ތުއްތުދަރިފުޅު ރޭގަނޑު ނުނިދާ ރުއިން - މައިން ކަންބޮޑުވާ މައްސަލައެއް

އައިމިނަތު މިނީޝާ ޖޫން 1، 15:39 0 ޚިޔާލު

ތުއްތުދަރިފުޅު އަލަށް ދުނިޔެއަށް އުފަންވާއިރު އެ ދަރިފުޅުގެ ހާޟިރުވުން އިޢުލާން ކުރަނީ ރުއިމަކުންނެވެ. ދަރިފުޅުގެ ފުއްޕާމެއަށް ދުނިޔޭގެ ވައި ފުރަތަމަފަހަރަށް ފޮނުވުމަށް އެހީތެރިވެދޭ މި ރުއިމަކީ އާއިލާގެ އެންމެނަށް ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ރުއިމެކެވެ. ނަމަވެސް އޭގެފަހުން ދަރިފުޅު ރޮއެ ހެދުމަކީ މައިން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. ޑޮކްޓަރުން ދެކިލައްވާގޮތުގައި ރުއިމަކީ ސިއްހަތު ރަގަޅު ކުއްޖެއްގެ ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ. ސަބަބަކީ އެއްވެސް ބަހުރުވައެއް ނޭގެ ދަރިފުޅުގެވެސް ބޭނުންތަކެއްހުންނާނެއެވެ. އަދި މިބޭނުންތައް ފާޅުކުރުމުގެ ވަސީލަތަކީ ރުއިމެވެ. ބައެއް ކަންކަމުގައި ކުދިން އަތްފައި ތަޅުވާ ބޯ ހަލުވާ ހަދައެވެ. ނަމަވެސް ބޮޑުމީހެއްގެ ސަމާލުކަން އެންމެ ފަސޭހައިން އަވަހަށް ލިބެނީ ރުއިމުންނެވެ.

ރޭގަނޑު ހޭލައިގެން ދަރިފުޅު ރުއިމުގައިވަރަށް ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. ތިރީގައި އެވަނީ އާއްމުކޮށް ދަރިފުޅު ރޯން މެދުވެރިވާސަބަބުތައް ކަމަށް ޑޮކްޓަރުންނާއި މައިންނަށް ފާހަގަ ކުރެވިފައިހުރި ސަބަބުތަކެވެ.

• ބަނޑުހައިވުން: ދަރިފުޅަށް ފުދޭވަރަށް ރަގަޅަށް ނުކެވި އަދި ބަނޑު ނުފުރޭނަމަ ދަރިފުޅަށް ނިދުމުގައި އުނދަގޫވެއެވެ. އަދި ބަނޑުފުރެންދެން ކިރު ލިބުމުން ނޫނީ ރުއިން ހުއްޓާނުލައެވެ. އެހެންކަމުން ދަރިފުޅު ނިންދަވަންވާނީ ބަނޑުފުރެދެން ކާންދިނުމަށް ފަހުއެވެ.

• މާގިނައިން ރޭގަނޑު ކާންދިނުން: ރޭގަނޑު ނިދުމުގެ ކުރިން ގިނަފަހަރުމަތިން ކާންދޭނަމަ ނިދުމުގެ ފަހުންވެސް ކެއުމުގެ ބޭނުމުގައި ދަރިފުޅު ހޭލައެވެ. ނިންދެވުމުގެ ކުރިން ރަގަޅަށް ބަނޑުބޮޑުވާ ވަރަށް އެއްފަހަރު ކާންދިނުމުން ފުދޭނެއެވެ.

• ނެޕީ ހަޑިވުން: ނެޕީތެމިފައި ހުރުމަކީ ނިދަން އުނދަގޫވާ މައްސަލައެކެވެ. އިރުއިރު ކޮޅުން ނެޕީ ބަދަލުކުރަން ޖެހޭތޯ ބަލާށެވެ. އަދި ހަޑިވެފައިހުރިނަމަ އަވަހަށް ބަދަލު ކުރާށެވެ.

• އެކަނިވެރިކަން އިޙްސާސްވުން: ބައެއްކުދިންނަކީ އެކުދިންގެ ކައިރީގައި އަބަދުވެސް ކޮންމެވެސް މީހަކު ހުންނަން ބޭނުންވާ ކުދިންނެވެ. ނިދުމުގެ ތެރޭގައި އެކުދިންގެ ކައިރީގައި ބާއްވާފައި އޮންނަ ކުޅޭ އެއްޗެއް ވެއްޓި އެ ނަގައިދޭނެ މީހަކުނެތަސް ކުދިން ރޮއެފާނެއެވެ.

• ވަރުބަލިވުން: ދަތުރެއްކޮށްފައި އެހެންތަނަކަށް ގޮސް ނިދުމުގައި ކުދިންނަށް ދަތިތަކާއި ކުރިމަތިވެއެވެ. އަދި މާހައުލް ބަދަލުވުމާއި މޫސުން ބަދަލުވުމުގެ ސަބަބުން ވެސް ކުދިން ރޮއިފާނެއެވެ.

• މާބޮޑަށް ފިނިވުން ނުވަތަ ހޫނުވުން: ތުއްތުކުދިން ނިދާ ތަން ހުންނަންވާނީ މެދު މިންވަރެއްގައެވެ. މާބޮޑަށް ފިނިވުން ނުވަތަ ހޫނުވުމުން ކުދިން ރޮއެހަދާނެއެވެ. އެކިކުދިންނަށް ފިނިހޫނުމިން ބަހައްޓަންވާވަރުވެސް ތަފާތެވެ.

• ހެދުން ބާރުވުން: ތުއްތުކުދިން ނިދަން ލައްވާ ހެދުމަކީ ވަރަށް ދޫ އަދި އަރާމުހެދުމަކަށް ވާންވާނެއެވެ. ޚާއްސަކޮށް ޖަންގިޔާ ނުވަތަ ހަރުވާޅުގެ ރަބަރު ބާރުވުމުން ކުދިންނަށް ވަރަށް އުނދަގޫވާނެއެވެ.

• ކޮޓަރި މާ އަދިރިވުން: ތުއްތުކުދިން ނިންދަވަން ވާނީ އަލިމަޑުކޮށް ހުންނަ ތަންތަނުގައެވެ. ނަމަވެސް އެއްވެސް ވަރަކަށް އަލިކަމެއް ނެތުމަކީ ކުދިން ބިރުގަންނާނެކަމެކެވެ. ތުއްތުކުދިންވެސް ނިދީގެ ތެރޭގައި ނިދި މަޑުވެ ކުޑަކޮށް ލޯހުޅުވޭވަގުތު އާދެއެވެ. މިފަދަ ވަގުތެއްގައި މުޅިކޮޓަރި އަދިރިކޮށް ފެނުމަކީ ދަރިފުޅު ރޯންދިމާވެދާނެ މުހިއްމު ސަބަބެކެވެ.

• މަދިރިހެފުން: މަދިރި ހެފުމުންވެސް ކުދިން ނިދިން ހޭލާ ރޮއެ ހަދައެވެ. މަދިރިން ސަލާމަތްވުމަށް ބޭނުންކުރާނެ ވަރަށްގިނަ ވަސީލަތްތައް މިހާރު ހުރެއެވެ، މަދިރިއަކީ ނުރައްކާތެރިބަލިވެސް ޖައްސާ ޖަރާސީމެއްކަމުން މަދިރިން ސަލާމަތްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

• ކަންފަތް، ކަރު ނުވަތަ ނޭފަތްބެދުން: ތުއްތުކުދިންނަށް އަރިދަފުސް ޖެހުނުކަމުގައި ވިޔަސް ކަރު، ނޭފަތް އަދި ކަންފަތް ބެދިދާނެއެވެ. ނޭވާލުމުގައި ދަރިފުޅަށް އުނދަގޫވުމުން ހުއްޓާނުލާ ރޮއެ ހަދައެވެ.

ތަނަކަށް ތަދުވުން: ވެކްސިން ދިނުމުގެ ސަބަބުން، ނުވަތަ ތެތްނެޕީ ގިނައިރު ބަދަލުނުކޮށް ބެހެއްޓުމުގެ ސަބަބުންވެސް ދަރިފުޅަށް ތަދު އިހްސާސް ކުރެވެއެވެ. މިފަދަ އެއްވެސް ކަމެއް ދިމާވެފައި ހުރި ނަމަ ދަރިފުޅު ރުއިމަކީ އާއްމުކޮށް ހުރިހާ ކުދިން ކުރާކަމެކެވެ.

• ދަތްފެޅުން: ތުއްތުކުދިންގެ ދަތްފަޅާއިރު ހުރިހާކުދިންވެސް ރޮއެހަދައެވެ. އަދި ބައެއްކުދިން ހުންވެސް އާދެވެ. އެއްވެސް ގޮތަކަށް ދަރިފުޅުބަލިވުމަކީ ދަރިފުޅު ރޯން ދިމާވާ ސަބަބެކެވެ.

• ބަނޑުހަރުވުމާއި އާވައްތަރުގެ ކާނާކެއުން: ބަނޑުހަރުވުމުން ފާޚާނާއަށް ދާންބޭނުންވުމުން ބިރުންވެސް ދަރިފުޅު ރޮއިފާނެއެވެ. އަދި ތަދު އިހްސާސްވުމުންވެސް ރޮއެވެ. ކުރިން ނުކާ ވައްތަރެއްގެ ކާއެއްޗެއް ކެއުމުގެ ސަބަބުންވެސް ދަރިފުޅަށް ނިދަން އުނދަގޫވެގެން ރޮއެ ހަދައެވެ.

މިނޫން އެހެން ސަބަބެއް މެދުވެރިވެގެން ވެސް ތުއްތުދަރިފުޅު ރޮއެފާނެއެވެ. ނިދާހޭލައިގެން ދަރިފުޅު ހަމަ ރޮއިލާއިރަށް ދަރިފުޅުގާތަށް ނުދާށެވެ. ދެތިން މިނިޓް ތެރޭގައި ދަރިފުޅު އަމިއްލައަށް ނިދާވެސް ފާނެއެވެ. އެހާއިރުން ނުނިދި ނަމަވެސް މަޑުމަޑުން ދަރިފުޅު ބަލާލާށެވެ. އެދުން ނުނަގާ ބުރަކަށީގައި މަޑުމަޑުން ފިރުމާލުމުން އަލުނިދާނެއެވެ. ހަމަރޮއެލާ އިރަށް ގޮސްދަރިފުޅު ނަގާނަމަ ދަރިފުޅުއަމިއްލައަށް ނިދާކަށް ދަހެއް ނުވާނެއެވެ.

ދަރިފުޅު ނިދާތަނުގައި ބާއްވައިގެން ނިންދަވަން އާދަކުރާށެވެ. މަންމަގެ ކޮޓަރީގައި ނިންދެވުމަށްފަހު ދަރިފުޅު ދަރިފުޅު ހޭލާއިރު އެހެންކޮޓަރިއެއްގައި އޮތުމަކީ ކުދިން ހައިރާންވާކަމެކެވެ. ތުއްތުކުދިންނަނީ ނިދާތަނުގައި އޮވެގެން ހޭލަންބޭނުންވާ ކުދިންނެވެ. ނިދާތަނަށް މިއަންނަ ބަދަލު ބަލަން ބޭނުންވާ ކުދިން ނުނިދަންވެގެން ރޮއެ ހަދައެވެ.

ނިންދެވުމަށް ގެންގުޅެ ގަޑިތަކަށް ބަދަލުނުގެންނާށެވެ. ވަކިވަގުތަކަށް ކުއްޖާނިންދަވާނަމަ މައިންނަށްވެސް އެހެންކަންކަމަށް ވަގުތު ބަހާލަން ފަސޭހަވާނެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv