ރައްޔިތުންގެ ޚާއްސަ މަޖިލިސް ބޮއްސުންލައިފި

އަހުމަދު މުހުސިން އޭޕްރީލް 11 2007، 22:37 0 ޚިޔާލު

މިއަދު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާވެސް ގަވައިދާ ޚިލާފަށް ގެންދާކަމަށް މެމްބަރުން ވިދާޅުވެ ނުރުހުން ފާޅުކޮށް މަޖިލީހުގެ ރިޔާސަތުގެ އިސްތިއުފާއަށް ގޮވާ, މަޖިލިސް ބޮއްސުންލާފައިވާކަމަށް މެމްބަރުންގެ އަމަލުފުޅުން ދައްކަވަން ފައްޓައިފި އެވެ. ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ގިނަދުވަސްތަކަކަށް މެދުކެނޑުމަށް ފަހު މިއަދު ބޭއްވުނު ދެވަނަ ޖަލްސާގައިވެސް ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދަވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް އަޑު އުފުލާފަ އެވެ. އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ޖަލްސާ ހުއްޓާލަން ޖެހެންދެން އޮތީ ނިޒާމީ ނުކުތާ ނެގުމެވެ.

ޖަލްސާ ނިންމާލުމާއެކު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލޭ މެންބަރ އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ މުހައްމަދު ޝިހާބު, އެބޭފުޅާ މަޖިލީހުގައި އިންނަވާ މޭޒުކޮޅުމައްޗަށް ކޮޅަށް އަރުއްވާ ދެއަތް މައްޗަށް ނަންގަވައިގެން ހުރެ ރައީސް މައުމޫނާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމާއި ނައިބު ރައީސް ޝާހީން ހަމީދުގެ އިސްތިއުފާއަށް ގޮވާލައްވާފައި ވެއެވެ.

ޝިހާބުގެ އިތުރުން ވަރަށް ގިނަ މެންބަރުންތަކެއް މަޖިލިސްގެ ޖަލްސާކުރާ މާލަމުގެ ތެރޭގައި އަތް އުއްކަވާ އަޑުގަދަ ކުރައްވާ މައުމޫނާއި ރިޔާސަތުގެ އިސްތިއުފައަށް ގޮވާލައްވާފައި ވެއެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލެއްވީ މަޖިލިސް ތެރޭގައި މެންބަރުން އެއްފަހަރާ ވާހަކަދައްކަވާ އެއަޑު ގަދަވެ އަތް އުއްކަވާ މަޖިލީހުގެ ރިޔާސަތަށް އެއްޗެތި ކިއުއްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން ޝާހީން ހަމީދު އެކަން ނުކުރެއްވުމަށް ތަކުރާރުކޮށް އެންގެވުމުންވެސް ހުއްޓާނުލެއްވުމުން މަޖިލީސް ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ ޤަވާއިދުގެ 10 ވަނަ މައްދާގެ ދަށުންނެވެ.

މެންބަރުން އެއްފަހަރާ ވާހަކަދައްކަވާ އަޑުގަދަކުރައްވާ އަތްއުއްކަވާ ހެއްދެވީ މަޖިލީހުގެ ރިޔާސަތުން ވަކިގޮތަކަށް ޖަލްސާ ކުރިއަށް ގެންދަވާ, މަޖިލީހުގެ ބޭރުން ލަފާ ހޯއްދަވައިގެން މަޖިލީހުގެ އިދާރީ ކޮމެޓީއާއި މެންބަރުންގެ ލަފާފުޅާ ދެކޮޅަށް މަޖިލިސް ކުރިއަށް ގެންދަވަތީ މެންބަރުން ހިތްޕުޅު ހަމަނުޖެހި ކެތްތެރިކަން ކޮޅުން ލައިގެންނެވެ.

މިއަދުގެ ޖަލްސާގައިވެސް ގާތްގަޑަކަށް ހުރިހާ މެންބަރުންވެސް ނިޒާމީ ނުކުތާ ނަންގަވައިގެން ދެއްކެވީ އެއްވާހަކައެކެވެ. އެއީ މަޖިލީހުގެ ރިޔާސަތަށް ފެންނަގޮތަކަށް ޤާނޫން މާނަ ކުރައްވާ ވާހަކައާއި މަޖިލީހުގެ ބޭރުން ލަފާހޯއްދަވާ އެލަފަޔަށް ބުރަވެ މަޖިލީހުގެ މެންބަރުންނަށް އިޙްތިރާމްކޮށް ނުހިއްތެވުމާއި މަޖިލީހުން ފާސްކޮށްފައިވާ ކަމަކާ ޚިލާފަށް ކަމެއް ނިންމެވުމަށް މަސައްކަތް ކުރާކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ ތަކެވެ. އަދި މަޖިލީހުގެ ރިޔާސަތަށް ފާޑު ވިދާޅުވިއެވެ.

އެގޮތުން ވާހަކަދެއްކެވި ބައެއް މެންބަރުންގެ ތެރެއިން ބ އަތޮޅު މެންބަރ އަލީފާއިޒް ވިދާޅުވީ މަޖިލީހުގެ ރައީސްވެސް އަދި ނައިބު ރައީސްވެސް އަމަލުކުރަމުން ތިޔަ ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި މަޖިލީހަށް ލިބިދޭ ބާރަކަށް އެހެން ފަރާތަކުން ހުރަހެއް ނޭޅޭނެ ކަމަށެވެ.

”މިއަދުގެ ޙަޤީގަތަކީ 17 އަހަރު ދުވަހުން ކޮއްކޮއަކު ބޭބެއަށް ތިޔަ ގޮނޑީގައި އިންނަވައިގެން ހައްދަވައިދެއްވި ޤާނޫން އަސާސީއަށް ފަހު އެޤާނޫން އަސާސީ ދެވަނަ ފަހަރަށް ޅިޔަނަކު ޅިޔަނަށާއި ކޮއްކޮއަކު ބޮޑު ބޭބެއަކަށް ޤާނޫން އަސާސީއެއް ހަދައިދޭން އުޅޭ އުޅުމެއް“ އަލީ ފާއިޒް ވިދާޅުވިއެވެ.

ރިޔާސަތުން ޝާހީން ހަމީދު ވިދާޅުވީ މެންބަރުން ޤަބޫލުނުކުރެއްވި ނަމަވެސް މިހާރު ޤާނޫން ހެދިފައި އޮތްގޮތުން ވޯޓު ދެވޭނީ 21 އަހަރުން މައްޗަށް ކަމަށެވެ.

ތ އަތޮޅު މެންބަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ޤާނޫނުގައިވާ ކަމަކާ ޚިލާފެއް ނުވާ ކަމަށާއި 21 އަހަރުން މައްޗަށް ވޯޓު ދޭން ޖެހޭނީ ޤާނޫނު އަސާސީގައި ބުނާފަދަ ވޯޓެއް ނަގާނަމައެވެ. ޤާނޫން އަސާސީގައި ނުހިމެނޭ ވޯޓެއް ނަގާކަށް އެއަށް ތަބާވާކަށް ނުޖެހޭނެ ކަމަށެވެ.

”މިއީ ޤާނޫން އަސާސީގައި ބުނާ ވޯޓެއް ނޫން. މިއީ ޤާނޫން އަސާސީ ކަމުނުގޮސްގެން އެއްކޮށްފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބޭނުމަކަށް އެމަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ނަގާ ވޯޓެއް. މިވޯޓަކަށް ނުޖެހޭނެ ކޮންމެހެން 21 އަހަރުގެ ވާހަކަ ދައްކާކަށް“ ހުސެއިން ވިދާޅުވިއެވެ.

ރިޔާސަތުން އަލްއުސްތާޛް ޝާހީން ހަމީދު ވިދާޅުވީ ވަކިމުއައްސަސާތަކަށް ބާރުތަކެއް ދީފައި އޮއްވާ އެއްމުއައްސަސާއަކަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއް ނުކުރެވޭނެ ކަމަށެވެ.

މާލޭ މެންބަރ މުހައްމަދު ޝިހާބު ވިދާޅުވީ މިހާރު ކުރިމަތިވެގެން އުޅޭ މައްސަލައަކީ އެއްވެސް ސުވާލެއް އުފެދޭވަރުގެ މައްސަލައެއް ނޫން ކަމަށާއި މަޖިލީހުން ގޮތްދޫ ނުކުރައްވައިގެ އުޅުއްވަނީ ކަމަށެވެ.

”ފުރަތަމަ މިމައްސަލައިގައި ގޮތެއް ނުނިންމިގެން މަޖިލީހުގެ ރައީސް 93 ޖަލްސާގައި, ޖަލްސާ ހުއްޓަވާލައްވާ އިދާރީ ކޮމެޓީގެ ލަފައެއް ހޯއްދެވީ. ހޯއްދަވައިގެން ކުރިން ގެންގުޅުއްވި ގޮތް ދޫކުރައްވާ ވޯޓަކަށް އެއްސެވީ. އެވަގުތު ވަޒީރުންގެ މަޖިލީހުގެ މެންބަރ މުހައްމަދު ނަޝީދު ވިދާޅުވި ތިޔަގޮތަށް ވޯޓަށް އައްސަވައިގެން ފާސްވެއްޖިއްޔާ ތިޔަ ކުރެއްވެނީ ހުކުމެކޭ އެގޮތަށް އަމަލުކުރައްވަން ޖެހޭނެއޭ. އެހެން ވިދާޅުވުމުންވެސް މެންބަރުން ބޭނުންވާ ގޮތެއް ނިންމަވާނީ މެންބަރުންނޭ ވިދާޅުވެ ވޯޓަކަށް އެއްސެވީ މިއީ މަޖިލީހުގެ ޤަވާއިދުގެ 2 ވަނަ މައްދާގެ ނ ގެ ދަށުން ނަގާ ވޯޓެއް ކަމަށް . ދެން މިހާރުވެސް ކުރިއަށް ނުގެންދެވިގެން އިދާރީ ކޮމެޓީ އެއްކުރުމުން ލަފާއަރުވާފައި އޮތީ މިއީ މަޖިލީހުން ނަގާ ވޯޓެކޭ އެގޮތަށް ކުރިއަށް ގެންދަވާށޭ. އެކަމަކުވެސް ގޮތްދޫ ނުކުރައްވާ ތިޔަ ގެންދަވަނީ ކީއްވެ އެއްކަމެއްގާ ތަފާތު ވަނީ“ ޝިހާބު ވިދާޅުވިއެވެ.

ޝިހާބު ވިދާޅުވީ މަޖިލީހުން ގޮތެއް ނިންމަވާނީ މަޖިލީހުގެ ފްލޯގެ އަޣްލަބިއްޔަތުން ކަމަށާއި ރިޔާސަތުން ނޫން ކަމަށެވެ.

މެންބަރުން ވިދާޅުވީ އާއްމު ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމީ މަޖިލީހުގެ ޤަވާއިދުގެ 2 ވަނަ މައްދާގެ ނ ގެދަށުން ކަމަށާއި, އެއީ އެމާއްދާއިން މަޖިލީހަށް އެބާރު ލިބިދޭތީ ކަމަށެވެ. އެހެންކަމުން އެނޫންގޮތަކަށް އެވޯޓު ކުރިއަށް ގެންދެވުމަކީ މަޖިލީހުގެ ޤަވާއިދާ ޚިލާފްވާ ކަމެއް ކަމަށެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv