ގާސިމަށް ތައުރީފް ހައްގެވެ!

އަންވަރު އިބްރާހިމް މޭއި 20، 10:11 8 ޚިޔާލު

”އަޅުގަނޑުމެން ބޭނުންވަނީ މެމްބަރުންގެ އަޑު އައްސަވާ, ރައީސް ބޭނުންފުޅު ގޮތަށް ގާނޫނު އަސާސީ އާއި ގަވާއިދުގެ މާއްދާތައް އަމިއްލަ ފުޅަން ތަރުޖަމާ ނުކުރައްވާ ބޭފުޅަކު,“ މިއީ ޚާއްސަ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިޚާބު ކުރެވުނު ދުވަހު ގާސިމްގެ ނުފޫޒު ތަކެއް ހުންނާނެކަމަށް ވިދާޅުވަމުން ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އަހުމަދު އާތިފު ވިދާޅުވި ވިދާޅުވުމެކެވެ.

މިއަދު އެދުވަސް ފާއިތުވެ ހިނގައްޖެ އެވެ. ގާނޫނު އަސާސީ އިސްލާހުކޮށް ނިމުމަކާ ހަމައަށް މިހެރަ ދަނީއެވެ. މި މަސައްކަތުގައި ގާސިމަށް ސާބަސް ނުދޭންވީ އެއްވެސް ސަބަބެއް ނެތެވެ.

އެންމެ ފުރަތަމަ ގާސިމް އެކަމަށް އިސްނެންގެވި އިސްނެންގެވުމެވެ. އަމިއްލަ ފުޅަށް ވޯޓް ދެއްވާ އެކަން ކުރައްވަން ބޭނުންފުޅުވި ކަމެވެ.

ދެވަނަކަމަކީ މަޖިލިސް ކޮންޓްރޯލް ކުރެއްވި ގޮތެވެ. މަސްރަހް އޮތް ގޮތުން, ގާސިމް ނޫން އެހެން ބޭފުޅަކަށް އެކަން ކުރެއްވުމަކީ ފަސޭހަ ކަމަކަށް ނުވީހެވެ. މިބަހަށް ދެބަސްވާ ބަޔަކު ތިއްބަސް ގާސިމްގެ ނިންމެވުންތަކާއި ކަންކުރެއްވި ގޮތާއި, މަޖިލީހުގެ ރޫހް ހިފެހެއްޓެވި ގޮތް އިންސާފްގެ ނަޒަރަކުން ބަލައިފި ނަމަ ގާސިމަށް ތައުރީފް ކުރަން މަޖްބޫރު ވާނެވެ. ބައެއް ފަހަރު މަޖިލިސް ހޫނުވެ, ރިޔާސަތަށް އެއްލާ ‘ނުސީދާ’ބަސްތަކަށް ގާސިމް ދެއްވި ޖަވާބުތަކާއި, މެމްބަރުން ‘ހަންމަތަ’ އެޅުއްވި ގޮތާއި ރިޔާސަތަށް ލިބިދީފައިވާ އިޚްތިޔާރު ބޭނުން ކުރެއްވި ގޮތާމެދު ވިސްނާލިޔަސް ކުރިން ދެންނެވި ބަހުގެ ތެދުކަން ހާމަވާނެ އެވެ. ގާސިމަށް މިހާވަރަށް ތައުރީފް މިކުރަނީ މަޖިލިސް ތެރޭގައާއި މަޖިލިސް ބޭރުގައި ގާސިމް ކުޅުއްވި ‘ގޭމު’ގެ މޮޅުކަމުން ނެވެ. އެގޭމް ގާސިމް ކާމިޔާބު ކުރެއްވީ މައެވެ. އެފަދަ ގޭމްތައް ކުޅުއްވުމަށް ގާސިމް ކުޅަދާނަވެސް ވީމައެވެ.

ދެން އޮތީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފުރަތަމަ ދުވަހާއި މިއަދު އެގޮނޑީގައި ގާސިމް އިންނަވައިގެން ދައްކަވަމުންދާ ތަފާތު ހުނަރެވެ. ހުނަރޭ މި ދަންނަވަނީ ވާހަކަދެއްކުން ތެރިކަމަށެވެ. ހަގީގަތުގައި ގާސިމަކީ ވާހަކަ ދެއްކުން ތެރިއެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތް ދުވަސްވަރާ މިއަދާ އަޅާބަލާއިރު ގާސިމްގެ އެ ހުނަރު ‘ހާސްބައި ތަފާތެވެ. ވިދާޅުވާ ވާހަކަފުޅު ތަކުގައި އިހު ހުންނަ ކުރަކިކަމާއި އަޑުއެހުމަށް ހުންނަ އުނދަގޫ ކަން އެތައް ގުނައެއް ކުޑަވެއްޖެ އެވެ. އަދި ބައެއް ކަންކަމަށް ދެއްވާފައިވާ ހުޝިޔާރު ޖަވާބުތަކަކީ ފުންމާނަތަކެއް އެކުލެވޭ, ވަރަށް މުނާސަބުކޮށް ދެއްވާފައިވާ ޖަވާބު ތަކެއްކަން ފާހަގަ ކުރެވެއެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެހުނަރު ގާސިމް ތަރައްގީ ކުރެއްވި ގޮތަށް އަޅުގަނޑު ތައުރީފް މިކުރަނީ އެކަން ތަރައްގީވި ގޮތް ދިރާސާ ކުރުމަށް ފަހުއެވެ.

ދެން އޮތީ ގާސިމްގެ ބިޒީ ޝެޑިއުލެވެ. މަޖިލީހަށް ދެއްވި ވަގުތެވެ. ދެއްވި އިސްކަމެވެ. ބައެއް މެމްބަރުން މަޖިލީހަށް ހާޒިރުވެ ވަޑައި ނުގެންނެވި ނަމަވެސް ގާސިމް އެފަދަތޯ އެވެ؟ ޚާއްސަ މަޖިލީހުގެ ރައީސް ނަމަވެސް އެޅިފައިވާ އިތުރު ޒިންމާތައް ކުޑައެއް ނޫނެވެ. ފިނޭންސް މިނިސްޓަރުކަމުގެ ޒިންމާ އެވެ. އަތޮޅު ގޮނޑީގެ ޒިންމާ އެވެ. ރާއްޖޭގެ އެންމެ މުއްސަންދި މީހާގެ ޒިންމާ އެވެ. މިހެންގޮސް ނެތީ ކޮން ޒިންމާ އެއްތޯ އެވެ؟ މިޒިންމާތަކާ ބަލާއިރު, މަޖިލީހަށް ދެއްވި އިސްކަމާއި ސަމާލުކަމަށް މާކުސް ދޭނަމަ ގާސިމަށްވުރެ ކުރި ލިބިވަޑައިގަންނަވާނެ އެހެން ބޭފުޅަކު ހުންނަވާނެހެނެއް ހިއެއް ނުވެއެވެ.

ދެން އޮތީ މަޖިލީހުގެ ޖަލްސާތަކުގައާއި ޖަލްސާތައް ނިމުމުން ގާސިމް ދައްކަވާ މިޒާޖެވެ. އެމްޑީޕީއާއި ޑީއާރްޕީ މެމްބަރުންގެ ހަތުރަކަށް ނުވެ, މިތުރަކަށް ނުވެ ހުންނެވި ހުންނެވުމެވެ. ބައެއް ފަހަރު ޑީއާރުޕީގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން އެކޮޅަށް ޖެހިވަޑައިގެން އިންނަވަނީއޭ ވިދާޅުވާއިރު އެމްޑީޕީގެ މެމްބަރުންވެސް ވެސް އެހެން ވިދާޅުވާ ފަހަރު މަދެއް ނޫނެވެ. އެހެންކަމުން ގާސިމް އިންނެވީ ކޮން ކޮޅެއްގައި ކަމެއް އެމްޑީޕީއަކަށްވެސް އަދި ޑީއާރުޕީއަކަށްވެސް ނޭނގެ އެވެ. ޔަގީން ނުވާކަމަކީ އެއީ އެވެ. ޔަގީން ކުރަން ބޭނުންވަނީވެސް އެކަމެވެ. ޕާޓީތަކުން މިއަދު ޔަގީން ނުވެގެން ގޮތް ނުނިންމިގެން އުޅެނީވެސް އެކަމާއެވެ.

ގާސިމަށްވެސް އޮތީ ދެކޮޅެވެ. މި ދެންނެވީ އެއްކޮޅުގެ އިދިކޮޅުގެ ވާހަކައެއް ނޫނެވެ. ދެކޮޅު އޮތް ވާހަކަ އެވެ. އެއްކޮޅާއި ދެކޮޅުގެ ވާހަކަ އެވެ. ކޮންމެ ކޮޅެއް ނެންގެވި ނަމަވެސް ގާސިމް ވަރެއް ނުވާނެ އެވެ. ގާސިމް ޖެހިވަޑައިގަންނަވާ ކޮޅަށް ކާމިޔާބު ހޯދުމަށް އެތައް ގުނައެއް ފަސޭހަވާނެ އެވެ. މުޖައްރިބު ވާކަމަކީ ގާސިމްގެ ވިޔަފާރީގެ ކޮޅުތައް އެކިދިމަދިމާއަށް އެއްލަވަމުން ގެންދަވާ ކަމެވެ. މަގުސަދުގައި އޮތީ ސިޔާސީ ބުޅިއަކާއި އެންގަނޑެއްތޯ އެނގޭނީ އޭގައި ގަންނަ މަސްތަކާއި ވައްތަރުތައް އެނގުނީމަ އެވެ. ކޮންމެ ގޮތެއް ވީ ނަމަވެސް މަޖިލީހުގައި ގާސިމް ކުޅުއްވި ރޯލާއި ދައުރަށް ތައުރީފް ކުރުމަކީ މައްސަލައެއްތޯއެވެ؟ ބައެއް މީހުންނަށް މައްސަލައަކަށް ވެދާނެއެވެ. އެއީ މަޖިލީހުން ބޭރުގެ ވާހަކަ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ފަހު ޕެރަގްރާފުން ވަރަށް ރަގަޅަށް އެބައެނގޭ ޤާސިމް ގެ ސިޔާސީ ބުޅީގައި އެކިވައްތަރުގެ އެކި ކަހަލަ އެން އަޅުއްވާކަން، އަންވަރު ތިގަތީ ކިހާވަރެއްގެ އެންގަޑެއް އަލައިގެން ތޯއެވެ. ޔަޤީންވާ ކަމަކީ، އަންވަރު ތިހުރީ ޤާސިންގެ ބުޅީގައި ވަރަށް ރަނގަޅަށް އެޅީފާކަމެވެ. ދަންނަވަންތޯއެވެ ތީ ފުކެއް ބޯޑުވަރެކެވެ. އަންވަރު ޤާސިމަށް ތިވަރަށް ތަޢުރީފް ކުރާއިރު، އެހެންމީހަކު ޤާސިމާބެހޭގޮތުން ކޮމެންޓެއް ފޮނުވިޔަސް ޖަހާނުދެނީ މިބުނި ބަހުގެ ތެދުކަން ސާބިތުވާ އަލިގަދަ ދަލީލެކެވެ. -މަބޫ-

    އަންގާރަ، މޭއި 20 2008، 11:42
  2. ލިޔުންކިޔާލީމާ ވަރަށްހިތްހަމަޖެހިއްޖެއެވެ. ތިދެއްވީ ޤާސިމަށް ޙައްޤު ޝުކުރެކެވެ. ގާސިމަށް ރާއްޖޭގެ ވެރިކަން ލިބުނަސް އެކަން ތިމަންނާއަށް ކުރެވިދާނެ އޭ ހިތަންއަރާނެއެވެ. އެއީ ފައިސާ ހުރީމާކަމަށް ވެދާނެއެވެ. މިހާރުވެސް ބައެއްޕާޓީތަކުން (އަދާލަތު ޕާޓީއަށް) ވަކިގޮތެއް ނުނިންމިގެން އެއުޅެނީ ޤާސިމް ހަދާނެގޮތް ނޭގޭތީއެވެ. މަޖިލީހުގެ ރައީސްކަން ކުރެވިއްޖެއެވެ. އެކަމަކު ވެރިކަން ކުރަންނޫޅެއްޗެވެ. އެކަންކުރެވޭނީ އެކަމަށް ޤާބިލުކަންވެސް ހުރެގެންނެވެ. ޑަކްޓަރ ހަސަން ސަޢީދުމެންކަހަލަ ތަޢުލީމީ ޒުވާނުންނަށެވެ. އެން. ސީ

    އަންގާރަ، މޭއި 20 2008، 11:25
  3. ގާސިމްގެ ނުފޫޒް މިނޫހަށްވެސް ކުރަން ފެށީހެން ހާދަހީވެޔޭ. މިނޫހަކީ އާންމުކޮށް ސަޕޯޓްނުކުރާ މީހުނަށް ވަރަށް އިހާނެތިކޮށްހިތާ ނޫހަކަށް ވެފަ ކުއްލިއަކަށް ގާސިމްމާމޮޅުވެގެން އުޅެގަތުމުން ވަރަށް އެހެންކަހަލަ ރޭވުމެއް އުޅޭހެން އެބަހީވޭ. ނަމަވެސް މިމަޒުމޫންގައި މިވަނީ ހަމަރަގަޅު ވާހަކަ. ގާސިމަށް ތައުރީފު ހައްގު.

    އަންގާރަ، މޭއި 20 2008، 11:26
  4. އަޅުގަނޑު ވެސް ލިޔުންތެރިޔާގެ ވާހަކައަށް ވަރަށް ތާއީދުކުރަން. ޤާސިމް މަޖްލިސްގެރައީސް އަކަށް ވެވަޑައި ނުގެންނެވި ނަމަ ޤާނޫނު އަސާސީ އަދިވެސް އޮތީހީ ނުނިމި ކަން އަޅުގަނޑު ހަމަ ސަތޭކަ ޕަސެންޓް ގަބޫލުކުރަން. ޤާސިމް އެކޮށްދެއްވީ އަޅުގަނޑުމެން ދުވަހަކުވެސް އެބޭފުޅާ މަތިން ހަނދާން ނުނެތޭނެ ރަނގަޅު ކަމެއް. ޤާސިމްއަށް ޝުކުރާއި ތައުރީފް ޙައްޤު. -މަހޭ-

    އަންގާރަ، މޭއި 20 2008، 11:27
  5. ގާސިމް ކިތައްމެ ހިއްހެޔޮ ވެފަ އަދި މަޖިލިހުގެ ކަންތައް ކިތަންމެ ރަގަޅަށް ގެންދިޔަކަމުގައި ވިޔަސް ރާއްޖޭގެ ރައީސް ކަމަށް ރަގަޅެއް ނޫނެވެ. ގާސިމް ރާއްޖޭގެ ރައީސް ކަމާ ހަވާލު ވެއްޖެނަމަ މުއްސަދިން ނާ ފަގީރުންގެ ތަފާތު ވަރައް ބޮޑު ވެގެންދާނެއެވެ. އޭގެ ހެއްކެއް އަލަށް ރިސޯޓް ހަދަން ދޫކުރި ރައްތަކުގެތެރެއިން ބާރަ ތޭރަ ރަށްމިހާރުވެސް ވަނީ ގާސިމްގެ އަތްދަށު ގައެވެ.

    އަންގާރަ، މޭއި 20 2008، 11:56
  6. މިއީގާސިމަށް ވައިއެޅުވުމެކެވެ. މުޅިންހަގީގަތެއްނޫނެވެ. ގާސިމަށް ދެއްވައިހުރި މުއްސަނދިކަމުގެ ހުނަރުތަކެވެ. އަޅުވެތިކަންއޮތް ތަނެއްގައި އަޅުވެތިކުރުވުގެ ލާމަސީލުކަމެއްކަން ކަށަވަރެވެ.ގިސްތީ

    އަންގާރަ، މޭއި 20 2008، 11:17
  7. eއެއެއެއެ

    އާދިތްތަ، ޖުލައި 13 2008، 03:05
  8. ތިޔައީ ހަމަ ވަރަށް ރަނގަޅު ވާހަކަތަކެއް މިކަހަލަ ޚަބަރު ލިޔާމީހުންނަށް ހަމަ ތައުރީފް ޤާސިމަށްވެސް ވަރަށް ތަޢުރީފް.ޤާސިމްވަރެއް ނެތް. އެއީ ލާމަސީލު މިސާލެއް އެއްގޮތަށްވުރެ ގިނަގޮތްގޮތުން.

    އަންގާރަ، މޭއި 20 2008، 12:50
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv