މައްސަލަތަކާއެކުވެސް ލަވަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެންސީއޭއިން ބުނެފި
މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު މުޅިން އަލަށް ބާއްވަން ހަމަޖައްސާފައިވާ ލަވަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މުބާރާތް އިންތިޒާމްކުރާ ނޭޝަނަލް ސެންޓަރ ފޯރ ދިއާޓްސް އިން ބުނެފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީ އާއި މަޝްވަރާކޮށްގެން މުބާރާތުގެ ކަންތައް ކުރިއަށް ގެންދިޔަ ނަމަވެސް އެފަރާތުން ފަހުން ހާމަކޮށްފައިވަނީ ސްކޫލްތަކުން މުބާރާތުގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް އެޑިޔުކޭޝަނުން އަނެއްކާވެސް ބުނެފައިވަނީ ބައިވެރިވާން ބޭނުންވާ ސްކޫލްތައް މުބާރާތުގައި ބައިވެރިވިޔަސް މައްސަލައެއް ނެތް ކަމަށެވެ.
އެން ސީ އޭގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން ހަމީދު ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މީގެ ކުރިން ލަވަ މުބާރާތަށް ނުލިބޭވަރުގެ ތަރުހީބެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ. ”މިމަހުގެ 22 އާއި ހަމައަށް ބައިވެރިވުމުގެ މުއްދަތުވާނީ ހުޅުވާލާފައި. މިހާރުވެސް 30 ވަރަކަށް ސްކޫލުން ވަނީ ބައިވެރިވާން ފޯމު ހުށަހަޅާފައި. އަދިވެސް އިތުރު 10 ވަރަކަށް ސްކޫލުން ބައިވެރިވާނެކަމުގެ ޔަޤީންކަން ވަނީ ދީފައި. މީގެ އިތުރުން އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައި. އެހެން ނަމަވެސް އެކުއްޖާ ތައުލީމު ހާސިލު ކުރަމުންދާ ސްކޫލް މުބާރާތުގައި ބައިވެރިވާނަމަ އެކުއްޖާއަށް އަމިއްލަ ގޮތުން ބައިވެރިއެއް ނުވެވޭނެ“ ޝަމްއޫން ވިދާޅުވިއެވެ.
ޝަމްއޫން ވިދާޅުވީ މި މުބާރާތަށް ވަރަށް ކުރިއްސުރެ އެން ސީ އޭ އިން ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔައީ އެޑިޔުކޭޝަނާ ވާހަކަ ދައްކައިގެން ކަމަށެވެ. ”ތާރީޚު ފައިނަލު ކުރީވެސް އެބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު. އެބޭފުޅުންގެ އެކްޓިވިޓީ ކަލަންޑަރުގައިވެސް ހިމަނާފަ އޮތީ. ނަމަވެސް ފަހުން އެތަނުގެ އެހެން ބޭފުޅަކު މުޅިން ތަފާތު ގޮތަކަށް މީޑިއާ މެދުވެރިކޮށް ބަޔާން ދެއްވީ“ ޝަމްއޫން ވިދާޅުވީ އެގޮތަށް އެޑިޔުކޭޝަނަށް ބަޔާންދެއްވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. ”ސްކޫލް ކުދިންގެ ލަވަ މުބާރާތް މިއަށް މިކިޔަނީވެސް. ދެން އެ މުބާރާތުގައި ސްކޫލްތަކުން ބައިވެރިނުވާނޭ ބުނެ ބަޔާން ނެރުމުން ކޯއްޗަކަށްތޯ އެވަނީ. ސްކޫލްތައް ބައިވެރިނުވަންޏާ އެ މުބާރާތެއް ނުވެސް ބޭއްވޭނެއެއް ނޫންތޯ؟ މައްސަލައަކީ އަޅުގަނޑުމެންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެބޭފުޅުން އެގޮތަށް ސްޓޭޓްމަންޓެއް ދެއްވުން. އަޅުގަނޑަށް ޤަބޫލު ކުރަންވެސް އުނދަގޫ ކަމެއް އެއީ“ ޝަމްއޫން ވިދާޅުވިއެވެ.
އެޑިޔުކޭޝަންގެ ރާގު ފަހުން ބަދަލުވީ ކީއްވެތޯ އެހުމުން ޝަމްއޫން ވިދާޅުވީ މިކަމުގައި މާލޭގެ ނުފޫޒުގަދަ ސްކޫލްތަކެއްގެ ރޯލެއްވާކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ”އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރުވެސް މާލޭގެ ބައެއް ސްކޫލްތަކުން ބޭނުމެއް ނުވޭ ރާއްޖެތެރޭގެ ސްކޫލްތައް އެއީ އެއްވެސް ބައެއް ކަމަށް ޤަބޫލު ކުރާކަށް. އަދި އެމީހުންނަށް ބިރުވެރިކަންވެސް އޮވޭ މާލޭގެ ސްކޫލްތަކުގެ މައްޗަށް އަތޮޅެއްގެ ސްކޫލެއް ކާމިޔާބު ހޯދާފާނެކަމުގެވެސް. މި ސަބަބުތަކާހުރެ ޖެހިލުންވަނީއޭ އަޅުގަނޑު ދަންނަވާނީ. އެހެން ނަމަވެސް އެން ސީ އޭގެ އަމާޒަކީ ހުރިހާ ސްކޫލަކަށް ހަމަހަމަ ފުރުސަތެއް ދިނުން.“ ޝަމްއޫން ވިދާޅުވިއެވެ.
ޝަމްއޫން ވިދާޅުވީ ސްކޫލުކުދިންނަށް އަމާޒުކޮށްގެން އެން ސީ އޭ އިން މި މުބާރާތް ބާއްވާއިރު އެޑިޔުކޭޝަނުން އެންމެ ފުރިހަމަ އެއްބާރުލުން ނުލިބޭކަން ވަރަށް ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ. ”އަޅުގަނޑުދެކޭ ގޮތުގައި ސްކޫލް ކުދިންގެ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކާ ހިންގާ މިފަދަ ކަންތައްތަކަށް ސްކޫލްކުދިންގެ ކަންތައް ބަލަހައްޓާ އެންމެ އިސްފަރާތުން މިއަށްވުރެ ރަނގަޅު ރެސްޕޮންޑެއް ދެއްވަން ޖެހޭނެ.“ ޝަމްއޫން ވިދާޅުވިއެވެ.
މާލެ އާއި އަތޮޅުތައް އެކުގައި ވާދަކުރާ ލަވަ މުބާރާތް ބަހާލާފައިވަނީ ދެބަޔަކަށެވެ. ފުރަތަމަ ބަޔަކީ ސްކޫލް ރީޖަނަލް ސިންގިން ކޮމްޕެޓިޝަންގެ ބައެވެ. އަތޮޅުތަކުގައި މި ބައި އޮންނާނީ ޖޫން 8ން 14 އަށެވެ. މާލޭގައި އޮންނާނީ ޖޫން 15ން 21އަށެވެ. މިއީ ވަނަ ހޮވާ މުބާރާތެއް ނޫނެވެ. މިބައި ބަހާލެވިފައިވަނީ 7 އުމުރުފުރައަކަށެވެ. އެއީ 6,9,11,31,61,91 އަދި 21 އަހަރުންދަށެވެ. މި ބައިން އެންމެ ފާހަގަކުރެވޭ ލަވަކިޔުންތެރިން ހޮވޭނީ އިންޓަރ ސްކޫލް ސިންގިން ކޮމްޕެޓިޝަނަށެވެ. މި މުބާރާތް މާލޭގައި ބާއްވަން ހަމަޖައްސާފައިވަނީ ނޮވެމްބަރ 61ން 22އަށެވެ. މި މުބާރާތުގައި ވާދަކުރާނީ މުޅި ރާއްޖެއިން ހޮވާލެވޭ ކުދިންނެވެ.
މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ސްކޫލް ބައިވެރިވެފައިވަނީ އައްޑުއަތޮޅުންނެވެ. އެއަތޮޅުން ހަ ސްކޫލް ވަނީ ބައިވެރިވެފައެވެ. މާލެއިން ބައިވެރިވީ މާފަންނު މަދަރުސާ އެކަންޏެވެ. ނަމަވެސް ހުޅުމާލޭގެ ދެ ސްކޫލް ވަނީ ބައިވެރިވެފައެވެ.
-
ބުދަ، ޖުލައި 9 2008، 10:22
GwuWN5 uynrczgjvkoa, [url=http://msvfeozjunsk.com/]msvfeozjunsk[/url], [link=http://usgqziorcvuw.com/]usgqziorcvuw[/link], http://hcqtvbmrmlpc.com/
