ހުދު ދަތްޕިލައެއް ހޯދުމަށް ކެއުމުގެ ބާވަތްވައް ބަދަލުކުރުން މުހިއްމު

އައިމިނަތު މިނީޝާ މޭއި 29، 13:55 0 ޚިޔާލު

ރީތި ހުދު ދަތްޕިލައަކީ ޒީނަތްތެރިކަމުގެ ރައުސުލްމާލުގައި ވަރަށްވެސް މުހިއްމު ބައެކެވެ. ކިތައްމެ ރީތި ތުންފަތެއްގެ ވެރިއެއްނަމަވެސް ހީލާއިރު ފެންނަ ދަތްޕިލައަކީ ރީނދޫވެ ނުވަތަ ހަޑިވެފައިވާ ދަތްޕިލައެއްނަމަ ބައްދަލުވާ މީހަކުބޮޑަށް ފާހަގަ ކުރާނީ ދަތްޕިލައެވެ. އެ ރީތި ތުންފަތުގެ ރީތިކަން ފަނޑުވީއެވެ. ވީމާ ރީތި ދަތްޕިލައެއް ލިބުމަކީ ނުވަތަ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަޅުގަނޑުމެންގެ ދަތްޕިލާ ހަޑިވަނީ އަޅުގަނޑުމެން ގެންގުޅޭ ކެއުން ބުއިމުގެ އާދަތަކުގެ ސަބަބުންނެވެ. ހަމައެގޮތަށް ކާ ތަކެތީގެ ޒަރީއާއިން ރީތި ހުދު ދަތްޕިލައެއް ހޯދިވެސް ދާނެއެވެ.

ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ދަތްހުދުކުރަން ބޭސް ބޭނުން ކުރުމާއި އެކު ކަމުގެ މާހިރުންގެ ކައިރިން ފަރުވާ ވެސް ލިބިގަނެއެވެ. ނަމަވެސް މިފަރުވާ އަކީ ވަރަށް އަގުބޮޑު ފަރުވާތަކެކެވެ. މިގޮތުން އެންމެ ދަތެއް ސާފުކޮށް ހުދުކުރުމަށްޓަކައި 600 އާއި 800 ޑޮލަރާއި ދެމެދުގެ އަދަދެއް ދައްކަންޖެހެއެވެ. މީގެ ބަދަލުގައި އަޅުގަނޑުމެންގެ ކެއުމުގައި ބޭނުންކުރާ ތަކެތި އަދި އަޅުގަނޑުމެންގެ ބައެއް އެހެން އާދަތަށް ބަދަލުކޮށްގެން ދަތްހުދުކުރުން މުހިއްމެވެ. ބައެއް ކާތަކެއްޗަކީ ސިއްޙީގޮތުން ދަތްޕިލަ ވަރުގަދަކުރުމާއި އެކު ދަތްހުދުކުރުމުގެ އިތުރުން ދަތުގައި ހުންނަ ބެކްޓީރިއާވެސް ފިލުވާދޭ ކާނާއެވެ.

އާފަލު، ސްޓްރޯބެރީ، ޕެއަރސް، ކޮލިފްލަރ، ކިއުކަމްބަރ، ލުނބޯ އަދި ކެރޮޓަކީ ދަތް ހުދުކޮށްދޭ ކާނާއެވެ. މިބާވަތްތައް ކެއުން ރަގަޅީ އެއްގޮތަކަށްވެސް ނުކޮށާ ދަތުން ނައްޓުވައިގެންނެވެ. ހަމައެގޮތަށް ބްރޯކަލީ އަދި ލެޓިއުސްއަކީ ދަތުގައި ލަށްޖެހުމުން ސަލާމަތްކޮށްދޭ ބާވަތްތަކެވެ. މިތަކެތި ހަރާކާތްތެރިވަނީ ދަތުގެ ވަށައިގެންވާ ފާރެއްގެ ގޮތުގައެވެ. މިދެންނެވިތަކެތި ކާއިރުބޮޑަށް ހަފައިގެން ކެއުމުން ދަތުގައި ހުންނަ ލަށްތައް ބުރުހަކުން ސާފުކުރާ ފަދައިން ސާފުވާނެއެވެ. ދަތް ސާފުކުރުމުގައި ކުޅަކީވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް ކުޅުއެކަނި ދަތް ސާފުކުރުމުގައި މާބޮޑުއެހީތެރިއަކަށް ނުވެއެވެ. ދަތް ސާފުކުރުމުގެ ޤާބިލްކަން ލިބިފައިވާ ކާނާއާއި ކުޅު އެކުވެގެން ދަތްތައް ސާފުވާ އިރު ދަތަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ދަތް ހުދުކޮށްބެހެއްޓުމުގައި ކައިބޮއިހަދާ ތަކެތި އެހީތެރިވާފަދައިން ބައެއް ކާތަކެއްޗަކީ ދަތުގައި ލަށްޖައްސުވައި ދަތުގެ ރީތިކަން ނަގާލުމުގެ އިތުރުން ދަތަށް ބަލިވެސް ޖައްސާ ބާވަތްތަކެވެ. މިގޮތުން ސާފުހުދު ދަތްޕިލައެއް ބޭނުންވާ ފަރާތްތަކުން ދުރުހެލިވާންޖެހޭ ބާވަތްތަކުގެ ތެރޭގައި ކޮފީ، ސައި، ފިޒީ ބުއިންތައް، ދުންފަތް އަދި މަސްތުވާތަކެތި ހިމެނެއެވެ. މިތަކެތިބޭނުން ކުރުމުން ދަތުގައިހުންނަ ހުދުކުލަ ބަދަލުކޮށްލާ ދަތުގައި ލަށްޖައްސައެވެ. އަދި ފިޒީ ބުއިންތަކުގައި ހުންނަ އެސިޑްގެ ސަބަބުން ދަތުގެ ބޭރުފަށަލަ ހަލާކުކޮށްލައެވެ. މިފަށަލަ ހަލާކުވުމުން ދަތުގެ ވިދުން ކެނޑުނީއެވެ. އަދި ދަތަށް ކާތަކެތީގެ ކުލަޖެހުމަށް މަގުފަހިވީއެވެ. ރިސާރޗް ހަދާފަރާތްތަކުން ހާމަކުރާ ގޮތުގައި ހަށިގަނޑުން ކެލްސިއަމް އެންމެ ފުރަތަމަ ގެއްލެނީ ދަތްޕިލާހުންނަ ކޯކަށިގަނޑުންނެވެ. ދުންފަތުގެ ސަބަބުން އެންމެ ބޮޑުގެއްލުމެއް ލިބޭނީ ހިރުގަނޑަށެވެ. ދުންފަތުން ހިރުގަނޑު ހަލާކުވެ ދަތްތަކުގެ ތަރުތީބުގެއްލި އަދި ދަތުގައި ލަށް ޖަހައެވެ.

ކުލަ އެއްކޮށްފައި އަދި ގިނައަދަދަކަށް ހަކުރު އެކުލެވޭ ބުއިންތައް ވީވަރަކުން މަދުކުރާށެވެ. މަދުނުކުރެވޭ ނަމަ މިތަކެތި ހޮޅިއަކުން ބޯށެވެ. އޭރުން ދަތުގައި މިތަކެތި އުގުޅުން ކުޑަވާނެއެވެ. ދަތުގައި ލަށްޖެހޭފަދައެއްވެސް އެއްޗެއް ކައިފިނަމަ އަވަހަށް ދަތްއުގުޅަން އާދަކުރާށެވެ. ދަތް ހުދުކޮށްދިނުމުގައި އެހީތެރިވާ ކާނާކެއުމުން ދަތް ނު އުގުޅާ ވާނެގޮތެއްނެތެވެ.

ސިއްހަތު ރަގަޅު ހިނިތުންވުމަކަށް އެދޭނަމަ ތިރީގައިވާ ޓިޕްސް ވެސް ބޭނުންކުރާށެވެ.

• ހަކުރު ނުހުންނަ ޗުއިންގަމް ވީވަރަކުން ބޭނުންކުރާށެވެ. ޚާއްސަކޮށް ކެއުމުގެ ފަހުން ދަތް އުގުޅެން ނުހުންނަ ޙާލަތްތަކުގައި ވަރަށް މުހިއްމު ކަމެކެވެ.

• ކެއުމުގެ ފަހުން ދަތްތަކުގެ ދޭތެރެތައް ރީތިކޮށް ސާފުކުރާށެވެ. ކާތަކެތި ދަތުގައި ހަރުލާފައި ހުރުމުން ބެކްޓީރިއާ އުފެދޭނެއެވެ.

•އަހަރަކު ދެ ފަހަރު ޑެންޓިސްޓަކަށް ދައްކާ ދަތުގައި ހުންނަ ލަށް ސަފުކުރާށެވެ. އަދި ހިރުގަނޑަށް ފަރުވާއެއްބޭނުންވާނަމަ އެކަންވެސް ކުރާށެވެ.

•ބޭކިންގ ސޮޑާ ކޮޅަކުން ދަތް އުގުޅާށެވެ. ނަމަވެސް މަހަކު ދެ ފަހަރަށް ވުރެ ގިނައިން މިކަން ނުކުރާށެވެ.

•ތާޒާ ސްޓްރޯބެރީއެއް ދަތުގައި އުނގުޅާށެވެ. ދަތް ވަރަށް ހުދުވާނެއެވެ. އަދި ނިމުމުން ރީތިކޮށް ދޮންނާށެވެ.

•ލުނބޯހުތް ފޮދެއްގެ ތެރެއަށް ލޮނުކޮޅެއް އެޅުމަށްފަހު އެއްކުރާށެވެ. ދެން މިއިން ދަތް އުގުޅާށެވެ.

•ދަތްއުނގުޅާ ބޭސް ގަތުމުގައި ގުދުރަތީބާވަތްތަކުން ހަދާފައިވާ ބޭސް ޚިޔާރުކުރައްވާށެވެ.

•ނިޔަފަތިކެއުމުގެ އާދަ ދޫކޮށްލައްވާށެވެ.

•ފުޅިފުޅީގެ މަތި ދަތުން ނުނަގާށެވެ. އެއްވެސް ހަރުއެއްޗެއްގައި ދަތްނާޅާށެވެ. ދަތުގެ ބޭރުފަށަލައަށް ވުރެ އެތެރެފަށަލަ ބަލިވާނެއެވެ. އެހެންކަމުން ބޭރުފަށަލަ ހަލާކުވެއްޖެނަމަ ދަތްއެއްކޮށް ހަލާކުވީ ކަމަކަށް ބަލާށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv