ހދ މަކުނުދޫ އަތަމާވިލާގެ ( 55އ) އަބްދުލަތީފް އިބްރާހިމަކީ ހަތަރުކުދިންގެ އާއިލާއެއްގެ ޒިންމާ އުފުލަމުންދާ ބައްޕަ އެކެވެ. މީގެ 20 އަހަރުކުދިން ދިވެހި މަސްކަނޑުތަކުގައި ” ވެހޭހާ ވާރޭއެއްގައި ދޭހަ އަތްވެއްގައި“ އުޅުނު ހިތްވަރުގަދަ ދިވެހި މަސްވެރިއެކެވެ. ނަމަވެސް މިއަދު އޭނަގެ ވިސްނުމާއި ފިކުރުވަނީ މުޅިން ބަދަލުވެފަ އެވެ. މިއަދު ލަތީފް އަކީ ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ. ހަކީމެކެވެ.
ލަތީފް ބުނިގޮތުގައި މީގެ 20 އަހަރުކުރިން ކުރަމުންއައި މަސްވެރިކަން ހުއްޓާލަން ޖެހުނީ ރާއްޖޭގެ މަސްވެރިކަން ދަށަށް ދިއުމާއި , މަސްވެރިކަމަކީ ވަކިއުމުރެއްގައި ކުރެވޭނެ ކަމެއް ކަމަށް ފެނިގެން ކަމަށެވެ.
” އަޅުގަނޑުގެ 20 އަހަރުދުވަހު ދޯނިފަހަރު ދުއްވިން. ނަމަވެސް މިހާރު ބޭނުންވަނީ ކަނޑުމަތިން ކުރާ ދަތުރުތައް ކުރުން ވީހާވެސް މަދުކުރުމަށް.“ ލަތީފް ބުންޏެވެ
ލަތީފް ބުނީ އޭނާ މަސްވެރިކަން ދޫކޮށްލުމަށްފަހު ބޭސްވެރިކަން ކުރަން ފެށިފަހުން ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި 2900 އެއްހާ މީހުންނަށް ފަރުވާ ދެވިފައިވާނެ ކަމަށާއި ބޭސްކުރުމަށް ބޭނުންކުރާ ބޭސްކުރުމަށް ބޭނުންކުރާ ގިނަ ވައްތަރުގެ ބޭސް ހޯދަނީ ރާއްޖެއިން ކަމަށެވެ.
” ވަރަށް މަދުއްޗެއް ބޭރުން ގެންނަން ޖެހެނީ. އަޅުގަނޑުމެން ބޭނުންވާ ފަތްޕިލާވެލި ރާއްޖެއިން ލިބޭނެ.“ ލަތީފް ބުންޏެވެ.
ލަތީފް ބުނީ ހަށިގަނޑުގެ އެކިގުނަވަންތައް ބިންދައިގެން ގޮސްފައި ހުންނަ މީހުން އޭނަގެ ކައިރިއަށް ބޭސްކުރުމަށް ނާންނަ ކަމަށާއި ނަމަވެސް ނާރުގެ ބަލިތަކާއި ލޭ ނުސާފުވުމުގެ ބަލިތައް, ހިރުގަނޑާއި ދަތްޕިލާގެ ބަލިތައް, ލެއަށް ހަކުރު އިތުރުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން އެއްކިބާކޮށް ދިނުމަށް ދެވޭފަރުވާ , ގައިންދުވާ ނުބައިވަސް ކަޑުވާލުން, ޕެރެލައިޒްވުން, ލިވާރ ސާފުކޮށް ދިނުން, ބަނޑުގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި ފުރަގަސްފަރާތުގެ ބަލިތަކަށް ވެސް ފަރުވާ ދެވިފައި ހުންނާނެ ކަމަށެވެ.
” އަޅުގަނޑު ފަރުވާދޭ މިހުންގެ ލިސްޓު މިދަނީ ބަރާބަރަށް ފޮތެއްގައި ލިޔަމުން. ބޭސްފަރުވާ ކުރަން ފެއްޓި ދުވަސްވަރާއި އަޅާބަލާއިރު ވަރަށް ކާމިޔާބުކޮށް މިހާރު ދަނީ. ހުރިހާ ބަލިތަކެއް ވެސް އަޅުގަނޑުގެ އަމިއްލަ ސިކުނޑިން ދެނެ ގަންނަނީ. .“ ލަތީފް ބުންޏެވެ.
ލަތީފުބުނީ ފަސްއަހަރު ދުވަސް ވަންދެން ނަމާދަށް މިސްކިތައް ނުދެވިފައި ތިބިމީހުން ފަސްދުވަހުގެ ފަރުވާއިން ރަނގަޅުކޮށް ދީފައި ހުންނާނެ ކަމަށާއި އެމީހުން މިހާރު ބަރާބަރަށް މިސްކިތަށް ގޮސް ނަމާދުކުރާ ކަމަށެވެ.
” އެމީހުން މިހާރު ރަނގަޅުކުރި ފަހުން ވެސް ތިންއަހަރުވެއްޖެ. އެއްވެސް މައްސަލައެއް ޖެހިފައެއް ނުވޭ. މިހާރު ކަކުލުހުޅުގެ މައްސަލަތަކުގައި ވަރަށް ގިނައިން އާދޭ. ބައެއް މީހުން ޑޮކްޓަރަށް ދިއުމުން މިބުނަނީ ތިހުރީ ކަކުލުހުޅުން ލޮނދިމަދުވެފައޭ. ނުވަތަ ލޮނދި ހިކިފައޭ . ނަމަވެސް އަޅުގަނޑު ބަލާބެލުމުން އެފަދަ އެއްވެސް ކަމެއް ފެންނާކަށް ނުހުރޭ. އަޅުގަނޑު ކަކުލުހުޅަށް ފަރުވާދޭ މީހުންގެ 95 ޕަސެންޓް ރަނގަޅުވާނެ. ރަނގަޅު ނުކުރެވޭނީ ހަމައެކަނި ކޮޅަށް ތެދުވީމަ ރިއްސާކަކޫ. އެފަދަ މީހުންގެ ކަކޫ އެހުންނަނީ ކަށިގޭނިފައި.“ ލަތީފް ބުންޏެވެ.
ލަތީފް ބުނީ ކުރިން މީހުންނަށް ބޭސްހަދައިދިނުމަށް ރަށްރަށަށް ދިޔަކަމުގައި ވިއަސް މިހާރު ކަންތައް ހުރިގޮތުން ބޭސް ހަދައިދޭން ރަށްރަށަށް ނުދާ ކަމަށެވެ.
” ކޮންމެ ވެސް ވަރެއްގެ އަގެއްނަގަން. އެއީ އަޅުގަނޑުގެ އަމިއްލަ ތަކެތީގައި ބޭސްހަދައިދެނީ . މިހާރު އަޅުގަނޑު ރަށްރަށަށް ގޮސް ބޭސް ކޮށްދެމުން ނުދާތީ ބޭސްކުރަން ބޭނުން މީހުން މިގެންނަނީ ރަށަށް. އެގޮތައް އަންނަ މީހުން ތިބުމުގެ އިންތިޒާމު ވެސް އަޅުގަނޑުގެ ގެއިން ހަމަޖައްސައިދެން. އަޅުގަނޑުގެ ގޭގައި ޖާގަ އޮތްވަރަކުން އެފުރުސަތު ލިބޭނެ.“ ލަތީފް ބުންޏެވެ.
” އަޅުގަނޑު އަމިއްލަ ކުލިނިކެއް ރޭނުމުގެ މަސައްކަތް މިދަނީ ކުރަމުން. އެތަން ނިމުމުން އަޅުގަނޑު ހަދާ ބޭސް ފުޅި ފުޅިއަށް އަޅާފައި ނަންޖަހާފައި ބަހައްޓާނަން. މިސާލަކަށް އޭރުން ބޭސް ބޭނުންކުރަންވީ ގޮތާއި އެއީ ކޮންބޭހެއްކަން ފުޅީގެ ބޭރުގައި ލިޔެފައި ހުންނާނެ .“ ލަތީފް ބުންޏެވެ.
ލަތީފް ބުނީ މިހާރު ރާއްޖޭގައި އެންމެ ގިނައިން އުޅޭ އެއްބައްޔަކީ ނާރު ބްލޮކް ވުމުގެ ސަބަބުން އައްސިވުމުގެ ބަލި ކަމަށާއި އެފަދަ ބަލިތައް ޖެހިގެން އަންނަ މީހުން ފަސޭހަކޮށް ދިނުމަކީ ވަރަށް ފަސޭހަކަމެއް ކަމަށެވެ.
” އަޅުގަނޑު ލޭގެ ޕްރެޝަރު ބެލުމަށް ޕްރެޝަރެއް ގެންގުޅެން. އެއިން ޓެސްޓު މިހަދަނީ ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު. އަޅުގަނޑު ބަލި ދެނެގަންނާނަން ބަލިމީހާއާއި ވާހަކަ ދައްކައިގެން. ފަރުވާދެން އަންހެނުންގެ ޔޫރިންގެ ބަލިތަކަށް ވެސް. އެބަލީގެ ވެސް ނުވަ ވައްތަރެއްގެ ބަލި ހުރޭ .“ ލަތީފް ބުންޏެވެ.
ލަތީފް ބުނީ ޔޫރިންގެ މައްސަލަތައް ޖެހިގެން އަންނަ މީހުންގެ ގުނަވަން ބަލަން ނުޖެހޭ ކަމަށާއި އޭނަ ބުނާ ގޮތަށް ބަރާބަރަށް ފަރުވާ ކުރުމުން ރަނގަޅުވާނެ ކަމަށެވެ.
” ކޮންމެ މީހަކުވެސް ލަދުވެތި ކަންއަންނާނެ ދައްކަން ޖެހުނީމަ. އަޅުގަނޑު ދުވަހަކުވެސް އަދިއެއް ނުބަލަން އެފަދަ މައްސަލައެއް ޖެހިގެން އަންނަ މީހެއްގެ ގުނަވަނެއް. އަޅުގަނޑު ކުރާނީ ވަރަށް ބައިވަރު ސުވާލުތަކެއް. އޭރުން ބަރާބަރަށް ތެދަށް ޖަވާބު ދޭނަމަ އެބަލި އެގޭނެ. އަޅުގަނޑު ހަދާ ބޭސް ބަލިމީހާ އަތަށް ދިނުމުން އޭނާ ފާހާނާއަށް ވަދެ އަޅާނީ. އަޅުގަނޑު ހުންނާނީ ބޭރުގައި ބުނާ ގޮތަށް ކަންތައް ކުރުމުން ރަނގަޅުވާނެ. ފުރަގަސް ފަރާތުގެ ބަލިތައް ވެސް ހަތަރު ދުވަހުން ނުވަތަ ފަސް ދުވަހުން ރަނގަޅުވާނެ.“ ލަތީފް ބުންޏެވެ.
ލަތީފް ބުނީ އޭނަ މިވަގުތަށް އެންމެ ބޭނުންވަނީ ޣަރަގު ނަގާނެ މެޝިނެއް ކަމަށާއި އެފަދަ އެއްޗެއް ލިބިއްޖެ ނަމަ ބޭސްވެރިކަން އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށެވެ.