ބަދަލެއް ނައި ޒީނަތްނެރިކަމުގެ ސަޤާފަތް

އައިމިނަތު މިނީޝާ މޭއި 24، 12:06 1 ޚިޔާލު

ފަހުގެ ޤަރުނުތަކުގައި އަންހެނުންގެ ޒީނަތްތެރިކަމަށް ވަރަށް ގިނަ ބަދަލުތަކެއްވަނީ އައިސްފައެވެ. ކުރީގައި ވާހަކަތަކާއި ފިލްމްތަކުގައިވެސް ރީތި އަންހެނުންގެ ގޮތުގައި ބެލެވިފައިހުންނަނީ ހިމަތޮޅި،ދިގު އިސްތަށިގަނޑެއްގެވެރި ވަރަށް ނާޒުކް މީހުންނެވެ. ނަމަވެސް މިހާރު ވަކިގޮތަކަށް ހަށިގަނޑުގެ މަސްތައް ހަރުކޮށް ފިރިހެނުންނަށްވުރެ ބިޔަކޮށްތިބޭ އަންހެނުންނަކީވެސް ރީތި އަންހެނުންނެވެ. އަދި ފިރިހެނުންގެ ހެދުން އަޅައިގެން އެމީހުންގެ އުޅުން އުޅޭ އަންހެނުންވެސް މުޖްތަމަޢު ބަލައިގެނެއެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ހިސާބެއްގައި އަންހެނުންގެ މޫނު ނުވަތަ ހަށިގަނޑުގައި އިސްތަށި ގިނައިން ހުރުމަކީ ޒީނަތެއް ކަމުގައި ނުބަލައެވެ. މިއީ ފެޝަނަށް އައި ގިނަ ބަދަލުތަކާއި އެކުވެސް ބަދަލު ނުވި ކަމެކެވެ.

އަންހެނުންނާއި އެއްގޮތަށް ފިރިހެނުން ވެސް މިހާރު ބޭނުންވަނީ މޭމަތި އަދި ކިހިލި ފަތުގައި ހުންނަ އިސްތަށިވެސް ބާލާފައި ނުވަތަ ވެކްސް ކޮށްފައި ބަހައްޓާށެވެ. ނަމަވެސް ފިރިހެނުންގެ މޭމަތީގައި ނުވަތަ ކިހިލިފަތުގައި އިސްތަށި ހުރުމަކީ ކަނޑައެޅިގެން ހުތުރުކަމެއްގެ ގޮތުގައިވެސް ބެލެވިފައެއްނެތެވެ.

އަންހެނުންގެ ހަށިގަނޑުގައި ގިނައިން އިސްތަށި ހުރުން ފެޝަނަކަށް ނުވިފަދައިން ބަދަލުނުވާ އެހެން ހަގީގަތެއްވެސް ވެއެވެ. އެއީ ކިތަންމެ ބޭނުން ނުވިކަމުގައިވިޔަސް ގިނަ އަންހެނުންނަށް މި މައްސަލަދިމާވާ ކަމެވެ. މައްސަލައިގެ ކުޑަބޮޑުމިން ބިނާވެފައިވަނީ ބޭނުންނެތް އިސްތަށި ހުންނަ މިންވަރަކަށެވެ. ޓްވިޒަރަކުން އުފުރާލެވޭ ވަރަށް ދަތްދޮޅިގައި އިސްތަށު ހުރުމަކީ މާ ބޮޑު މައްސަލައެއްނޫނެވެ. ނަމަވެސް ކޮންމެދުވަހަކު ބައިގަޑިއިރު މިކަމުގައި ހޭދަކުރަންޖެހުމަކީ ވަރަށް ވަރަށް ހިތްދަތިވާނެ ކަމެކެވެ. އަދި މޫނުގައި ހުންނަ އިސްތަށި ކަޅުވެފައި ވަރުގަދަނަމަ އެކަން ތަހައްމަލު ކުރުމަކީ ވަރަށް ދަތި ކަމެކެވެ. އަދި އެ އިސްތަށިތައް ފޮރުވުމަކީ ވެސް ވަރަށް އުނދަގޫ ކަމެކެވެ.

މިމައްސަލައަކީ އާއިލާގެތެރެއިން ވާރުތަވެގެން އަންނަކަމަކަށްވެސް ވެއެވެ. އަދި ހޯމޯން ތަކަށް އަންނަ ބަދަލަކުން ނުވަތަ އެހެންވެސް ބައްޔެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހުމާއި އެކު “ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް” ގެ އަލާމާތެއްގެ ގޮތުގައި ގިނަ ޑޮކްޓަރުން މިމައްސަލަ ނަގައެވެ. ނަމަވެސް މިފަދަ ކޭސްތަކުގައި ޑޮކްޓަރެއްގެ ކައިރިއަށް ގޮސްގެން މިކަމަށް ފަރުވާ ލިބެނީ ވަރަށް މަދުންނެވެ. ކަންމިހެން ހުރިއިރުވެސް މިފަދަ ފަރުވާއަށް ކެތްމަދުވެފައިވާ އެތަށް މިލިއަން އަންހެނުންގެ އެދުމަށް މިހާރު މިކަމަށް އެކަށޭނަ ފަރުވާ ލިބެން ހުރެއެވެ.

އަޅުގަނޑުމެނަށް ފާހަގަކުރެވިފައިވާ ގޮތުގައި މޮޑެލުންނާއި ފިލްމީތަރިންނަކީ މިފަދަ މައްސަލަތަކުން ދުރުވެފައިވާބައެކެވެ. ނަމަވެސް ހަގީގަތަކީ މިއެއްނޫނެވެ. ވަރަށް މަޝްހޫރު ތަރިންވެސް މިކަން ތަހައްމަލު ކުރެއެވެ. ނަމަވެސް އެމީހުންގެ ގައިގައި ހުންނަ ބޭނުންނުވާ އިސްތަށިވަނީ ކެމެރާއަށް ފޮރުވާލެވިފައެވެ.

މިގޮތަށް ހުންނަ ބޭނުންނެތް އިސްތަށި ނައްތާލުމަށް ތަފާތު ގޮތްތަށް ބޭނުންކުރެއެވެ. އޭގެތެރޭގައި ޓްވިޒަރަން އުފުރުމާއި ރޭޒަރަކުން ބޭލުމާއި ކްރީމް ނުވަތަ ޖެލް ބޭނުންކޮށްގެން ނައްތާލުމާއި ލޭޒަރ ބޭނުންކޮށްގެން ނައްތާލުންވެސް ހިމެނެއެވެ. މީގެ ތެރެއިން އަންހެނުން އެންމެ އާއްމުކޮށް ބޭނުންކުރަނީ މިކަމުގެ އެންމެ ކަމުނުދާ ގޮތްކަމުގައިވާ ޓްވިޒަރުން އުފުރުމެވެ. ސަބަބަކީ މިހެން އިސްތަށި އުފުރާއިރު އިސްތަށި އަންނަނީ އިސްތަށީގެ ބުޑާއި އެކުގައި ކަމަށް ވުމުން މިކަމުގެ ސަބަބުން ހަންގަނޑަށް ވަރަށް ބޮޑެތި ގެއްލުން ލިބެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހަމުގައި ތަންކޮޅުކޮޅު ފުއްޕާފައި ހުންނާނެއެވެ. އެންމެ ރަގަޅުގޮތަކީ ކަތުރަކުން ކޮށުމެވެ. ނަމަވެސް މިހެން ހެދުމުން އިސްތަށި އެއްކޮށް ފޮރުވާ ނުލެވުމާއި އެކު ވަރަށް އަވަހަށް ދިގުވެސް ވެއެވެ. ރޭޒަރަކުން ބޭލުމަކީވެސް ވަރަށް ރަގަޅުގޮތެކެވެ. ނަމަވެސް ގިނަ އަންހެނުންނަށް ހީކުރެވިފައި އޮންނަނީ ރޭޒަރުން ބޭލުމުގެ ސަބަބުން އިސްތަށި ގިނައިން އަދި ވަރުގަދަކޮށް ފަޅާކަމުގައެވެ. މިއީ ކުށް ހީއެކެވެ.

މިހާރުގެ ތަރައްޤީވެފައިވާ ގިނަ ގައުމުތަކުގައި އެންމެ މަޝްހޫރުވެފައިވަނީ އިލެކްޓްރޯސިސް އަދި ލޭޒަރ ޓްރީޓްމަންޓެވެ. މިފަދަ ފަރުވާ ތަކަކީ ތަޖްރިބާ ކާރު ހުނަރުވެރިން ދޭ ފަރުވާތަށް ކަމުން ކޮންމެ މީހަކަށް މި ފަރުވާ ލިބުމަކީ ދަތި ކަމެކެވެ. އަދި ހަމަ އެއާއެކު މިކަމަށް ކުރަންޖެހޭ ހޭދަވެސް އިތުރެވެ. ނަމަވެސް މިހާރު ހުރިޙާ އަންހެނުންނަކީ ވެސް ވަރަށް ހޭލުންތެރި ބައެކެވެ. ރައްޓެހިންނާއި އެހެނިހެން ފަރާތްތަކުން މައުލޫމާތު ސާފުކޮށް ލިބެން އޮންނަ ހައްލެއް ހޯދުމުގެ އިތުރުން ނަފްސާނީ ގޮތުން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައި ތިބޭ ބައެކެވެ. ކަންމިހެން ހުރިނަމަވެސް ބުނެލަމެވެ. މިފަދަ މައްސަލައެއް ދިމާވެފައިވާއެއްވެސް އަންހެނަކު މިލިޔުން ކިޔުއްވާ ނަމަ ހަނދާނުގައި ބަހައްޓަންވި ކަމަކީ މިކަން ތަހައްމަލުކުރާ އެތައް މިލިއަން އަންހެނުން ދުނިޔޭގެ ކަންކޮޅުތަކުގައިވާ ކަމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އެއްވެސް ވަރަކަށް ތުންފަތުގެ މަތީ ކައިރީގަ އާއި ދަތްދޮޅީގައި އިސްތަށިފެޅުމަކީ އަންހެނުންނަށް މައްސަލައެކެވެ. ނަމަވެސް ގަމީހާ ފަޓުލޫނު ފަދަ އަދި މިނޫންވެސް އެހެނިހެން ބާވަތުގެ ފިރިހެން ހެދުން އަޅައިގެން އަންހެނުން ފިރިހެންދުޅާވެގެން އުޅުން އެއީ މައްސަލައެއް ނޫންކަމަށް މިލިޔުމުގައި ބުނާތީ ހައިރާން ވެއެވެ. - ނާޒިމް -

    އާދިތްތަ، އޯގަސްޓް 31 2008، 03:48
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv