އަންނި އެންމެފަހުން ވެރިކަމަށް ފައިނަންގަވައިފި - އަދާލަތު ޕާޓީ ނުހިމެނޭނަމަ ޑރ. ހަސަންގެ ރަނިންމޭޓަކަށްވެ, އިންތިޚާބަށް ނުކުތުން ބުއްދިވެރި ނޫންކަމަށް އަންނި ވިދާޅުވެއްޖެ

އަބްދުﷲ ފާއިގް މޭއި 15 2008، 16:00 2 ޚިޔާލު

އިއްތިހާދުގައި އަދާލަތު ޕާޓީ ނުހިމެނޭ ނަމަ ރިޔާސީ އިންތިހާބުގައި ޑރ.ހަސަން ސައީދުގެ ރަނިންމޭޓަކަށްވެ އިންތިހާބަށް ނުކުތުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު(އަންނި) ވިދާޅުވެއްޖެ އެވެ.

އަންނި މިހެން ވިދާޅުވި ރިޔާސީ އިންތިޚާބުގެ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމަތު ދެއްވުމަށް ދަރުބާރުގެ ފަންސަވީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ” ވަރަށް ސާފުކޮށް އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ ވިސްނުން އަދާލަތު ނުހިމެނޭ ނަމަ ހަސަން ސައީދުގެ ރަނިންމޭޓަކަށްވެ މިއިންތިހާބަށް ނިކުތުން ބުއްދިވެރިކަމަކަށް އަޅުގަނޑަކަށް ނުފެނޭ, އަޅުގަނޑުމެން ބޭނުންވަނީ ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން, އަޅުގަނޑުމެން ބޭނުންވަނީ މިއިންތިޚާބު ކާމިޔާބު ކުރަން އެނޫން ވިސްނުމެއް އަޅުގަނޑުމެންގެ އެއް ނެތް.“ އަންނި ވިދާޅުވި އެވެ.

މީގެ އިތުރުން އަންނި ވިދާޅުވި 30 އަހަރުވީ މިވެރިކަން ނިމުމަކަށް ގެނައުން ނޫން މަގުސަދެއް ނެތްކަމަށާއި އިއްތިހާދެއް ހަދައިގެން މަސައްކަތްކުރަމުން ކުރަމުން މިގެންދަނީ އެކަންކުރުމަށްޓަކާ ކަމަށެވެ. އަދި އޭގެ ތެރޭގައި އަދާލަތު ޕާޓީ ނުހިމެނޭ ގޮތަށް މިކަން ކުރަން އުޅުމަކީ ސިޔާސީ ގޮތުން ބުއްދިވެރި ކަމެއް ކަމަކަށް ނުފެންނަކަމަށެވެ.

އެމްޑީޕީން ބުނީ އިއްތިހާދުގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކާއި އެފަރާތުން ބައްދަލުކޮށް ވާހަކަދައްކާފައިވާ ކަމަށާއި އަދާލަތު ޕާޓީ އެއްކެނޑިޑޭޓަކު ނެރުމަށް އެއްބަސްވާ އިރު މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީ)އެމްއެސްއެލްޕީ( އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ(އައިޑީޕީ) އިއްތިހާދުވާން ބޭނުންވަނީ ފުރަތަމަ ބުރު ނިންމާފައިކަމަށެވެ. އިއްތިހާދުން އެއްކެނޑިޑޭޓަކު ނެރުމުގައި އެމްޑީޕީ އަދިވެސް ތާއިދު ކުރާކަމަށެވެ.

” އެމްޑިޕީ ނެގުމަށް ފަހު އެންމެ ނުފޫޒު ގަދަ ޕާޓީއެއްގެ ގޮތުގައި މިއޮތީ އަދާލަތު, އެހެންވީ އިރު އެމީހުންނަށް އަދި މިކަންތައް ނުނިމިގެން މިއުޅެނީ ދެން އަޅުގަނޑުމެން ގޮތެއް ނިންމަންދާ ޖެހޭނީ ގައުމީ މަޖިލީހަށް, މިވަގުތު އަޅުގަނޑުމެންގެ އެބައިދޫކޮށްލާފައި އަޅުގަނޑުމެންގެ އަމިއްލަ ކެންޑިޑޭޓާ އެކު ކުރިޔަށް ދާނީތޯ ނުވަތަ އަދާލަތު ނިންމާގޮތެއް ބަލާނީތޯ,“ ހަސަން އަފީފު ވިދާޅުވި އެވެ.

އަންނި ވިދާޅުވީ ޑީއާރުޕީ ތިން ބަޔަކަށް ބެހިގެންދާތަން ފެންނަމުންދާ ކަމަށާއި އެއްބަޔަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމިނުއާއި ޕީއޭކަމަށެވެ. އަދި އަނެއް ބަޔަކީ ރެޑްވޭވް ސަލީމް ހައްދަވާ ޕާޓީކަމަށާއި ތިން ވަނަ ބަޔަކީ ޑީއާރުޕީގެ ނައިބް ޒައީމް ގާސިމް އިބްރާހިމް ހައްދަވަން މަސައްކަތްކުރަމުންދާ ޕާޓީކަމަށް އަންނި ވިދާޅުވި އެވެ.

މީގެ އިތުރުން އަންނި ވިދާޅުވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ދާން ބޭނުންވަނީ އެޕާޓީގެ 40 ހާސް މެންބަރުންނާ އެކުގައި ކަމަށާއި މިހާރުވެސް އެއްހާސް މެންބަރުން އެމްޑީޕީއަށް ވަނުމަށް ބޭނުންވެގެން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި މެންބަރުން އިތުރުކުރުމުގެ ކެންޕޭނެއް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެކަމަށާއި ބައެއް ފަރާތްތަކުން ޕާޓީގެ މެންބަރުން ޕާޓީން ވަކިވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެޕާޓީގެ ސެކްރިއޭޓަރަށް އެގިފައިނުވާ ކަމަށެވެ.

” މިރިޔާސީ އިންތިހާބުގައި ޑީއާރުޕީ އޭކިޔާ ބަޔަކު ނޯންނާނެ އެތިން ބައިގެ އިއްތިހާދެއް ނުވަތަ އެތިން ބައިގެތެރޭގެ ތާއިދު ރައީސް މައުމޫނު ހޯދައްވާނެތޯ ނުހޯދައްވާނެތޯ އަޅުގަނޑަކަށް ނޭނގެ, ރައީސް މައުމޫނު ވެރިކަމަށް ކުރިމަތިލައްވާ ކަމުގައިވާނަމަ އަޅުގަނޑަށް ވިސްނެނީ އެތިންބައިގެ ތާއިދު ހޯދައްވައިގެންނޭ ރައީސް މައުމޫނު އިންތިހާބަށް ވަޑައިގަންނަވާނީ.“ އަންނި ވިދާޅުވި އެވެ.

އަންނި ވިދާޅުވީ ޔާމިނު ހައްދަވާ ޕާޓީ ބޭނުންވާ ތިން ހާސް މެންބަރުންވެސް ނިކުންނަނީ ޑީއާރުޕީގެ ތެރޭއިން ކަމަށާއި އަދި ސަލީމް ހައްދަވާ ޕާޓީއަށް ބޭނުންވާ ތިން ހާސް ބޭފުޅުންވެސް ނިކުންނަނީ ޑީއާރުޕީގެ ތެރޭން ކަމަށެވެ. އަދި ސިވިލް ސާރވިސްގެ ދަށުން ވަކިވެގެންދިޔައީވެސް ޑީއާރުޕީގެ މެންބަރުންކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ވާދަވެރިންނަކީ ކޮބައިކަން އަދިވެސް ނޭނގޭކަމަށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އެންމެ ފަހުން އަންނި އަށް އޭނާގެ ފެންވަރު އެނގިއްޖެ ދޯ.... އަދާލަތަކީ ތިމަންނަގެ ތައްޕާހުން އުފެއްދި މައުލޫދު ޕާޓީއެކޭ ބުނި ހަނދާނެއް ވޭ ހެއްޔެވެ؟ ސިޔާސަތު ނޭނގޭ ބައެކޭ ނުބުނަން ހެއްޔެވެ؟؟؟ އެހެނަސް މިއަދު އަދާލަތާ ނުލައި ނޭވާވެސް ނުލެވޭނެއޭ ބުނެ ތިއުޅެނީ ކޮންމެވެސް އަމިއްލަ އެދުމެއް އޮވެގެންނެވެ. ... އަދާލަތެވެ.... ހުށިޔާރުވެތިބޭށެވެ!!!

    ބުރާސްފަތި، މޭއި 15 2008، 16:56
  2. އަންނި ގެ ހަގީގީ ވާހަކަ މިހާރު އަދި ކިރިޔާ އެއަޑު އިވުނީ. ޑރ. ހަސަން ވެރިކަމަށް ގެންނަންވެގެންނޭ ތިމަންނަ މިއުޅޭނީ ބުނުމުން އައްޑޫ އިން އަންނިއަށް ޕްރައިމަރީސްގައި ވޯޓް ލިބޭނެތީ އޭރަށް ފިޓްވާގޮތަށް އެވާހަކަ ދެއްކީ. އެގޭ އެއްޗަކީ އަންނި ހަސަނުގެ ރަނިންމޭޓަކަށްވާން އެހާ ބޮޑު ޚަރަދެއް ޕްރައިމަރީސް އަށް ނުކުރާނެކަން. އަނެއްކާ އެއީ ސިއްކަ އާއިލާ ބޭނުންވާނެކަމެއްވެސްނޫން، އެހެންޏާ އަންނިއަކީ ކެނެރީގޭ މީހުން ވެރިކަމަށްގެންނަން ބޮޑުކުރިކުއްޖެއްވިއްޔާ.

    ބުރާސްފަތި، މޭއި 15 2008، 18:03
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv