު މިހިނގާ ގޮތަށް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބުތަކެއްވެސް އެބަހުއްޓެވެ. 4 އަހަރު ފަހުން ކުރިމަތިލާއިރުވެސް އެމީހުންނަށް މަޤާމުތަކުގައި ދެމިތިބެވޭނެ ކަމުގެ ޔަޤީންކަން ބޮޑުވުމެވެ. މިހާރު ތިބި ބައެއް މީހުންނަކީ ވަގުތު ނުދެވޭ މީހުން ކަމަށް ބުނިއިރު އެމީހުން އިންތިހާބު ވުމުންވެސް ވަކި އިތުރަށް ވަގުތު ދެވޭނެ ކަމަށް ޤަބޫލު ނުކުރެވުމެވެ. މަޤާމުތަކުގައި ތިބޭ މީހުންނަށް މާބޮޑު އެލަވަންސެއް ނެތުމާއި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔުމުގެ ސަބަބުން މަޤާމުތަކަށް އައުމަށް ގިނަބައެއްގެ ޝައުޤުވެރިކަން ނެތުމުން ވާދަވެރިކަމެއް ނެތެވެ.

ފެންނަމުންދާ އަޑުތަކާއި މަންޒަރުތަކަށް ބަލާއިރު ފުޓްބޯޅަ އާއި ވޮލީގެ އިންތިހާބު ވެގެން ދާނީ ވަރަށް ވާދަވެރި ދެ އިންތިހާބަށެވެ. ހާއްސަ ގޮތެއްގައި ޕްރެޒިޑެންޓްގެ މަޤާމަށް ނުފޫޒުގަދަ ބޭފުޅުންތަކެއް ދެ އެސޯސިއޭޝަންގައިވެސް ކުރިމަތިލާނެކަމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. އެހެންކަމުން އެސޯސިއޭޝަންތަކުގެ އިންތިހާބުގެ އެންމެ ފުރިހަމަ ވާދަވެރިކަން ފެންނާނީ މި ދެ އިންތިހާބުގައިކަމަށް ބުނާ މީހުން މަދެއް ނޫނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. މައުމޫނަށް ހަޑިހުތުރުބަހުން ފާޅުކުރާ ހިޔާލެއް ޖަހަން ހާދަހާ ވަރެއްހުރެޔޭ

    ހޮނިހިރު، ޖުލައި 26 2008، 15:31
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv