ވިކްޓަރީ އާއި ހަނޯއީވެސް 3 ޕޮއިންޓަށް ފެންބޮވައިގެންފައި

މުހައްމަދު ޝަނޫން އޭޕްރީލް 12 2007، 15:27 0 ޚިޔާލު

އޭ އެފް ސީކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ވިއެޓްނާމްގެ ހޯޕަޓް ހަނޯއީ ބައްދަލުކުރާއިރު މިދެޓީމަކީ ގްރޫޕްގެ އެންމެ ފުލުގައިވާ ދެޓީމެވެ. ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ ދެ ދުވަސްކުރިން މާލެ އައި ހޯޕަޓްގެ ކޯޗު ވޮންގ ޓިއާން ޒުންގ ބުނީ އޭނާގެ ޓީމު އޮތީ ރަށުން ބޭރުގައި ވިކްޓަރީ ބަލިކޮށް ތާވަލުގެ ރަނގަޅު މަޤާމަކަށް ދަތުރުކުރަން ތައްޔާރަށް ކަމަށެވެ. ”ކުރިން ކުޅުނު ދެމެޗުން އަހަރެމެންގެ ޓީމަށް މި ލިބުނީ އެންމެ ޕޮއިންޓެއް. އެހެންވެ މިމެޗުގެ މުހިއްމުކަން މިވަނީ ވަރަށް ބޮޑުވެފައި. މިމެޗުން މޮޅުވެވިއްޖެނަމަ 4 ޕޮއިންޓް ލިބި ކުޑަ ހަމަޖެހުމެއް ލިބޭނެ“ ތަރުޖަމާނެއް މެދުވެރިކޮށް ޓާފްދަނޑުގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޒުންގ އިއްޔެ ބުންޏެވެ.

އޭނާ ބުނީ ގަލޮޅުދަނޑުގައި މޮޅުވަން އުއްމީދު ކުރާއިރު ވިކްޓަރީ އާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށާއި ނަމަވެސް މޮޅުވުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ކޯޗު ބުނީ ރާއްޖޭގެ މޫސުމަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަމަށާއި ވިއެޓްނާމާ އަޅާ ބަލާއިރު މާބޮޑު ތަފާތުތަކެއްވެސް ނެތް ކަމަށެވެ. އެހެންކަމުން މި މޫސުމްގައި ފުރިހަމަ ގޭމެއް ކުޅެވިދާނެ ކަމަށް އޭނާ ޔަޤީން ކުރެއެވެ.

ޓީމުގައި ހިމެނޭ ބްރެޒިލްގެ ކުޅުންތެރިންގެ ފެންވަރާ މެދު ކޯޗު ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް އޭނާ ބުނީ މިމެޗުގައި އެމީހުންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވިކްޓަރީގެ ހެޑްކޯޗު މައުރޫފް އަހްމަދު(މާއްޓޭ) ބުނީ އޭނާގެ ޓީމުންވެސް އޮތީ މެޗުން މޮޅުވުމަށްޓަކާ ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރަން ކަމަށާއި މިކަމުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ”މެޗު ފެށުނީއްސުރެ ނިމެންދެން ޓީމަށް ސަޕޯޓް ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް“ މާއްޓޭ ބުންޏެވެ.

ވިކްޓަރީ ފުރަތަމަ ކުޅުނު މެޗުގައި ޝަންހާއީ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ބަލިވީ 2-0 ލަނޑުންނެވެ. މާލޭގައި މެލޭޝިއާގެ ނެގްރިސެމްބިލާން އާއި ވާދަކޮށް މޮޅުވާން ދަނިކޮށް ފަހު ސުކުންތު ކޮޅުގައި އެޓީމުން ލަނޑެއް ޖަހާ 1-1ން އެއްވަރުކުރިއެވެ.

ވިކްޓަރީ މާދަމާ ކުޅޭއިރު އޭ އެފް ސީކަޕްގައި ރާއްޖެއިން ވާދަކުރާ އަނެއް ޓީމު ނިއުރޭޑިއަންޓް މާދަމާ ކުޅޭނީ ސިންގަޕޯރގެ އާމްޑް ފޯސް އާއި ދެކޮޅަށެވެ. މިމެޗާ ކުރިމަތިލާއިރު ނިއުރޭޑިއަންޓްވެސް އޮތީ ތާވަލުގެ ފުލުގައެވެ. އެޓީމަށް އަދި ޕޮއިންޓެއް ނުލިބެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv