މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އަތާއި ފަޔާއި އަނގައިގެ ބަލި ޖެހިފައިވާ މީހުންގެ އަދަދު އަށް ގުނަ އިތުރުވެފައިވޭ: ޑީޕީއެޗް

މޭއި 11، 17:15 0 ޚިޔާލު

ހުސްވި އަހަރުގެ ފުރަތަމަ 16 ހަފްތާއާއި އަޅާބަލާއިރު, ވޭތުވެދިޔަ 16 ހަފްތާގެ ތެރޭ އަތާއި ފަޔާއި އަނގައިގެ ބަލި ޖެހިފައިވާ މީހުންގެ އަދަދު އަށް ގުނަ އިތުވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އާއްމުކޮށްފައިވާ ރިޕޯޓެއް ބުނެފި އެވެ.

ރާއްޖޭގައި ފެތެރެމުންދާ އާއްމު ބަލިތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ހުސްވި އަހަރުގެ ފުރަތަމަ 16 ހަފްތާތެރޭގައި އަތާއި ފަޔާއި އަނގައިގެ ބަލި ޖެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައި ވަނީ އެންމެ 32 މީހުންނެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ 16 ހަފްތާތެރޭ މި ބަލި 256 މީހަކަށް ޖެހިފައިވާ ކަމަށް ރިކޯޑކުރެވިފައި ވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު, އަށް ގުނަ އިތުރު ވުމެކެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ހުސްވި އެޕްރީލް މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަތާއި ފަޔާއި އަނގައިގެ ބަލި ޖެހިފައިވާ ކަމަށް މާލެއިން ރެކޯޑް ކުރެވިފައި ވަނީ އެންމެ ހަތް މީހެކެވެ. މި ބަލި ޖެހުނު ކަމަށް އަތޮޅުތަކުން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދަކީ 249 އެކެވެ.

މި މުއްދަތުގެ ތެރޭގައި ފާނަބަސަންދު ޖެހިގެން 849 މީހުން ރިޕޯޓް ކޮށްފައިވާއިރު, 248 މީހަކަށް ޗިކަން ގުންޔާ ޖެހިފައިވާ ކަމަށް ވެސް ފާހަކަ ކޮށްފައި ވެ އެވެ. ޗިކަން ގުންޔާ ޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ އެންމެންނަކީ ވެސް އަތޮޅުތަކުން މި ބަލި ޖެހިފައިވާ މީހުންނެވެ. 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ފެނުނު ކަމަށް ރިކޯޑްކުރެވިފައިވާ ޗިކަންގުންޔާ ޖެހިފައިވާ ކަމަށް ޝައްކުކުރެވުނު 67 މީހެއްގެ ލޭ ގެ ސާމްޕަލްތަކެއް މިއަހަރުގެ ތެރޭގައި އާމްޑްފޯސް ރިސާޗް އިންސްޓިއުޓް އޮފް މެޑިކަލް ސައިންސްގައި ކުރި ޓެސްޓްތަކުން ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަކަ ކޮށްފައި ވެ އެވެ.

ޑެންގޫ ހުން ޖެހިފައިވާ ކަމަށް ރިކޯޑްކުރެވިފައި ވަނީ 374 މީހަކަށެވެ. މީގެތެރެއިން މާލެއިން މި ހުންޖެހިފައި ވަނީ 213 މީހަކަށެވެ. އަތޮޅުތަކުން މި ހުންޖެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައި ވަނީ 161 މީހެކެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތްގެ ހިސާބުތަކަށް ބަލާއިރު, މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި 29572 މީހުންނަށް ވައިރަލް ފީވާ ޖެހިފައިވެއެވެ. މި ހިސާބުތައް އެ ޑިޕާޓްމަންޓްގެ ފަރާތުން ދަނީ ކޮންމެ ހަފުތާއެކު އެއްފަހަރު އާއްމު ކުރަމުންނެވެ.


2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv