މިފްކޯގެ މުވައްޒަފުންނަށް މުސާރަބޮޑުކުރުން: މުސާރައިގެ އާ އޮނިގަނޑާ އެކު މިފްކޯ މުވައްޒަފުން ހިތްހަމަ ނުޖެހިފައި

މުހައްމަދު ރަފީއު މޭއި 24 2008، 16:36 4 ޚިޔާލު

މުސާރަ ބޮޑުކުރުމަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) ގެ މުވައްޒަފުން ހަޅުތާލު ކުރިތާ ހަފްތާއެއްގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފި އެވެ.

އާ އޮނިގަނޑެއް އެކުލަވާލައި އެ އޮނިގަނޑުގެ ދަށުން މުސާރައިގެ 10 އިންސައްތައާއި 85 އިންސައްތަ ބޮޑުކޮށްފައި ވެ އެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެންމެ ކުޑަކޮށް މުސާރައިގެ ކުރިއެރުމެއް އައިސްފައި ވަނީ ބޭސިކް މުސާރައެއްގެ ގޮތުގައި 4,500ބެމެންއައި ސީނިއަރ ފޯމަން ގްރޭޑް2 ގެ މަގާމުގައި ތިބި މުވައްޒަފުންނަށެވެ. މުސާރައިގެ ދިހަ އިންސައްތައިގެ ގޮތުގައި 560ރ އިތުރުވުމަކާއެކު މިހާރު އެ ވަޒީފާގައި ތިބި މުވައްޒަފުންނަށް ލިބެނީ 4،960ރ އެވެ. މުސާރައަށް އެންމެ ބޮޑު ކުރިއެރުމެއް މިފަހަރު ލިބިފައި ވަނީ ފޯމަން ގްރޭޑް 1 ގެ މަގާމުގައި ތިބި މުވައްޒަފުންނަށެވެ. މުސާރައިގެ 85 އިންސައްތައިގެ ކުރިއެރުމަކާއެކު, ބޭސިކް މުސާރައެއްގެ ގޮތުގައި މިހާރު ލިބެނީ 3,045ރ އެވެ.

އެންމެ ކުޑަކޮށް މުސާރައިގެ ކުރިއެރުން ލިބުނު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޗީފް ސްޕްރިންޓެންޑެންޓަށް މިހާރު 11,460ރ ޖެހެ އެވެ. މިއީ ކުރިން ލިބުނު މުސާރައިގެ 15 އިންސައިގެ ބޮޑުވުމެކެވެ. ހެޑްކޭޝިއަރުންނަށް މުސާރައިގެ 60 އިންސައްތަ ބޮޑުކޮށްފައިވާއިރު, ކޭޝިއަރުންނަށް ބޮޑުކޮށްފައި ވަނީ 26 އިންސައްތައާއި 30 އިންސައްތަ އެވެ. ހެޑްކޭޝިއަރުގެ ގޮތުގައި ތިބި މުވައްޒަފުންގެ މުސާރަ ވަނީ 4,380ރ އިން 7,000ރ އަށް ބޮޑުވެފަ އެވެ. މިއީ 2620ރ ގެ އިތުރުވުމެކެވެ. ކޭޝިއަރ ގްރޭޑް1 މުވައްޒަފަކަށް މިހާރު ލިބެނީ 3,180ރ އެވެ. އެއީ 730ރ ގެ އިތުރު ވުމެކެވެ.

9,000ރ ލިބެމުންއައި މާސްޓަރަކަށް އާ އޮނިގަނޑުގެ ދަށުން 20 އިންސައްތަ ބޮޑުކޮށް ބޭސިކް މުސާރައެއްގެ ގޮތުގައި 10,800ރ މިހާރު ޖެހެ އެވެ. އޭނާގެ ދަށުން މަސައްކަތް ކުރަމުން ގެންދާ ޗީފް ސްކިޕާއެއްގެ މުސާރައަށް 65 އިންސައްތަ ބޮޑުކޮށްފައި ވެ އެވެ. ޗީފް ސްކިޕާއެއްގެ މިހާރު މުސާރައަކީ 10,560ރ އެވެ. ޗީފް އިންޖިނިއަރުގެ މުސާރަ ބޮޑުކޮށްފައި ވަނީ 22 އިންސައްތަ އެވެ. މި ބަދަލާ ގުޅިގެން ކުރިން 8,700ރ ލިބެމުން އައި ޗީފް އިންޖިނިއަރަކަށް މިހާރު ލިބެނީ 10,615ރ އެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މުސާރައަށް ވެސް ވަނީ އާ އޮނިގަނޑުގެ ދަށުން 46 އިންސައްތަ ބޮޑުކޮށްފައި ވެ އެވެ. މެނޭޖިންގ ޑިރެކްޓަރަށް ކުރިން ލިބެމުން އައި 8,140ރ ގެ ބަދަލުގައި މިހާރު ލިބޭނީ 11,885ރ އެވެ. ޗީފް އެކައުންޓެންޓްގެ މުސާރަ ވަނީ 60 އިންސައްތަ ބޮޑުކޮށްފަ އެވެ. ކުރިން 7,200ރ ލިބެމުން އައި ޗީފް އެކައުންޓެންޓަށް މިހާރު ލިބެނީ 11,520ރ އެވެ. މެނޭޖަރުންގެ މުސާރަ 24 އިންސައްތަ ބޮޑުކުރުމާ ގުޅިގެން މިހާރު ލިބެނީ 10,850ރ އެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރޭގައި މިފަހަރު ވަނީ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތަށް ރިޔާއަތްކޮށް, މެނޭޖްމަންޓް އެލަވަންސެއް ވެސް ތައާރަފު ކޮށްފަ އެވެ. މި އެލަވަންސް ދެނީ ސެންޓަރު ތަކުގެ އެންމެ އިސްވެރިންނަށާއި ހެޑް އޮފީހުގެ އެންމެ އިސްވެރިންނަށާއި ޑިޕާޓްމަންޓް ހެޑުން ފެންވަރުގެ މަގާމު ތަކަށެވެ. މެނޭޖްމަންޓް އެލަވަންސްގެ ގޮތުގައި މެނޭޖިންގ ޑިރެކްޓަރަށް 15,000ރ ކޮންމެ މަހަކު ހަމަޖައްސާފައިވާއިރު, ޗީފް އެކައުންޓެންޓަކަށް ވެސް 8,000ރ ހަމަޖައްސާފައި ވެ އެވެ. ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށް މެނޭޖްމަންޓް އެލަވަންސްގެ ގޮތުގައި 6,000ރ ދޭ އިރު, ޑެޕިއުޓީ ހެޑް އޮފް ޑިޕާޓްމަންޓްގައި ހުންނަ މީހަކަށް 4,000ރ ހަމަޖައްސާފައި ވެ އެވެ. 80 މެޓްރިކްޓަނަށްވުރެ, އިތުރަށް މަސްގަނެވޭ ބޯޓފަހަރުގެ ކޮމާންޑާ ހަވާލުވެހުންނަ މީހަކަށް ވެސް އެލަވަންސްގެ ގޮތުގައި 4,000ރ ހަމަޖައްސާފައި ވެ އެވެ. ޑިޕާޓްމަންޓްތަކާ ހަވާލުވެ ތިބި މެނޭޖަރުންނަށް 6,000 ރުފިޔާ އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާއިރު, ސެންޓަރު ތަކުގެ ހެޑް ނުވަތަ ސެންޓަރުތަކުގެ އިންޗާޖަކަށް ހުންނަ މީހަކަށް އެލަވަންސްގެ ގޮތުގައި މަހަކު 10,000ރ ހަމަޖައްސާފައި ވެ އެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން މިފްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ހިތްހަމަ ނުޖެހިގެން އެވާހަކަ ދައަކަމުންދާ ކަމަށް ޖަޒީރާއަށް މައުލޫމާތު ލިބިފައި ވެ އެވެ. ބައެއް މުވައްޒަފުން ވަނީ ޖަޒީރާއަށް ގުޅައި އެ މީހުން މި އޮނިގަނޑާމެދު ހިތްހަމަ ނުޖެހޭ ސަބަބުތައް ވެސް ހާމަކޮށްފަ އެވެ. މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދިއުމާ ގުޅިގެން މުސާރައިގެ އޮނިގަނޑު އާއްމުކޮށްފައި ވެސް އާއްމު ނުކުރާ އެއްޗެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބައެއް މުވައްޒަފުން މިއަދު ބުންޏެވެ.

ކޫއްޑޫގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ބުނީ މުސާރައިގެ ކުރިއެރުންތައް އައިސްފައި ހުރީކީ ގަބޫލުކުރެވޭ ގޮތަކަށް ނޫން ކަމަށާއި އަދި އެލަވަންސް ތަކަކީ ވެސް ގަބޫލުކުރެވޭ ވަރުގެ އެއްޗެއް ނޫން ކަމަށެވެ.

” ބައެއް މީހުންނަށް ނިސްބަތުން މާކުޑަ. އަނެއްބަޔަކަށް ނިސްބަތުން މާބޮޑު“ އޭނާ ބުންޏެވެ.

އެހެން މުވައްޒަފަކު ބުނީ މުސާރައިގެ އޮނިގަނޑުގައި ފޫ ނުބެދޭ ކަންތައްތަކެއް ހުރި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އޮއިލަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ޕްރޮޕޯޓް ވާނީ ޓްރެއިނީ އިންޖިނިއަރ ގްރޭޑް1 ވާއިރު, އެމަގާމުގައި ހުންނަ މީހަކަށް ލިބޭ މުސާރައަށް ވުރެ, އޮއިލަރެއްގެ މުސާރަ 90ރ ބޮޑު ކަމަށެވެ. އާ އޮނިގަނޑުގެ ދަށުން އޮއިލަރެއްގެ މުސާރައަކީ 2,690ރ އެވެ. ޓްރެއިނީ އިންޖިނިއަރ ގްރޭޑް1ގެ މުސާރައަކީ 2,600 އެވެ.

ޗީފް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކު ބުނީ މުސާރައިގެ 25 އިންސައްތަ ބޮޑުކުރި ނަމަވެސް ޒިންމާ, ޗީފް ސްކިޕާއަށްވުރެ ބޮޑު ކަމަށެވެ. އެކަމަކު ޗީފް ސްކިޕާއެއްގެ މުސާރަ 65 އިންސަތަ ބޮޑުކޮށްފައިވުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެ އެވެ.

” މެނޭޖްމަންޓުން ބަލަނީ ޗީފް އިންޖިނިއަރެއްގެ ޒިންމާ ކުޑަކަމަށް. ހަގީގަތަށް ބަލާއިރު, އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ މީހަކީ އޭނާ. އެކަމެއް އިސްވެރިންނެއް ގަބޫލެއް ނުކުރޭ“ މިފްކޯގެ ބޯޓެއްގެ ޗީފް އިންޖިނިއަރެއްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ބުންޏެވެ.

ޗީފް އިންޖިނިއަރެއްގެ މިހާރުގެ މުސާރައަކީ 10,615ރ އެވެ. ޗީފް ސްކިޕާއެއްގެ މުސާރައަކީ 10,560ރ އެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާދިލް ސަލީމް ވިދާޅުވީ މިހާރު މުސާރައިގެ އޮނިގަނޑަށް ގެނެސްފައި ބަދަލު ބަދަލުކުރަން ގަސްތުނުކުރާ ކަމަށެވެ.

” އަޅުގަނޑުމެން ހަމަ އެކަނި ބަދަލު މިގެނައީ މުސާރައިގެ އޮނިގަނޑަކަށް ނޫން. މުޅި މިފްކޯގެ އޮނިގަނޑަށް.“ އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މިމައްސަލަ ފެންމަތިވެގެން އުޅެނީ އިންޖިނިއަރުންގެ މެދުގައި ކަމަށާއި މިހާރު ވެސް އިނޖިނިއަރުންނަކީ މިފްކޯގައި އެންމެ ބޮޑު މުސާރަ ލިބޭ އެއްބައި މީހުން ކަމަށެވެ.

އާދިލް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލު ގަބޫލު ނުކުރާ މުވައްޒަފުން މިފްކޯދޫކޮށް ދިޔަނަމަވެސް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

” އަޅުގަނޑުމެން މުސާރައިގެ އޮނިގަނޑު އެކުލަވާލާފައި މިވަނީ މިފްކޯގެ ހުރިހާ ޑިޕާޓްމެންޓްގެ ހެޑުންނާއި ވާހަކަ ދައްކައި ޑިރެކްޓަރުންގެ ބޯޓަށް ހުށަހަޅައި ބޯޑުން ފާސްކޮށްގެން. ފިނޭސް މިނިސްޓްރީއަށް ހުށަހަޅައި އެތަނުން ބަލައި ދިރާސާ ކުރުމަށް ރައީސް އޮފީހަށް ފޮނުވައިގެން.“ އާދިލް ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވާނެ ދުވަސް އިއުލާންކޮށްފައި އާދިލް ވިދާޅުވީ މިހާރު އެކުލަވާލާފައިވާ މުސާރައިގެ އޮނިގަނޑުގައި ބައެއް ދާއިރާތަކުން ޕްރޮމޯޝަން ލިބުމުން މުސާރަ ކުޑަ ވާކަމަށް އޮތްއޮތުމަކީ ލިޔުމުގެ މައްސަލައެއް ކަމަށާއި އެފަދަ މައްސަލައެއް ހުރިނަމަ ހައްލު ކުރާނެ ކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. UslJ8b fjbaftsrrnfl, [url=http://whorcuxfxhwr.com/]whorcuxfxhwr[/url], [link=http://hllwiytpxizf.com/]hllwiytpxizf[/link], http://tdscrmlwmaoh.com/

    ހޯމަ، އޮކްޓޫބަރ 6 2008، 01:20
  2. އެއީ މާބޮޑުކަމެއްނޫން، ސަރުކާރުގެ މުސާރަ ބޮޑުކުރަން އުޅުނު ދުވަސްވަރު އެންމެ މުސާރަބޮޑުވާނީ ދަށްފަންތީގެ މަގާމުތަކުގެ މުސާރާއޭ ކިޔާފަ އެންމެ ބޮޑުކުރީ ވަޒީރުންނަށް ލ

    ހޮނިހިރު، މޭއި 24 2008، 21:40
  3. ކުންފުނިތަކުގެ މުސާރަބޮޑުކުރާއިރު ޢާއްމުކޮށް މުސާރަބޮޑުކުރަމުންގެން ދަނީ މިއުޞޫލުންކަމަށްވާތީ ހައިރާންވާންޖެހެއެވެ. އަޅުގަޑުގެ ޚިޔާލަކީ ޢާއްމުގޮތެއްގައި ކޮމްޕެނީތަކގައި ބުރަމަސައްކަތް ކުރަމުންގެންދަނީ އެންމެ ދަށްފަންތީގެ މުވައްޒިފުންނަށް ވީހިދު މުސާރަބޮކުރަންޖެހޭނީ މިދެންނެވި ދަށްފަންތީގެ މުވައްޒަފުންނަށް ޕަސެންޓޭޖް އިތުރުވާގޮތަށެވެ. ހުސައިން އިބްރާހީމް

    ހޮނިހިރު، މޭއި 24 2008، 18:05
  4. ކުންފުނީގެ އެންމެ ބޮޑެތި ޒިއްމާތަށް އުފުލައި ކުންފުނި މިއަދު ހޯދާ ކާމިޔާބީތަކުގެ ފަހަތުގައި ތިތިބީ ހަމަކުންފުނީގެ ވެރިން ނެވެ. މިފަދަ ބޮޑު ކުންފުންޔެއްގެ ވެރިންގެ މުސާރަޔާ ޒިއްމާވެސް އަލާ ކިޔާލަ ބަލާށޭ، އޭރުން އިހްސާސްވާނެއެވެ.-ނާސިހާ

    ހޮނިހިރު، މޭއި 24 2008، 21:35
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv