ޕާޓީތަކުން ކުރާ މުޒާހަރާތަކާމެދު ވިސްނެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ގޮވާލައިފި

ފައްޔާޒު ފައިސަލް އޭޕްރީލް 12 2007، 10:06 0 ޚިޔާލު

ޕާޓީތަކުން ކުރާ މުޒާހަރާތަކާއި ފާޅުކުރާ ޚިޔާލުތަކާމެދު ވިސްނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ އެއްވެ އަޑު އުފުލުމަކީ ގާނޫނު އަސާސީންނާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކުން ވެސް ލިބިދޭ ހައްގެއް ކަމަށެވެ.

” ސިޔާސީ ޕާޓީތަކުން ކަންތައްތަކަށް ގޮވާލުމުން, ސަރުކާރުން އެބަޖެހޭ އެއީ ކިހާވަރެއްގެ ހަޤީޤަތެއްތޯ ބަލައި ވިސްނަށް.“ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެކިކަންކަމުގައި މުޒާހަރާތަކާއި އެއްވުންތައް ބާއްވައި އެމީހުންގެ އެދުންތައް ސަރުކާރަށް އަންގާފައި ވީނަމަވެސް އެކަންތައްތަކަށް ސަރުކާރުން ވިސްނާވައިޑައިގެންނަވާ ކަން އަދި ފާހަގަ ނުކުރެއްވޭ ކަމަށެވެ.

ސަލީމް ވިދާޅުވީ އެންމެ ފަހުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ބޭއްވި މުޒާހަރާގައި ވެސް ބައިވެރިން ގޮވާލާފައިވަނީ ވިސްނާލަން ޖެހޭ ރަނގަޅު ކަންތައްތަކަށް ކަމަށެވެ. ” މިއަހަރަށް ބަޖެޓް ފާސްކުރި ފަހުން މިދަނީ އަތްނުފޯރާ ފަށަށް ތަކެތީގެ އަގު ބޮޑުވަމުން.“ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މުޒާހަރާ ކުރުމަކީ ނަފުރަތުގެ ލޮލަކުން މުޒާހަރާ ކުރާ ފަރާތްތަކާ ދޭތެރޭ ދެކެންވީ ކަމެއް ނޫން ކަމަށާ އެގޮތަށް ވެއްޖެނަމަ މައްސަލަތައް ހައްލެއް ނުވާނެ ކަމަށެވެ.

އިދިކޮޅު ޕާޓީތަކަކީ އެއިރެއްގައި އޮންނަ ސަރުކާރަށް ފާޑުކިޔައި އެސަރުކާރެއްގެ އަތްދަށުން ގޮސްފައި ހުންނަ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްދޭ ފަރާތްތަކެއްކަމަށް ސަލީމް ވިދާޅުވި އެވެ.

” ސަރުކާރު ހިންގަމުންދާ ފަރާތްތަކަކަށް ފާހަގަ އެއް ނުކުރެވޭނެ އެމީހުންގެ އަތްދަށުން ނުކުރެވި ގޮސްފައިވާ ކަންތައްތަކެއް.“ ސަލީމް ވިދާޅުވި އެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv