ކައިވެނީގެ ރަން

މޭއި 15، 15:01 1 ޚިޔާލު

ކައިވެނީގެ ރަން ނުވަތަ مهر އަކީ އަންހެނަކަށް ކައިވެނީގެ އަޤުދު ކުރެވުމުން ނުވަތަ وطء އެއްވުމުން ޙައްޤުވެގެންދާ މުދަލެކެވެ. މާތް ﷲ ވަޙީހުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. “ ތިޔަބައިމީހުން ކައިވެނިކުރާ އަންހެނުންނަށް ޙައްޤު ރަން އެކަނބަލުންނަށް ހިތްހެޔޮކަމާއެކު ދޭށެވެ.”

ރަނުގެ މަދު މިންވަރާއިމެދު مذهب ތަކުގައި ހިލާފުއުފެދިފައިވެއެވެ. حنفي مذهب ގައި އެންމެ މަދުވެގެން مهر އެއްކަމުގައި ކަމުދާނީ ދިހަ ދިރުހަމެވެ. مالكي مذهب ގައި އެންމެ މަދުވެގެން مهر އެއްކަމުގައި ކަމުދާނީ ދީނާރެއްގެ ހަތަރު ބައިކުޅަ އެއްބަޔެވެ. ނުވަތަ ތިން ދިރުހަމެވެ. شافعي مذهب އަދި حنبلي مذهب ގައި مهرގެ މަދު މިންވަރެއް ކަނޑައެޅިފައެއް ނުވެއެވެ. ވީމާ މުދަލެއް ކަމުގައި ބެލެވޭ ކޮންމެ އެއްޗަކީ އެއެއްޗެއް ކިތަންމެ ގިނަވިޔަސް ނުވަތަ މަދުވިޔަސް ރަނަކަށް ފުދޭނެ އެއްޗެކެވެ. ރަނުގެ ގިނަ މިންވަރުގައި އެއްވެސް ހައްދެއްނެތް ކަމަށް ހުރިހާ ދަންނަ ބޭކަލުން އެއްބަސްވެލައްވައެވެ.

ރަނުގެ ނުވަތަ مهر ގެ ޝަރުތުތައް ތިނެކެވެ. އެއީ މިލްކުކުރެވޭ ފަދަ އަދި ގަނެ ވިއްކޭ ފަދަ އެއްޗަކަށްވުން، ކަޑައެޅި އެނގޭ އެއްޗަކަށްވުން، غرر (uncertainty, risk) ނުހިމެނޭ އެއްޗަކަށްވުމެވެ. ކަނޑައެޅިފައިވާ ރަން އެއްކޮށް އަންހެންކުއްޖާއަށް ދިނުން ފިރިމީހާގެ މައްޗަށް ވާޖިބުވާ ޙާލަތްތަކަކީ ރޭކުރުމުގެ ކުރީގައި ފިރިމީހާ ނުވަތަ އަނބިމީހާ މަރުވުން، އަބިމީހާ އާއި ފިރިމީހާ ރޭކުރުން، وطء ވުން މަނާކުރާ އެއްވެސް مانع އެއްނެތް ގޮތެއްގައި އަބިމީހާއާއި ފިރިމީހާ خلوة އެއްގައި އެކަނިވުމެވެ. މިއީ حنفي مذهب އަށް ޚާއްޞަ رأى އެކެވެ.

مهر ކަނޑައެޅުމަކާ ނުލައި ކައިވެނީގެ عقد ކުރުމާއި އެކި مذهب ތަކުގެ رأى ތަފާތެވެ. مالكي مذهب އަދި ابن حزم ދެކެވަޑައިގަންނަވާ ގޮތުގައި مهر ކަޑަނޭޅި ކުރާ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއް ނޫނެވެ. އެކަމަކު جمهورންގެ އަރިހުގައި مهر ކަޑަނޭޅި ކުރާ ކައިވެންޏަކީ ޞައްޙަ ކައިވެންޏެކެވެ. އަދި މިޙާލަތުގައި އަންހެންކުއްޖާއަށް مهر مثل ޙައްޤު ވާނެއެވެ. مهر مثل ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެއީ ދީންވެރިކަން، ބިކުރުވެރިއެއްތޯ ނުވަތަ ޘައްޔިބެއްތޯ، ބުއްދިވެރިކަން، ރީތިކަން، ރަށަށް، މުއްސަނދިކަމަށް މިއެވެ. الإمام أحمد ވިދާޅުވާ ގޮތުގައި مهر مثل ކަނޑައެޅުމުގައި ބަލަންޖެހޭނީ އަންހެންކުއްޖާގެ ބައްޕަ ފަރާތުން ތިމާގެ އަންހެނުން ޢާއްމުކޮށް ރަންކިޔާ އުޅޭ މިންވަރަށެވެ.

مهر ކަނޑަނާޅާ ކައިވެނީގެ އަޤުދު ކުރުމަށްފަހު مهر ދައްކާއިރު އޭގެ މިންވަރު ކަނޑައަޅާނަމަ މިފަދަ ޙާލަތުގައި ދައްކަންޖެހޭނީ مهر مثل އެވެ. ފިރިމީހާ މަރުވެއްޖެނަމަވެސް ދައްކަންޖެހޭނީ مهر مثل އެވެ. مهر ކަނޑަނާޅާ ކައިވެނީގެ އަޤުދު ކުރުމަށްފަހު ރޭކުރުމުގެ ކުރީގައި ވަރިވެއްޖެނަމަ ދެން އޮންނާނީ مُتْعَة އެވެ. مُتْعَة އަކީ ވަކިމިންވަރަކަށް ކަނޑައެޅިފައި ނެތްނަމަވެސް ފިރިމީހާގެ މާލީ ޙާލަތަށް ބަލާ ފިރިމީހާގެ މާލީ ޙާލަތު ހުރި މިންވަރަށް ކަނޑައެޅޭ އެއްޗެކެވެ.

مهر ކެނޑިގެންދާ ޙާލަތްތަކެއްވެސް ވެއެވެ. الطلاق އަކާއިނުލާ ރޭކުރުމުގެ ކުރީގައި ނުވަތަ خلوة އެއްގައި އެއްތަން ވުމުގެ ކުރީގައި ކައިވެނި ރޫޅާލުމުން އަންހެން މީހާއަށް ރަން ޙައްޤެއް ނުވާނެއެވެ. މިސާލަކަށް ކައިވެނިކުރިތަނުން އަންހެން މީހާ މުރުތައްދުވުން، ފިރިހެންމީހާގެ ހުރި އައިބެއްގެ ސަބަބުން އަންހެންމީހާ ކައިވެނި ބާޠިލްކުރުމަށް އިޚްތިޔާރުކުރުމެވެ. مهر އަނބުރާ ފިރިހެން މީހާއަށް ދައްކާގޮތަށް خلع ކުރުމުންވެސް ރަން އަންހެނާގެ ކިބައިން ކެޑިގެން ދާނެއެވެ. އަދި ކައިވެނިކުރުމަށްފަހު ފިރިހެންމީހާގެ ކިބައިން އަންހެންމީހާ ރަން ކަނޑާލަދިނުމާއި ރަނަށްވާ އެއްޗެއް ފިރިހެން މީހާއަށް ހިބައިން ދިނުމުންވެސް އަންހެނާގެ ކިބައިން ރަން ކެނޑިގެންދާނެއެވެ. مهر ގެ ½ ކެނޑިގެންދާ ޙާލަތަކީ ކައިވެނިކުރުމަށްފަހު ރޭކުރުމުގެ ކުރީގައި ވަރިކުރުމުމެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ޖަޒީރާގައިދީނީސޮފްހާހިނާފައިވީތީވަރައްއުފާވޭ ޖަޒީރާގެލިއުންތެރިންނަށް ޝުކުރުދަންނަވަން ދީނީމައުލޫމާތަކީއަޅުގަޑުމެންނަވަރައްމުހިއްމުމައުލޫމާއްތަކެ އަޅުގަޑުމެންމުސްލިމުންއުޅެންޖެހޭގޮތުގެ މައްޗަމިސޮފްހާބިނާކުރުމަކީވަރައްބޮޑަ އެދޭކަމެ ޝުކުރިޔާ އެމް އޭ އެފް ފޯރޑް

    ހޯމަ، އޮކްޓޫބަރ 6 2008، 21:35
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv