ޓީޗަރުންނަށް އިހްމާލުވީ ކޮންފަރާތެއް؟

އަންވަރު އިބްރާހިމް ޖޫން 30، 11:28 7 ޚިޔާލު

ނޫސްވެރިންގެ ބައްދަލުވުމަކުން އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރާ ބައްދަލުވި ފުރަތަމަ ފަހަރު އަހަރެން ސުވާލު ކުރީމެވެ.

” މިކަމުގައި (ޓީޗަރުންގެ ކަންތަކުގައި) މިނިސްޓްރީން އިހްމާލުވެފައި ވާކަމަށް ގަބޫލުފުޅު ކުރައްވަމުތޯ އެވެ؟“

”އަޅުގަނޑު މިކަމުގައި އިހްމާލު ވެއްޖެކަމަށް ދަންނަވަން ދަތި. މަސައްކަތް ވީހާވެސް ބާރުމިނެއްގައި ގެންދިޔަކަން ދަންނަވާލަން ޓީޗަރުންގެ ހައްގުގައި.“ މިއީ ޒާހިޔާގެ ޖަވާބެއެވެ. އަޅުގަނޑުގެ ސުވާލަކީ މިނިސްޓްރީން އިހްމާލު ނުވޭތޯއެވެ؟ އެސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ. އެސުވާލު އަމާޒުކުރީކީ މިނިސްޓްރުގެ އިހްމާލު އޮތްތޯ ބަލާކަށް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ޓީޗަރުން ނަށެވެ.

ހަމަ އެބައްދަލުވުމުގައި ޓީޗަރުންގެ އޮނިގަނޑަށް ފައިސާ ހޯދުމަށް ތަންކޮޅެއް ކުރިން ހުށަހެޅިނަމަ އެފައިސާ ލިބުނީސްތޯ ދެންނެވުމުން ގާސިމްވެސް އެސުވާލަކަށް ޖަވާބެއް ނުދެއްވި އެވެ. މައްސަލައަކީ މިއެވެ. ހަގީގަތް ހާމަކުރަން ބޭނުންފުޅު ނުވުމެވެ. ނުވަތަ ކަންކަން ސިއްރުކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. ފައިސާ ހޯދަން ކުރިން ހުށަހެޅުއްވިނަމަ ބަޖެޓް ލިބުނީސްތޯ ނުވަތަ ނޫންތޯ ވިދާޅުވިނަމަ އިހްމާލުވީ ފަރާތް ސީދާ އެނގުނީހެވެ.

ޓީޗަރުންގެ އޮނިގަނޑުގެ ވާހަކަ 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ދައްކާފައި ވެއެވެ. އޭގެ ފަހުން ހަ އަހަރު ވީ އެވެ. އަދިވެސް މިއުޅެނީ އޮނިގަނޑުން ސަލާމަތް ނުވެގެން ނެވެ. ”މިފަހަރަކީ އަހަރެމެންގެ ފަހަރޭ“ ބުނެ ޓީޗަރުން ވަޒީފާއަށް ނުނިކުތުމަށް ނިންމިއިރު މިނިސްޓަރުވެސް އަދި މިނިސްޓްރީގެ ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމެއް އޮތްކަން ޒާހިޔާ ވިދާޅުވި އެވެ.

” އަޅުގަނޑުވެސް އަދި މިނިސްޓްރީގެ ބޭފުޅުންވެސް ގަބޫލުކުރަނީ އެބޭފުޅުން (ޓީޗަރުން) އެދިވަޑައިގަންނަވާ ކަންތައްތަކަކީ ލިބިދޭންޖެހޭ ހައްގެއްކަމަށް.“ މި ބަސްފުޅުން އެކަނިވެސް ޓީޗަރުންގެ ހައްގުތަކެއް ނިގުޅައިގެންފައިވާކަން ސާބިތު ވެއެވެ. ނަމަވެސް އެކަމަނާ މިކަމުގައި އިހްމާލު ވެވަޑައިގެންނެވުނުކަމަށް އެއްބަސްވެ ވަޑައެއްނުގަތެވެ.

ކުދިންގެ ހައްގުތަކާމެދު އިހްމާލުވެ ވަޑައިނުގެންނަވާށޭ ވިދާޅުވެ ޓީޗަރުންނަށް އިލްތިމާސްކުރައްވާއިރު ޓީޗަރުންގެ ހައްގުތަކަށް އިހްމާލުވެ ވަޑައިނުގަތުމަށް މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް ދަންނަވާނެ ފަރާތެއް މިއަދަކު ނެތެވެ. ހުރިހާވެސް މަސްސަލައެއް ފެންމަތިވާން ޖެހުނީ މިސަބަބާ ހެދިއެވެ.

ޓީޗަރުންގެ އޮނިގަނޑަށް އަމަލުކުރުމަށް ބޭނުންވާ 196 މިލިއަން ރުފިޔާ ބަޖެޓުން ލިބެން ނެތުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގާސިމް ވިދާޅުވި ވާހަކައިން ޝަކުވާގެ އެތައް ބާގަނޑުތަކެއް ވަނީ އުފެދިފަ އެވެ.

އެންމެ ފުރަތަމަ ކަމަކީ ފައިސާގެ އަދަދު ބޮޑުވުމެވެ. އެހެންވީމާ ބަޖެޓުން އެވަރަށް ފައިސާ ދެވެން ނެތުމެވެ. ސުވާލަކީ ފައިސާގެ އަދަދު ބޮޑުވީ މީހަކަށް ދޭންޖެހޭ ނިސްބަތް ބޮޑުވެގެންތޯ އެވެ؟ މީހަކަށް 30 ހާސް, ނުވަތަ 20 ހާސް އަރަނީ ތޯއެވެ؟ އެގޮތަށް މީހަކަށް ދޭންޖެހޭ އަދަދު ބޮޑުވިނަމަ މައްސަލައެއް ނެތެވެ.

ދެން އޮތީ ޓީޗަރުންގެ އަދަދު ގިނަވުމެވެ. ފައިސާގެ އަދަދު މަތިވެގެން އެއުޅެނީ އެކަމާ ހެދިއެވެ. ސުވާލަކީ އެއީ ޓީޗަރުން ޒިންމާވާން ޖެހޭ ކަމެއްތޯވެ؟ ކޮންމެ ރަށެއްގައި ސްކޫލުތައް އަޅާ, ހުރިހާ ކުދިންނަށް ކިޔެވޭނެ ގޮތް ހެދީ ސަރުކާރުން ނެވެ. އެއީ ޓީޗަރުން ޒިންމާވާންޖެހޭ ކަމެއް ނޫނެވެ.

ދެންއޮތީ މަދު ބައެއްގެ ހައްގުތަކަށް އެތައް ހާސް ރުފިޔާއެއް ޚަރަދު ކުރެވޭއިރު ގިނަ ބައެއްގެ ހައްގުތައް ރައްކާތެރި ކުރުމަށް ބަޖެޓްވިޔަސް, އަދި ސިޔާސަތު ވިޔަސް ހުރަސް އެޅިގެން ދިއުމެވެ. ގާސިމް ވިދާޅުވީ މަޖިލިސްގެ މެމްބަރުންގެ އަދަދު މަދުކަމަށެވެ. ތައުލީމީ ދާއިރާގެ މީހުންގެ އަދަދު ގިނަކަމަށެވެ. ގިނަ ބައެއްގެ ހައްގުތައް ވީމާ ހޯދާ ދެވެން ނެތީތޯއެވެ؟ ކޮންމެ ބޭފުޅަކުވެސް ޓީޗަރުން ޝަކުވާ ކުރަން ހައްގޭ, ރަނގަޅޭ ބުންޏަސް, ފަރުޖެއްސޭކަށް ނެތެވެ.

ސަރުކާރުގެ ސިޔާސަތަކީ ޓީޗާރުންގެ މަސައްކަތުގެ އަގުވަޒަންކޮށް, ޓީޗަރުންނަށް ދެވޭ އެންމެ ރަނގަޅު އުޖޫރައެއް ދިނުން ކަމަށް މިނިސްޓަރު ޒާހިޔާ ދާދިފަހުން މަޖިލީހުގައި ހާމަކުރައްވާފައި ވާއިރު އެސިޔާސަތު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮންޖެހުންތަކެއް ދިމާވީ ކީއްވެ ހެއްޔެވެ؟ މިކަމުގައި އިހްމާލުވީ ކޮންފަރާތެއް ހެއްޔެވެ؟ މައްސަލައަކީ އިހްމާލުވީ ފަރާތެއް ނެތުވެ. ޓީޗަރުންގެ ހައްގުތައް ނުލިބޭކަމާއި ޝަކުވާ ކުރަން ހައްގުކަން ބުނަން ކެރުމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ތިޔަ ނޫސްކޮންފަރެސްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ގާސިމް އިބްރާހީމް ވިދާޅުވި، ރައްޔިތުންގެ މަޖްލީހުގެ މުސާރަބޮޑުކުރީ އެއީ ޤައުމުގެ ތިންބާރުންކުރެ އެންމެ ވަރުގަދަ ބާރުކަމަށްވެފައި، އެތަނުގައި އުޅުއްވާ މީހުންގެ އަދަދު ނިސްބަތުން މަދުވީމައެވެ. އަޅުގަނޑުގެ ސުވާލަކީ މަޖްލިސްގެ މެމްބަރުންގެ މުސާރަ 62000.00 ރުފިޔާއަށްވުރެ ބޮޑުކުރެއްވިއިރު، ޤައުމުގެ ތިންބާރު އޮތީ ވަކިކޮށްފަތޯއެވެ. އަދި އެދާއިރާގެ މީހުންނަށް އިންޝޫރަންސާއި އެހެނިހެން އިނާޔަތްތައް ދެއްވާއިރު ސަރުކާރުގެ ނިކަތެމި އާދައިގެ މުވައްޒަފުން ބަލިވެސް ނުވާނެތޯއެވެ. އަބަދު ޤާސިމްގެ އަރިހަށް ސަލާންޖެހުމަށް ނިކަމެތި ރައްޔިތުން ފޮނުވުމުގެ މަޤްޞަދުގައިތޯ އެފަދަކަންތައްވެސް ހަމަޖައްސަވައި ނުދެއްވާގެން ތިއުޅުއްވަނީ، އެކަންވެސް ހަމަޖެހޭނީ މަޖްލީހަށް ހުށަހަޅައިގެންތޯއެވެ. ޤާސިމުގެ ޤާބިލުކަން ނެތިއްޖިއްޔާ އިސްތިއުފާ ދޭންވީނޫންތޯއެވެ. ކީއްވެތޯ ފަސްޖެހިވަޑައިގަންނަވަނީ. ނީނާ

    ހޯމަ، ޖޫން 30 2008، 12:06
  2. ކޮބާތޯ ކަޅު 12، 13 ގައި ގާސިމް އިބްރާހީމް ދިވެހިރައްޔިތުންނާއި މުޚާޠަބްކޮށް، ވިދާޅުވި ބަސްފުޅު، އަޅުގަނޑު ވަރަށް ކައިރިން އަޑުއެހީމެވެ. ތިމަންނާމެންގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަކަށް 2000 ޑޮލަރު މަހަކު ދޭނެމޭ. ހަޤީޤަތުގައި ރައީސް މައުމޫން ޤާސިމުގެ އެވިދާޅުވި ބަސްފުޅަށް ގާސިމް އިމްތިހާންކުރެއްވުމަށްޓަކައި ރާއްޖޭގެ މާލީވަޒީރުކަން ޙަވާލުކުރެއްވީވެސް. އެންމެ ފަހުން ތިޔަ ވިދާޅުވީ ފައިސާއެއްނެތޭ. ނަމަވެސް ހޯދާނަމޭ. ކޮބާ ބޮލަކަށް ލިބޭ ޑޮލަރުތައް. އަބަދުވެސް ތިޔަ ވާހަކަފުޅު ދައްކަވަނީ ރައްޔިތުން އޮޅުވާލުމުގެ ގޮތުންނެވެ. ކިހިނެއް ތިޔަވަރުން ވެރިކަން ކުރާނީ. ހިތާމަހުރި، ހިކިހިނެއް ޤައުމަށް އާމްދަނީ ލިބޭނީ ދާދިފަހުން ޤާސިމް ރާއްޖެއިންބޭރުން ގެނައި ކާރުވެސް ސެކަންޑްހޭޑް އެއްޗެއްގެ ގޮތުގައި ކަސްޓަމްސްއަށް ކުޑަޑިއުޓީއެއް ދައްކާ ނެރެންޖެހުނީ، ކުރީގައި ސިމިންތިން އެވަރުކުރި ކިހިނެއް އާމްދަނީ ވަންނަނާނީ. އަވަހަށް އިސްތިއުފާދެއްވާ (މަމީ)

    ހޯމަ، ޖޫން 30 2008، 12:10
  3. މިއީ ދެން ކިހާވަރުގަދަ ސަރުކާރެއްތަ؟ ބޭނުންގޮތަކަށް ނުވަތަ ހިތުހުރިގޮތަކަށް މީހުނަނާދޭތެރޭ ކަންތައްކުރަނީ؟ބޮޑުންނަށް ބޮޑުގޮތް ނިކަމެތިންނަށް ނިކަމެތިގޮތް؟ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މިއަހަރުގެ ބަޖަޓުގެ ހިމެނައިގެންތޯ؟ ކޭވަރު އެންގޭނީ ބިތުފަންގިނެގީމާ؟ ޓީޗަރުންނަށް ދަންނަވަންއޮތީ ތިގޮތަށް ހިފަހައްޓާށޭ؟ ހިތްވަރުކުރާށޭ؟ މިހާރު ދޯ ޓީޗަރުންނަށް މުސާރަ ބޮޑުކުރަންވީމަދޯ ޤައުމުގެ ކިޔަވާ ކުދިންގެ މުސްތަޤުބަލުމަތިން އެޑިއުކޭޝަން މިނިސްޓަރު ހަނދާންވީވެސް؟ ސާބަސް ބޮޑުންނޭ؟ -ހަސް-

    ހޯމަ، ޖޫން 30 2008، 12:32
  4. ައަންވަރު ދެން ތީ ކިހާ ބޮޑުކަމެއް. ކަލޭމެން ހަމަ ގައުމު އިދަޖައްސާލަންށޭ ތިމަސައްކަތްކުރަނީ. ރާއްޖޭގެ އިގްތިޞާދީ ފުދުންތެރިކަން ހުރި މިންވަރަކުންނެއްނޫންތޯ ތިބޭފުޅުންގެ މުސާރަފުޅު ބޮޑުކުރެއްވޭނީ. ތިބޭފުޅުންނަށް މަހަކު 2 މިލިއަން ރުފިޔާވެސް ހަމަ ރަގަޅު . އެވަރުންވެސް ތިބޭފުޅުންނަށް ހަމަޖެހޭނެބާ ؟

    ހޯމަ، ޖޫން 30 2008، 12:39
  5. އެޑްވައިޒަރުންނަކީ ކުރިންވެސް ކައިރީގައި އުޅެ ލަނޑުދީ ހަދާފަ ތިބިމީހުންނެވެ. އެމީހުން މިހާރު ބުނާއެއްޗެއް ފަހުން ބުނިކަމަކށްވެސް ނުހަދާނެއެވެ. މަނިކުފާނުވެސް މީހުންގެ ކުރިމަތީގައި ނިކަމެތިވެ ތިޔަގަންނަނީ މާބޮޑަކަށް ވިއްޔާއެެވެ. ދެންއަވަހަށް ދެން ތިބިމީހުންގެ މުސާރަބޮޑުކުރި ކަމުގެ އުފާވެރި ޚަބަރުދެއްވަން އުޅޭށެެވެ. ދަވާނެތް ބަލިޖެހޭދުވަހުން ނުވާނެ އެހީއެއް ތިމާގެ ތިބޭ ނުބައި އަޚްވާނުން = ރަހްމާނު =

    ބުރާސްފަތި، ޖުލައި 17 2008، 21:09
  6. އަންވަރުގެ މިލިޔުމަށް ވަރަށް ދާއީދުކުރަން. ރާއްޖޭގެ އާބާދީ ގިނަވެ، ކިޔަވާއުމުރެ ކުދިން ގިނަވާން ޖެހުމަކީ ޓީޗަރުން ގެ މައްސަލައެއް ނޫން. އަދި ހަމަ މިއާއެކު ފާހަގަ ކޮންލަންޖެހޭ ކަމަކީ މިިއޮއް ހުރިހާ ދުވަހު ޕްރޮމޯސަން ދިނީ މިނިސްޓްރީން ބޭނުންވި ބައެކަށޭ، މިކަމާ މާޔޫސް ވެގެން އެއްޗެއް ބުނާކޮންމެ ފަހަރަކު ލިބޭ ޖަވާބަކީ އޮނިގަޑު ފާސްވީމަ ރަގަޅު ވާނެއޭ. ކޮންއިރަކުން ހޭމިފާސް ވަނީ؟ މިއައް އަމަލު ކުރަން ކުރަން ފަށްނީ ކޮންއިރަކުންހޭ؟ މިއައް ޖަވާބު ދެވޭނީ ކޮންއިރަކުން ބާ؟ ޑޮކްޓަރުންގެ މުސާރަވެސް ބޮޑުވެގެން ދިޔަައީ، ބަޖެޓްގަ ފައިސާހުރި. މިހާރު ފައިސާއެއްނެތް. ކީއްކުރާނީ...

    ހޯމަ، ޖޫން 30 2008، 13:42
  7. އަންވަރުމެން ތިކުރާ ހިތްވަރަށް ހަމަސާބަސް.. ޤައުމީ ފުޓްބޯޅަ ތީމުގެ މެމްބަރުންނަށް އެތައް ގިނަގުނަ ފައިސާތަކެއް ސަރުކާރުން ދީ، ތަށި ރަށްރަށައް ގެންދިއުމަށް ބޭކާރު ޚަރަދު ކުރާނެ ފައިސާ ބަޖެޓްން ލިބިދެވޭ. އެހެނަސް ގައުމު ބިނާކުރާ ފަރާތްތަކަށް ދޭނެ ފައިސާއެއް ބަޖެޓުން ނުލިބޭ.. މިއީ ހައިރާންވެ އަންތަރީސް ވާވަރު ކަމެއް. އަހުމަދު

    ހޯމަ، ޖޫން 30 2008، 11:46
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv