ގަވައިދާ ޚިލާފަށް މިލަދޫން ނެގި 1000 ށް ވުރެ ގިނަ ރުއްގަސް ސަންޓްރެވަލް ސިޔާމުގެ ރިސޯޓަކަށް ގެންދިޔަ މައްސަލަ ފެންމަތި ވެއްޖެ

މަސްއޫދު ހިލްމީ މޭއި 29 2008، 17:32 0 ޚިޔާލު

ގަވައިދާ ޚިލާފަށް މިލަދޫން ނެގި 1000 ވުރެ ގިނަ ރުއްގަސް ސަންޓްރެވަލްގެ ރިޒޯޓަކަށް ގެންދިޔަ މައްސަލަ ފެންމަތި ވެއްޖެ އެވެ.

މިލަދޫ ކަތީބު މުހައްމަދު ހަސަން ވިދާޅުވީ މަގުހެދުމަށް ރުއްގަސް ކަނޑާފައިވަނީ ކަމާބެހޭ އިދާރާތަށް ހުށަހަޅައިގެން ކަމަށާއި އެހެންނަމަވެސް ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

” އަޅުގަނޑުމެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި އޮންނާނީ. އެހެންނަމަވެސް ހުއްދައެއް އަދި ނުލިބޭ. އަޅުގަނޑުމެން އީއައިއޭ ރިޕޯޓެއް ނުހަދަން.“ ކަތީބު ވިދާޅުވި އެވެ.

ކަތީބު ވިދާޅުވީ އެސަރަހައްދުން މަގު ހެދުމަށް ރުއްގަސް ނެގީ ރައްޔިތުން ބޭނުންވެގެން ކަމަށެވެ.

އެސަރަހައްދުން ގާތްގަނޑަށް 100 އެއްހައި ރުއްގަސް ނަގާފައިވާނެ ކަމަށާއި އެ ރުއްގަސްތަކަށް ބަދަލެއް ލިބޭ ގޮތަށް އެއަތޮޅުގައި ރިސޯޓަށް ވިއްކާފައިވާނެ ކަމަށް ކަތީބު ވިދާޅުވި އެވެ.

” އެރުއްގަސްތައް އެރިސޯޓަށް ގެނެސްފައިވަނީ އެތަކެތީގެ ވެރިފަރާތްތަކުގެ ހުއްދައާ އެކުގައި އެމީހުންނަށް ބަދަލެއް ލިބޭގޮތަށް.“ ކަތީބު ވިދާޅުވި އެވެ.

ކަތީބު ވިދާޅުވީ އެމަސައްކަތްކޮށްފައިވާނީ އެއްވެސް ހާލެއްގައި ތިމާވެއްޓަށް ގެއްލުންދިނުމުގެ ބޭނުމުގައި ކަމަށެވެ.

މިކަމާ ގުޅިގެން މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެސަރަހައްދުން ގާތްގަނޑަކަށް 1000 އެހައި ރުއްގަސް ނަގައި އެއަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ބުނީ މިގަސްތައް ނަގައި އެރިސޯޓަށް ބޭރުކޮށްފައި ވަނީ ރަށުގެ ރައްޔިތުންގެ ހުއްދައާ އެކު ނޫން ކަމަށާއި ރަށުއޮފީހުން ބޭނުން ވެގެން ކަމަށެވެ.

އެންވައިރަންމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ނ. މިލަދޫން ރުސްގަސްތަކެއް ނަގައިގެން އެމައްސަލަ މިހާރު އެމިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.

” މިލަދޫން އަމިއްލަ ބައެއް މިނިސްޓްރީއަށް އައިސް އަޅުގަނޑާ ބައްދަލުކޮށް މައްސަލަ ހުށަހެޅީ. އަޅުގަނޑު ހަމަ އެވަގުތު ކަތީބަށް ގުޅިގެން ކަތީބު ވިދާޅުވީ މަގެއް ހެދުމަށް ކަމަށް. އެކަން ކުރުމަށް އަތޮޅު އޮފީހަށް ހުށެހެޅި ކަމަށް އެހެންނަމަވެސް އަތޮޅު އޮފީހުން ޖަވާބެއް ނުލިބެނީސް ގަސްތައް ނެގީކަމަށް.“ ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އެންވައިރަންމެންޓް މިނިސްޓްރީއަށް އެކަމާބެހޭ އެއްވެސް ލިޔުމެއް އެމިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ޒާހިރު ވިދާޅުވީ މިހާރު އެކަން ހިނގާ ދިޔަގޮތުގެ ތަފްސީލް ރިޕޯޓެއް އެމިނިސްޓްރީއަށް ފޮނުވުމަށް އަތޮޅު އޮފީހަށް އަންގާފައިވާނެ ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv