ގައުމީ ބަތަލުންގެ ޓީމަށް ލިބުނު ރީތިނަން ދެމެހެއްޓުން

އަންވަރު އިބްރާހިމް ޖޫން 25، 12:40 0 ޚިޔާލު

ގައުމީ ޓީމް މާލެއައިތާ ދެވަނައަށްވީ ދުވަހެވެ. އެޓީމްގެ މަޝްހޫރު ކުޅުންތެރިއަކު, ޣާޒީ ބިލްޑިންގް ކުރިމަތިން ސައިކަލްގައި ދެއެވެ. އޭނާއަށް ދެވުނީ މޯބައިލް ފޯނުން ވާހަކަ ދައްކަމުން ނެވެ. އެމަންޒަރު ބަލަން އެތައް ބަޔަކު ތިއްބެވެ. އަހަރެން ހިތަށް އެރިއެވެ. ފުލުހުންގެ މީހަކު ނެތްކަން ނަސީބެކެވެ. ފޯނުން ވާހަކަ ދައްކަމުން ސައިކަލް ދުއްވުމަކީ މަނާކަމެއް ކަމަށް ވާއިރު އެކުޅުންތެރިޔާގެ އެއަމަލުން އެތައް މެސެޖެއް އެދުވަހު އެތައް ބަޔަކަށް ލިބޭނެ އެވެ. މިއީ ވިސްނާލަން ޖެހޭނެ ކަމެވެ.

ފަހަރެއްގައިވެސް ބުނެދެން މިއުޅެނީ އެކުޅުންތެރިންގެ ގޯސްވާހަކަ އެއްނޫނެވެ. އެކުޅުންތެރިން ގޯސްކަންތައްތަކެއް ކުރި ވާހަކައެއްވެސް ނޫނެވެ. އެހެންނަމަވެސް އެކުޅުންތެރިން ވިސްނާލަންޖެހޭ ވާހަކަތަކެކެވެ. ސަބަބުތައްވެސް އެބަހުއްޓެވެ.

އެއްސަބަބަކީ މިއަދު ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއަކީ ގައުމީ ބަތަލެއްގެ ދަރަޖަ ދެވިފައިވާ ކުޅުންތެރިއަކަށް ވުމެވެ. ދެވަނަ ސަބަބަކީ ދިވެހިން ވަރަށް މަތީ ދަރަޖައަކަށް ކުޅުންތެރިން ބަލައިގެންފައި ވާކަމެވެ. ތިންވަނަ ސަބަބަކީ ދިވެހިންގެ އިތުރު އުންމީދުތައްވެސް ކުޅުންތެރިންނާ ގުޅިލާމެހިފައިވާ ކަމެވެ.

މިސަބަބުތަކަށްޓަކާ ސާފްޗެމްޕިއަންޝިޕްގެ ތަށި ހޯދައިން ޓީމްގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކުވެސް, ނުވަތަ ކޮންމެ ބަތަލަކުވެސް އަޚުލާގީ އިމުގެ ތެރޭގައި ދެމިތިބުމަކީ މުހިންމު ކަމެކެވެ. މިދެންނެވި އިން މިއަދު ވަނީ ދަނޑުން ބޭރުވެފަ އެވެ. ހަމައެކަނި ދަނޑުމަތީގައި ކުޅެމުންދިޔަ ކުޅުމުގެ އިތުރުން ދަނޑުން ބޭރުގައިވެސް, މަގުމަތީގައިވެސް, އެނޫން ތަންތަނުގައިވެސް ގައުމީ ޓީމްގެ ކުޅުންތެރިން ”ކުޅޭ ކުޅިވަރު“ ބަލާނެ އެތައް ބަޔަކު މިއަދު ތިބޭނެ އެވެ. އެއީ ކުޅުންތެރިން ވިސްނަން ޖެހޭ ކަމެކެވެ. 17 އަހަރުވަންދެން ދިވެހިން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ހަދާދިން ދިވެހި ގައުމީ ފުޓްބޯޅަ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް ދިވެހިންގެ ހިތްތަކާއި ލޯތައް އަމާޒުވާއިރު ކުޅުންތެރިންވެސް ނަމޫނާ ދެއްކުމަކީ މުހިންމު ކަމެވެ. އަންނަން އޮތް ކުޅިވަރު ޖީލަށް އެންމެ ރީތި ނަމޫނާއެއް ދެއްކޭނެ ބަޔަކީ މިއަދުގެ ގައުމީ ޓީމެވެ. ގައުމީ ރޫހާއި, ޖޯޝް ދިވެހިންގެ ހިތްތަކަށް ވައްދައިދިން ޓީމަކީވެސް ގައުމީ ފުޓްބޯޅަ ޓީމެވެ.

ސާފް ޗެމްޕިއަން ޝިޕަށް ގައުމީ ޓީމް ތައްޔާރުވިއިރު ފުޓް ބޯޅަ އެސޯސިއޭޝަންގެ ހާލަތު ރަނގަޅޭ ބުނާހިތެއް ނުވެއެވެ. ކުޅުންތެރިންގެ ތެރޭގައި މައްސަލަތަކެއް ނެތޭވެސް ބުނާނެ ޖާގައެއް ނެތެވެ. މެނޭޖްމަންޓާމެދު ފާޑު ކިޔޭނެ އެތައް ބާގަނޑުތަކެއް ހުއްޓެވެ. އެކަމަކު އާޚިރުގައި ކަންތައްވީ ދިވެހި ފުޓް ބޯޅައިގައި ފުންނާބު އުސް އެތައް ބަޔަކު ހީކުރި ގޮތާ ޚިލާފަށެވެ. ދިވެހިންގެ ފަހަރަށް މިފަހަރު ވުމެވެ. މިއީ ގައުމު އެކައްޗެއް ކިޔައިގެން މަސައްކަތް ކުރުމުގެ ނަތީޖާ އެވެ. ގައުމީ ފުޓްބޯޅަ ޓީމުން ކުރި މަސައްކަތުގެ އަގެވެ.

މިއަގު ހިފެހެއްޓުމަކީ މިއަދުގެ ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއެއްގެވެސް ޒިންމާ އެކެވެ. މިދާއިރާއިން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅާ ކޮންމެ ކުއްޖަކަށްވެސް ގައުމީ ޓީމްގެ ކުޅުންތެރިން ނަމޫނާއަކަށް ބަލަންޖެހޭ މިސާލުތައް އަބަދުހެން ފެންނާނެގޮތް ހެދުމަކީ ކުޅުންތެރިން ކުރަންޖެހޭ ކަމެކެވެ. ކުޅުން ހުއްޓަލިނަމަވެސް ސަޕޯޓަރުންގެ ލޯތައް ކުޅުންތެރިންނާ ދިމާއަށް ހުއްޓޭނެ އެވެ. އެއީ ވިސްނަން ޖެހޭ ކަމެކެވެ. ގައުމީ ބަތަލުންގެ ޓީމަށް ލިބިފައިވާ ރީތިނަން ދެމެހެއްޓުމަކީ ފުޓްބޯޅައިގެ ކުރިމަގަށް ފޯރުކޮށްދެވޭ އެންމެ މުހިންމު ހަދިޔާ އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv