
ފިރިހެން ހެދުން އަޅައިގެން ފިލައިގެން އުޅުނު ރަސްގެތީމު އަންހެން ކުއްޖަކު އަނގޮޅިތީމުގައި އުޅެނިކޮށް ފެނިއްޖެ
ފިރެހެން ހެދުން އަޅައިގެން ފިލައިގެން އުޅުނު ރ. ރަސްގެތީމު އަންހެން ކުއްޖަކު އެ އަތޮޅު އަނގޮޅިތީމުގައި އުޅެނިކޮށް ފެނިއްޖެ ކަމަށް ރަށު އޮފީހުން މިއަދު ބުނެފި އެވެ.
ރަށު އޮފީހުން ބުނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ރަށު އޮފީހަށް ލިބުނީ މިއަދު ހެނދުނު ކަމަށާއި އެ މައުލޫމާތާއެކު ރަށުން ޑިންގިއެއް ގެއްލިގެން ވެސް ރިޕޯޓްކުރުމުން ޑިންގި ހޯދުމަށް ކުރި މަސައްކަތުން އެ ޑިންގި އަނގޮޅިތީމުގައި އޮތްކަމަށް އެނގިގެން އެ ރަށުގައި ރަސްގެތީމު އަންހެން ކުއްޖަކު އުޅޭތޯ ބެލުމަށް އެދުނު ކަމަށެވެ.
”އެ ރަށު އޮފީހުން ގުޅާފައި ބުނީ ފިރެހެން ހެދުން އަޅައިގެން އުޅޭ ކުއްޖަކު އުޅޭ ވާހަކަ. ދެން އެއީ ގެއްލިގެން އުޅޭ ކުއްޖާ ކަމަށް ބަލައިގެން އޭނާ ރަށަށް ގެނައުމަށް ދޯންޏެއް ފޮނުވައިގެން އޭނާ ގެނައީ,“ ރަށު އޮފީހުން ބުންޏެވެ.
އަނގޮޅިތީމަކީ ރަސްގެތީމުން ފުރައިގެން ބޮއްކުރައެއްގައި ފަލި ޖަހައިގެން 10 މިނިޓު ތެރޭގައި ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާ އަނގޮޅިތީމަށް ފުރައިގެން ދިޔައީ ރޭގެ 11 ޖަހާކަން ހާއިރު ކަމަށާއި އޭނާފިރެހެން ހެދުން އަޅައިގެން ދިޔައީ މީހުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށެވެ.
ރަށު އޮފީހުން ބުނީ އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށާއި އެހެންވެ އިތުރު މައުލޫމާތެއްނުދެވޭނެ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާ އަނގޮޅިތީމަށް ދިޔައީ އޭނާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖަކާ ބައްދަލުކުރަން ކަމަށެވެ.