މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

ތަރައްގީއަށްޓަކައި ގެނެވޭ ”ސިޔާސީ“ ބަދަލުތައް ރައްޔިތުންނަށް ހަޖަމުކުރެވޭނެތަ؟

ހަސަން ޒަހީން މޭއި 10، 14:45 1 ޚިޔާލު

ރާއްޖޭގެ ހިންގުމަށް ސިޔާސީ ގޮތުން މިދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ރައްޔިތުންގެ ޙާއްޞަ މަޖިލިސް އެއްކުރެވި އެމީހުންގެ މަސައްކަތް މިހާރުމިވަނީ ނިމުމަކާއި ގާތްވެފައެވެ. ހަމައެއާއެކު ތަފާތު މުސްތަގިއްލު ކޮމިޝަންތައް އުފެދި އެފަދަ ކޮމިޝަންތައް މިވަނީ ޢަމަލީ ގޮތުން ހިންގަން ފަށާފައެވެ. މިމުހިންމު ދަނޑިވަޅުގައި ދިވެހިންގެ ގިނަބަޔަކު އެދެމުންދާ އިސްލާހީ ތަފާތު ބަދަލުތައް މިދަނީ ދިވެހި ޤަޢުމަށް އަންނަމުންނެވެ. ނަމަވެސް ވިސްނާލަންޖެހޭ އަދި ފިކުރު ކޮށްލަންޖެހޭ ޙާއްޞަ ކަންތައްތަކެއް މިދަނޑިވަޅުގައި ފެންމަތި ވަމުންދާކަން ހަނދާން ކުރަން އެބަޖެހެއެވެ.

ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާ ގޮތުގައި އައުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. ނަމަވެސް މިގެނެވޭ ބަދަލުތައް ވާންޖެހޭނީ ރައްޔިތުންނަށް ހަޖަމްކުރެވޭ ރައްޔިތުން ބަލައިގަންނަ ކަންތައްތަކަށެވެ.

” އިސްލާހީ ހެޔޮ ބަދަލުތަކަށް އެންމެންވެސް މަރުހަބާ ކިޔާނެ. އެކަމަކު ވިސްނާލަންޖެހޭ ކަމަކީ ރާއްޖޭގަ ހެދިފަ ހުރި ޤާނޫނު ތަކާއި އަލަށް އެކުލަވާލަމުންދާ ޤާނޫނު އަސާސީއަށް އުފެދެމުންދާ މުސްތަގިއްލު ކޮމިޝަންތަކާ ހުރި ގުޅުމާމެދު. މިސާލަކަށް ބުނާނަމަ ރައްޔިތުންގެ ޙާއްޞަ މަޖިލީހުން ރައްޔިތުންގެ ސިއްރު ވޯޓަކާއެކު ނިންމާފަވަނީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއްކަމަށް. ނަމަވެސް އަލަށް އުފެދޭ ކޮމިޝަންތަކާއި ސަރުކާރުގެ ހިންގުން ބައްޓަން ވަމުންދާ ގޮތުން މިމަސައްކަތް ކުރެވެނީ ރިޔާސީ ނިޒާމެއްގަތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްގަތޯ ސުވާލުއުފެދޭ. ރިޔާސީ ނިޒާމެއްގަ ވަޒީރުންގެ ޒިންމާ އެބޭފުޅަކާ ހިންގުމުގަ ހަވާލުވެފަ އޮންނަ ޒިންމާ ވަރަށް ބޮޑުވާނެ. ނަމަވެސް ސިވިލް ސާރވިސް އުފެދި ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމުން އުފެދޭ ސުވާލަކީ މިއީ ކޮންނިޒާމެއްގެ ސިފައެއްތޯ. ބަރުލަމާނީތޯ ނުވަތަ ރާއްޖޭގައި ބާއްވަން ދިވެހި ރައްޔިތުން ނިންމި ރިޔާސީ ނިޒާމުގެ ސިފައެއްތޯ.“ މިހާރު އެންމެ ފޯރިއާއެކު ސަރުކާރުގެ ގިނަ މުވައްޒަފުންގެ މެދުގައި ބަހުސްކުރެވޭ ސިވިލް ސާރވިސްގެ ކޮމިޝަނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބޮޑު މިނިސްޓްރީއެއްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލަކު ވިދާޅުވިއެވެ.

ޙަޤީޤަތުގައި ޤަޢުމު އިސްލާޙް ކުރަން މަސައްކަތްކުރާ މިފަދަ ދުވަސްވަރެއްގައި މިއީ ވިސްނާލަންޖެހޭ ކަމެކެވެ. ދައުލަތް ހަރުދަނާކޮށް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ ދުވަސްވަރެއްގައި އެގެނެވޭ ބަދަލުތައް ޤަޢުމަށް އެންމެ ފައިދާހުރި ގޮތަކަށް ރައްޔިތުންގެ ލާބަޔާ މަންފާއަށް ބައްޓަން ކުރެވިގެން އުފަންކުރުމީ މުހިންމު ކަމެކެވެ. ރައްޔިތުންނަށް ހަޖަމު ކުރެވޭ ވަރުން އެފަދަ ކަންތައްތައް ތަންފީޒު ކުރުމަކީވެސް މުހިންމު ކަމެކެވެ.

” ޙަޤީޤަތުގައި ސިވިލް ސާރވިސްއެއް އޮތުމުގެ ބޭނުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވެ, އޭގެ އެންމެ ފައިދާ ހުރި ގޮތުގައި ސަރުކާރުގެ އޮފީސްތައް ހިންގުން. މިހާރު ހަމަ ސުވާލުކޮށްލުން ރަނގަޅު ރާއްޖޭގައި އުފެދިފައިވާ ސިވިލް ސާރވިސްއިން އެހިތްހަމަ ޖެހުމާއި އުފާވެރިކަން މުވައްޒަފުންނަށް ލިބޭތޯ. ސިވިލް ސާރވިސްއަށް ޢަމަލުކުރަން ފެށުމާއެކު ކޮމިޝަނު އުޅެންޖެހެނީ ކޯޓް ކޭސްއެއްގަ. މިއީ ވިސްނާލަންޖެހޭ ކަމެއް.’’ މޫސާ ފަތުހީ ކިޔާ ޒުވާނަކު ބުންޏެވެ.

ރާއްޖޭގެ ހިންގުން ހަރުދަނާކޮށް ޤަޢުމުގެ ދުވެލި ތަރައްޤީ ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރުމަށްޓަކައި ރޭވުންތެރި ހަރުދަނާ ސިޔާސަތު ތަކެއް ހެދިގެން ދިއުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް އަލަށް އެކުލަވާލެވުނު ޤާނޫނު އަސާސީގައި މިހާރު ފާސްކުރެވިފައި ހުރި ޤާނޫނުތަކަށް ބަލާލާއިރު މީގައި ފުށުއެރުމާ ދެގޮތަކަށް އިރުޝާދުދޭ ކަންތައްތައް ވަރަށް ގިނައެވެ. ހަމައެއާއެކު ހަލުވިކަމާއެކު ހިގަމުންދާ މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުމާ ރައްޔިތުންގެ ލޯހުޅުވުން އެފަދަ ކަންތައްތަކާމެދު ހުރި މިންވަރާމެދު ސުވާލު އުފެދެއެވެ. މިއީ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާ ސަރުކާރެއްގެ ސިފައެއް ނޫނެވެ.

” މިހާރު ސުވާލުއުފެދޭ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއާމެދު. ހަމައެއާއެކު މިނިސްޓްރީތަކަށް ކަނޑައަޅާ ވަޒީރުންގެ މަސައްކަތެއްވެސް ހަޤީޤަތުގައިނެތް. ވަޒީރުންގެ ބޭނުމަކީ އޭރެއްގަ އޮންނަ ސަރުކާރެއްގެ ސިޔާސަތު ދެމެހެއްޓުން. ޕާމަނެންޓް ސެކްެރެޓަރީ ވާންޖެހޭނީ އެސިޔާސަތު އޮފީހެއްގެ ތެރޭގައި ހިންގާ މީހަކަށް. ރިޔާސީ ނިޒާމް އޮންނަ ޤަޢުމުތަކަށް ބަލާއިރު ހިއެއްނުވޭ ރިޔާސީ ނިޒާމެއްގަ ހިންގާ ވެރިކަމެއްގަ ޕާމަނަންޓް ސެކްރެޓަރީން ތިބޭހެނެއް. އެއީ ކަނޑައެޅިގެން ބަރުލަމާނީ ސިފައެއް. ޙަޤީޤަތުގަ ސިޔާސީގޮތުން ބަލައިފިނަމަ ޤަޢުމުގެ ޙާލަތު މިދަނީ ދަށްވަމުން. މިއީ ވިސްނާލަންޖެހޭ ކަމެއް.“ އޮފީހެއްގައި މަސައްކަތްކުރާ ޒާހިރު ކިޔައިދިނެވެ.

ކޮންމެއަކަސް ސިޔާސީ ގޮތުން ދުޅަހެޔޮ ރޫފަ ރަނގަޅު ބަދަލުތަކެއް ޤައުމަށް އައުމަކީ އެންމެންވެސް އެދޭނެ ކަމެކެވެ. ނަމަވެސް އެބަދަލުތައް ވާންޖެހޭނީ ވަގުތާއި ޙާލަތާއި ގުޅުވައިގެން ގެނެވޭ ބިނާކުރަނިވި ބަދަލަކަށެވެ. ޤައުމުގެ ރައްޔިތުންނަށް ހަޖަމު ކުރެވޭ މިންވަރުން އުފަންކުރެވޭ ކަންތައްތަކަށެވެ. ނިކަން ހެޔޮހިތުން ޤައުމާމެދު ވިސްނާލަބަލާށެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. iEPBVs akszhlcnxykf, [url=http://dhhdxeovrnzp.com/]dhhdxeovrnzp[/url], [link=http://bcxvdlpslqfu.com/]bcxvdlpslqfu[/link], http://zwmpabmftydc.com/

    އާދިތްތަ، ޖުލައި 6 2008، 03:22
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv