ތިޔާގި މޫސުމަކުން ތަދުމަޑު ކަމަކާ ދިމާއަށް
ޒަމާނީ ޑިމޮކްރަސީއަކަށް ފެންބޮވައިގެންފައިވާ ދިވެހިންނަށް ގިނަ ޕާޓީތަކުން ބައިވެރިވާ އިންތިޚާބެއް ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ފެނިގެންދާނެ އެވެ. ރިޔާސީ އިންތިޚާބަކަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން އިއުލާން ކޮށްފައި ނުވި ކަމުގައި ވިއަސް ބައެއް ކެންޑިޑޭޓުން މިހާރުވެސް ދަނީ އެބޭފުޅުންނަށް ތާއީދު ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ. އަދި އެބޭފުޅުންގެ މެނިފެސްޓޯއާއި އަހުދާ ވަހުދުތައް ރައްޔިތުންގެ ކުރިމައްޗަށް އޮއްސަވަމުންނެވެ.
ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އަންނަ ރިޔާސީ އިންތިޚާބަކީ ކުރިއާ އަޅާބަލާއިރު, މިނިވަން އިންސާފުވެރި އިންތިޚާބަކަށްވި ކަމުގައި ވިއަސް ގައުމުގެ ހާލަތަށް ރިޔާއަތް ކުރާއިރު, އިންތިޚާބުގައި އެންމެ މުހިއްމު އެއްޗަކަށް ދިވެހިންނަށް ވާނީ ފައިސާ އެވެ. ހަކުރު ދެންޏާ ބޮޑުބޭބެއޭ ބުނާހެން ފައިސާއަށް ނުވިކޭނެ މީހުން ވަރަށް މަދުވާނެ އެވެ. ޚާއްޞަކޮށް ވެދިޔަ ތަނުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ވެރިކަމުގެ ނިޒާމެއް އާ ގާނޫނު އަސާސީއަކުން ބައްޓަންކުރެވި ޒަމާނީކުރިކަމުގައި ވިއަސް ގިނަ ދިވެހި ރައްޔިތުންގެ ދިރިއުޅުމަކަށް އޭގެ އަސަރެއް ކުރަމުންނެއް ނުދެ އެވެ. އެމީހުންގެ ދިރިއުޅުމުގެ ފެންވަރު ހުރީކީ ޒަމާނީ ޑިމޮކްރަސީއެއްގައި ފައިސާއަށް ނުހެއްލި ގައުމަށް އިޚްލާސްތެރި ކެންޑިޑޭޓަށް ވޯޓް ލެވޭނެ ހާލަތެއްގައެއް ނޫނެވެ. ދިރިއުޅުމުގެ ޚަރަދުތަކާއި އަސާސީ ޚިދުމަތްތަކާއި ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލެމުން ދިއުމަކީ ވަގުތީ ކަމެއްގެ ގޮތުގައި ނަމަވެސް ދިއްކޮއްލާ ފައިސާ ފޮއްޗެއްގައި ގިނަބަޔަކަށް ނުޖެހި ނޫޅެވޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ. ޒަމާނީ ބަދަލަކަށް ވުރެ އެމީހުންގެ ވިސްނުން ހުންނާނީ އެ ލިބޭ މަންފާއެއްގެ މައްޗަށެވެ. ދުރަށް ވިސްނައި ފިކުރު ކުރުމެއް ނެތި އެވެ.
ފުންކޮށް ވިސްނާލާއިރު, ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ރިޔާސީ އިންތިޚާބު އިއުލާން ކުރާ ދުވަހުން ފެށިގެން މި ކުޅިގަނޑު ފެށޭނެ އެވެ. އެ އިންތިޚާބު ނިމުނުކަމުގައި ވިއަސް އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން ބާއްވަން ކަނޑައަޅާފައިވާ އާއްމުއިންތިޚާބާ ހަމައަށް މި ތިޔާގި މޫސުމް ދެމިގެންދާނެ އެވެ. މި މޫސުމުގައި އެމީހަކަށް ލިބުނު އެއްޗެއް ހޯދަން މަސައްކަތް ކުރާ ބަޔަކު ވެސް ފެންނާނެ އެވެ. ޚާއްޞަކޮށް އެންމެ ބޮޑު ފައިދާއެއް ނަގާނެ ބަޔަކަށް ވާނީ ރަށްރަށުގައި އުފައްދާފައި ހުންނަ ކުލަބް ޖަމްއިއްޔާ ޖަމާއަތް ތަކެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އެފަދަ ޖަމްއިއްޔާ ޖަމާއަތްތަކަށް ތަފާތު ހުށަހެޅުންތައް އޮހެމުންދެ އެވެ. އޭގެ ފައިދާވެސް އެފަދަ ތަންތަނުން ނަގަމުން ގެންދެ އެވެ.
މިފަދަ މޫސުމެއްގައި ލިބޭ ފައިދާއެއް ގިނަ ފަހަރަށް ބޭނުންކުރާނީ ވެސް ވަގުތީ ކަމެއްގެ ގޮތުގަ އެވެ. ގެދޮރު ހެދުން ފަދަ އުމްރާނީ ތަރައްގީ އަށެވެ. ފައިސާގެ ބޭނުން ހިފާމީހާވެސް ފަހަކަށް ވިސްނައެއް ނުލާނެ އެވެ. ވެހޭތާ ފެންނަގާ އުޞޫލުން ލިބުނު އެއްޗެއް ތަޅާ ބުރުއްސާލާނެ އެވެ.
ރާއްޖޭގެ މަސްވެރިކަން ވޭތުވެދިޔަ ދެ ތިން އަހަރެއްގެ ތެރޭގައި ދަށަށް ދާން ފެށިގޮތަށް އަދި ވެސް އޮތީ ހީނަރުވެފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް ސީދާކޮށް ގިނަ ދިވެހިންނަށް ފައިދާވާ ހަމައެކަނި ސިނާއަތަކީ މަސްވެރިކަމެވެ. މަސްވެރިކަން ހީނަރުވަމުން ދާކަމަށްވާނަމަ އަތޮޅުތަކުގެ ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އޭގެ އަސަރު ކުރަމުން ދެ އެވެ. މި އަހަރަކީ ވެސް އޭގެ އަހަރެކެވެ. ގިނަ ރައްޔިތުން ތިބީ ދަރާ ވިކިފަ އެވެ. މަހެއް ނުފެންނާތީ ގިނަ ބޮޑެތި ދޯނިފަހަރުތައް އޮތީ ފަޅުގައި އަޅާފަ އެވެ. އޮޑިވެރިން ތިބީ ނަގާފައިވާ ލޯނުތައް ނުދެއްކި ކަންބޮޑުވެފަ އެވެ. މިފަދަ ހާލެއްގައި ތިބި ނިކަމެތި ރައްޔިތުންނަށް އަންނަ މިފަދަ މޫސުމެއްގެ ބޭނުން ނުހިފާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ ލޯ މަރާފައި ނަމަވެސް އެ ދިއްކޮއްލާ ފައިސާ ފޮތީގައި ނުހިފާނީ މަދު މީހެކެވެ. ހިތްވަރުގަދަ އަޒުމް ވަރުގަދަ ގައުމު ދެކެ ލޯބިވާ އިޚްލާސްތެރި އެކެވެ. އެކަމަކު އެފަދަ މީހަކު ފެންނާނީ ހާހަކުން އެއް ފަހަރު އެވެ.
ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އާއްމު އިންތިޚާބާ ހަމައިން ތިޔާގި ކަމުގެ މޫސުމް ނިމުމަކަށް އަންނާނެ އެވެ. ހޮވުނު ބޭފުޅުން ތިއްބަވާނީ ކުރި ޚަރަދާ މެދު ފިކުރު ބޮޑުވަފަ އެވެ. ރައްޔިތުން ތިބޭނީ ކާބޯތަކެއްޗާއި ތެލުގެ އަގު މިހާރަށްވުރެ މައްޗަށް ޖެހެމުން ދާތީ އަކަމާ ކަންބޮޑުވެފަ އެވެ. އަތާއި އަނގައާ ދިމާނުވެފަ އެވެ. އެ ހިސާބުން ކުރިން އެމީހުން އުޅެމުން ދިޔަ ދިރިއުޅުމަށް އާދެވުނީ އެވެ. ލޭންދޭނަށް ފިހާރަތަކުން ތަކެތި ނަގައި ދަރާވިކޭނެ އެވެ. މިއީ ކުރިއަށް ވިސްނާލާއިރު އަޅުގަނޑަށް ތަޞައްވަރު ކުރެވޭ ގޮތެވެ.
