މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

މަކުނުދޫ ސްކޫލު ކުދިންނަށް ދިމާވެފައިވާ މައްސަލަ: ނާމާންކަންފެތުރި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ގެނބިއްޖެ

އަންވަރު އިބްރާހިމް މޭއި 11، 17:19 2 ޚިޔާލު

” މިއޮތް ގެންދަނީ. މިއޮތް މަރުވަނީ. އަހަރެން ސަލާމަތްކުރޭ. ދޫކޮށްލާ. ހަމަ މިހާރު ދޫކޮށްލާ.“ ގައިބާރު ހުރި ހަ ފިރިހެނުންވެގެން މަތަކުރުމަށް އުޅުނު 13 އަހަރުގެ އަންހެން ކުއްޖަކު ގޮވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑަށް އަރާބާރުގަނޑެއްގެ ސަބަބުން މަތަވަނީ ހަމަކިރިޔާ އެވެ. ބައެއް ފަހަރު ހޭނެތިގެން ބިމަށް ވެއްޓިފައި އޮންނައިރު ހީވަނީ މަރުވެފައި އޮންނަ ހެންނެވެ. މިއީ އެންމެ ކުއްޖެއްގެ ވާހަކަ އެވެ. މިކަހަލަ 10 ވަރަކަށް ކުދިން ހޭޔަށް ގޮތްވެ, ގަޔަށް ބާރުގަނޑެއް އަރައިގެން މުޅި މަކުނުދޫއަށް މިއަދުވަނީ ނާމާންކަމާއި ބިރުވެރިކަން ފެތުރިފަ އެވެ.

މަކުނުދޫ ސްކޫލުގައި އުޅޭ ކުދިންނަށާއި ޓީޗަރުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލުނުވެ, އިތުރަށް ގޯސްވެ, މުޅި ރަށަށް ނާމާންވެ, ބިރުވެރިކަމެއްގެ ތެރެއަށް ގެނބިގެން ހިނގައްޖަ ކަމަށް އެންމެ ފަހުން އެރަށު ކަތީބު މުހަންމަދު އަހުމަދުވެސް ވިދާޅުވެއްޖެ އެވެ.

ކަތީބު ވިދާޅުވީ ރަށުގައި ބޮޑު ނާމާންކަމެއް ފެތުރިފައިވާ ކަމަށާއި ކުދިންނާއި މީހުންގެ ހިތްތަކުގައި މި ބިރުވެރިކަން އިތުރަށް ބޮޑުވަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލާފައިވާ ކަމަށްވެސް ކަތީބު ވިދާޅުވި އެވެ.

” ބުރާސްފަތި ދުވަހު ސްކޫލްތެރެއަށް ކުދިން ތަކެއް ވެއްޓުމުން ބެލެނިވެރިން އައިސް ކުދިންތައް ގެންދިޔައީ. ދެން ސްކޫލު މިހުޅުވުނީ މިއަދު. މިއަދުވެސް އެއްވެސް ބެލެނިވެރިއަކު އެމީހުންގެ އެއްވެސް ކުއްޖަކު ނުފޮނުވާ. ކުދިންނެކޭ އެއްފަދައިން ބެލެނިވެރިންވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި. “ ކަތީބު ވިދާޅުވި އެވެ.

ސްކޫލްތެރޭ ހުންނަވައިގެން މިއަދު މެންދުރު ކަތީބު ވިދާޅުވީ ދިމާވެގެން އުޅޭކަންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން ބޭސްފަރުވާ ކުރުމާއި ފަނޑިތަވެރިކަމުން އެކަން ހައްލުކުރެވޭތޯ ބަޔަކު ގެނެސްގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

” ބައެއް މީހުން ގަބޫލުކުރަނީ މިއީ ސިހުރު ހާހޫރައިގެ ކަމެއްކަމަށް. މިކަން ރަނގަޅުކުރެވޭނީ ފަނޑިތަވެރިކަމުން ކަމަށް. އެހެންވީމާ އެކަންވެސް ކުރަމުން މިގެންދަނީ. މިހާރުވެސް 10 ކުދިންނަށް އެހެން ވެފައި އެބަތިބި.“ ކަތީބު ވިދާޅުވި އެވެ.

ކަތީބު ވިދާޅުވީ މަކުނުދުއަށް ގޮސްތިބި ފަންޑިތަވެރިންނާއި ރަށުގެ ފަންޑިތަވެރިން ސްކޫލްތެރޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޖަޒީރާއަށް މައުލޫމާތު ދެމުން މަކުނުދޫ ސުކޫލުން ބުނީ އެއްވެސް ކުއްޖަކު ސްކޫލަށް މިއަދު ހާޒިރުނުވިނަމަވެސް ސްކޫލު ބަންދުނުވާ ކަމަށެވެ.

މިނިސްޓްރީގެ ޒޯން ކޯޑިނޭޓަރު މުހަންމަދު ޝާކިރު ވިދާޅުވީ މަކުނޫގައި އާދަޔާ ޚިލާފް ބައްޔެއް އުޅޭތީވެ ހެނދުނު ސެޝަނުގެ ކުދިން ސްކޫލަށް ހާޒިރުނުވާކަމަށާއި ނަމަވެސް ސްކޫލުގެ ޓީޗަރުންނާއި ސްޓާފުން ސްކޫލުގައި ތިއްބެވި ކަމަށެވެ. މީގެ އިތުރު މައުލޫމާތެއް ޝާކިރުވެސް އަދި ސްކޫލަކުންވެސް ނުދެއްވަ އެވެ.

މަކުނުދޫން ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ ސްކޫލަށް މިއަދު ކުދިން ނުފޮނުވާ ކަމަށާއި ކުދިންނަށް ވަމުންދާ ގޮތުގެ ސަބަބުން ހުރިހާ ބެލެނިވެރިން އެކަމަށް ޖެހިލުން ވެފައި ތިބި ކަމަށެވެ.

އޭނާ އިތުރަށް ބުނީ މިހާރުވެސް 100 ވަރަކަށް ބެލެނިވެރިން ސްކޫލު ގޯތި ތެރޭގައި ފަންޑިތަވެރިންނާއެކު ހަރަކާތް ތެރިވަމުންދާ ކަމަށެވެ.

” މަކުނުދޫގެ ތިން ފަންޑިތަވެރިންގެ އިތުރުން ނޮޅިވަރަމުން ގެނެވުނު މީހަކާއި ގދ.ގައްދޫން ގެނެވުނު މީހެއްވެސް މިހާރު މަސައްކަތް ކުރަމުން އެބަގެންދޭ. މިހާރު މިދަނީ ސްކޫލުގެ ހުޅަނގު އުތުރުކަން ކޮންނަމުން. މުއުމިން ޖިންނިއެއް ބުނެގެން އެކަން ކުރަމުން މިގެންދަނީ,“ ސްކޫލުތެރޭގއި ހަރަކާތްތެރިވަމުން ދިޔަ ބެލެނިވެރިއަކު ޖަޒީރާއަށް ކިޔާދިނެވެ.

ހަވީރު ގުޅާލުމުން އެމީހާ ބުނީ މިހާރު މަސައްކަތް ހުޢްޓާލާފައިވާ ކަމަށާއި ވަޅުލާފައިވާ އެއްވެސް އެއްޗެއް އަތަނުން ފެނިފައި ނުވާކަމަށެވެ.

” މިހާރު މަސައްކަތް ވަނީ ހުއްޓާލާފައި. ގާތްގަނޑަކަށް ހަ ފޫޓް ހުންނާނެ ވަޅުގަނޑުގައި. ފުންމިނުގައި ހަތްފޫޓް ހުންނާނެ. އެތަނުން އެއްވެސް އެއްޗެއް ނުފެނުނު.“ ކޮނުމުގެ މަސައްކަތުގައި އުޅުނު މީހާ ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެވެސް އެރަށުގެ 6 ކުއްޖަކު ހޭނެތިގެން ވެއްޓުނު ކަމަށެވެ.

” އިއްޔެވެސް ހަ ކުއްޖަކު ވެއްޓުނު. ކުޑަކުދިންގެ ދުވަސް ފާހަގަކުރަނިކޮށް އެކަމެއް ހިނގީ. އެހިސާބުން އެކަންވެސް ފަނިވީ.“ އޭނާ ބުންޏެވެ. އޭނާ ބުނީ އިއްޔެ ފުލުހުން އެރަށަށް ދިޔަ ކަމަށާއި ނަމަވެސް ބިރުވެރި ކަންތައްތަކެއް އުޅޭތީވެ ފުލުހުން އެރަށުން ފުރާފައިވާ ކަމަށެވެ. އެމީހުން ފުރީ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުންވެސް ނުބާއްވާ ކަމަށް އެރަށުން މައުލޫމާތު ދިނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އަދިވެސް ދުނިޔޭ ގަ ލެއްވިހާ ޝިރުކެއް ކުރެވޭތޯ ތިބަލަނީ.... ފަންޑިތަޔާ ސިހުރުތައް ހަދައިގެން....ދެންވެސް ތިޝިރުކު ތައް ނުކޮށް ދުއާ ކޮއްބަލަ...''އިންސާފް''

    އާދިތްތަ، މޭއި 11 2008، 19:23
  2. މަކުނުދޫމީހުންނަށްލިބިފައިވާނާމާންބިރުވެރިކަމަށްޓަކައިހިތާމަކުރަމެވެ.ނަމަވެސް ތީހަމައަމިއްލައުޅުން ގޯސްވެގެންލައިގަނެގެންއުޅޭކަމެކެވެ.ދެންވެސްމުޅިދިރިއުޅުންއިސްލާމްދީނުގައިއަންގަވާފައިވާ ގޮތަށްބައްޓަންކުރެވޭތޯބަލާށެވެ.އަޅުގަނޑުގެދުޢާއަކީތިޔަޖެހިފައިވާމުސީބާތުންތިބޭފުޅުންނަށް އަވަށް ހައްލެއް ﷲދެއްވުމެވެ...އާމީން.

    އާދިތްތަ، މޭއި 11 2008، 20:44
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv