މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުން ލަސްވަމުންދާތީ ޓީޗަރުން އަމަލުކުރިގޮތް

ރަނގަޅު
ރަނގަޅެއްނޫން

ނަތީޖާ ބައްލަވާ

އެޑިޓޯރިއަލް އިސްލާހުގެ ނުރައްކާތެރި ވަގުތު

މޭއި 7، 14:36 1 ޚިޔާލު

އުބައިދު (ބޭޑް)

1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ހިންގަމުން ގެންދިޔަ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އުވާލުމަށް ފަހު 1998 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި އިސްލާހު ކުރެވުނު އައު ގާނޫނު އަސާސީ ހިންގަން ފެށުނެވެ. އެއީ މިހާރު މިއަމަލު ކުރަމުން ގެންދާ މަޝްހޫރު 17 އަހަރުން ހެދި ގާނޫނު އަސާސީއެވެ.

1968ގެ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފެށީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު 1978ގައި މައުމޫނު އަބުދުލް ގައްޔޫމު ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އޭރު އޮތް ރައްޔިތުންގެ މަޖިލީހުން 1979 ވަނަ އަހަރުގެ ޖެނުއަރީމަހު ހަދާ ފާސްކުރި ގާނޫނެއްގެ ދަށުންނެވެ. ގާނޫނު އަސާސީ އިސްލާހުކުރުމުގެ ގާނޫނު ފާސްވުމާއި އެކު ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކޮށް 1980ގެ ނޮވެމްބަރު 29 ވަނަ ދުވަހު އޭރުގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރަން ފެށުނެވެ.

އޭރު އެކުލަވާލެވުނު ހާއްސަ މަޖިލީހުގައި ތަފާތު އެތައް ކުލައެއް ޖެހި އެތަކެއް އަހަރު ހޭދަވުމަށް ފަހު ގާނޫނު އަސާސީގެ މައިގަނޑު އެކުލަވާލެވުނުއިރު ޑިމޮކްރެޓިކް އެތައް ބަދަލުތަކެއް އެގާނޫނު އަސާސީގައި ހިމެނުމަށް ނިންމާފައިވެއެވެ. އޭރުގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ ހިމެނުމަށް ނިންމާފައިވާ މައިގަނޑު އެއް އިސްލާހަކީ ތިންބާރު ވަކި ކުރުމެވެ. ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފުގެ ބާރު އޮތީ މުޅިން ވަކިވާ ގޮތަށް ކަނޑައަޅާ ނިންމާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަ މީހަކަށް ހުރިހާ ކަމެއް ދޭ ގޮތަށް އޭރު އިސްލާހުކުރެވުނު ގާނޫނު އަސާސީގައި ހިމެނިފައެއް ނެތެވެ. ގާނޫނު އަސާސީގެ ބާބުތަކަށް ބަލައިލުމުން ވެސް މިކަން ވަރަށް ސާފުކޮށް އެގޭނެއެވެ. ދައުލަތާއި އަމިއްލަ ވެރިކަމާއި ރައްޔިތުން އެއީ ފުރަތަމަ ބާބެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި ވާޖިބުތައް އެއީ ދެވަނަ ބާބެވެ. ރައީސުލްޖުލްހޫރިއްޔާއާއި ވަޒީރުން އެއީ ތިންވަނަ ބާބާއި ހަތަރުވަނަ ބާބެވެ. ރައްޔިތުންގެ މަޖިލިސް އެއީ ފަސްވަނަ ބާބެވެ. ޝަރީއަތް ހިންގާފަރާތް އެއީ އަށްވަނަ ބާބާއި ނުވަވަނަ ބާބެވެ.

ގާނޫނު އަސާސި ހެދުމަށް އެތަކެއް އަހަރުތަކެއްގެ ދިގު ބަހުސް ތަކަކަށް ފަހު ހެދި މޮޅު ގާނޫނު އަސާސީ ފަތްފަތް ޖަހާލީ އެންމެ ފަހު ވަގުތު ގައެވެ. އެއީ އެޑިޓޯރިއަލް އިސްލާހުގެ ނަމުގައި ގައުމުގެ ވެރިކަމުގައި ތިބި މީހުންގެ ގެނައި ނުރައްކާތެރި ބަދަލު ތަކަކުންނެވެ. އަކުރެއްގެ ފިއްޔަކަށް ގެނެވޭ ބަދަލަކަށް ވުރެ ބޮޑެތި ބަދަލުތައް އެޑިޓޯރިއަލް އިސްލާހުގެ ގޮތުގައި ގާނޫނު އަސާސީ ގައި ހިމަނައި މުޅި ގާނޫނު އަސާސީ މުގުރާލީއެވެ. ދިވެހި ބަސް ފުރޮޅުމާއި ބަސް ބަދަލުކުރުމަކީ އެޑިޓޯރިއަލް އިސްލާހޭ ބުނެވިދާނެ ބާއެވެ؟

މިހުރިހާ ކަމެއް ހިންގުމުގައި އިސްދައުރެއް ކުޅުނީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބުދުﷲ ހަމީދާއި ޅިޔަނު އައްބާސް އިބްރާހިމް އެވެ. އަދި ފަތުހުﷲ ޖަމީލާއި މުހައްމަދު ޒާހިރު ހުސޭނުގެ ރޯލް ވެސް ކުޑައެއް ނޫނެވެ. ހާއްސަ މަޖިލީހުގެ ކޮންޓްރޯލް އޭރުވެސް އޮތީ ވެރިކަމުގައި ހުންނެވި އަދި މިހާރުވެސް ވެރިކަމުގައި ހުންނެވި ރައީސް މައުމޫނުގެ އަތްޕުޅުގައި ކަމުން 17 އަހަރުގެ އިސްލާހުތައް ވަނީ ވަކިބައެއްގެ ހައްގުތަކާއި ވަކިބައެއްގެ ވެރިކަމާއި ހިމާޔަތް ކޮށްދޭ ގާނޫނު އަސާސީ އަކަށް ހަދާފައެވެ.

މިހާރު އަމުލުކުރެވެމުންމިދާ ގާނޫނު އަސާސީ އަށް ގެނައި އެންމެ ނުރައްކާތެރި އެޑިޓޯރިއަލް އިސްލާހަކީ އަދުލު އިންސާފުގެ ބާރު ވަކިކޮށް އޮތުމުގެ ބަދަލުގައި އަދުލު އިންސާފުގެ ބާރު ވެރިކަމުގެ މުށުތެރެއަށް ލުމުގެ އެޑިޓޯރިއަލް އިސްލާހެވެ. ޝަރީއަތައް ނުފޫޒު ފޯރުވުމާއި ކޯޓުތަކުގެ ގާޒީންނާއި މެޖިސްޓްރޭޓުންގެ ކޮންޓްރޯލް ވެރިކަން ހިންގާ ފަރާތައް ބަދަލުކުރުމުވެ. ނަތީޖާ އެއްގެ ގޮތުން މިއަދު މިވަނީ އަދުލު އިންސާފު ގެއްލި މުޖުތަމައުގެ ހަމަޖެހުން ގެއްލިފައެވެ.

މިހާރު ގިނަ ދިވެހިންތަކެއް އިންތިޒާރު ކުރަމުން މިގެންދަނީ 17 އަހަރުން ހެދި ގާނޫނު އަސާސީ ކަމުނުގޮސްގެން އަލަށް އިސްލާހުކުރެވޭ ގާނޫނު އަސާސީ ނިމޭނެ ދުވަހަކަށެވެ.

އަލަށް އިސްލާހު ކުރެވޭ ގާނޫނު އަސާސީގެ އެންމެ ފަހުގެ ބާބު މިހާރު މިވަނީ ނިމިފައެވެ. މިއީ އިސްލާހުކުރެވޭ ގާނޫނު އަސާސީގެ އެއްކަލަ އެޑިޓޯރިއަލް އިސްލާހު ގެންނަ ވަގުތެވެ. މިހާރުވެސް އެޓާރނީ ޖެނެރަލް އޮފީހުން ވަނީ މިހާރު އިސްލާހުކުރެވޭ ގާނޫނު އަސާސީ ފުޑާލެވޭ ވަރުގެ އެޑިޓޯރިއަލް އިސްލާހު ހުށައަޅާފައެވެ. މިފަހަރު ކިހާވަރަކުން ދާނެބާއެވެ؟ ހާއްސަ މަޖިލީހުގެ މެމްބަރުން މިކަމަށް ހޭލާ ނުތިއްބަވައިފިނަމަ ކުރީފަހަރުގެ މަންޒަރު ތަކުރާރުވެގެން ދިޔުމަކީ ނެތްކަމެއް ނޫނެވެ.


    ކިޔުންތެރިންގެ ޚިޔާލު

  1. ރާއްޖެ އިސްލާހުކުރަން ވެރިކަން ސިފައިންނާއި ހަވާލުކުރަންވީ

    ބުދަ، މޭއި 21 2008، 12:24
2007 Jazeera Daily. All Rights Reserved.
Jazeera Daily Office, M. Zenthuram, Izzudheen Magu, Male', Maldives
Tel: (960)3343738, Fax: (960)3343736, Email: info@jazeera.com.mv