ރިސޯޓްތަކުގެ ވޮލީ މުބާރާތް ބޮޑު ބަދަލަކާއެކު ބާއްވަނީ

މުހައްމަދު ޝަނޫން އޭޕްރީލް 12 2007، 15:03 0 ޚިޔާލު

ވޮލީބޯޅަ އެސޯސިއޭޝަނުން ވަރަށް ފޯރިއާއެކު ބާއްވަމުން އައިސް ފާއިތުވެދިޔަ 4 އަހަރު ނުބޭއްވުނު ރިސޯޓްތަކުގެ ވޮލީ މުބާރާތް ބޮޑު ބަދަލަކާއެކު މިއަހަރު އަލުން ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ. ވޮލީ އެސޯސިއޭޝަންގެ ވައިސްޗެއާމަން މުޙައްމަދު މުނީޒު ވިދާޅުވީ ކުރިން ޓޫރިޒަމް މިނިސްޓްރީން ބޮޑު ޒިންމާއެއް ނަގައިގެން ބާއްވަމުން އައި މުބާރާތް މިފަހަރު ބޭއްވޭތޯ މަސައްކަތް ކުރަމުންދަނީ އެސޯސިއޭޝަނުން ޒިންމާ ނަގާ މުބާރާތެއްގެ ގޮތުގައި. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވަނީ ކުރިން މި މުބާރާތް ބާއްވަމުން އައިއިރު އެސޯސިއޭޝަނުން ކުރި ކަމަކީ ރެފްރީން ފޮނުވާ ދިނުމާއި ޤަވާއިދު ހަދާ ދިނުން ކަމަށް. ނަމަވެސް މިފަހަރު އެސޯސިއޭޝަނުން ގިނަ ކަންތައްކުރާ ގޮތަށް އޮތީ“ މުނީޒު ވިދާޅުވިއެވެ.

މުނީޒު ވިދާޅުވީ މިފަހަރުގެ މުބާރާތް ބާއްވަން މަސައްކަތް ކުރަމުންދަނީ އަންނަމަހުގެ ތެރޭގައި ކަމަށާއި މުބާރާތް ބާއްވަން ރާވާފައިވަނީ ދެބަޔަކަށް ބަހާލައިގެން ކަމަށެވެ. ”އެއްބަޔަކީ ރިސޯޓް އޯޕަން. މިބައިގައި ރިސޯޓްގައި ވަޒީފާގައި ނޫޅޭ މީހުން ލައްވާވެސް ކުޅުވިދާނެ. އަނެއް ބަޔަކީ އިންޓަރ ރިސޯޓްބައި. މިބައިގައި ކުޅެވޭނީ ރިސޯޓްގެ މުވައްޒަފުންނަށް އެކަނި. އަދި ޤައުމީ މުބާރާތުގައި ކުޅެފައިވާ ކުޅުންތެރިންނަށް މިބަޔަކު ނުކުޅެވޭނެ. ކޮންމެ ރިސޯޓަކަށްވެސް ދެބައިގައި ބައިވެރިވެވިދާނެ“ މުނީޒު ވިދާޅުވިއެވެ.

މިކަމުގެ އިތުރުން މިފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ބޮޑު ތަފާތަކީ 6 ޒޯނަކަށް ބަހާލައިގެން މުބާރާތް ކުޅުމެވެ. އެއީ މާލޭން އުތުރުގެ ޒޯނާއި މާލޭން ދެކުނުގެ ޒޯނާއި އއ. ޒޯނާއި އދ. ޒޯނާއި ރ, ބ އަދި ޅ ހިމެނޭ ޒޯނާއި ވ,މ,ފ,ދ ހިމެނޭ ޒޯނެވެ. ”މި އަތޮޅުތަކުގައި ހިމެނޭ ރިސޯޓްތަކުގެ މެޗުތައް ކުޅެވޭނީ އެތަނުން ރިސޯޓެއްގައި. ކޮންމެ ޒޯނަކުންވެސް ޗެމްޕިއަން ޓީމު ހޮވުމަށްފަހު އެހިސާބުން މުބާރާތް ނިމުނީ. ކުރިން އޮންނަހެން ކޮލިފައިވާ ޓީމުތައް މާލެ ގެނެސްގެން ބުރެއް ކުޅުވާކަށް ޚިޔާލެއް ނުކުރަން. އެއީ ޚަރަދުގެ ގޮތުންނާއި މުވައްޒަފުންގެ ޗުއްޓީގެ ގޮތުން ބަލާއިރުވެސް ފަސޭހަކަމަކަށް ނުވާނެތީ“ މުނީޒު ވިދާޅުވިއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv