އެވެރިން މުއްސަނދީ ނަމެއްގައެވެ.
ދިވެހި މާއްދާ ކިޔަވާ ގިނަކުދިން އެންމެ ރުޅި އަންނަނީ އޭނާ ދެކެއެވެ. އޭނާގެ ސަބަބުން އެތައް މާކުހެއް އުނިވާތީ އެވެ. ފުލްމާކުސް ހޯދަން އުނދަގޫވާތީ އެވެ. މިއީ އެތައް ކުދިންނެއް ކުރަމުންދާ ޝަކުވާއެކެވެ. އެތައް ކުދިންނެއް ބުނަމުންދާ ވާހަކަ އެކެވެ. އެތައް ކުދިންނެއް ދިވެހި ބަސް ދެކެ ފޫހިވާ އެއް ސަބަބެވެ.
އޭނާގެ ވާހަކައިން މިފެށީ އެވެރިންގެ ތެރެއަށް ވަންނާށެވެ. ހަތް މެމްބަރުންގެ އާއިލާގެ އެވެރިންގެ އެހީތެރިކަން ހޯދަނީ ކިހާވަރަކަށްތޯ ބަލާށެވެ. އަދި އެވެރިންގެ އެހީތެރިކަމަށް އެދެނީ ކިތައްމީހުންތޯ ބަލާށެވެ. ހަގީގަތަށް ބުނާނަމަ އެވެރިންގެ ތެރޭގައި ހިމެނޭ ދުވަސްވީ މީހުންގެ ބޮލުގައި ނުރަ ޖެހިތާ ކިތަންމެ ޒަމާނެކެވެ. އެވެރިން ތެރެއިން ބައެއް މީހުން އައްސިވެ, ވާގި ނެތުނުތާ ކިތަންމެ ދުވަހެކެވެ. އެވެރިންގެ އާއިލާގެ ގިނަ މެމްބަރުން އެނދުމަތި ކޮށްފައި ހަމައެކަނި ނަމެއްގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން ނަމަވެސް އަދިވެސް ބައެއް މީހުންގެ ދޫތަކުން އެވެރިންގެ މުއްސަނދި ކަމަށް ތައުރީފް ކުރެއެވެ. އެ މުއްސަނދި ކަމުގެ ވާހަކަ ދައްކަމުން އެވެރިންގެ އާއިލާގެ ކޮންމެ މީހަކީ މުޅިން ތަފާތު މީހެއްކަމަށް ބުނެ އުޅެއެވެ.
މިއަދު އޭނާގެ އެހީތެރިކަން ހޯދާނެ މީހަކުނެތްތާ އޭނާ ހޯދަން ޖެހޭ ހާލަތެއްވެސް އަންނަނީކީ ނޫނެވެ. އޭނާގެ އާއިލާގެ މެމްބަރުންނަކީ ކޮންބައެއްކަން އެނގޭނީ ހަމައެކަނި ހަތެއް އަށެއް ނުވައެއްގައި ކިޔަވަމުންދާ ކުދިންނަށެވެ. އެކުދިންނަށްވެސް ޓެސްޓް ނިމުނީމާ އެއީ ކޮންބައެއްކަން ބުނެދޭކަށް ނޭނގެއެވެ. ކަންތައް އޮތީ މިހިސާބުގަ އެވެ. މިވަރުންވެސް އެވެރިންގެ މުއްސަނދިކަމުގެ ވާހަކަދައްކާ އެކަމަށް ފަޚްރުވެރިވާ ވާހަކަ ބުނެއެވެ.
ދެ ހާހުގެ އަހަރުތަކުގައި އުޅެމުންމިދާ ދިވެހި ދަރިންނާ ރައްޓެހީ އެވެރިންގެ, އާއިލާގައި ހިމެނޭ އެންމެ ހަގު ދެ މެމްބަރުން ނެވެ. އެކަކަށް ކިޔަނީ ލަވަކޮއްކޮ އެވެ. ދެން ހުންނަ ސޮރަށް ކިޔަނީ ޅެން ކޮއްކޮ އެވެ. އާއްމު ހާލަތުގައިވެސް އަދި ޚާއްސަ މުނާސަބަތު ތަކުގައިވެސް ފެންނަނީ ހަމައެކަނި މި ދެކުދިންގެ އެހީތެރިކަން ހޯދަމުންދާ ތަނެވެ. އެވެރިންގެ އާއިލާގެ އެހެނިހެން މެމްބަރުން ދޫކޮށްލުމަށް ފަހު, އެވެރީންގެ ތެރޭގައި ހިމެނޭ ދެ މީހުންނަކީ ލަވަކޮއްކޮއާއި ޅެން ކޮއްކޮ ކަމަށް މިއަދު މިވަނީ ވެފައެވެ. އެވެރިންގެ ތެރޭގައި ހިމެނޭ ދޮށީ މެމްބަރުން އެއީ ޒަމާނަށް ނުފެތޭ, މިއަދުގެ ޖީލަށް ކަމުނުދާ މެމްބަރުން ތަކެއް ކަމަށް މިއަދު މިވަނީ ނިންމާފަ އެވެ.
މިހިސާބަށް އެވެރިންގެ ކަންތައް ދިއުމުގައި ވެފައި އޮތް އެންމެ ބޮޑު އިހްމާލަކީ އެކަން ހައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވުމެވެ. އެވެރިންގެ ކަންތައް މިއަދު ބަލަހައްޓަމުން ގެންދަނީ އެކަމުގެ ބަލަދުއަރާ ގައުމީ މަރުކަޒުން ނެވެ. އެހެންކަމުން އެވެރިންގެ ނަމުގައި މުބާރާތްތައް ބާއްވާ, އެވެރިންގައި ހުރި ހުނަރުތައް ދަސްކޮށް ދިނުމުގެ ކޯސްތައް ހިންގާ ހަމައެކަނި ފަރާތަކީ އެއީއެވެ. އެވެރިންގެ ނަސްލު ދެމެހެއްޓުމަށް މިއަދު އެއްވެސް ސްކޫލަކުން އެއްވެސް ސިފައެއްގައި މަސައްކަތް ކުރާތަނެއް ނުފެނެ އެވެ. އެ މަސައްކަތް ނުކުރަނީ ކުދިންގެ މުގައްރަރު އެކުލަވާ ލެވިފައިވާ ގޮތުން ނެވެ. އެވެރިންނަކީ ދިވެހި ސަގާފަތާއި ބަހުގެ ތެރެއިން މުޅިން އެކަހެރި އެއްޗަކަށް ހެދުމުން ވާނެގޮތް މިއޮތީ ވެފައެވެ.
ސުވާލަކީ އޭނާ މުހިންމު ހެއްޔެވެ؟ އެވެރިންގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މި ސުވާލު ކުރާނަމަ ދިވެހި ބަހުގެ ބޭނުމެއް އެބައޮތްތޯވެސް ސުވާލު ކުރެވިދާނެ އެވެ؟ ދިވެހި ސަގާފަތާއި, އިހުގެ ލިޔުންތަކާއި, ހަގީގީ އަދި ފޯކްލޯ ވާހަކަތައް ހުރީ އެވެރިންގެ ތެރޭގަ އެވެ. އެވެރިން މުހިންމުވީ މިސަބަބާ ހުރެއެވެ. އެވެރިންނަށް އަޅާލައި އޯގާތެރިވާންވީ މިސަބަބުތަކަށްޓަކައެވެ.
ހެއްވާ ކަމަކީ ގްރޭޑް 10 ގެ ދަރިވަރުންނަށް އޭނާއާ ރައްޓެހި ކުރުވުމަށް އޭނާގެ ތަސްވީރުތައް ދައްކާއިރު ގްރޭޑް ހަޔަކާއި ހަތެއްގެ ދަރިވަރުންނަށްވެސް އޭނާގެ އެތައްވީރުތައް ދައްކާކަމެވެ. އަދި އެކެއް ދޭއްގެ ކުދިން ވެސް އޭނާ ހޯދާނަމަ ފެންނަން ހުރީ ހަމަ އެތަސްވީރު ތެކެވެ. އޭނާގެ އެއްވެސް އާ ތަސްވީރެއް, އަދި އެއާއިލާގެ އެއްވެސް މެމްބަރެއްގެ އާ ތަސްވީރެއް މިޒަމާނުގެ ކެމަރާއަކުން ނަގަން ނޭނގުނު ކަމީ އެވެރިން ދެކެ މިއަދުގެ ދަރިން ފޫހިވި އެންމެ މުހިންމު އެއް ސަބަބެވެ. މިއީ ވިސްނަންވެއްޖެ ކަމެކެވެ. އެވެރިންގެ މުއްސަނދިކަން ހަމައެކަނި ނަމެއްގައި އޮތުމުގެ ބަދަލުގައި އެވެރިންގެ ދަރިފަސްކޮޅު ދިރުވުމާމެދު މަސައްކަތްތަކެއް ކުރަންޖެހިއްޖެވެ. އެވެރިންގެ އާއިލާ , ދިވެހި ސަގާފަތާއި ބަހަކާ ވަތްކެއް ނުކުރެވޭނެ އެވެ. އެއީ ވާނެ ކަމެއް ނޫނެވެ.
-
އަންގާރަ، މޭއި 27 2008، 16:09
މިގޮތަށް ލިޔެގެނެއް ކިޔާމީހުންނަކަށް ތިޔަ ބުނަން އުޅޭ އެއްޗެއް ނޭންގޭނެ.ތަންކޮޅެއް ސާފު އިބާރާތުން ލިޔެބަލަ