މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އިއްތިހާދުގެ ކެންޑިޑޭޓަކު ނެރުމުގެ މައްސަލަ: ޕްރައިމަރީސް ބާއްވަން ދެކޮޅު ހަދަނީ އިންތިޚާބު ކާމިޔާބުނުވާނެކަމަށް ގަބޫލުކުރެވޭ ބޭފުޅުން : އުމަރު

އިސްމާއީލް ރަޝީދު މޭއި 11، 17:16 2 ޚިޔާލު

ޕްރައިމަރީސްއެއް ބާއްވައިގެން އއިތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ދެކޮޅު ހަދަނީ,އެ އިންތިހާބު ކާމިޔާބުނުވާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ކަމަށް އިއްތިހާދުގެ ބައިވެރިއެއްކަމަށްވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ރައީސް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް އެންމެ އޮތް އެންމެ ޑިމޮކްރެޓިކް އުސޫލަކީ ޕްރައިމަރީސްއެއް ބާއްވައިގެން ބޭފުޅަކު ހޮވުން ކަމަށާއި އެކަން ކުރުމުގެ ގާބިލްކަން އިއްތިހާދަށް ލިބިފައިވަނިކޮށް, ޕްރައިމަރީސްއަކުން ނޫން ގޮތަކަށް ކެންޑިޑޭޓަކުން ހޮވުމަކީ ގަބޫލުކުރެވޭނެ އުސޫލެއް ނޫންކަމަށެވެ.

”އިއްތިހާދުގެ އެއް ބައިވެރިއަކު ބުނަމުންދަނީ ޕްރައިމަރީސް އެއް ބާއްވައިގެން ބޭފުޅަކު ހޮވުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމަށް. އެ ވާހަކަ ފާޅުގައި ދައްކާފައިވަނީ އެމްޑީޕީން. އެ ޕާޓީގެ ވާހަކަތައް ގަބޫލެއްނުކުރެވޭ. ބޮޑެތި ކަންތައް ކުރެވޭ ފަދަ ގާބިލްކަން އިއްތިހާދަށް ވަނީ ލިބިފައި. ޕްރައިމަރީސް އާ ދެކޮޅު ހަދަނީ އެ ފަދަ އިންތިހާބެއް ކާމިޔާބުނުކުރެވޭނެ ކަމަށް ފެންނަ ބޭފުޅުން ކަމަށް ފެންނަނީ,“ ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްތިހާދުން އެ ފަދަ އިންތިހާބެއް އިންތިޒާމުކުރެވޭ ފަދަ ގާބިލްކަން ލިބިގެންވާ ކަމަށާއި މީހުން ދިރިއުޅޭ 198 ރަށުގައި ވޯޓް ފޮށި ބެހެއްޓުމުގެ ގާބިލްކަން ލިބިގެން ނުވާ ނަމަ ގައުމުގެ ވެރިކަން ކުރުމުގެ ކުޅަދާނަކަން ވެސް އިއްތިހާދަށް ލިބިގެންނުވާކަމަށް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

”ޕްރައިމަރީސް ބާއްވާއިރު ވާދަކުރާ ކެންޑިޑޭޓުންނާ ސުވާލުކުރެވެން ޖެހޭނެ. އެ ބޭފުޅުން ގެންގުޅޭނެ ސިޔާސަތު ހާމަކުރަން ޖެހޭނެ. އޭރުން އެނގޭނީ ވެރިކަންކުރެވޭނެ ބޭފުޅަކު,“ އުމަރު ވިދާޅުވި އެވެ.

އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ބާއްވާ ޕްރައިމަރީސްގައި ވާދަކުރާ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ސާފުކުރަން ޖެހޭ ހުރިހާކަމެއް ސާފުކުރަން ޖެހޭނެ ކަމަށާއި ވޯޓް ދޭން ޖެހޭނީ ކޮންމެ ބޭފުޅަކު ވެސް ވަކިވަކިން އެނގިގެން ކަމަށް އުމަރު ވިދާޅުވި އެވެ.

”އަޅުގަނޑަކީ އުނަގަނޑު ބިންދާ މީހެއް ކަމަށް ވާހަކަ ދައްކާ ނަމަ އެ ވާހަކަ އަހައި ސާފުކުރަން ޖެހޭނެ. އެ އުސޫލުން އެހެން ބޭފުޅުންގެ ވެސް އެ ފަދަ ކަމެއްވާނަމަ އެ ވާހަކަ އަހައި ސާފުކުރަން ޖެހޭނެ. އެއީ ޕާސަނަލް މައްސަލަތަކެއް ނޫން. ރައޔްިތުންނަށް އެކަން އަންގަން ޖެހޭނެ. އަޅުގަނޑު ވެސް ސުވާލުކޮށް ކެންޑިޑޭޓުން ޒިންމާދާރުކުރުވާނަން. ކެންޑިޑޭޓުގެ ކަމެއް ދިފާއުގައި ވާހަކަ ދައްކައިގެން ދިފާއުވުން,“ ފުލުހުންގެ ހިދުމަތުގައި ވެސް އުޅުއްވާފައިވާ އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީން ހުށަހަޅާފައިވާގޮތުން އިއްތިހާދުގެ މޭޒުދަށުން ކެންޑިޑޭޓަކު ހޮވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

”ސަބަބަކީ އިއްތިހާދުން އެއްބަސްވެފައި އޮންނާނެ އިއްތިހާދުން ގޮތެއް ނިންމާނެ އުސޫލު. އެ އުސޫލަކީ ހުރިހާ މެމްބަރުން އިއްތިފާގުވުން. އެ ނޫން ގޮތެއް ރަނގަޅެއްނޫން. ދެން އުސޫލު ބަދަލުކުރާ ވާހަކަ ދައްކާ ނަމަ އެ ވާހަކަ ވެސް ގަބޫލެއްނުކުރެވޭ. އެންމެ ރަނގަޅުގޮތަކީ ހުރިހާ ރަށެއްގައި ޕްރައިމަރީސް ބާއްވައިގެން ގިނަ ވޯޓް ހޯދާ ބޭފުޅަކީ އިއްތިހާދުގެ ކެންޑިޑޭޓުކަމަށް ކަނޑައެޅުން,“ އުމަރު ވިދާޅުވި އެވެ.

ޕްރައިމަރީސް ބާއްވާ ނަމަ ވޯޓް ލާނީ އެކަމަށް ބޭނުންވާ ރައްޔިތުންކަމަށާއި އަންނަ މަހުގެ 15 ވަނަ ދުވަހު ވޯޓްލުން ބޭއްވިދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

”މިމަހުގެ 15އިން އަންނަ މަހުގެ 14 ވަނަ ދުވަހަށް ކެމްޕެއިން ކުރަން ފުރުސަތު ދިނުމަށް ފަހު އަންނަ މަހުގެ 15 ވަނަ ދުވަހު އިންތިހާބު ބާއްވަންވީ. އެ އުސޫލުން ޕްރައިމަރީސް ބާއްވަން ވަގުތު އެބައޮތް. ވަގުތު ނެތް ކަމަށް ދައްކާ ވަހަކއަކީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން. ފައިސާ ނެތް ނަމަ ފައިސާ ވެސް ހޯދޭނެ. އެވަރުގެ ގާބިލްކަން އިއްތިހާދުގައި ހުންނަން ޖެހޭނެ,“ އައިޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައިވާ އުމަރު ވިދާޅުވި އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. އުމަރާ ސާބަސް. ޑިމޮކްރަސީގެ ކުލަވަރު މިހާރު ތިހިރަދަނީ ފެންނަމުން. އަޅުގަނޑު ބޭނުމީ ދެސުވާލު. ފޭލިވީ ބޭފުޅަކު ފޭލިވީ. އަޅުގަނޑު ކުރާނެ ކަމެއްނެތް. ދިވެހިރައްޔިތަކަށް ނުޙައްޤުން އަނިޔާކުރިކަމަށް އަޑެއް އިވިފަހުރި މީހަކަށްވެސް އަޅުގަނޑު ވޯޓެއް ނުލާނަން. އަޅުގަނޑުގެ ވޯޓު ބޭނުމިއްޔާ ވާނެ އެކަން ރައްޔިތުންނަށް ސާފު ކޮށްދެއްވަން. ދެވަނަ ކަމަކީ ޢާންމުކޮށް ދިވެހި ރައްޔިތުންނަށް ދޮގެއް ހެއްދެވިކަން ސާބިތުވެފައިނެތުން. އެކަންވެސް ވާނެ ސާފުކޮށްދެއްވަން. އެވަރިހަމަ ކޮންމެ މީހަކަށްވިޔަސް. ރިޔާސީ ކެނޑިޑޭޓެއްކަމަށް އަޅުގަނޑު ޤަބޫލުކުރާނީވެސް އެދެސުވާލުން ފާސްވެގެން. =ޅަސޮރު=

    އާދިތްތަ، މޭއި 11 2008، 19:15
  2. ޕްރައިމަރީއެއް ބޭއްވިޔަސް ކާމިޔާބުކުރާނީ އެމްޑީޕީގެ ކެނޑިޑޭޓްކަން ޔަޤީން. އެކަމަކު އަންނި ވެރިކަން ބޭނުންނުވާތީއާއި އަންނިއަށްވުރެ ޤާބިލްފަރާތަކަށް ފުރުޞަތު ދިނުމަށް ޕްރައިމަރީއަކަށް ދިއުން ރަގަޅެއްނޫން. އެހެނީ މައުމޫނަށްވުރެ ޢުމަރުރަގަޅު، ޢުމަރަށްވުރެ ޙަސަންރަގަޅު ޙަސަނަށްވުރެ އިބްރާރަގަޅު އިބްރާއަށްވުރެ އަންނި ރަގަޅު. ގިނަރައްޔިތުންގެ ވިސްނުންހުރީ މިގޮތަށް ވީމާ، މައުމޫނާ ވާދަކޮށްގެން ޢުމަރުމޮޅުވެދާނެ. އެކަމަކު ދެންތިބި މީހުނާ ވާދަކޮށްގެން ޢުމަރުމޮޅެއް ނުވާނެ.

    ބުދަ، މޭއި 14 2008، 13:40
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv