

ގާނޫނު އަސާސީ އެންމެ ރަނގަޅަށް އިސްލާހުނުވީ މެމްބަރުންނަށް ނުފޫޒްތަކެއް ކުރިމަތިވެގެން
އިސްލާހު ކުރަމުންދާ ގާނޫނު އަސާސީއާމެދު ވިސްނާ ދިރާސާ ކުރުމަށްފަހު އިސްލާހު ހުށަހެޅުއްވުމަށް މަސައްކަތް ކުރެއްވި އެކަކަށް ހއ. މެމްބަރ އަހުމަދު ސަމީރު ވެވަޑައިގަންނަވާނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރައްވަމުން ގެންދަވާ އެތައް ބައެއްގެ ސަޕޯޓް އޭނާ ހޯއްދެވިއެވެ. އަންނަ މާރޗް މަހުގެ ކުރިން ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އެއްގޮނޑިއަށް ވާދަކުރައްވާނެ ކަމަށް އޭނާވަނީ އިއުލާނުވެސް ކުރައްވާފައެވެ.
ތިރީގައިއެވަނީ ޖަޒީރާގެ އިސްމާއީލް ރަޝީދަށް އަހުމަދު ސަމީރު ދެއްވާފައިވާ އިންޓަވިއު އެކެވެ.
ސިޔާސީ ދާއިރާ އަށް ވަދެ ރިފޯމިސްޓެއްގެގޮތުގައި ފާހަގަކުރެވުނު ސަބަބަކީ ކޮބައިތޯ؟
ސަމީރު: ސިޔާސީ ދާއިރާއަށް ވަދެވުމުގައި ސްޓެލްކޯގައި އުޅެވުން ހިމެނޭ. ސަބަބަކީ ރައްޔިތުންނާއެކު ގިނަވަގުތު ހޭދަވެ އެ މީހުންގެ ވިސްނުމާ ފިކުރު އެނގިގެންދިއުން. އޭގެކުރިން ވެސް ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކުރަން ވިސްނިން. އެ ގޮތުން ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފަށާ ވާހަކަ ދެއްކި ހިސާބުން ވަރަށް ބޮޑު ޝައުގުވެރިވި. ސަރުކާރާ މެދު ޒާތީކަމެއްނެތް. މަޖިލީހަށް އައުމުގެ ކުރިން ވެސް ފެންނަ ގޮތް ފާޅުކުރަން. މަޖިލީހަށް އައުމުން އެކަން ގިނަ ބަޔަކަށް އެނގިގެންދިޔައީ. އެ ފާޑު ކިޔަނީ އެކަންކަން ރަނގަޅުކުރަންވެގެން.
ގިނަ ރިފޯމިސްޓުން ތިބީ ޕާޓީތަކާ ގުޅިފައި ކީއްވެތޯ ޕާޓީއަކާ ނުގުޅި ހުންނަވަނީ. ކުރިއަށް އޮތްތަނުގައި ޕާޓީއަކުން ފެނިދާނެތޯ؟
ސަމީރު: ޕާޓީއެއް ހިޔާލުކުރުމުގައި ވިސްނުން އެބަހުރި ދެ ގޮތެއް. ރައީސް އަރިހުގައި ވެސް ދެންނެވިން ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މިނިވަންކަމާއެކު ދޫކޮށްލައްވަން ޖެހޭނެ ވާހަކަ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ގާނޫނު އަސާސީ ހަދަން ތިބޭ ބަޔަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެ, އެޕާޓީގެ ވިސްނުމާ ފިކުރު ވަކިގޮތަކަށް ގެންނަން ގާނޫނު އަސާސީ އަށް އުޅެފިއްޔާ, އޭގެން ބައެއް ފަހަރު އެބޭފުޅުންގެ ފައިދާ އަށް އަނެއް ބައި ފަހަރު ޕާޓީގެ ވިސްނުމާ ރައްޔިތުންގެ ވިސްނުމާ މުޅިން ތަފާތުވެގެން ހިނގައިދާނެ. އެ ކަހަލަ ކަންތައްތައް ފެނިގެން ހިނގައްޖެ. ޑިއާރުޕީއަށް ނިސްބަތްވާ މެމްބަރުންނަން ބަލާއިރު އެންމެ ރަނގަޅުގޮތެއް ނޫން ބައެއް ކަންތައްތަކުގައި ނިންމާފައި ހުރީ.
ސަމީރު ގަބޫލުކުރައްވާގޮތުގައި ކިހާ އަވަހަކަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭނެތޯ؟
ސަމީރު: އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ނޫން އެހެން ހާލަތަކަށް ބަދަލުވެއްޖެކަމަށް ވަންޏާ, އެންމެ ފުރަތަމަ ސަރުކާރާ ހަވާލުވާ ބަޔަކު އެންމެ އިސްކަމެއްދޭނެ ކަމަށް ގަބޫލު ކުރަނީ މިހާރު ގާނޫނު އަސާސީގެ ތެރޭގައި ހުރި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށް. އެކަން ރަނގަޅު ކުރުމަށް ފަހު އެ ބޭފުޅުން ސަރުކާރު ހިންގުމަށް ކުރަންޖެހޭ ގިނަ މަސައްކަތް ކުރާނީ. މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅުން ބޭނުންވާގޮތަށް ބައެއް ކަންތައްތައް ވަނީ ނިންމާފައި. އޭގައި އަސްލު ރަނގަޅުގޮތް އެބައޮތް.މިސާލަކަށް 216 ގައުމުގެ ޕާލަމަންޓްރީ އޮމްބޮޓްސްމަން އަކީ މަސައްކަތް ކުރަމުންދާ އެއްޗެއް. އެކަމަކު އަޅުގަނޑުމެން އެ އެއްޗެހި ހުށަހެޅީމަވެސް އެބޭފުޅުންގެ މެޖޯރިޓީ އޮތީމަ ފޭލްކޮށްލީ. ފޭލްކޮށްލުމަށް ފަހު ސަރުކާރުން މިއަދު އެ ބުނަނީ ގާނޫނަކުން ޕާލަމެންޓްރީ އޮމްބޮޓްސްމަން ބަހައްޓާގޮތަށޭ މިތިބީ އެކަންކުރަން ޖެހޭނޭ. އެހެންވީމާ ގާނޫނު އަސާސީން ދޭން ޖެހޭ ބާރު ނުދެވި ގާނޫނަކުން އެބާރުދީގެން ކުރަން އުޅުމަކީ އެކަމުގެ ހަގީގީ ފައިދާ ލިބުމަށް ރައްޔިތުންނަށް އޮތް ހުރަހަކަށްވާނީ.
ކުރިއަށް އޮތް ރައޔްިތުންގެ މަޖިލިސްއިން ޖާގައެއް ހޯދަން މަސައްކަތް ކުރައްވާނެތޯ؟
ސަމީރު: ރައްޔިތުންގެ މަޖިލިސް އަށް ކުރިމަތިލާނަން. ދިއްދޫ ހިމެނޭ ޒޯނަށް ވާދަކުރާނަން. މިހާރު ވެސް މިހުރީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރަން. ހއ.ގެ ރައްޔިތުން އަޅުގަނޑަށް ދިން ޝަރަފެއް ނުވަތަ މަސްއޫލިއްޔަތެއްގެ ގޮތުން މަސައްކަތް މިކުރަނީ. އަޅުގަނޑު އުއްމީދުކުރަނީ ހަވާލު ކުރި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ފަރާތަކަށް ޝައްކު އުފެދޭގޮތަކަށް މަސައްކަތްކޮށްފައެއް ނޯންނާނެ. އެހެން ވީމާ އަޅުގަނޑުގެ މަސައްކަތް ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރޭ އަޅުގަނޑުގެ މަސައްކަތް. އެ ސަބަބަށްޓަކައި ވެސް ކުރިއަށް އޮތް ތަނުގައި އަދި އަޅުގަނޑުގެ ކެރިއަރ އޮތީ ވެސް ސިޔާސީ ހަޔާތުގެ ދުވަސްތައް ކަމަށްވާތީ ދިއްދޫ ހިމެނޭ ޒޯނަށް ކުރިމަތިލުމުގެ ހިޔާލު ގެންގުޅެން.
ޖަޒީރާ: ހާއްސަ މަޖިލިސްގެ ބައެއް މެމްބަރުންނަށް ހުށަހެޅުންތަކެއް ލިބި މަގާމުގެ ކުރިއެރުންތަކެއް ލިބިގެންދިޔަތަން. އެ ކަހަލަ އެއްވެސް ހުށަހެޅުމެއް ލިބުނުތޯ؟
ސަމީރު: އަޅުގަނޑަށް ވެސް ބައެއް ކަހަލަ ކަންތައްތައް އައި. އެކަން ކަމާ ބެހޭ ގޮތުން ބައެއް ބޭފުޅުން އަޅުގަނޑާ ވާހަކަ ވެސް ދައްކާ ހެދި. ސަރުކާރުގެ ސީނިއަރ ލެވަލުގެ ބޭފުޅުން ވެސް އެ ފިކުރުގެ ވާހަކަ ދައްކާފައި އެބަހުރި. ނަމަވެސް އަޅުގަނޑުގެ ޖަވާބެއްކަމަށް ބުނެފައިވާނީ އަޅުގަނޑަކީ ރައްޔިތުންނަށްޓަކައި މަސައްކަތްކުރަން އައިސް ހުރި މީހެކޭ, އެހެން ވީމާ އަޅުގަނޑުގެ އެންމެ ބޮޑު ވިސްނުމަކަށްވާނީ, އެމީހުންނޭ. ސަރުކާރުން ވެސް ހެޔޮގޮތުގައި މަސައްކަތްކުރަންޏާ އަޅުގަނޑުގެ ތާއީދު ލިބިގެންދާނެ. މަގާމާ ކަންތައްތައް ހޯދާކަށް ފިކުރެއްނުކުރަން. އެ ކަންތައްތަކާ އުޅުނު ނަމަ އަޅުގަނޑުގެ ވިސްނުން ވެސް ހުންނާނީ އެއް ފަރާތަކަށް ހުސްވެ މިނިވަންކަމާއެކު މަސައްކަތްނުކުރެވޭ ހާލަތުގައި.
ޕާޓީތައް އުފެދިގެން ދިޔައިރު ޑީއާރުޕީތެރެއިން ފެނުނު. ނަމަވެސް ފަހުން އެ ޕާޓީގެ ކަންތައްތަކުން ނުފެނޭ. ސަމީރަކީ ޑީއާރުޕީގެ މެމްބަރެއްތޯ ނުވަތަ މެމްބަރު ކަމަށް އެދި ހުށަހެޅިންތޯ؟
ސަމީރު: ޕާޓީތައް ހަރަކާތް ފެށި ދުވަސްވަރު ޑީއާރުޕީތެރެއިން އަޅުގަނޑު ފެންނާނެ. ޕާޓީ އުފެދިގެން އައި އިރު ޑީއާރުޕީގެ ޕްރޮޖެކްޓެއް ނަގައިގެން މަސައްކަތްކުރިން އަޅުގަނޑާއި އަދި އެހެން ބޭފުޅަކާ ދެ މީހުން. އެއީ އެބޭފުޅުންނާ އެކުވި އެއްބަސްވުމެއްގެ ދަށުން އެތަނުގައި ޑޭޓާ ބޭހެއް ތައްޔާރުކޮށްދިނުމުގެ މަސައްކަތްކުރީ. އެ މަސައްކަތުގައި ޑީއާރުޕީއަށް ދިޔައިން. އަދި ހާއްސަ މަޖިލީހުގެ މަސައްކަތް ފެށުމާއެކު ގާނޫނޫ އަސާސީގެ އިސްލާހުކުރުމުގެ ވާހަކައެއް އަތުވެއްޖެ ނަމަ އެ ބައެއްގެ ގާތަށް ދިޔައިން. އެގޮތުން ޑީއާރުޕީއަށް ދިޔައިން. އެ ފަދަ ކަންކަމަށް ދައުވަތު ލިބުމުން ގޮސްފައި ހުންނާނެ. ނަމަވެސް އަޅުގަނޑަކީ އެ ޕާޓީގެ މީހެއް ނޫން. މެމްބަރުކަން ހޯދުމަށް ހުށަހަޅާފައިނުވާނެ. މެމްބަރުކަން ހޯދަން ހުށަހެޅިކަމަށް ވާހަކަ ދައްކާ ނަމަ އެއީ ދޮގެއް.
ސަމީރު ފެންނާނީ ކޮން ޕާޓީއަކުންތޯ؟
ސަމީރު: ޕާޓީއަކާ ގުޅުމުގެ ހިޔާލު ގެންނާނީ ގާނޫނު އަސާސީ ނިމުމަށް ފަހުގައި ކަމަށް ދެކިގެން މިއުޅެނީ. މިހާރު ހުރި ޕާޓީތަކަށް ބަލާއިރު ރަނގަޅު ޕާޓީތައް އެބަހުރި. ޕާޓީތަކަށް ވާމުންދާގޮތް ވެސް ފެނޭ. މިހާރު ހުރި ޕާޓީތަކުގެ ތެރެއިން މިނިވަންކަމާއެކު މަސައްކަތްކުރަން އެންމެ ރަނގަޅު ޕާޓީއެއްކަމަށް ދެކެނީ އެމްޑީޕީ.
ޕާޓީގެ ރޫހާ އެއްގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ގޮސްފައިވާ އިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭތޯ؟
ސަމީރު: ބައެއް ކަންކަން ހުށަހެޅިއަސް ވަކި ފަރާތުން ބޭނުންވާގޮތަށް ނިންމައިގެން އެ ގެންދިޔައީ. އެ ނިންމުންތަކަކީ ރައޔްިތުންނަށް އެންމެ ފައިދާ ހުރި ނިންމުންކަމަށް ނުދެއްނެވޭނެ. އޭގެ ހެކިތައް ގާނޫނު އަސާސީން ފެންނަން ހުންނާނެ. އެ ކަހަލަ މާއްދާތަކެއް އެބަހުރި ފާސްވެފައި.
ރައީސް މައުމޫނާ ވާދަކުރަން އެންމެ ރަނގަޅު ގޮތަކީކޮބައިތޯ؟ އިއްތިހާދުން މީހަކު ނެރުންތޯ؟
ސަމީރު: އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައީސް ކަމަށް މައުމޫނާއި ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކުރިމަތިލެވޭނެ ކަމަކަން ގަބޫލެއްނުކުރަން. ކުރިމަތިލާ ނަމަ ގާނޫނީ ގޮތުން އެހެން ކަންތައްތަކެއް ނިންމައިގެން ލެވޭނެ ކަމަށް ގަބޫލުކުރަނީ. ދެން ބައެއް ބޭފުޅުން ވިދާޅުވީ ރައީސް މައުމޫނާ ވާދަކުރަންށޭ ނުކުންނަނީ. ސުވާލު އުފެދޭ ރައީސް މައުމޫނު ކުރިމަތި ނުލައްވާނަމަ ހަނދާނެ ގޮތަކާމެދު.އެހެން ނޫން ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ނުކުންނަވާ ބޭފުޅުން ކަމަށްވަޏާ އަޅުގަނޑު ގަބޫލުކުރަނީ މިހާރުގެ ހާލަތަށް ބަލާއިރު ރައްޔިތުންގެ މަގުބޫލުކަން ލިބިފައިވާ ބޭފުޅަކު އިއްތިހާދެއްގެ ތެރެއިންލާފައި ނުކުމެގެން ނުވަތަ އެ ބޭފުޅުން އެކައްޗަކަށްވެގެން ރައްޔިތުންގެ ގަބޫލުކުރާ ފެންވަރުގެ ބޭފުޅަކު ނެރެފިއްޔާ އެއީ ހަމަގައިމުވެސް އެބޭފުޅުންނަށް ލިބިގެންދާނެ ނުވަތަ ބަދަލަކަށް ލިބިގެންދާނެ ކާމިޔާބީއެއ ކަމަށް. ނަމަވެސް މިހާރު އިއްތިހާދު އޮތްގޮތުން އިއްތިހާދުން ނުކުންނަވާ ބޭފުޅަކަށް މާ ބޮޑު ކާމިޔާބީތަކެއް ހޯދާނެ ކަމަކަށް ނުފެނޭ.
ތިޔަ ވިދާޅުވަނީ ރައީސް މައުމޫނަށް ކުރިމަތިނުލެއްވޭނެ ވާހަކަ. ނަމަވެސް ކޮންމެ ވެސް ގޮތަކުން ރައީސް މައުމޫނު ކުރިމަތިލައްވައިފިނަމަ މައުމޫނު ބަލިކޮށްލުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ؟
ސަމީރު: ކޮންމެ ވެސް ގޮތެއް ހޯދައިގެން މައުމޫނު ކުރިމަތިލައްވައިފިނަމަ މައުމޫނާ ވާދަކުރަން ނުކުންނަ މީހަކު ވާން ޖެހޭނެ މައުމޫނަށް ވުރެ ރައޔްިތުންގެ ތާއިދު އޮތް ސަހުސިއްޔަތަކަށް. ވޯޓްލާ މީހުންގެ ތެރެއިން 81- 35 އަހަރުގެ މީހުންގެ ހިޔާލަކީ ބަދަލަކަށް ވިސްނުން. އެހެން ވީމާ އެ އުމުރުގެ މީހުން ވޯޓްލާން ނެރުމާއި އެ މީހުން ވޯޓްލުން އެއީ އިންތިހާބު ކާމިޔާބުކުރަން ލިބޭނެ ރަނގަޅު ފުރުސަތެއް. މައްސަލައަކީ ވޯޓްލާން ގިނަބަޔަކު ނުނިކުތުން. އެއްމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ އަކަން ފަސޭހައެއް ނުވާނެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ރައިސްކަން ހޯދުމަށް ބައެއް ބޭފުޅުން މަސައްކަތްކުރައްވަމުން އެބަދޭ. ސަމީރު ގަބޫލުކުރަންވާގޮތުގައި ރައީސްކަމަށް ކުރިމަތިލާނެ ވާހަކަ މިހާރު އިއުލާނުނުކުރެވޭނެތޯ؟
ސަމީރު: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ކަމަށް ކުރިމަތިލާނެކަމަށް އިއުލާނެއް ނުކުރެވޭނެ. އަދި މިނިފެސްޓޯ ހުށަހަޅައިގެން ރައޔްިތުންނަށް ކޮށްދޭނެ ކަންތައްތަކާ ނުކޮށްދޭނެ ކަންތައްތަކުގެ ވާހަކަ, ރިޔާސީ އިންތިހާބާ ބެހޭ ގާނޫނު ބުނާގޮތުން ނުކުރެވޭނެ. އަދި އެ ގާނޫނު އުވާނުލާ. އެހެންވީމާ މިއީ އެކަން ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް ދެކެނީ. ނަމަވެސް މިހާރު ވެސް އެބަ ފެނޭ ރައީސުލްހޫރިއްޔާ ކަމަށް މިވެނި ބޭފުޅަކު ޖަހާފައި ހުރި ޕޯސްޓަރުތައް އެބަފެނޭ. އަނެއްކޮޅުން ރައީސް ކަމަށް ކުރިމަތިލާ މީހަކު ވާން ޖެހޭނެ ގާނޫނުތަކަށް ބޯލަބައި ގާނޫނަށް ކިޔަމަންތެރި މީހަކަށްވާން. މިހާރު މި ކިޔަނީ މިހާރުގެ ރައީސް އުޅުއްވަނީ ގާނޫނަށް ވުރެ މާމަތީގަ އެ. އޭނާ އެކަންކަން ކުރާނަމަ ދެން އެ މަގާމަށް ވާދަކުރާ މީހުންވާން ޖެހޭނެ ނަމޫނާއަކަށް. އެ މީހުން ނުޖެހޭނެ ގާނޫނު އެއް ފަރާތް ކުރާކަށެއް ދޯ.
-
ހޯމަ، މޭއި 12 2008، 09:55
ސަމީރުއަށް ސާބަސް. އަޅުގަނޑު ދަންނަވާނީ ސަމީރަކީ ބަސްބުނުއްވުމުގައި ތެދުވެރި ވަފާތެރި އަދި ރައްޔިތުންނަށް އެވިދާޅުވާ ވާހަކައެއް ފޮނިކޮށް ފަސޭހަކަމާއިއެކު މޭރުންވާގޮތައް އިސްލާމްދީނުގެ ސަތަހައިގެ ދަށުން ވާހަކަފުޅު ދައްކަވާ ބޭފުޅެއް. ވަރަށްވެސް ހަރުދަނާ ބޭފުޅެއް. މި އިންޓަވިއު ގެނެސް ދެއްވިކަމަށްޓަކައި ޖަޒީރާއަށް ޝުކުރިއްޔާ! އެއީ ސަމީރުމެންކަހަލަ ބޭބޭފުޅުންގެ ވާހަކަތައް އަޑުއިވުމަށް ބޭނުންވާ ކިތަންމެ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. އ.މ.އ.ވ