މެލޭޝިއާގެ ދެވަނަ ދަރަޖައިގެ ޓީމެއްގެ އަތުން ރާއްޖެއަށް މޮޅެއް ނުވެވުނު
ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކާ މެލޭޝިއާގައި ކޭމްޕް ޖަހާފައިވާ ދިވެހި ޤައުމީ ޓީމު ރަހްމަތްތެރިކަމުގެ މެޗެއްގައި މެލޭޝިއާގެ ސްޕަރލީގުގެ ޓީމެއް ކަމަށްވާ ކޭއެލް ޕްލަސް އާއި ވާދަކޮށް އެއްލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުޅެވުނު މެޗުގައި ރާއްޖޭގެ ޓީމު ބައްދަލުކުރީ ކޭއެލް ޕްލަސްއަކީ މެލޭޝިއާގެ ދެވަނަ ފެންވަރުގެ ޓީމުތައް ހިމެނޭ ޕްރެމިއާރލީގުގެ ދެވަނާގައިވާ ޓީމެވެ. މެލޭޝިއާގެ އެންމެ ވަރުގަދަ ޓީމުތައް ވާދަކުރަމުންދަނީ ސްޕަރލީގުގައެވެ.
ބުރާސްފަތި ދުވަހުގެ މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ނަމަވެސް ފަހުހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ކޭ އެލް ޓީމުން ވަނީ ރާއްޖޭގެ ގޯލު ފޫއަޅުވާލާފައެވެ. ދިވެހި ޓީމަށް އެއްވަރުކޮށްދިނީ ފަހުހާފުގެ 15 ވަނަ މިނެޓްގައި އަލީ އުމަރު(ފޮޓޯ)އެވެ.
މިމެޗުގައި ދިވެހި ޓީމުގެ ސަމްވީލު ގާސިމް(ބޮންޑާ) އާއި އަލީ އަޝްފާގު(ދަގަނޑޭ) ނުކުޅެއެވެ. ޓީމުގެ މެނޭޖަރ މުހައްމަދު ހާނިމް ބުނީ ދަގަނޑޭގެ އަނިޔާ އަދިވެސް ރަނގަޅު ނުވާ ކަމަށާއި އެހެން ނަމަވެސް މެލޭޝިއާގެ ޤައުމީ ޓީމާ ދެކޮޅަށް މިއަދު ކުޅޭ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމަށ ް އުއްމީދުކުރާ ކަމަށެވެ.
ރާއްޖެއިން މެލޭޝިއާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅޭކަމަށް ބުނި ނަމަވެސް މެލޭޝިއާގެ މީޑިއާއިން ބުނަމުން ދަނީ މެލޭޝިއާއިން ކުޅޭނީ 23 އަހަރުންދަށުގެ ޤައުމީ ޓީމު ކަމަށެވެ.
މެލޭޝިއާގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅުމަށްފަހު މާދަމާރޭ ޓީމު މާލެ އަންނަގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ޓީމު މާލެ އަންނައިރު ވިކްޓަރީގެ ކުޅުންތެރިން މާލެ ނާންނާނެއެވެ. އެއީ އޭ އެފް ސީކަޕްގައި މިމަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި ވިކްޓަރީ މެޗެއް ކުޅެން އޮތުމުންނެވެ.
