
ގައުމީ ލޯބީގައި ކުންނަށް ދެވުން
ސާފް ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތް ނިމިގެން ދިޔައީ މިފަހަރަކީ އަހަރެމެންގެ ފަހަރެކޭ ބުނެ, ދިވެހިންނަށް މީން ދުވަހަކުވެސް ނުލިބޭ ހިތްހަމަ ޖެހުމަކާއި, އުފަލެއް ގެނެސްދީފަ އެވެ. މީގެ ކުރިން ލިބިފައި ނެތް ޝަރަފަކާއި ގަދަރެއް ގެނެސްދީފަ އެވެ. ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި އާ ބާބެއް ހުޅުވާދީފަ އެވެ.
މިފަހަރު އަހަރެމެންގެ ފަހަރަށް ވެގެން ދިޔަ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭންވެސް އެންމެ މުހިންމު ސަބަބަކީ މިފަހަރުގެ މުބާރާތް, ދިވެހިންގެ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގަތުމެވެ. ގައުމީ ޖޯޝާއި ފޯރީގައި, ގައުމީ ރޫހާއި ޖަޒްބާތުގައި ދިވެހިން އެކައްޗަކަށް ވިކަމެވެ. ކުޅުންތެރިންނާއި ސަޕޯޓަރުންނެވެ. ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ ވެރިންނެވެ. ޕާޓީތަކާއި ކުލަބުތަކެވެ. ޖުމްލަގޮތެއްގައި ކުދި ބޮޑު އެންމެ ނެވެ. އެންމެން ގެންގުޅުނީ އެއް ޝިއާރެކެވެ. ގެންގުޅުނީ އެއްދިދަ އެކެވެ. ލައިގެންތިބީވެސް އެއް ކުލައެކެވެ. ކިޔަމުންދިޔައީވެސް އެއް އަންބާއެކެވެ. ” މިފަހަރަކީ އަހަރެމެންގެ ފަހަރެވެ.“
ސާފް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖެއަށް ލިބުނީ ހަމައެކަނި ޗެމްޕިއަން ކަމެއް ނޫނެވެ. ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ރާއްޖެއަށް ނިސްބަތްވުމުގެ ޝަރަފްވެސް ރާއްޖެއަށް ލިބުނެވެ. ހާވިޔާ ވެފައިވާ ދިވެހިންގެ ސަފްތައް ބަދަހިކޮށްދިނެވެ. ބެލުންތެރިން ދިވެހި ފުޓްބޯޅައަށް ޝައުގުވެރި ކުރުވުމަށް މަޖުބޫރު ކުރުވިއެވެ. ސަރަހައްދު ކުޅަދާނަ ކުޅުންތެރިންނާއި ކޯޗުންގެ ދުލުން ދިވެހިންނަށް ތައުރީފްގެ ބަސްތައް އަމުނަން ޖެއްސިއެވެ.
މުބާރާތް ނިމުނު އިރު އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ގައުމީ ދިދައަށް ދިވެހިން ދިން ސަމާލުކަމެވެ. މީގެ ކުރިން ދިވެހިންނާ ބީރައްޓެހި ގައުމީ ދިދަ ފެންނަން ނެތް ގެއެއް މިއަދަކު ނެތެވެ. އެދިދަ ހިފައިގެން މަގުމައްޗަށް ނުކުމެ, ނުވިހުރާ ބޮޑުމީހެއް ކުޑަމީހެއްވެސް ނެތެވެ. އާއިލީ ބުރުތަކާއި, ލޯބީގެ ބުރުތައް ގައުމީ ދިދަތަކާއެކު ގައުމީ ޝުއޫރުތަކާއި ރޫހުގައިވެސް ޖަހާތަން މިފަހަރު ވަނީ ފެނިފައެވެ. ވާރޭގެ ތެރޭގައިވެސް, މިކަންކަން ދިވެހިން ކުރަމުން ދިޔައީ މީހަކު ބުނެގެން, ނުވަތަ ބަޔަކު އަންގައިގެނެއް ނޫނެވެ. ދިވެހިންގެހިތަށް ހަމަ ފެނުނީ އެވެ. ގައުމީ ލޯބި އުތުރިއެރީ އެވެ.
ސާފް ޗެމްޕިއަން ޝިޕް ރާއްޖެއަށް ލިބުމުގައި ސަޕޯޓަރުންގެ ދައުރު ކުޅުންތެރިންނާ އެއްސަފެއްގައި ގުނިގެން ދިޔަކެވެ. ދިވެހިންގެ ކޮންމެ މެޗަކަށް, ދިވެހި ޓމް ބޭނުންވި ގޮތަށް ސަޕޯޓްކުރަމުން ގޮސްފައިވާ ކަމެވެ. ކިތަންމެ ބޮޑު އަގެއްގައި ޓިކެޓް ނަގައިގެން ނަމަވެސް, ގޮނޑިބަރިތަކާއި ސިޑިބަރިތައް ފުރާލަ ދިންކަމެވެ. ތިމާމެންގެ އަޑު, ގައުމަށްޓަކާ ގުރުބާން ކުރިކަމެވެ. މުހުރިހާ ކަމެއް ކުރީ ގައުމީ ލޯބީގައެވެ. އެފޯރީގައެވެ.
އިހައްދުވަހާއި އިއްޔެ, މަގުމަތިން ދިމާވާ ކޮންމެ މީހަކުމެ, އަތާއަތް ގުޅާލައެވެ. އަޑާއި އަޑު ގުޅާލައެވެ. ކޮންމެ ސިގުނަލަކުންވެސް ގެނެސްދެނީ ގައުމީ ޝުއޫރެވެ. މި ހިނިތުންވުމާއި ތަހުނިޔާގެ މެސެޖްތަކުން ގައުމުވެސް ހިނިތުންވާ ފަދައެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމީ ލޯބީގެ ކުންނާ ހަމައަށް ދިވެހިންނަށް މިފަހަރު ދެވިފައިވާ ކަމެވެ. އެއްވެސް ކަމެއްގައި މީގެ ކުރިން މިހިސާބަށް ދެވުނުކަމެއް މި ފަހުގެ ތާރީޚުން އެނގޭކަށް ނެތެވެ. މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ދިވެހިންގެ ގައުމީ ލޯތްބެވެ.
މިފަހަރުގެ ކާމިޔާބީ ދެމެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެކަން ކުރަންތިބީ ސަޕޯޓަރުންނާއި ކުޅުންތެރިން ނެވެ. އޭރުންވެސް ދިވެހިން ބުނަމުންދާނީ ”ދެންވެސް އަހަރެމެންގެ ފަހަރެވެ.“