އާއްމު ދިރިއުޅުމުގައި ކެއުމަށް ބޭނުންކުރާ ސާމާނު އަގުހެޔޮކުރުމަށް ޓްރޭޑުން އެސްޓީއޯއާއި ވާހަކަ ދައްކަނީ
އާއްމު ދިރިއުޅުމުގައި ކެއުމުގައި ބޭނުންކުރާ ސާމާނު އަގުހެޔޮރުމަށް ޓްރޭޑުން އެސްޓީއޯއާއި ވާހަކަ ދައްކަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވްލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފި އެވެ.
ޓްރޭޑް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އުސްމާން ޝާކިރު މިއަދު ވިދާޅުވީ ބާޒާރުގައި އާއްމު ދިރިއުޅުމުގައި ކެއުމުގައި ބޭނުންކުރާ ސާމާނު ބާޒާރުގައި އަގުއުފުލެމުން ދިއުމާއި ގުޅިގެން އެ ބާވަތްތައް އަގު ހެޔޮކޮށް ވިއްކުމާއި ބެހޭ ގޮތުން ޓްރޭޑާއި އެސްޓީއޯއާއި ދެމެދު ވާހަކަ ދެކެވެމުން ދާ ކަމަށެވެ.
” އަޅުގަނޑުމެންގެ މަގުސަދަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުން ކެއުމުގައި ބޭނުންކުރާ ސާމާނުގެ އަގު ވީހާވެސް ހެޔޮކޮށް ދިނުން. އެއީ ތަކެތީގެ އަގު ބާޒާރުގައި ބޮޑުވަމުން ދިއުމާއި ގުޅިގެން މިހާރު އާދައިގެ ދިރިއުޅުމެއްގައި އުޅޭމީހުންނަށް ކުރާ އަސަރުކުޑަ ކުރުމުގެ ގޮތުން ދެކެވެމުންދާ ވާހަކަ ތަކެއް.“ އުސްމާން ވިދާޅުވިއެވެ.
އުސްމާން ވިދާޅުވީ އެސްޓިއޯއާއި އަގު ކުޑަކުރުމުގެ ގޮތުން ވާހަކަ ދެކެވެމުންދާ ބާވަތްތަކުގެ ތެރޭގައި ފިޔާ, އަލުވި, ކުކިން އޮއިލް, ބިސްފަދަ ބާވަތްތައް ހިމެނޭ ކަމަށެވެ.
މިކަމާއި ބެހޭގޮތުން އެސްޓީއޯގެ ބަހެއް ހޯދުމަށް މިއަދުކުރި މަސައްކަތް ވަނީ އެކުންފުނީގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
އެސްޓީއޯއިން މިހާރުވެސް ދަނީ ރާއްޖޭގެ ބާޒާރުގައި މިހާރުހުރި ހިކިކިރުގެ ބާވަތްތަށްވުރެ 18 އިންސައްތަ ހެޔޮކޮށް އަލްމުދިޝް ގެ ނަމުގައި ހިކިކިރެއް ވިއްކަމުން ނެވެ.
