މެލޭޝިއާގެ 23 އަހަރުންދަށުގެ ޓީމާކުޅެ ރާއްޖެއިން އެއްވަރުކޮށްފި
ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ރަހްމަތްތެރިކަމުގެ ފަހު މެޗުގައި މެލޭޝިއާގެ 23 އަހަރުންދަށުގެ ޓީމާ ވާދަކޮށް 1-1 ލަނޑުން އެއްވަރުވެއްޖެ އެވެ.
އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ މެލޭޝިއާ ޓީމުންނެވެ. 28 ވަނަ މިނެޓްގައި ދުރުން ފޮނުވާލި ހަމަލާއަކުން މިލަނޑު ކާމިޔާބުކޮށްދިނީ ކީރިލް މުހައްޔީން އެވެ.
ރާއްޖެއިން އެއްވަރު ކުރަން ކުރަމުން ދިޔަ މަސައްކަތް ހަގީގަތަކަށްވީ އިތުރު ވަގުތުގައި އަލީ އަޝްފާގު(ދަގަނޑޭ) ޖަހާދިން ގޯލުންނެވެ. މިއީ ދަގަނޑޭ ކުޅުނު ފުރަތަމަ ދެމެޗެވެ. ކުރީ ދެމެޗުގައި ދަގަނޑޭ ނުކުޅުނީ އަނިޔާގެ ސަބަބުން ކަމަށް ޓީމުން ވަނީ ބުނެފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހުހާފުގައި ރަނގަޅަށް ކުޅެފައިވާ ކަމަށްވެއެވެ.
މިމެޗުގެ 75 ވަނަ މިނެޓްގައި މެލޭޝިއާގެ 23 އަހަރުންދަށުގެ ޓީމުގެ މުހައްމަދު ޝުކޫރު އަދުނާން ކުރި ފައުލަކަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ.
މިމެޗުގައި ދިވެހި ޓީމުގެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން ނުކުޅެނީ އަލީ އުމަރާއި ސަމްވީލު ގާސިމް(ބޮންޑާ) އެވެ. މިމެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މިމެޗުތަކުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވާ އަލީ އަޝްފާގު(ދަގަނޑޭ) އެވެ.
ދިވެހި ޤައުމީ ޓީމު ކުޅުނީ މެލޭޝިއާގެ ޤައުމީ ޓީމާ ކަމަށް އެފް އޭ އެމުން ބުނަމުން ދިޔަ ނަމަވެސް މެލޭޝިއާގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ ދަސްޓާރ ގައި ބުނެފައިވަނީ ދިވެހި ޓީމާ ދެކޮޅަށް ނުކުތީ އިންޓަރކޮންޓިނެންޓަލްކަޕަށް ތައްޔާރުވަމުންދާ މެލޭޝިއާގެ 23 އަހަރުންދަށުގެ ޓީމު ކަމަށެވެ.
ދަތުރުގައި ރާއްޖެ ކުޅުނު 3 މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 1-3 ލަނޑުން މޮޅުވީ ސެލެންގޯ ސްޓޭޓް ޓީމާ ކުޅެއެވެ. ދެވަނަ މެޗުގައި އެއްވަރުވީ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ކޭ އެލް ޕްލަސް އާއި ވާދަކޮށެވެ.
ޤައުމީ ޓީމުގެ މެނޭޖަރ މުހައްމަދު ހާނިމް ބުނީ އެތަނުގެ ބައެއް ނޫސްތަކުގައި އެއީ ގައުމީ ޓީމުކަމަށްވެސް ބުނެފައިވާ ކަމަށެވެ. ”މީގަ ވާގޮތަކީ އެމީހުން މޮޅުނުވެއްޖިއްޔާ އެއީ ކުޑަކުދިން. މޮޅުވެއްޖިއްޔާ އެއީ ޤައުމީ ޓީމު. އަނެއްކޮޅުން އެމީހުން މެޗަށް ތައްޔާރުވެފައިވާ ވަރާއި ސްޓޭޑިއަމް ތައްޔާރުކޮށްފަ މިންވަރަށް ބަލާލީމަވެސް އެނގޭ އެއީ ހަމަ ސީނިއަރ ޓީމުކަން“ ހާނިމް ބުންޏެވެ. 11 ދުވަހުގެ މި ދަތުރަށްފަހު ޓީމު މިރޭ މާލެ އަންނާނީ ވިކްޓަރީގެ ކުޅުންތެރިން ބައިތިއްބާފައެވެ. އެއީ އޭ އެފް ސީކަޕްގެ މެޗަށް ވިކްޓަރީ މިރޭ ފުރާތީ އެވެ. ވިކްޓަރީގެ ކުޅުންތެރިން ޓީމާ ގުޅޭނީ ސިންގަޕޫރުންނެވެ.
