” އާއިލާ އަށްޓަކައި ދަރިފުޅު ގުރުބާން ކުރަނީ“
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ވާހަކަ އަކީ ވަރަށް އާންމު ވާހަކަ އެކެވެ. އަދި އެ ވާހަކަތަކުން މުޅި މުޖުތަމައު ވަނީ ނުތަނަވަސްވެ, ބިރުގަނެފަ އެވެ. ސަބަބަކީ ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރުމުން އެކުދިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ލިބޭ ގެއްލުމުގެ ނުރައްކާތެރިކަން މިހާރު ވެސް ގިނަ އާއިލާތަކުން ތަހައްމަލުކުރަމުންދާތީ އެވެ.
އެއްވެސް މީހަކު އެ މީހާގެ ކުޑަ ދަރިފުޅާ އެކު ޖިންސީ ގުޅުމެއް ހިންގުމަކަށް ނޭދޭނެ އެވެ. އެ ފަދަ ކަމަކުން ކުއްޖާ އަށްލިބޭ އަނިޔާތައް އިހުސާސްކުރެވޭ ކޮންމެ މީހަކު ބިރުން ހަލާކުވެދާނެ އެވެ. އަދި އެފަދަ ކަންތައް ކުރާ މީހުންނަށް ދުވަހަކު ވެސް މައާފެއްނުކުރާނެ އެވެ. އެމީހުންނަށް ދެވުނުހާ ބޮޑު ގެއްލުމެއްދޭން ވެސް ފަސް ނުޖެހޭނެ އެވެ. އެކަން ވަނީ ތާރީހުން ވެސް ފެނިފަ އެވެ.
ހަތް އަހަރުގެ ކުއްޖަކާއެކު އެކުއްޖާގެ ކާފަ, ޖިންސީ އަމަލު ހިންގި ކަމަށް ބުނެ އެ ކުއްޖާގެ ބައްޕަ ވަނީ ކާފަ އަށް ވަޅިން ހަމަލަދީ މަރާލާފަ އެވެ. މީގެ އަށެއްގެ އަހަރުކުރިން ހިންގި އެ ހާދިސާ ހިންގާފައިވަނީ ގދ. ތިނަދޫގަ އެވެ. ކުއްޖާގެ ބައްޕަ ހަމައިންނައްޓައިގެން ގޮސް ބަފާކަލޭގެ މަރާލީ އޭނާގެ ކުޑަ ދަރިފުޅާއެކު ހިންގި ނޭދެވޭ އަމަލަށް ހައްގު އަދަބު ނުދޭކަމަށް ބުނެ އެވެ. އެ ފަދަ ގިނަ ހާދިސާތަކެއް ނުހިނގި ނަމަވެސް އެ ފަދަ މީހުންގެ އަނިޔާވެރިކަން ވަނީ މިހާރު ހައްދުފަހަނައަޅާފަ އެވެ.
” އަޅުގަނޑުގެ ތުއްތު ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރީ ވަރަށް ރައްޓެހިކޮށް އުޅޭ ވަރަށް އިތުބާރު ކުރާ މީހެއް. އެ ފަދަ މީހަކު އެހެން ހެދުމުން ކިހާ ނައްޓާނެތަ؟ އޭނާ ވަނީ ދަރިފުޅަށް ނޭދެވޭ މަންޒަރުތައް ފެންނަ ފިލުމު ވެސް ދައްކާފައި. އެ ފިލުމު ދެއްކުމަށް ފަހު ވަނީ ކުއްޖާއާ ބެހިފައި,“ ނަންހާމަކުރަން ނޭދޭ މަންމަ އަކު ބުންޏެވެ.
އޭނާ ބުނީ އޭނާގެ ދަރިފުޅާ ބެހުނު މީހާ އަކީ ސަރުކާރުގައި މަސައްކަތްކުރާ މީހެއް ކަމަށާއި އަދި އެ މީހާ ދަރިފުޅަށް ކިޔައިދެނީ ވެސްބައްޕަ ކަމަށެވެ.
”ޝައްކުވެސް ނުކުރެވޭވަރަށް ކައިރިކޮށް އުޅުނުމީހެއްއެއީ. ކީއްކުރާނީ ވަރަށްވުރެ ނުބައި ވެއްޖެނަމަ ކޮންމެ ފަދަކަމެއްކޮށްފާނެ. އޭނާ އަށް ވެސް އެކަމުގެ ހިތްދަތިކަން އެނގޭނީ އޭނާގެ ކުއްޖަކާ މީހަކު ބެހުމުން,“ 26 އަހަރުގެ މަންމަ ބުންޏެވެ.
ކުޑަކުދިންނާ ބެހުމުގެ މައްސަލަތައް ކަން ބޮޑުވާ އަދަދަށް އިތުރުވެފައި ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި އެ މައްސަލައަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއްކަމަށް ފުލުހުން ބުނެ އެވެ.
” ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ ކަން ބޮޑުވާން ޖެހޭ މައްސަލައެއް. ބައެއް ފަހަރު އާއިލާތަކުގެ އަގު ވެއްޓިދާނެކަމަށް ބަލައިގެން ރިޕޯޓެއްނުކުރޭ. ރިޕޯޓް ނުކުރުމުން މައްސަލަތައް ބޮޑުވުމަށް މެދުވެރިވަނީ,“ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ އަބުދުލް މަންނާނު ވިދާޅުވި އެވެ.
ކުޑަކުދިންނަށް އެ ފަދަ އަމަލުތައް ގިނައިން ހިންގަނީ އާއިލާގެ މީހަކު ނުވަތަ ރައްޓެއްސަކު ނުވަތަ ދަންނަ މީހަކަށްވާތީ ރިޕޯޓް ކުރުމަށް ފަސްޖެހޭކަން ފާހަގަކުރެވޭ ކަމަށް މަންނާނު ވިދާޅުވި އެވެ.
އޭނާ ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގާ މައްސަލަތައް ސިއްރުކުރާކުރުން މަންނާނު ސިފަ ކުރައްވަނީ ” އާއިލާ އަށްޓަކައިދަރިފުޅު ގުރުބާން ކުރުން“ ފަދަ ގޮތަކަށެވެ.
”އެހެން ނޫންތޯ މިވަނީ. އާއިލާގެ އަގު ވެއްޓިދާނެ ކަމަށް ބަލާފައ ރިޕޯޓްނުކޮށް ތިބެނީ. އެކަމަކު އެ ފަދަ އަމަލު ހިންގާ މީހުންނަކީ މަޑުން ތިބޭނެ ބައެއް ނޫން. އެ މީހުން އެކަން ކުރާނެ. އެކަމަށް އޮތް ހައްލަކީ އެކަން ކުރާ މީހުންނާ މެދު ސަމާލުވެވޭނެ ގޮތެއް ހޯދުން. އެ ކަންކުރެވޭނީ އެކަން ކުރާ މީހުންގެ މައްސަލަތައް ރިޕޯޓްކޮށްގެން,“ މަންނާނު ވިދާޅުވި އެވެ.
ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ ސާވޭއަކުން ދައްކާގޮތުގައި އުމުރުން 15 އަހަރުނުވަނީސް ކޮންމެ ހަ އަންހެން ކުއްޖަކު އެއް ކުއްޖަކަށް ވަނީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއް ލިބިފަ އެވެ. ނަމަވެސް ފުލުހުންނަށް ރިޕޯޓް މައްސަލަތަކުގެ އަދަދު އެ ނިސްބަތުން އިތުރުވެފައިނުވާ ކަމީ އެ މައްސަލަތައް ސިއްރުކުރުމަށް ކުރާ މަސައްކަތް ބޮޑުކަން ދޭހަވާ ކަމެކެވެ. އެ ފަދަ މައްސަލަތައް ސިއްރުކުރަމުންދާވަރަކަށް އެކަމުން ގެއްލުން ލިބޭކުދިން ދާނީ ގިނަވަމުންނެވެ.
މީހުންނާއި އާއިލާގެ އަގުވެއްޓިދާނެ ކަމަށް ބުނެ ރިޕޯޓްނުކޮށް ތިބުމުގެ ބަދަލުގައި ތިމާގެ ތުއްތު ކުއްޖާ ގުރުބާން ކުރަން ބޭނުންވަނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ ތިމާގެ ދަރިފުޅަށް ވުރެ އެހެން ބަޔަކު ނުވަތަ މީހަކު މުހިންމުވަނީ ކުދިންނަށް ލިބޭ އެންމެ ބޮޑު ގެއްލުމެވެ.
އެކަމަށް އެއްވެސް މީހަކު ފަސްޖެހިގެންނުވާނެއެވެ. އާއިލާ ނުވަތަ ރައްޓެހި މީހާގެ އަގަށް ޓަކައި ކުއްޖާ ގުރުބާން ނުކުރާށެވެ.
