މޮބައިލް ފޯނާއި މާބަނޑު އަންހެނުން: ފުންކޮށް ވިސްނަވަންޖެހޭ ގުޅުމެއް!

ޖޫން 24، 21:57 1 ޚިޔާލު

ފަތުހުﷲ އަނީސް

މޮބައިލްފޯނު ބޭނުންކުރާ މާބަނޑުއަންހެނުން ވިހާކުދިންނަށް ބިހޭވިއަރަލް އަދި އިމޯޝަނަލް މައްސަލަތައްކުރިމަތި ކުރުވާކަމަށް ފަހުގެ ހޯދުންތަކުންދައްކައިފިއެވެ. ޑެންމާކުގެ ޔުނިވާރސިޓީސް އޮފް ކެލިފޯރނިޔާ، ލޮސްއެންޖަލިސް އެންޑް އާރްހުސްގައި 13000 އަށްވުރެގިނަކުދިން ބައިވެރިކޮށްގެންހަދާފައިވާ ސްޓަޑީގެ ހޯދުންތަކުން ދައްކާގޮތުގައި ދުވާލަކު އެންމެ 2 ނުވަތަ 3 ފަހަރު މޮބައިލް ފޯނުބޭނުންކުރާ މާބަނޑުމީހުންނަށް ލިބޭކުދިންނަށްވެސް ހައިޕަރިއެކްޓިވިޓީ، އިމޯޝަންސް އަދި އެހެނިހެން އަޚްލާޤީ މައްސަލަތައް ދިމާވެއެވެ. އަދި ޢުމުރުގެ ފުރަތަމަ 7 އަހަރުގެތެރޭގައި ކުއްޖާމޮބައިލްފޯނުބޭނުންކޮށްފިނަމަ، މިފަދަ މައްސަލަތަކުންކުއްޖާއަށްލިބޭގެއްލުން އެތައްގުނައަކަށް އިތުރުވެގެންދާކަމަށް މިހޯދުންތަކުންދައްކައެވެ.

މިހޯދުންތަކުގެނަތީޖާ ޢާއްމުވެގެން މިދިޔައީ ރަޝިޔާގެ ރަސްމީ ރޭޑިއޭޝަން ވޮޗްޑޯގް “ ރަޝިޔަން ނޭޝަނަލް ކޮމިޓީ އޮން ނޮން އައޮނައިޒިން ރޭޑިއޭޝަން ޕްރޮޓެކްޝަން” ގެ ފަރާތުން މިކަމާއިބެހޭގޮތުންވަރަށްވަރުގަދަ އިންޒާރުތަކެއްނެރެފައިވާދަނޑިވަޅެއްގައިކަން މިފުރުޞަތުގައިފާހަނގަ ކޮށްލަމެވެ. ރަޝިޔާގެ ރޭޑިއޭޝަން ވޮޗްޑޯގުން ނެރެފައިވާއިންޒާރެއްގައިވާގޮތުން، މާބަނޑުމީހުން މޮބައިލްފޯނުބޭނުންކުރުމުގެ ސަބަބުން އެބައިމީހުންނަށް ލިބޭކުދިންނަށްވާގެއްލުން، އެކުދިންގެ ޞިއްޙަތަށް ދުންފަތާއި ބަނގުރަލުންވާ ގެއްލުމަށްވުރެ ކުޑަނޫންކަމަށެވެ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭކަމެއްކަން ޔަޤީނެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު، އެމީހުންނަށް ލިބޭ ކުޑަދަރިފުޅަކީ އެއްވެސްއުނިކަމެއް ހުންނަކުއްޖަކަށްވާކަށް ނޭދޭނެކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ނަމަވެސް ސުވާލަކީ ކީއްވެތޯ އަޅުގަނޑުމެންގެ ތެރޭގައި މިފަދަގެއްލުންކުރުވަނިވި ކަންތައްތައް އިތުރުވެފައިވަނީ؟ ޖަވާބަކީ ލިބެންޖެހޭވަރަށް މަޢުލޫމާތުލިބިފައިނުވުންކަން ޔަޤީނެވެ.

އެޕިޑެމިއޮލޮޖީ ޖާރނަލްގެ މިއަހަރުގެ ޖުލައި ޢަދަދުގައި ޝާއިޢު ކުރުމަށްނިންމާފައިވާ މިރިސާރޗުގައި، ޑެންމާކުގެ 13159 މައިންވަނީ ތަޙްލީލުކުރެވިފައެވެ. މިއީ 1990 ގެ ފަހުކޮޅު އުފަންވެފައިވާ ކުދިންގެ މައިންނެވެ. އަދި ކުދިންގެ ޢުމުރުން 7 އަހަރުވަންދެން މިކުދިންނާއި މިކުދިންގެ މައިން މާބަނޑުދުވަސްވަރު މޮބައިލް ފޯނުބޭނުންކޮށްފައިވާމިންވަރު މިރިސާރޗުގައިވަނީދިރާސާކޮށްފައެވެ.

ދިރާސާގެ ނަތީޖާތައްދައްކާގޮތުން މޮބައިލްފޯނުބޭނުންކުރި މާބަނޑުމީހުންނަށްލިބުނު ކުދިންނަށް ކުރިންބުނެވުނުފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު 54 ޕާރސެންޓް އިތުރެވެ. މިސްޓަޑީގެ ނަތީޖާ އިނގިރޭސިވިލާތުގެ ދުވަހުނޫހެއްކަމަށްވާ “އިންޑިޕެންޑެންޓް ޑެއިލީ” ގައިވެސް ވަނީ ޝާއިޢު ކޮށްފައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު ޕްރައިމަރީ ސްކޫލްތަކަށް ދާ ގިނަ ކުދިންގެ އަޚްލާޤީ ފެންވަރާއިބެހޭ ގޮތުން ގިނަގުނަ ވާހަކަތަކެއް ދެކެވެމުންދާ ދުވަސްވަރެއްގައި މިއީ ވިސްނާލުން އެންމެ ރަނގަޅު ނުކުތާއެއްކަމަށް ދެކެމެވެ. ރާއްޖޭގައި މޮބައިލްފޯނު ބޭނުން ކުރެވޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމީ ދެމީހަކު ދެބަސްވާނެ ކަމެއްނޫނެވެ. ޚާއްޞަކޮށް ޢާއިލާއާއި ވަކިން ދުރުރަށްރަށުގައި ވަޒީފާ އަދާކުރާ ފިރިހެނުންގެ އަނބިންނަށް މޮބައިލްފޯނު ގިނަފަހަރު ވެފައި އޮންނަނީ އެއާއި ނުލާ ދިރި ނުހުރެވޭނެފަދަ އެއްޗަކަށްވެފައެވެ. މިފަދަ ޙާލަތްތަކުގައި މާބަނޑުއަންހެނުން މޮބައިލްފޯނުބޭނުންކުރުން އޮންނަނީ ވަރަށް ޢާއްމު އަދި ދުރުވެގަންނަން އުނދަގޫކަމަކަށް ވެފައެވެ. ނަމަވެސްމިކަމުން މުސްތަޤުބަލުގައި ލިބިދާނެ ގެއްލުންތައް ޢާއްމުންނަށް ހާމަކޮށްދެވިއްޖެނަމަ އޭގެ ސަބަބުން ކުރިއަށް އޮތްޖީލަށް ލިބޭ ޙައްލުކުރަން އުނދަގޫމައްސަލަތަކުން ސަލާމަތްވެވިދާނެއެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން މާބަނޑު މީހުން މޮބައިލްފޯނު ބޭނުނކުރުމުން ލިބިގެންދާ ގެއްލުންތަކަކީ ވަގުތުން ވަގުތަށް ފެންނަ އެއްޗަކަށް ނުވުމުގެ ސަބަބުން މިކަމުގެ ހުރި ނުރައްކާތެރިކަން ޢާއްމުންނަށް ހާމަކޮށްދިނުމުގައި ނުހަނު ގިނގުނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަނގަކޮށްލަމެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނަންވީ ގެއްލުމެއްލިބިދާނެކަމެއްކަމަށް ތަޖުރިބާކާރުންބުނާ މިފަދަ ކަންކަމުން ދުރުހެލިވެ ތިބުން އެއީ އެންމެމޮޅުހުގޮތްކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އަޅުގަނޑުގެ ސުވާލަކީ ހެޑްސެޓް ޖަހައިގެން ފޯނުންވާހަކަ ދެއްކީމަ ކުއްޖާއަށް ކުރާއަސަރު ކުޑަވާނެތޯ؟

    ހޯމަ، ސެޕްޓެމްބަރ 1 2008، 17:08
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv