އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕް ހުސްވަނީ؟

އަހުމަދު މުހުސިން އޭޕްރީލް 11 2007، 22:31 0 ޚިޔާލު

މަގުމަތިން ފެނިގެން މީހަކު ހަނާ އަޅާ ހުއްޓުވުމަށްފަހު ”ދެން މުހްސިން މެންނަށް އެނގޭނެހެން ހީވަނީ. އެމްޑީޕީ މިހާރު ރޫޅެނީތަ؟“ ވަރަށް އަސަރާއެކު އަހާލިއެވެ.

ބުނާނެ އެއްޗެއް ނެނގިފައި ހުއްޓާ އެއަޑު އިވިގެން ކައިރިއަށް ލެފިލި އެހެން މީހަކުވެސް އޭގައި ބައިވެރި ވެލިއެވެ.

”އާނ ދެން ވަރަށް ދެރަކަމެއް. މިހާރު ޕާޓީގައި އުޅޭ މަޖިލިސް ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް އެއޮށް ހުސްވަނީ“ އޭނާ ބުނެލިއެވެ.

އެމީހުންނަށް ދޭނެ ޖަވާބެއް ނޭނގިގެން ތިޔަހެން ވުމަކީވެސް ވެދާނެ ކަމެއްތާއޭ ބުނެ ސައިކަލުގައި ނައްޓާލީމެވެ. ނަމަވެސް އެހާހިސާބުން ފެށިގެން އެނބުރެން ފެށީ އެޚިޔާލެވެ. އެއީ މީހުންގެ ހިތުގައި މިހާރު ސުވާލު އުފެދޭވަރު ކަމަކަށް ވެދާނެ އެވެ. އެމްޑީޕީގައި ކުރިއަށް ތިބި މެންބަރުންތަކެއް ކެނޑިއްޖެއެވެ. އޭގެތެރޭގައިވެސް ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ހިމެނެއެވެ. ކެނޑެން މެދުވެރިވި ސަބަބަު ކޮންމެ ގޮތަކަށް އޮތް ނަމަވެސް މެއެވެ.

ސިކުނޑީގައި އުފެދުނު އެވާހަކަތަކާއި މަގުމަތިން ދިމާވި ކުރިން ރައްޓެހި ނޫން ދެމީހުންގެ ސުވާލަށް ޖަވާބު ހޯދެން އެބަ ޖެހެއެވެ. ނޫސްވެރިއަކަށް ވީތީ އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް ދެކި އެމެންބަރުން ވަކިވާން މެދުވެރިވި ސަބަބުތައް ބަލާލާ ހިތްވިއެވެ.

އެމްޑީޕީ އަދި މުޅި ރާއްޖެ ސިއްސުވާލުމަށްފަހު އެމްޑީޕީން ވަކިވި ފުރަތަމަ ލީޑަރަކީ ނުވަތަ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކީ އެޕާޓީގެ ފުރަތަމަ ރައީސް މއ ބޯގަންވިލާ އިބްރާހީމް އިސްމާއީލް )އިބުރާ( އެވެ.

އިބުރާ އެމްޑީޕީގެ ރައީސްކަމަށް ހޮވެވަޑައިގަތީ އޭނާގެ ކެންޕޭނަށާއި ނުވަތަ އޭގެ ކުރިން ޖަލްސާތަކުގައި ދެއްކެވި މޮޅެތި ވާހަކަތަކުންނެވެ. ރައްޔިތުންނަށް އެވަގުތު އެންމެ ކަމުދާ ގޮތްގޮތަށް އަތުރާލައިގެން އިބުރާގެ މޮޅު ބަސްމޮށުން ތެރިކަން ބޭނުންކޮށްގެން ދެއްވި ތަޤްރީރު ތަކުންނެވެ.

ކޮންމެހެން އެތަޤްރީތުތައް މިހާރު ކިޔައި ނުދިނަސް އެތަޤްރީރތަކަކީ ލޮލުން ކަރުނަ ހިލޭވަރުގެ އަސަރުގަދަ ތަޤްރީރު ތަކެއްކަން ކޮންމެ މީހަކުވެސް ދަންނާނެއެވެ.

ކޮންމެފަދަ ވާހަކަތަކެއް ދައްކާފައި އޮތްނަމަވެސް އިބުރާ އިސްތިއުފާ ދެއްވަމުން ވިދާޅުވީ ޕާޓީގެ އަސާސީ ޤަވައިދު އޮތްގޮތުން ކަންކަން ކުރުމަށް ފުށޫއަރާތީ ނުވަތަ ޗެއަރޕާސަންއާއި ޚިޔާލު ތަފާތު ވާތީ ރައީސް ކަމުން ވަކިވެވަޑައިގަތީ ކަމަށެވެ. ނަމަވެސް ޕާޓީގައި މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސްކަމުން ވަކިވެވަޑައިގަތުމުން މަޖިލީހުގެ ކަންތައްތަކުގައި ކުރިއަށްވުރެ ބޮޑަށް އުޅުއްވޭނެ ކަމަށެވެ.

ނަމަވެސް ޕާޓީއާ މެދު ސަރުކާރުން އެންމެބޮޑަށް ޖައްސާލި ނޮވެމްބަރ 10 ގައި ޕާޓީ ނޭވާ ހޮޅިއަށް އެޅިއެޅި އޮއްވާ އިބުރާ އެމްޑީޕީޏް ވަކިވެ ވަޑައިގަތެވެ. މިއީ އެމްޑީޕީގެ ބައެއް މެންބަރުންނަށް ސިހުން އެރި ކަމަކަށް ވީނަމަވެސް ގިނަ މީހުންނަށް މާބޮޑު ސިހުމެއް ލިބުނު ކަމަކަށް ނުވިއެވެ. ސަބަބަކީ އިބުރާ އަމިއްލަ ޕާޓީއެއް ހަދަން އުޅޭ ކަމުގެ ވާހަކަތަކާއި އެމްޑީޕީން ދުރަށްދާން އުޅޭ ކަމުގެ ވަހެއް އޭރު ދުވާފައި އޮތުމުން ނެވެ. ކަންވީވެސް އެހެންނެވެ. އިބުރާ އެމްޑީޕީން ވަކިވެވަޑައިގަތްތާ މާގިނަ ދުވަހެއް ނުވަނީސް އަމިއްލަ ޕާޓީއެއް ހައްދެވުމުގެ ހުއްދަ ނަންގަވާ އެކަމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފެއްޓެވި އެވެ.

އިބުރާއަށްފަހު ޕާޓީން ވަކިވި މަޖިލިސް މެންބަރަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު މެންބަރ އިބްރާހީމް ޝަރީފް )މަވޯޓާ( އެވެ.

މަވޯޓާއަކީ އެމްޑީޕީގެ މެންބަރެއް ރައީސް މައުމޫނާ ދިމާއަށް އެންމެ ހުތުރުކޮށް ފާޑުވިދާޅުވީ މެންބަރުވެސް މެއެވެ. އަދި އެހެން ޕާޓީއެއްގައިވެސް އެހާ ހުތުރުކޮށް ފާޑު ވިދާޅުވެ މަލާމާތް ކުރެއްވި ބޭފުޅަކު ނެތެވެ. ރައީސް މައުމޫން މުސްކުޅިފުޅުވި ވާހަކައާއި, ބުއްދި ސަލާމަތުން ހުރިކަމަށް ޝައްކު ކުރެވޭ ވާހަކައާއި, އިސްލާހެއް ނުގެނެވޭނެ ވާހަކައާއި ގޮނޑު ހޮވަންދާން ޖެހޭނެ ވާހަކައާއި ނިއުރޯން މަދުވާ ވާހަކައަކީ މަވޯޓާގެ އަތްމަތީ ބަސްބަހެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާ ދެކޮޅު މީހުންނަށް ފާޑުކިޔާ ސައިޓްތަކުގެ ތަރިއަކަށް ވުމުގެ އިތުރުން ސީދާ ގެއަށް ވަނީ ހަމަލާތައް ރައްދު ވެފައެވެ.

ނަމަވެސް މިހާރު ޑީއާރުޕީއާ ގުޅި ވަޑައިގެން އެޕާޓީ ޕްރޮމޯޓްކުރުމަށް ރަށްރަށަށް ވަޑައިގަތުމުގައިވެސް ޝަރީފްދަނީ ޙަރަކާތްތެރިވެ ވަޑައިގަންނަވަ މުންނެވެ.

ޝަރީފަށްފަހު ދެން އެމްޑީޕީން ވަކިވެވަޑައިގަތް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕު މެންބަރަކީ ނުވިކެމޭ ނުވެސް ވިކޭނަމޭ ބުނެ ކެންޕޭނު ކޮށްގެން މިހާތަނަށް މާލޭ މެންބަރުންގެ އެންމެ ބޮޑު ތާއީދަކާއެކު ހޮވުނު މުހައްމަދު ނަޝީދު )ކާނަލް( އެވެ.

ކާނަލްއަކީ ކުރިއަކުން އެހާ މަޝްހޫރު މީހެއް ނޫނެވެ. މޮޅު ވާހަކަދެއްކުން ތެރިއަކަށްވެ ޕާޓީގެ ސްޓޭޖްތަކުގައި މައުމޫނަށް ރީތިގޮތުގައި ވިދާޅުވި ފާޑު ވިދާޅުވުންތަކާއެކު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބައި އިލެކްޝަނަށް ކުރިމަތިލެއްވި ލެއްވުމާއެކު އެމްޑީޕީން ތާއީދު ކުރަނީ އޭނާއަށް ކަމަށް ނިންމިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހޮވުނީ ޕާޓީ ޓިކެޓެއްގައި ކަމަށް ޚުދު އޭނާވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

ކާނަލް މާލޭ މެންބަރަކަށް ހޮވުނު ހިސާބުން ފެށިގެން އޭނާއާމެދު ފާޑެއްގެ އަޑެއް ފެތުރެން ފެށިއެވެ. ޕާޓީން ވަކިވާން އުޅޭ ވާހަކައެވެ. ޑީއާރުޕީ ބޮޑުންނާއެކު ފެންނަ ވާހަކައެވެ. އެޕާޓީއަށް ވަންނަން އުޅޭ ވާހަކައެވެ. މިކަންކަމަށް ރައްދު ދެއްވާ ތިން ބަހުން ކާނަލް ވަނީ ނުވިކޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކީހާ ޅެން ފަރިއްސަށްވެ ކާނަލް އެމްޑީޕީ ދޫކޮށްލެއްވީ ވިޔަފާރީގައި ކުރިއަށް ދިއުމަށާއި ތައުލީމް ހާސިލް ކުރުމަށެވެ.

މިހާހިސާބުން އުފެދޭ އެހެން ސުވާލެއް އެބައޮތެވެ. ޕާޓީގައި ހުންނަވައިގެން ކިޔެވެން ނުވަތަ ވިޔަފާރީގައި ކުރިއަށް ދެވެން ނެތީތޯއެވެ؟ ނޫންނަމަ އެކަމަށް ހުރަސް އަޅަނީ ހެއްޔެވެ؟ އެހެން ކަމުން ކާނަލް ވަކިވުމުގައި ނޭނގޭ އެހެން ސިއްރު ތަކެއް ނެތެކޭ ބުނެވޭކަށް ނެތެވެ. ކާނަލް ވަކިވެވަޑައިގަތް ސަބަބު އޭނަ ވިދާޅުވެފައި އޮތްނަމަވެސް ގޮތްނޭނގޭ ކަންތައްތަކެއް އުޅޭކަމަށް ޝައްކު ކުރެވޭ އެއް ސަބަބަކީ ޕާޓީއަށް ކުޑައިމިސްކޮށް ދައްކަވާކަމަށް ކިޔާ އުޅޭ ވާހަކަތަކެވެ. ނުވަތަ އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވައިކަމަށް ނުވަތަ އެކަމަށް ތައްޔާރުވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކެވެ.

ދެން ވަކިވި މެންބަރަކީ މާލޭގެ މެންބަރ އަހުމަދު އާތިފް )އެކްސްރޭ އާތިފް( އެވެ. އާތިފް ވަކިވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އޭނާގެ ޚިޔާލާ ނުގުޅޭ ކަންތައްތަކެއް ޕާޓީގައި ހިނގާތީ އެއީ އޭނާއަށް ޤަބޫލުކުރެވޭ ކަމަކަށް ނުވާހިނދު އެކަންތައްތައް އިތުރުވަމުން ދާތީއެވެ. އަދި ޕާޓީއަކަށް ނުވަދެ ދުރުގައި ހުރުމުގެ މަޤްސަދުގައެވެ.

މިއީ އެމްޑީޕީން ވަކިވި މަޖިލީސް މެންބަރުންނަށް ވާއިރު, ގިނަ މެންބަރުން ވަކިވިކަމަށް ދެކެވެނީ ޚިޔާލު ތަފާތު ވެގެންނެވެ. އެކަމަކު ފާހަގަކުރެވޭ އެހެން ކަމެއް އެބައޮތެވެ. އެމްޑީޕީއަކީ ޤައުމީމަޖިލީހުގެ ޖަލްސާތަކަށް ނޫސްވެރިންނަށާއި ޕާޓީގެ އާއްމު މެންބަރުންނަށް ވަދެވޭ ހަމައެކަނި ޕާޓީއެވެ. އެޖަލްސާތައް ކަވަރކުރާ ނޫސްވެރިއެއްގެ ހައިސިއްޔަތުން ބުނަން ޖެހެނީ އެޖަލްސާތަކުގައި މެންބަރުން ޚިޔާލު ފާޅުކުރަނީ ވަރަށް މިނިވަންކަމައެކުގައި ކަމެވެ. އަދި ބައެއް ފަހަރަށް ޚިޔާލު ތަފާތުވެ އަޑުގަދަވެފައި އެބަހުއްޓެވެ. ރިޔާސަތުންނާއި މެންބަރުން ހުށަހަޅާ ކިތަންމެ ކަމެއް ފާސްނުވެފައި އެބަހުއްޓެވެ. އެކަމަކު އެޖަލްސާތަކަށް ވަޑައިގެން އެޖަލްސާތަކުގައި ވާހަކަ ދައްކަވާ ޚިޔާލު ބަދަލުކޮށް ހެއްދެވުމަކީ މެންބަރުންގެ ކަމެއް ތާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން ވަކިވި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނަކީ އެޖަލްސާކުގެ ހާޒިރީ ދަށް މެންބަރުން ތަކެކެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ހުސްވުމާމެދު އެޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އަންނި ވިދާޅުވީ މެންބަރުން ހުސްވަނީ ނޫން ކަމަށާއި އެގުރޫޕުން ފީހޮވެނީ ކަމަށެވެ. އަދި އެ ފީ ހޮވުމުން މިހާރު ޕާލަމެންޓްރީ ގްރޫޕް ވަރުގަދަވަމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ”މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ޕާލަމެންޓްރީ ގްރޫޕް މިހާރު ވަރުގަދަކަން. ކަންތައްތަކެއް އެބަކުރާކަން. އަރާއަރަފޯދިގެން އަންނަކަން. އެއީ ފީހޮވުނީމާ ލިބުނު ކުރިއެރުމެއް. ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ތެރެއިން ފީ ހޮވާލެވުނީ“ އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ އެފީ ހޮވާލުމަށް ވަރަށް ގިނަ މެންބަރުންނަށް ޖޯޝާއި ފޯރިލިބި އިތުރަށް ފޯދިގެން އަންނަ ކަމުގައެވެ.

”މިސާލަކަށް ބައްލަވާ މިހާރު މުހައްމަދު ޝިހާބު އޭނާގެ މަސައްކަތާއި ދައްކަވާ ވާހަކައިގެ ފުރިހަމަކަން“ އަންނި ވިދާޅުވިއެވެ.

އަންނި ވިދާޅުވީ ޕާޓީން އެމެންބަރުން ވަކިވުމަކުން މެންބަރަކު މަދުވުން ފިޔަވާ އެއްވެސް ގެއްލުމެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ.

ކޮންމެއަކަސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންތަކެއް އެޕާޓީން ވަކިވެއްޖެއެވެ. ޚާއްޞަކޮށް މާލޭގެ މެންބަރުން ތަކެކެވެ. އެއީ ޕާޓީ ކަމުނުދާތީ ކެނޑުނު ކެނޑުމެއް ކަމުގައިވިއަސް ނުވަތަ ފީ ހޮވުމެއް ކަމުގައި ވިޔަސްވެސް މެއެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv