މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ސިވިލް ސާވިސްގެ ގާނޫނު ވެއްޔާ މޮޑެލަނީ

އިސްމާއީލް ރަޝީދު މޭއި 11، 15:24 1 ޚިޔާލު

ސިވިލް ސާވިސްގެ ގާނޫނުގެ ސަބަބުން ކޮންމެ ވެސް ބަޔަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިގެން އުޅޭ ކަމަށް ފެނެ އެވެ. ނަމަވެސް އެ ގާނޫނުގެ ސަބަބުން އަޅުވެތިކަމުގައި ތިބި ގިނަ ބަޔަކަށް އިތުރު ހިތްވަރެއް ލިބިގެންދާއިރު ގާނޫނުގެ ދަށުން ނިންމަން ޖެހޭ ނިންމުންތައް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހަދައި ވަގުތު ނަގާލުމަށް މަސައްކަތް ކުރާ މަންޒަރުދަނީ ފެންނަމުންނެވެ.

ޑިމޮކްރަސީގެ އަސާސީ އެއް ސިފައަކީ ސިވިލް ސާވަންޓުންނަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިނުވެވުމެވެ. ގައުމަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރައްވާ ވެރިއަކު ރައީސް ކަމުގައި ހުންނަވާތާ 29 އަހަރުވެގެން ދިޔަ ފަހުން ފާސްކޮށް އަމަލުކުރަން ފެށި ގާނޫނު ބުނާގޮތުން ސިވިލް ސާވަންޓުން ސިޔާސީ ދާއިރާއިން ދުރުވާން ޖެހޭނެ އެވެ.

އަމިއްލަ މެމްބަރަކު ހުށަހަޅި އެ ބިލް ގާނޫނަކަށްވެގެން ސިޔާސީ މަގާމުން ވަކިވާން ޖެހުމުން އެކަން ގަބޫލުނުކުރެވިގެން މައުމޫނު ހިންގަވާ ޕާޓީއަށް ނިސްބަތްވާ ހާއްސަ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ސިވިލް ސާވިސް ކޮމިޝަން ގޮވައިގެން ކޯޓަށް ގޮސްފަ އެވެ.

އެ މީހަކަށް ލިބެން ޖެހޭ ހައްގެއް ގެއްލިގެންދާކަމަށްވާ ނަމަ އެ ހައްގެއް ހޯދަން ޖެހޭނެ އެވެ. އެއީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެކެވެ. ނަމަވެސް ސިވިލް ސާވިސް ގާނޫނު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ދުވަހުން ފެށިގެން އެނގޭ އެއް ހަގީގަތަކީ ސިވިލް ސާވަންޓުންގެ ގޮތުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ސިޔާސީ މަގާމެއް އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިނުވެވޭނެ ކަމެވެ.

އެ ފަދަ ބޭފުޅުންނަށް ކޮންމެ ވެސް އެއް މަގާމެއް އިހުތިޔާރުކުރަން ޖެހޭނެކަން މީގެ އެއް އަހަރުކުރިން ވަނީ އެނގިގެން ގޮސްފަ އެވެ. ނަމަވެސް ދެ މަގާމު އަދާކުރެއްވި ބޭފުޅުންނަކަށް އޭރު އެއްވެސް މައްސަލައަކަށްނުވި އެވެ. އަދި އެ ބޭފުޅުންނަށް ލިބޭ ހައްގެއް ގެއްލިގެންދާތީ ކަންބޮޑުވެގެން އުޅޭ މަންޒަރެއް ނުފެނެ އެވެ. ގާނޫނަށް އަމަލުކުރަން އެންމެ ދުވަހަކަށްވެފައިވަނިކޮށް ފެނުނީ ތަފާތު މަންޒަރެކެވެ.

ރައްޔިތުންނަށް ނަމޫނާ އަކަށްވާން ޖެހޭ އަދި ޑިމޮކްރަސީގެ އުސޫލުތައް އެންމެ އަވަހަށް ގަބޫލުކުރަން ޖެހޭ ބޭފުޅުންގެ ތެރެއިން ބަޔަކު ނުކުމެ ކޮމިޝަނާ ދެކޮޅަށް ދައުވާކޮށް ދެ މަގާމުގައި ތިބެވެން ޖެހޭނެ ކަމަށް ވިދާޅުވެ, ސިވިލް ސާވިސްގެ މަގާމުން ވަކިކުރިއަނުދިނުމަށް ކޯޓުގައި އެދުނެ އެވެ.

ދެ މަގާމުގައި ތިއްބެވި މެމްބަރުންނަށް ކޮންމެ ވެސް އެއް މަގާމެއް އިހުތިޔާރުކުރުމަށް ސިވިލް ސަވިސް އިން އެންގި އެންގުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އަދި އެ އެންގުމަކީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާ އާއި ސިވިލް ސާވިސްގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ) އާ ހިލާފުކަމެއް ކަމަށް އެންމެ ފުރަތަމަ ކޯޓަށް ވަޑައިގެންނެވި 10 މެމްބަރުންގެ ދައުވާގައި ބުނެފައިވެ އެވެ. ނަމަވެސް ސުވާލަކީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއްސިފައަކީ ސިވިލް ސާވަންޓުންނަށް ސިޔާސީ މަގާމެއް އަދި ސިޔާސީ ހަރަކާތްތަކުގައި ނޫޅެވުން ކަމަށްވާއިރު, ސިޔާސީ މަގާމު ނުވަތަ ސިވިލް ސާވިސްގެ މަގާމުން ކުރެ ބޭނުން މަގާމެއް އިހުތިޔާރުކުރުމަށް ފަހު, އަންގާލުމަށް ނޯޓިހެއް ފޮނުވަމަކީ ގޯހެއް ބާވައެވެ. އަދި އެ ފަދަ ނޯޓިހަކުން ބޭނުންފުޅުވާގޮތެއް އަހާލުމަކީ ޑިމޮކްރަސީގެ އުސޫލެއް ނޫން ބާވައެވެ؟ އެކަން އެ ބޭފުޅުންނަށް ގަބޫލުނުކުރެވެނީ ބާވައެވެ؟ ނުވަތަ ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި އެ ރީތި އުސޫލު ގަބޫލުކުރަން ބޭނުންނުވަނީ ބާވައެވެ؟ އެއިން އެއްވެސް ސުވާލަކަށް ޖަވާބު ނުލިބުނު ނަމަވެސް އެނގޭ އެއް ކަމަކީ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުންގެ އެ މަގާމުގައި ހުރެގެން ކުރަން ޖެހޭ މަސައްކަތް ނިމުމުން ސިވިލް ސާވިސް ގެ މަގާމު ބޭނުންވާ ކަމެވެ. އެ ވާހަކަތައް ވަނީ އަމިއްލަ އަށް އެ ބޭފުޅުން ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީގެ 148 ވަނަ މާއްދާއާ ހިލާފަށް ނޯޓިސް ފޮނުވި މައްސަލަ އެވެ. އެ މާއްދާގެ (1)ގައި ބުނެފައިވަނީ ” ގާނޫނު ހަދާ އެއްވެސް މަޖިލީހަކުން, ނުވަތަ ގާނޫނީ ބާރު ލިބިފައިވާ އެހެން ފަރާތަކުންވިޔަސް މި ގާނޫނު އަސާސީއާ ނުވަތަ މި ގާނޫނު އަސާސީގައި ބަޔާންވެގެންވާގޮތާ ޚިލާފުވާގޮތަކަށް ގާނޫނެއް ނުހެދޭނެ އެވެ“

އެ މާއްދާގެ(2)ގައި ބުނެފައިވަނީ ”ހުށަހެޅިފައިވާ, ނުވަތަ ހެދިފައިވާ އެއްވެސް ގާނޫނެއްގައި މި ގާނޫނު އަސާސީގައި ބަޔާންވެގެންވާގޮތަކާ ޚިލާފުވާގޮތަކަށް ބައެއްވާ ނަމަ އެ ބައެއް ވާނީ ބާތިލު އެއްޗަކަށެވެ“

ސިވިލް ސާވިސްގެ ގާނޫނުގެ 73 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ” މިގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ދިވެހި ސިވިލް ސާވިސްގެ ހުރިހާ މަގާމެއް އުފައްދައި, އެ މަގާމުތަކުގެ ކޮލިފިކޭޝަންތައް ކަނޑައަޅަން ވާނެ އެވެ“

ދެ ވަޒީފާ ބޭނުންވެގެން އުޅުއްވާ ބޭފުޅުންގެ ގާނޫނީ ވަކީލު އިބުރާހިމް ރިޒާ ކޯޓަށް މައްސަލަ ހުށަހެޅުއްވި ދުވަހު ވިދާޅުވީ އޭނާގެ މުވައްކިލުންނަކީ ގާނޫނު އަސާސީ ބަޔާންކުރާ ޝަރުތުތައް ހަމަވެގެން ރައްޔިތުންގެ ހާއްސަ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ. އެ ސަބަބަށްޓަކައި މިހާރު އޮތް ގާނޫނު އަސާސީއަށް އަމަލުކުރުން ނިމުމަކަށް ނާންނަހާ ހިނދަކު ދެ މަގާމު ފުރުމަށް ހުރަހެއްނެތް ކަމަށެވެ.

”ދެ މަގާމެއް ނޫން ތިން މަގާމު ވެސް ފުރިދާނެ. އެހެންވީމާ އެ ބޭފުޅުން ކޮންމެވެސް އެއް ވަޒީފާއެއް ހިޔާރުކުރަން ފޮނުއްވެވި ނޯޓިހަކީ ނުވަތަ ސިޓީއަކީ ގާނޫނު އަސާސީއާ ތައާރުޒުވާ އަދި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާ ހިލާފަށް ފޮނުއްވާފައިވާ ނޯޓިހެއް,“ ރިޒާ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މައްސަލަ ހުށަހެޅި ދުވަހު ސިވިލް ސާވިސް ކޮމިޝަނުގެ ވަކީލު އަހުމަދު މުއިއްޒު, ކޯޓުގައި ވިދާޅުވީ ދައުވާ ކުރައްވައިފައިވާ ބޭފުޅުން, ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ހާއްސަ މަޖިލީހުގައި ތިއްބެވުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުތިރާޒުނުކުރާ ކަމަށެވެ. ނަމަވެސް އިންތިހާބުވެފައިވާ އެއްވެސް މީހަކަށް ސިވިލްސް ސާވިސް ގާނޫނުގެ ދަށުން ވަޒީފާ ނުލިބޭނެކަން އެއީ ވަރަށް ސަރީހަކޮށް އެނގޭ ކަމެއް ކަމަށެވެ.

މައްސަލަ ހުށަހެޅުއްވި މެމްބަރުންނަށް އެއް މަގާމުގެ ބަދަލުގައި ތިން މަގާމު ވެސް ފުރިދާނެ ކަމަށް ދަލީލު ދައްކާ އިރު އިންތިހާބުވެފައިވާ މީހަކަށް ސިވިލް ސާވިސް މަގާމެއް ދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކު ބުނެފައި ނެތް ކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ބުނެފައިނެތްކަން ހަނދާން ބަހައްޓަށް ޖެހެ އެވެ. އަދި އަމަލުކުރާ އެއްވެސް ގާނޫނަކުން ވެސް މަޖިލީހުގެ މެމްބަރުންނަށް ދެ މަގާމު ނުވަތަ ހަތަރު މަގާމުގައި ތިބެވޭނެ ކަމަށް ބަޔާންކޮށްފައެއް ނެވެ.

ސިވިލް ސާވީސްގެ ގާނޫނުގެ ދަށުން ސިވިލް ސާވިސްގެ ވަޒީފާ ސިޔާސީ ބަޔަކަށް އަދާނުކުރެވޭނެ ބަޔާންކޮށްފައިވާކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ. މި ހަގީގަތް އެނގެން އޮތްއިރު އަދި ޑިމޮކްރަސީ ގެންނަން ވަކާލާތުކުރައްވާ ބޭފުޅުންތަކެއް އެ އުސޫލާ ހިލާފަށް މަސައްކަތްކުރަން ނުކުންނެވުމަކީ ލަދުގަންނަން ޖެހޭ ފަދަ ކަމެއް ނޫން ބާވަ އެވެ؟

ރައްޔިތުންގެ މަޖިލީހުގެ ގއ. އަތޮޅު މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވީ ކޯޓަށް ގޮސްގެން ދެ މަގާމުގައި ތިއްބެވުމަށް މަސައްކަތް ކުރައްވާ މެމްބަރުންގެ ސަބަބުން ހިތާމަކުރައްވާ ކަމަށާއި އެކަމަކީ ގާނޫނުގެ ރޫހާ މުޅިން ހިލާފު, އަދި ގާނޫނުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރެއްވުން ނޫން އެހެން ކަމެއްކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި އުނިކަންތައްތަކެއް ހުރިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮމިޝަނުން ނޫންކަން ގަބޫލުކުރަން ޖެހެއެވެ. ގާނޫނުގައި އެއްވެސް މައްސަލައެއް ހުރިނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ޖެހޭނެ އެއް ފަރާތަކީ ރައީސް މައުމޫނެވެ. ސަބަބުތައް ގިނަ އެވެ. ގާނޫނު ތަސްދީގު ކުރެއްވުމުގެ ކުރިން, އެޓާނީ ޖެނެރަލްގެ ލަފާ ހޯއްދެވި ނަމަވެސް ބުއްދި ގަބޫލުނުކުރާ އަދި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ބައެއް ވާ ނަމަ އެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ހުއްދަދީގެންނުވާނެތީ އެވެ. އެ ގާނޫނު ރަނގަޅު ކަމަށްޓަކައި ތަސްދީގުކުރެއްވިތާ އަދި މާ ގިނަ ދުވަހެއްނުވާނެ އެވެ. އެ ގާނޫނަކީ ގާނޫނީ މައްސަލަތައް ހުރި އެއްޗެއް ނަމަ އިސްލާހުކުރަން ފޮނުވުމަކީ ރައީސްގެ މަސްއޫލިއްޔަތެކެވެ.

ގާނޫނީ މައްސަލަތަކެއް ހުރުމަށް ވުރެ ބޮޑަށް ގާނޫނު ތަންފީޒުކުރަން ފެށުމުން މުސްކުޅިކުރަން ޖެހޭ މީހުންނަށް އިތުރު ދެ އަހަރު ވަޒީފާގައި ދެމިތިބެވޭނޭގޮތެއް ހެދުމުގެ ނަމުގައި އިސްލާހުކުރަން ފޮނުވި އެވެ. ނަމަވެސް ނަތީޖާ އަކަށްވެގެން ދިޔައީ ސިޔާސީ ބޭނުމަށް ފޮނުވި އިސްލާހުތަކެއް ކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުން ބަލައިނުގަތުމެވެ. ގާނޫނީ ފުށުއެރުންތަކަކާއި ޑިމޮކްރަސީ އުސޫލުތަކާ ހިލާފު ކަންތައްތަކެއް ގާނޫނުގައި ހިމެނޭނަމަ އެކަމުގެ ޒިންމާ ސަރުކާރުން ހިއްސާވާ ވަރަކަށް އުފުލުމަކީ ރީތިގޮތެކެވެ. އެ ގޮތް ގަބޫލުނުކުރި ނަމަވެސް ސިވިލް ސާވިސްގެ ގާނޫނު ވެއްޔާ މޮޑެލުމަކީ ހުރިހާ އެންމެން ލިބޭ ހިތްދަތިކަމަކަން ނޫނީ ނުވާނެ އެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. m0md9J tgomgtwinkof, [url=http://tsukiejhpftj.com/]tsukiejhpftj[/url], [link=http://raswwtuuoipz.com/]raswwtuuoipz[/link], http://lvnebcimppuu.com/

    ބުދަ، ޖުލައި 9 2008، 10:26
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv