
ހަރަދު ކުޑަ މިނިވަންދުވަހެއް ފާހަގަކުރުން
މިނިވަން ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ގައުމާ މެދު ވިސްނާ ފުކުރު ހިންގުމަށް އަންނަ އެންމެ މުހިންމު ދުވަހަކީ މިނިވަން ދުވަހެވެ. އަޅުވެތި ކަމުން ސަލާމަތްވީ ގޮތާއި, އެކަމުގައި ދިމާވި ދަތިތަކާއި, މިނިވަންކަން ގެއްލުނު ފަހަރުތަކުގައި އެކަންކަން ވީގޮތާ މެދު ފިކުރު ހިންގުމަށް އޮތް އެންމެ މުނާސަބު ސާއަތަކީވެސް ދުވަހެވެ. އެހެން ކަމުން މިނިވަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ތަފާތު ކުޅިވަރުތަކާއި ޝޯވް ތަކާއި ހަރަކާތްތައް މިރާއްޖޭގައިވެސް ވަނީ ހިންގާފަ އެވެ.
ނަމަވެސް ބޯމަތިވަމުން މިއަންނަ މިނިވަން ދުވަސްތޯ އެވެ؟ އެއީ އިހު ފާހަގަ ކުރިގޮތަށް ފާހަކުރުން އެންމެ ރަނގަޅު ދުވަހަކަށް ނުވެދާނެ ދުވަހެކެވެ. ދަންނަވަން މިއުޅެނީ މީގެ ކުރިން މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގި ބައެއް ހަރަކާތްތައް މިއަހަރު ނުހިންގުމަކީ މުހިންމު ކަމެއްކަމެވެ. އެކަން ވިސްނި އެންމެ ފުރަތަމަ އެޅުއްވު އެއް ފިޔަވަޅަކީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ކެންސަލް ކުރެއްވުމެވެ. ބޭނުންވީ ޚަރަދު ކުޑަކުރައްވާށެވެ. ބައްދަލުކޮށްލެއްވުމަކީވެސް ޚަރަދުގެ ގޮތުން ބަލާނަމަ ކުޑަކަމެއް ނޫނެވެ. އެތައް ބަޔަކަށް ދައުވަތު ދެއްވައެވެ. ކެއުން ބުއިންވެސް އެކަމުގައި އޮވެއެވެ. އެއްގޮތުން ބުނާނަމަ އެއީ ރަސްމީ އެންމެ ބޮޑު އެއްބައްދަލުވުމެވެ. އެކަން މިވަނީ ކެންސަލް ކުރައްވާފަ އެވެ.
ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަހަރެންނަށް ފެންނަ ގޮތުގައި މިނިވަން ދުވަހުގެ ކުޅިވަރުތަކަކީވެސް ޚަރަދުގެ ގޮތުން ބަލާނަމަ ކުޑަކަމެއް ނޫނެވެ. އެތައް ޚަރަދެއް އެކަމަށް ހޭދަވެ އެވެ. އެތައް ބައެއްގެ ވަގުތު އެކަމަށް ހުސްކުރަންޖެހެ އެވެ. އެތައް ތައްޔާރީތަކެއް މިކަމުގައި ވާންޖެހެ އެވެ. މައްސަލައަކީ ފައިސާއެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތައް ތައްޔާރު ކުރުމަށް, އަމީނިއްޔާ, މަޖީދިއްޔާ, އެމްއީއެސް, ގޮލޮޅުމަދަރުސާ, ޣިޔާސުއްދީން, އިމާދުއްދީން ސްކޫލުން ތައްޔާރު ވަމުންދާއިރު އެކަމަކީ ކިހާވަރެއްގެ ޚަރަދެއް ހިނގާނެ ކަމެއްތޯ ވިސްނާލީމެވެ. އަމީނިއްޔާއިން ބުނީ އެ ސްކޫލުން ތައްޔާރުވަމުންދާ ޑާންސަށް 60 ހާހާއި 70 ހާހާ ދެމެދުގެ އަދަދެއްގެ ފައިސާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ޕްރައިމަރީ ތަންތަނުން 30 ނުވަތަ 40 ހާސް ޚަރަދުވުމަކީ ދުރުކަމެއް ނޫނެވެ. އެއްގޮތުން ބަލާނަމަ މިއީ އިސްރާފެކެވެ. އެންމެ ދުވަހަކަށް ކުރެވޭ ޚަރަދެކެވެ. މިޚަރަދު މިއަށްވުރެ ބޭނުން ތެރިގޮތަކަށް ކުރެވިދާނެ އެވެ. އިގްތިސާދީ އަޑިގަނޑަކަށް ގައުމު ވެއްޓިފައިވާއިރު ކުރިއަށް އޮތް ތަނުގައި ވެދާނެ ގޮތަކާމެދު ވިސްނާއިރު މިޚަރަދުތައް މަދުކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.
އަހަރެން މިބުނަނީ ޑާންސްކުރުން ހުއްޓާލާށެކޭ ނޫނެނެވެ. އެކަން ނުކުރާށެކޭ ނޫނެވެ. އެކަންވެސް ކުރަންވީ އެވެ. ނަމަވެސް ޚަރަދު ކުޑަގޮތަކަށެވެ. ގިނަ ފައިސާތަކެއް އެކަމަށް ނުދާނެ ފަދަ ގޮތަކަށެވެ. އެކަމުން އިގްތިސާދު ކުރެވިދާނެ ފަދަ ގޮތަކަށެވެ.
މިއަހަރުގެ މިނިވަން ދުވަހު އެންމެ މުހިންމު ރޯލެއް އަދާކުރެވިދާނެ އެއްބަޔަކީ ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ތަކެވެ. މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ހުއްޓާލިނަމަވެސް ފޫހިކަމެއް ނައިސް ރައްޔިތުންގެ ވިންދު ހޭލާނެ ފަދަ ގޮތަކަށް ޕްރޮގްރާމްތައް ބައްޓަން ކުރުން ވަރަށް މުހިންމެވެ. ހަމަ އެހެންމެ އާގާނޫނު އަސާސީއަކަށް ދިވެހިން މިސްރާބު ޖަހާއިރު މިނިވަންކަމުގެ އިން އޮތީ ކޮންގޮތަކަށް ކަމާއި އެކަމާ ގުޅެހޭލުންތެރިކަން އުފެއްދުމަކީވެސް މުހިންމު ކަމެކެވެ. މިއަހަރުގެ މިނިވަންދުވަހު ކުރަންވީ ކަމަކީ އެއީ އެވެ.
ޚަރަދު ކުޑަ މިނިވަން ދުވަހެއް ފާހަގަކުރުމަށް މާބޮޑެތި ޕްރެކްޓިސްތަކެއް ބޭނުމެއް ނުވާނެ އެވެ. މާބޮޑު ތައްޔާރީތަކެއް ވާކަށް ނުޖެހޭނެ އެވެ. ބޭނުންވަނީ ގިނަ ބަޔަކު ބައިވެރިވެގެން ކަންކަން ރޭވުމެވެ. ގައުމީ ރޫހުގައި މިނިވަންކަމުގައި ހިތްހަމަޖެހޭ ކަންތައްތަކެއް ކުރުމެވެ.
މިނިވަންދުވަހުގެ ފުޅަނދު ބުރަކީވެސް އެތައް ޚަރަދެއް ކުރެވޭ ކަމެކެވެ. ތަސައްވުރު ތަކެއްގެ މައްޗަށް ބިނާވެފައިވާ ފުޅަނދު ބުރު ނުބާއްވާ, އެކުންފުނިތަކާއި, އިދާރާތަކުން އެހެން ގޮތަކަށް މިނިވަން ދުވަސް ފާހަގަކުރުމަށް ރޭވުމަކީ މުހިންމު ކެމެކެވެ. މިނިވަން ދުވަހު ދަސްކުރަންވީ އެއްކަމަކީ ގައުމު ދެކެ ލޯބި ވުމެވެ. މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނަމަ ގެއްލޭނީ ގައުމީ ލޯބަށް އެގައުމުން ދޭން ޖެހޭ ޖާގަ ނުދެވުމުން ނެވެ. މާނައަކީ ގައުމާ މެދު އިހްމާލު ވެއްޖެނަމަ ކުރަންޖެހޭ ކަންތައްތަކަށް ފަރުވާ ކުޑަވެއްޖަނަމަ މިނިވަންކަން ގެއްލުމަކީ ދިރުކަމެއް ނޫނެވެ.
މިއަހަރުގެ މިނިވަންދުވަހަކީ ހުރިހާ ގޮތަކުންވެސް މުހިންމު ދަނޑިވަޅެއްގައި އަންނަ މިނިވަން ދުވަހެވެ. އާގާނޫނު އަސާސީއެއް އުފައްދާ އެންމެ ބޮޑު މިނިވަންކަމެއް ގާނޫނީ ގޮތުން ލިބި, އެއުފާވެރި ދަނޑިވަޅު އަންނާނެ މިނިވަން ދުވަހެވެ. ނަމަވެސް މިއަހަރު އެދުވަސް ފާހަގަ ކުރަންޖެހޭނީ އެންމެ ޚަރަދު ކުޑަ މިނިވަން ދުވަހުގެ ގޮތުގަ އެވެ.
-
އަންގާރަ، ޖުލައި 8 2008، 17:34
ޑާންސްކުރަން އެއްވެސް ވިސްނުމަކާނުލައި ގޮވާލީ ދޯ! އަޖައިބު ހައިރާން. މިހާ ގިނަ ކަންކަން ދިވެހިންނަށް ދިމާވާއިރުވެސް ވިސްނާލައި، ޢިބްރަތް ޙާޞިލްކޮށް، ﷲ ގެ މަގަށް ރުޖޫޢަވުމުގެ ބަދަލުގައި އަދިވެސް ހަރުއަޑުން ލަދެއް ހަޔާތެއްނެތި ހިތްވަރުދީ ގޮވާލަނީ މުންކަރާތްތަކަށް. ހިތާމަހުރި!