ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޮމް (ޕީ.ސީ.އޯ.އެސް)

އައިމިނަތު މިނީޝާ ޖޫން 23، 17:36 1 ޚިޔާލު

ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޮމް އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން އެނގެނީ ކިތައް އަންހެނުންނަށްބާއެވެ؟ މިއީ ކޮން އެއްޗެއްކަން އެނގޭމީހުން ކިތައްމެ މަދުކަމުގައިވިޔަސް މިކަމަކީ ވިހާ އުމުރުގެ އަންހެނުންގެ ތެރެއިން 10 އިން ސައްތަ މީހުންތަހައްމަލު ކުރާ ކަމެކެވެ.

ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޮމް ޑޮކްޓަރުންނަށް ފާހާގަކުރެވުނީ ނަވާރަ ސަތޭކަ ތިރީހުގެ އަހަރުތަކުގައެވެ. މިއީ އަންހެނުންގެ ހޯމޯންތަކުގެ ހަމަހަމަކަން ގެއްލުމުން ދިމާވާ މައްސަލައެކެވެ. ނަމަވެސް ހޯމޯންގެ ބެލެންސް ގެއްލެން ދިމާވާ ސަބަބަކީ ކޮބައިކަން އަދި ހޯދިފައެއްނެތެވެ. މިކަމުގެ ސަބަބުން އަންހެނާގެ ހަށިގަނޑަށް ބޭރުފުށުން ފެންނަ ބަދަލުތަކެއް އައުމާއި އެކު މައްސަރުކަންތަކަށް ބަދަލު އާދެއެވެ. އަދި ފަރުވާނުލިބި ދިގު މުއްދަތަކަށް ދެމިގެންދާނަމަ ހަކުރު ބައްޔާއި ހިތުގެ ބަލިފަދަ ނުރައްކާތެރި ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޮމް ގެ ޢަލާމަތްތައް ފުރަތަމަ ފެންނަން ފަށަނީ ޓީން އޭޖްގެ އަހަރުތަކުގައެވެ. މީގެ ތެރޭގައި ހަންގަނޑުތެޔޮވެ ލަށްޖަހާ ހަމުގެ އިތުރު މައްސަލަތައްޖެހުން، މައްސަރުކަންތައް ގަވާއިދުން ނުވުން، ބަރުދަން އިތުވުމާއި އެކު ބަރުދަން ލުއިކުރަން އުނދަގޫވުން، ހަށިގަނޑާއި މޫނުގައި އިތުރު އިސްތަށިފެޅުން، ބޮލުގެ އިސްތަށިގަނޑު ތުނިވުން އަދި ބަލިވެއިނަން އުނދަގޫވުން ހިމެނެއެވެ. އެދެވޭ ގޮތަކަށް ފަރުވާ ލިބިއްޖެނަމަ މިބަލީގެ އަލާމަތްތައް ކުޑަކުރެވި އަދި ދިގުމުއްދަތަކަށް ދެމިގެން ދިއުމުން ދިމާވާ ސިއްޙީ މައްސަލަތަކުން ދުރުވެވިދާނެއެވެ.

ޕީ. ސީ. އޯ. އެސް ގެ އަންހެނުންނަށް އެންމެ އާއްމުގޮތަކަށް ދިމާވާ މައްސަލައަކީ ގަވާއިދުން ދަރިމައިވާ ބިސް ނުއުފެދުމުގެ މައްސަލައެވެ. ދަރިމައިވާ ބިސް ގަވާއިދުން ރަހިމުން ނުނިކުންނަ ނަމަ އެކަމުގެ ސަބަބުން މައްސަރުކަންތައް ގަވާއިދުން ކައްސާލައެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހުމަކީ ބަލިވެއިނުމުގައި ހުރަސްތައް އެޅޭނެކަމެކެވެ. ޕީ. ސީ. އޯ. އެސް ގެ އަނެއް އަލާމާތަކީ މިމައްސަލަހުންނަ އަންހެނުންގެ ފިރިހެން ހޯމޯންގެ ހަރަކާތްތެރިކަން އިތުރުވުމެވެ. މިކަމުގެ ސަބަބުން ހަމުގެ ތެޔޮކަން އިތުރުކޮށް އަދި އާއްމުކޮށް އިސްތަށި ނުހުންނަ ތަންތަނުގައި އިސްތަށި ފަޅާގޮތް މެދުވެރިއެވެ. މިސާލަކަށް މޭމަތި، އުނަގަނޑު، ބަނޑު އަދި މޫނު ހިމެނެއެވެ. މިފަދަ އަންހެނުންގެ ބަރުދަން އިތުރުވުމަކީ ބަލިދެނެގަތުމުގައި ޑޮކްޓަރުން ވަރަށް އާއްމުކޮށް ބަލާކަމެކެވެ. އަދި މިފަދަ އަންހެނުންގެ ބަރުދަން ލުއިކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބަރުދަން އިތުރުވުމުން ދިމާވާ އަނެއް މައްސަލައަކީ ބަލިވެއިނުމުން ނުވަތަ އެއަށްވުރެ ފަހުން ހަކުރުބަލީގެ ނުރައްކާ ކުރިމަތިވުމެވެ.

ޕީ. ސީ. އޯ. އެސް އަށް ފަރުވާ ކުރުމުގައި އަންހެނުން ދެބަޔަކަށް ބަހާލެވެއެވެ. އައީ އަވަސް މުއްދަތެއްގައި ބަލިވެ އިންނަން ބޭނުންވާ އަންހެނުންނާއި ބަލިވެ އިންނަންބޭނުންނުވާ އަންހެނުންނެވެ. މިގޮތުން އަވަސް މުއްދަތެއްގައި ވަލިވެއިންނަން ބޭނުންނުވާ އަންހެނުންނަށް އެންމެ އާއްމުކޮށްދެވޭ ބޭހަކީ ދޭތެރެދުރުކުރުމަށް ނުވަތަ ދަރިމައިވުން މެދުކަނޑާލުމަށް ދެވޭ ބޭހެވެ. މިބޭހުގެ ސަބަބުން މައްސަރުކަންތައް ގަވާއިދަކަށް އެޅި ހަމުގައި ލަށްޖެހުން ފަދަ ހަމުގެ މައްސަލައަށް ލުއި ކަމެއް ލިބި މޫނުގައާއި ހަށިގަނޑުގައި އިތުރަށް ފަޅާ އިސްތަށިވެސް މަދު ކުރެވޭނެއެވެ. ދޭތެރެ ދުރުކުރާ ބޭސް އަދި އެހެންވެސް އިތުރު ބޭސް ބޭނުން ކުރުމުން ފާހަގަ ކުރެވޭ މިންވަރަކަށް ހަމުގެ މައްސަލައާއި އިސްތަށިފެޅުމުގެ މައްސަލަ ކުޑަކުރެވޭނެއެވެ.

ޕީ. ސީ. އޯ. އެސް ގެ އަންހެނުންގެ ތެރެއިން ބަލިވެއިންނަން ބޭނުންވާ އަންހެނުންގެ ބިސް އުފެދޭނެގޮތެއް ހެދުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ގަވާއިދުން ކޮންމެ މަހަކު ބިސް އުފައްދާ ބޭރުކުރުމަށްޓަކައި ސިއްޙީފަރުވާ ބޭނުންވެއެވެ. އާއްމުކޮށްމިކަމަށް ބޭނުންކުރަނީ ކެއުމަށްދޭ ބޭހެވެ. ނަމަވެސް މިއީ އަގުބޮޑު ބޭހެކެވެ. ބައެއް އަންހެނުންނަށް އެއަށް ވުރެ އަގުބޮޑެތި އިންޖެކްޝަން ދޭންޖެހޭ ފަހަރުވެސް އާދެއެވެ. ބޭސް ކެއުމާއި އެކު ބަރުދަން ލުއިކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ޑޮކްޓަރުން ހާމަކުރައްވާ ގޮތުގައި 10 އިންސައްތަ ބަރުދަން ލުއިކުރެވިއްޖެ ނަމަ ބަލިވެ އިނުމުގެ ފުރުސަތު 30 އިންސައްތައަށް އިތުރުވެއެވެ. ވީމާ ގަވާއިދުން ކަސްރަތުކޮށް ޑައެޓް ޕްލޭނެއް ހަދައިގެން ސާބިތުކަމުގައި މިކަން ކުރުން މުހިއްމެވެ.

ޕީ. ސީ. އޯ. އެސްގެ ބަލިމީހެއްކަމަށް ނިންމުމުގައި ޑޮކްޓަރުން ބަލާކަންތައްތަކަކީ؛

* ކުރީގެ ސިއްޙީ ރެކޯޑްތަކާއި މައްސަރުކަންތައް ހިންގަމުން އަންނަ ގަވާއިދު.

* ބޭރުފުށުން ފެންނަންހުރި އަލާމާތްތައް. (ހަމުގެ މައްސަލަ، އިސްތަށިގެ މައްސަލަ)

* އިސްކޮޅާއި ބަރުދަން.

* ލެބޯޓްރީ ޓެސްޓަތައް ކަމުގައިވާ، ލޭގައި ހަކުރު ހުރި މިންވަރު، އިންސިއުލިން އަދި ހޯމޯން ލެވެލް ބެލުން.

މި މައްސަލައަކީ މާބޮޑަށް ހާސްވާންޖެހޭ މައްސަލައެއް ނޫނެވެ. މިކަމަށް ދެވޭނެ ވަރަށް ގިނަ ތަފާތު ވައްތަރު ފަރުވާ މިހާރު ހުރެއެވެ. ނަމަވެސް މި މައްސަލަ ދިގުދެމިގެން ދިއުމުން ކުރިމަތިވާ އިތުރު މައްސަލަތަކަށް ވަރަށްބޮޑަށް ފަރުވާ ތެރިވާންވާނެއެވެ.

( ނޯޓް: މިލިއުމަކީ ސިއްޙީ އިރުޝާދު ދިނުމުގެ ގޮތުން ލިޔެފައިވާ ލިއުމެއްނޫނެވެ. މިއީ މައުލޫމާތު ދިނުމުގެގޮތުން ލިޔެފައިވާ ލިއުމެކެވެ. ވީމާ މިފަދައެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދާއި ލަފާގެ މަތިން ފަރުވާ ހޯއްދެވުން އެދެމެވެ.)


    ކިޔުންތެރިންގެ ޚިޔާލު

  1. buy soma buy cialis buy tramadol buy phentermine buy adipex buy oxycontin buy viagra buy ultram buy levitra buy valium by zoloft buy zyban buy tramadol buy pharmacy buy meridia

    އަންގާރަ، ޖުލައި 1 2008، 16:42
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv