ދިވެހި ކޮންމެ ފަރުދަކަށް އެލަވަންސް ދިނުން
އިއްޔެ ނޫން އިހައްދުވަހު ލިބުނު ޚަބަރަކީ މަހަކު 7,930ރ. ލިބެމުންދިޔަ އަތޮޅުވެރިންގެ މުސާރަ އާއި އެލަވަންސް މިދިޔަ މަހުން ފެށިގެން ބޮޑުކޮށްފައިވާ ވާހަކަ އެވެ. ބޮޑު ކުރީ ވަކިވަރެއް ބަލައިގެން ނެއްނޫނެވެ. މިހާރު އަތޮޅު ވެރިންނަށް މަހަކު 53,000ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 20,500ރ. އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 51,000ރ. އެވެ.
އިއްޔެ ވަނީ, ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އެލަވަންސަށް މަހަކު 62,500ރ. ހަމަޖައްސަން ނިންމާފަ އެވެ. އެއީ މަޖިލީހުގެ ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި ދޭ 42,500ރ. އާއި މާލީ އިނާޔަތްތަކަށް މަހަކު ދޭ 20,000ރ. އެވެ. މީގެ އިތުރުން އިތުރުން ރާއްޖެ އާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި އުމުރުން 18 އަހަރު ނުފުރޭ ކުދިން ނަށް އެފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ. މިއިން އެއްވެސް ނިންމުމަކީ ގޯސް ނިންމުމެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މިނިންމުންތަކަކީ އެއްވެސް އިންސާފެއް ނެތް ނިންމުންތަކެއް ކަމަށެވެ.
މިހާބޮޑު އަދަދަކަށް ދެބައެއްގެ މުސާރަ މަތިވިއިރު އާއްމު ރައްޔިތުންގެ މުސާރަ ބޮޑުކުރީ ކިހާވަރަކަށްތޯ އެވެ؟ ސިވިލްސާވިސްގައި އުޅެމުންދާ މީހުންގެ މުސާރަތައް ހުރީ ކިހިނެއްތޯ އެވެ؟ ގައުމުގެ އެއް ބައެއްގެ މުސާރަ ނަގާ އުޑަށްލާ, އަނެއް ބައެއްގެ މުސާރަ ބިމު އަޑިއަށް ލީމާ އިންސާފެއް ނެތޭ ބުނެވިދާނެ އެވެ.
ވިސްނަވާށެވެ. އަތޮޅުވެރިންގެ މުސާރައަށް މަހަކު 12 ހާސްރުފިޔާ ބޮޑުކުރީ އެވެ. އެއީ ހަމައެކަނި މުސާރައަށެވެ. އެލަވަންސްގެ ގޮތުގައި އަދި 20 ހާސް ލިބިވަޑައިގަންނަވަ އެވެ. މުސާރަ ބޮޑުކުރަންޖެހެނީ ސަބަބުތަކެއް ހުރެގެން ނެވެ. ސަބަބުތައް ގޮސް ގުޅެނީ ކޮންކަންތައްތަކަކާތޯ ބަލާއިރު, އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ހާލަތެވެ. މިއަދުގެ ހާލަތު ނިޔާކުރާގޮތުން މުސާރަ ބޮޑު ނުކޮށް ވާން ނެތީއެވެ. މުސާރަ ބޮޑު ކުރުމުގައި ހަމައެކަނި ޒިންމާގެ ނަމުގައި އެވަރު ބޮޑުކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރެމެވެ. އެހެން ކަމަށްވާނަމަ އަތޮޅުވެރިޔާގެ އެހީތެރިންނަށް 4500 ރުފިޔާގެ މުސާރަ ފުދޭތޯ އެވެ؟ ކަތީބުންގެ މުސާރައަކީ 4300 ކަމަށް ގަބޫލު ކުރެވޭތޯ އެވެ؟
ދެން އޮތީ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މުސާރަ އެވެ. މެމްބަރަކަށް މިއަދާ ހަމައަށް ލިބިވަޑައި ގަންނަވަމުން އައީ މަހަކު 18 ހާސް ރުފިޔާ އެވެ. ނަމަވެސް އިއްޔެގެ ނިންމުމުން މެމްބަރަކަށް މަހަކު 62 ހާސް ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. މިއީ ވަރަށް ބޮޑު ތަފާތެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މެމްބަރަކަށް 18 ހާސް ރުފިޔާ ކުޑަކަމެވެ. އެކަމަކު 62 ހާހަށް އެރުމުން އެވަރު ކުޑައެއް ނޫނެވެ. މުސާރަ ބޮޑުވީ ޒިންމާ ބޮޑުވީމައެވެ. އިތުރު މަސައްކަތެއް ނުކުރެވެނެތީ އެވެ. ސުވާލަކީ އިހުނެއް ޒިންމާއެއް އަދު އޮންނާނެ ހެއްޔެވެ؟ އެވެރިންވެސް ހޭދަކުރައްވަނީ ވަގުތެވެ. ލިބިވަޑައިގަންނަވާނީ 24 ގަޑިއިރެވެ. އާއްމު ވަޒީފާތަކުގައި ތިބޭ މީހުންނަށްވުރެ ގިނައިން ޗުއްޓީވެސް ލިބިވަޑައިގަންނަވަ އެވެ. މުސާރަ ކެނޑޭނެ ގޮތެއް އޮވޭތޯއެވެ. ވަޑައިނުގަތަސް ވަރިހަމައެވެ. ޒިންމާ ބޮޑުވެގެން މުސާރަ ބޮޑުކުރާނަމަ މިއީ ބޮޑުވަރެކެވެ. އެހެނެއް ނޫނެނެވެ. އެބޭފުޅުންގެ ކަރާމަތާއި އަބުރާއި, އަދި އެހެނިހެން ކަންކަމަށް ބަލާނަމަ މުސާރާ ބޮޑުކުރަން ޖެހެއެވެ.
މިދޭތެރެއިން ތަކެތީގެ އަގުބޮޑުވެއްޖޭ ކިޔާފައި ސަރުކާރު މުވައްޒަފުންނަށް ބޮޑުކޮށްދިނީ އެވްރެޖް ގޮތެއްގައި މީހަކަށް އެއް ހާސް ރުފިޔާ އެވެ. ބައެއް މީހުންނަށް މިއަށް ވުރެ ބޮޑުނަމަވެސް މިއީ މިއަދުގެ އަގުތަކާއި, ތަންތަނުގެ ކުލި މައްޗަށް ޖެހިފައިވާ މިންވަރާއި ކުރަންޖެހޭ ޚަރަދުތަކާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ސަބަބަކީ އަތޮޅުވެރިންނާއި މަޖިލީހުގެ މެމްބަރުންނަށް ނިސްބަތުން އިތުރުވީވަރު އުޑާބިމާހާ ތަފާތު ވީމަ އެވެ. އެވަރުގެ ތަފާތެއް އެބޭފުންނަށް ގެންނެވީ, މުސްތަގިލް ކޮމިޝަންތަކަށްވެސް ގެންނެވީ ސަބަބުތަކެއް ހުރެގެން ނެވެ. މިސަބަބުތައް ސަރުކާރުގެ މުވައްޒަފުންނާއި އަމިއްލަ މީހުންނާވެސް ގުޅޭނެ އެވެ. އެހެންކަމުން މުސާރަ ބޮޑުކުރުމުގައި އިންސާފް އޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
މަސައްކަތް ކުރާ މީހުންނަށް އެލަވަންސެއް ދިނުން މިއީ ކޮންމެހެންވެސް މިއަދު ކުރަންޖެހިއްޖެ ކަމެކެވެ. އެއާ ނުލާ އުޅެވެން ނެތްކަން ގަބޫލު ކުރަންވެސް ޖެހޭ ކަމެކެވެ. ވަޒީރުންނަށާއި, ކޮމިޝަންތަކުގެ ވެރިންނަށާއި, މެމްބަރުންނަށާއި އަތޮޅުވެރިންނަށާއި މިފަދަ ހުރިހާ ފަރާތަކަށް އެލަވަންސްގެ ގޮތުގައި ފައިސާ ދޭ އުސޫލުން ސަރުކާރުގެ މުވައްޒަފުންނަށް އަދި އަމިއްލަ ފަރާތްތަކަށް އެލަވަންސެއް ކަނޑައަޅާ ދިނުން އެއީ ނެތްކަމެއް ނޫނެވެ. މިއަދުގެ ހާލަތުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެލަވަންސެއް ބޭނުން ވެއެވެ. މިހާރު މިލިބޭވަރާމެދު ހިތްހަމަ ޖެހެނީ މަދުމީހަކެވެ.